އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު މިރޭގެ ހަފުލާގައި ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ އަންނަ އަހަރު އިތުރު 500 ވަޒީފާ އުފައްދާނެ ކަމަށް.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
30 އޮކްޓޯބަރ 2016 - 23:39
މާލޭގެ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ފުޅާކޮށް، އަންނަ އަހަރު އިތުރު 500 ވަޒީފާ އުފައްދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ޖުނައިދު މިރޭ ވިދާޅުވެއްޖެ އެވެ.
އެ ބަނދަރަށް 30 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ މީރުބަހުރު ބަނދަރުގައި ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަވަމުން ޖުނައިދު ވިދާޅުވީ އޭނާ މަގާމާ ހަވާލުވުމަށް ފަހު މިހާތަނަށް ގާތްގަނޑަކަށް 270 ވަޒީފާ އުފައްދާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އަންނަ އަހަރު އެމްޕީއެލް މެދުވެރިކޮށް 500 ވަޒީފާ އުފައްދާނަން. ގަބޫލްކުރެވޭތޯ؟ ގަބޫލްކުރަން ދަތި ދެއްތޯ؟ އެމްޕީއެލް އަކީ ފައިދާ އިތުރުކޮށްގެން އަޅުގަނޑުމެންނަށް އިތުރު ވަޒީފާ އުފެއްދޭނެ ތަނެއް،" މުވައްޒަފުން އިތުރުކުރުމާ ބެހޭ ގޮތުން ޖުނައިދު ވިދާޅުވި އެވެ.
ގާތްގަނޑަކަށް 2،000 މީހުން ވަޒީފާ އަދާކުރާ ކުންފުނީގެ ސީއީއޯ ވިދާޅުވީ އެ ކުންފުނީގެ ކުރިމަގުގެ ޕްލޭނާ އެެއްގޮތަށް 500 ވަޒީފާ އުފެއްދިޔަސް އެމްޕީއެލްގެ މާލީ ކަންތައްތަކަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށެވެ. އެ ގޮތުން، އަންނަ އަހަރު އެ ކުންފުނީގެ ފައިދާ 45 ޕަސެންޓް އިތުރުވާނެ ކަމަށް ހިސާބުތަކުން ދައްކާ ކަމަށް ޖުނައިދު ވިދާޅުވި އެވެ.
އެމްޕީއެލްގެ މުވައްޒަފަކަށް މިރޭ ހަނދާނީ ފިލައެއް އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަލީ އަހުމަދު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
"މިހެން މި ދަންނަވަނީ ކީއްވެގެންތޯ؟ ޖުނައިދު ރުފިޔާ ކޮންޓެއިނަރެއް ގެންނަނީތޯ؟ ނޫން. އެމްޕީއެލްގައި އެބަހުއްޓޭ ހަމަ ވެލިއުބަލް އެސެޓްސްތައް ޕާކުކޮށްފައި. ނުވަތަ އަޅާނުލެވިފައި. މި އެއްޗެހިން އަހަރެމެން ފައިދާ ހޯދާނީ،" އޭނާ ވިދާޅުވި އެވެ.
އާމްދަނީ އިތުރުކުރާނެ ކަމުގެ ހެއްކެއްގެ ގޮތުގައި ޖުނައިދު ދެއްކެވީ ޖަލްސާ ބޭއްވި ސަހައްދުގައި އަލަށް ހަދާފައިވާ ރެސްޓޯރަންޓެވެ. އެ ރެސްޓޯރަންޓް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވައި އެ ތަނުން މިލިއަނުން ފައިސާ ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުނައިދު ވިދާޅުވީ އޭނާ އެ މަގާމުގައި ހުރެއްޖެ ނަމަ އެ ބަނދަރަކީ ވަރުގަދަ ބަނދަރަކަށް ހަދާނެ ކަމަށެވެ. އަދި އެ ތަނުގެ މުވައްޒަފުންނަކީ ވެސް ވަރުގަދަ ބަޔަކަށް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ ސީއީއޯ ޖުނައިދު (ކ) އަދި އެސިސްޓެންޓް ސީއީއޯ ރާބިހު ލަތީފް (ވ) މިރޭގެ ހަފުލާގައި ބައިވެރިވެޑައިގަންނަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
"މިއަދު އަޅުގަނޑުމެންގެ ބައެއް ސްޓާފުން އެމްޕީއެލްގެ ކާޑު އަޅައިގެން ބޭރަށް ނުކުންނަން ލަދުގަނޭ. ކީއްވެގެންތޯ؟ އަޅުގަނޑުމެންގެ ސަރުކާރުގެ އެހެން މުއައްސަސާތައް އެބަތިބި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ފަހުރުވެރިކަމާ އެކު ކޮފީ ޓޭބަލްތަކުގައި އެ ތަނުގެ ކޭބަލް އަޅައިގެން އުޅެނީ. އެމްޕީއެލް ކީއްވެގެންތޯ އެހެން ނުވާންވީ؟ ކޮންކަމާ ހެދިތޯ؟ ކޮން އެއްޗެއް ނެތިގެންތޯ؟ ފައިސާ އެބަހުރި. ގާބިލް މީހުން އެބަތިބި. އަޅުގަނޑުމެންގެ ވިސްނުމުގައި ހުރި ތަފާތެއް އެއީ،" މުވައްޒަފުންނާ މުހާތަބު ކުރައްވަައި ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޕީއެލްގެ ތެރޭގައި ވަކި ޓީމެއް ހަދައިގެން ވަކި ބަޔަކަށް ޕްރޮމޯޝަން ނުދޭނެ ކަމަށެވެ.
"ވަކި ސީއީއޯއެއްގެ މީހަކަށް ވެގެން ވަކި މީހެއްގެ މީހަކަށް ވެގެން ނުވާނެ. އަޅުގަނޑު ހަމަ ޔަގީންކަން ދެން މިތާ ތެރޭގައި އަޅުގަނޑު ހުއްޓާ މި ތަނަކުން ބޭރަކަށް ކާޑު ޖަހާފައި ނުދެވޭނެ. ދާ މީހެއް ވިއްޔާ އަޅުގަނޑު ކަނޑާލާނަން. ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިބުނީ،" މުވައްޒަފުންގެ ބައެއް ކަންތައްތަކާ ހިތްހަމަނުޖެހިގެން ވާހަކަދައްކަވަމުން ޖުނައިދު ވިދާޅުވި އެވެ.
އެމްޕީއެލްގެ މުވައްޒަފަކަށް އެސިސްޓެންޓް ސީއީއޯ ރާބިހު މިރޭ ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އޭނާ ވިދާޅުވީ އެމްޕީއެލްގައި ސިޔާސީ ފިކުރު ހުންނާނެ ކަމަށާއި ސިޔާސީ ކަންތައްތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އެއީ ގައުމު ސިޔާސީ ވާދަވެރިކަމެއްގެ ތެރޭގައި އޮތުމުން ކަމަށް ޖުނައިދު ވިދާޅުވި އެވެ.
"އަޅުގަނޑު ފާޅުކަން ބޮޑު ގޮތެއްގައި މި ދަންނަވަނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ މިނިވަންވެއްޖެއޭ. މާދަމާ 2018 ގައި އަޅުގަނޑުމެންގެ މި ޓީމު އެއްވެގެން، މި ވޭތުވެ މިދާ ފަސް އަހަރު ނިންމާފައި، ފަސް އަހަރު ކީއްކުރަންތޯ ދިހަ އަހަރު ވެސް އެބަ ޖެހޭ މި ކަންކުރަން،" ރައީސް އަބްދުﷲ ޔާމީނަށް ތައުރީފްކުރައްވަމުން އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނދަރުކާޅު
31 October 2016
އެމްޕީއެލްގެ ހުރިހާ ސްޓަފުން މަސައްކަތް ހުއްޓާލާފަ ޖުނައިދަށް ވައިއަޅުވަން ކޮމެންޓްކުރީމަ ހުންނާނީ ރަގަޅަށް.
އުމަރު
31 October 2016
ތިޔައީ ވަރަށްކުޑަ އަދަދެއް، 90 ހާސް ވަޒީފާ އުފައްދަންޖެހޭ، އަދި ތިޔަބުނާ 500 ވަޒީފާއަކީ ތިޔަ ސަރުކާރާ އެކުގައި ގެއްލިގެންދާނެ ވަޒީފާތަކެއް، އަދި ޕްރައިވަޓް ސެކްޓަރު މަރާލާފައި ސަރުކާރުގެ ކުންފުނިތަކުން އުފައްދާ ވަޒީފާތަކުން ޤައުމުގެ އިޤްތިސާދު ކުރިނައަރާނެ
ބަނދަރުކާޅު
31 October 2016
ކާޑުޖަހާފަ ނުކުންނަ ކޮންމެ މީހެއް ކަނޑާލާފަ އެމީހާގެ ބަދަލްގަ މީހަކު ވެއްދީމަ އަހަރުދުވަސްތެރޭގަ 500 ހަމަވާނެ.
ހަމަ ހަމަ
31 October 2016
500 ވަޒީފާ އުފެދެނީ 1000 މީހުން ވަޒީފާ އިން ވަކި ކޮއްފަބާ
މަރީ
31 October 2016
އެންމެންނައްވެސް މިހާރު އިންގޭނެ ޖުނައިދު ކުރާކަމެއް ކުރާނީ ދުރާލާ ވިސްނައިގެންކަން އެހެންވީމަ ބުނެވޭނީ ޖުނައިދު ވަރެއް ނެތޭ
ނަބޫ
31 October 2016
އެމްޕީއެލް ހިންގަން ސީއީއޯ ޖުނައިދު ޙަވާލުވިފަހުން އެމްޕީއެލްއައް އަންނަ ކުރިއެރުން ފެނިފަ ބައެއް ބޭފުޅުން ހިތްދަތިވެގެން ފާޑު ފާޑުގެ ވާހަކަތައް ފަތުރަނީ އެކަމާމެދު ޖުނައިދު އެއްގޮތަކަށްވެސް ނުވިސްނަ
ފިޔާތޮށި ރީދޫ އަސުރުމާ
31 October 2016
ޓޯޓާ ދިމަކޮށް ހުރިހާ ތަނަކުންވެސް ހާދަ ވަޒީފާއެކޭ މި އުފަންވަނީ
ނަޢީމާ
31 October 2016
ބޯޓްތައް ހުސްކުރުމަން މިހާރު ލަސްވާކަން އެމްޕީއެލް އިން ވަނީ ގަބޫލް ކޮންފަ. އެކަންތައް ރައްގަޅު ކުރަން ކުރަމުންދާ ކަންތައް ސީއީއޯ ވަނީ ވިދާޅުވެފަ. ވަރަށް އަވަހަން އެކަންތައް ހައްލުވެ ކުރިއަށް ވުރެ ރައްގަޅަށް ރައްޔިތުންނަށް ހިދުމަތް ދޭން ފެއްޓޭނެ.
ނަދީމާ
31 October 2016
އެމްޕީއެލް އިން ކޮންޓެއިނަރ ބާލަން ލަސްވާ ސަބަބުތައް ސީއީއޯ ވަނީ ވަރަށް ރައްގަޅަށް ހާމަކޮންފަ އަދި އެކަން ރަގަޅު ކުރަން މިހާރު ކުރަމުންދާ ކަންތައްތައް ވެސް ސީއީއޯ ބުނެދީފަ. ތަނެއް ފެއިލްވާނީ ދިމާވާ ދަތިތައް ރަގަޅު ނިކޮން ހައްތާ ކޯސްވާދެކަން ބެހެއްޓީމަ. އަޑިގަޑަކަން ފަހު އުސްގަޑެއް އަންނާނެ. އެމްޕީއެލް އިން މިހާރު އެދަނީ އެ އަޑިގަޑުން އަރާގަންނަމުން، އަދި ކުރިއަށް ވުރެ ރައްގަޅު ފުރިހަމަ ނަތީޖާތަކެން ހޯދަމުން.
ދޮންމަރީ
31 October 2016
ކޮންމެ މީހަަކުވެސް މަޤާމެއް ލިބުނީމަ އައިސް ފޮނި ކަނޑާތަން މިފެންނަނީ އެކަމަކު ޤަބޫލު ކުރަން ޖެހޭ ހަގީގަތަކީ ޖުނައިދް އެމްޕީއެލް އާޢި ހަވާލުވި ފަހުން އެމްޕީއެލް ގެ ކަންތައްތަ ދަނީ ދުވަހެއް ދުވަހަކަށް ކުރި އަރަމުންނޭ.. ދެން ހަޖަމް ނުވާ މީހުން ޑޮކްޓަރަށް ދައްކައިގެން ހަޖަމް މެޝިން ރަނގަޅު ކުރުން އެދެން