ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ (ކ) އާއި މިކިތާރްޔަން ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕީ
31 އޮކްޓޯބަރ 2016 - 13:07
ލަންޑަން (އޮކްޓޯބަރު 31) - މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އަށް ފުރުސަތު ނުދޭތީ އެ ގައުމުގެ އެފްއޭ އިން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ފާޑުކިޔައިފި އެވެ.
ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް 26 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ބަދަލުވުމަށް ފަހު މިކިތާރްޔަން މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅެފައިވަނީ 104 މިނިޓެވެ. ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުތަކަށް ނެގި ސްކޮޑުން މިކިތާރްޔަން އަށް ފުރުސަތު ދީފައިނުވާއިރު، އޭނާ ހުރީ އަނިޔާގައި ނޫން ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.
"މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު (މޮރީނިއޯ)ގެ ވިސްނުންހުރީ ކޮންގޮތަކަށް ކަމެއް އަަހަންނަށް ނޭނގޭ. މިކިތާރްޔަން އަކީ މިދިޔަ ސީޒަނުގައި ޔޫރަޕްގައި އެންމެ ރަނގަޅަށް ކުޅުނު މިޑްފީލްޑަރު. ކޮންމެ ކުޅުންތެރިޔަކު ވެސް އާ ލީގަކަށް ހޭނެން ވަގުތު ނަގާނެ. އެކަމަކު ކުޅުމުގެ ފުރުސަތު ނުލިބި ކިހިނެއް ކުޅުން ރަނގަޅުކުރާނީ،" އާރްމީނިއާ އެފްއޭގެ ރައީސް ރުބެން ހެރަޕެޓްޔަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކިތްރާޔަންއާ ވެސް މިކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާނެކަމަށާއި މިކަމަށް ޔުނައިޓެޑުން އެކަށީގެންވާ ރަނގަޅު ހައްލެއް ހޯދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން އުމުރުން 27 އަހަރުގެ މިކިތާރްޔަން އާއި ޖަރުމަނުގެ މިޑްފީލްޑަރު ބަސްޓިއަން ޝްވައިންސްޓައިގާގެ ޓްރެއިނިންތައް ކުރިއަށްގެންދަނީ ޔުނައިޓެޑްގެ ސްކޮޑާ ވަކިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy