އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރު: އެ ސެންޓަރުގައި މަސައްކަތްކުރަމުން އަންނަނީ އެންމެ ހަތަރު ސައިކައިޓްރިސްޓުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 އޮކްޓޯބަރ 2020 - 20:44
ކޮވިޑް-19 އާ ގުޅިގެން ނަފްސާނީ ފަރުވާ ހޯދަން އެދޭ މީހުންގެ އަދަދު ތިން ގުނަ މައްޗަށް ގޮސް، އައިޖީއެމްއެޗްގައި ނަން ނޯޓުކޮށްފައިވާ މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް އަރައިިފި އެވެ.
އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރުގައި މަސައްކަތް ކުރައްވާ ސޯޝަލް ވޯކަރަކު "މިިހާރު" އަށް ވިދާޅުވީ މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާ ބަލާއިރު، ނަފްސާނީ ފަރުވާ ހޯދަން އެދޭ މީހުންގެ އަދަދު ވަނީ ތިން ގުނަ އިތުރުވެފައި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރެކޭ އެއްފަދައިން ފުލްޓައިމްކޮށް އެ ސެންޓަރުގައި މަސައްކަތްކުރަމުން އަންނަނީ އެންމެ ހަތަރު ސައިކެއިޓްރިސްޓުންނެވެ.
ސައިކެޓްރިސްޓަކަށް ދައްކަން އައިޖީއެމްއެޗްގައި މިއަދު އެޕޮއިންޓްމަންޓް ހެދި މީހަކަށް ލިބުނީ 586 ވަނަ ނަންބަރެވެ. އެ ނިސްބަތުން ދާ ނަމަ އޭނާ ޑޮކްޓަރަށް ދައްކަން މަދުވެގެން ދޮޅު މަސް ވަރު ނަގާނެ ކަމަށް ބެލެވެ އެވެ.
ސޯޝަލް ވޯކަރު ވިދާޅުވީ އެންމެ ފަހަރަކު ވެސް އެ ހޮސްޕިޓަލަށް ދައްކައިފި ނަމަ، ފޮލޯ-އަޕް އެޕޮއިންޓްމަންޓެއް ތިން މަސް ފަހުން ލިބޭނެ ކަމަށެވެ. ނަމަވެސް އަލަށް ދައްކާ ނަމަ އެޕޮއިންޓްމަންޓެއް ލިބެން ގިނަ ދުވަސް ނަގާ ކަމަށް ވިދާޅުވި އެވެ. ވަކި ޑޮކްޓަރަކަށް ދައްކަން ނަން ނޯޓުކޮށްފި ނަމަ އެ މުއްދަތު އެއަށް ވުރެ ވެސް އިތުރުވުން އެކަށީގެން ވެ އެވެ.
އައިޖީއެމްއެޗުން ޑޮކްޓަރަށް ދައްކަން ގިނަ ދުވަސް ނަގާތީ، ބޮޑު އަގު ދައްކައިގެން ނަމަވެސް އަމިއްލަ ހޮސްޕިޓަލްތަކާއިި ކްލިނިކްތަކުން ވެސް މީހުން އަންނަނީ ނަފްސާނީ ފަރުވާ ހޯދަމުންނެވެ. ޕްރައިވެޓް ކްލިނިކަކުން ސައިކެޓްރިސްޓަކަށް ދައްކަން އާންމުކޮށް 500-600 ރުފިޔާގެ ފީއެއް ނަގަ އެވެ.
ނަމަވެސް އޭޑީކޭ، ޓްރީޓޮޕް އަދި އީވް ކްލިނިކް ފަދަ ތަންތަނުން ވެސް މިވަގުތު ނަފްސާނީ ފަރުވާ ދޭނެ ޑޮކްޓަރެއް ނެތެވެ. ސެނަހިޔާ ހޮސްޕިޓަލުގައި ހުރީ ސައިކޮލޮޖިސްޓެއް އެކަންޏެވެ. ސައިކޮލޮޖިސްޓުންނަކަށް ނަފްސާނީ ފަރުވާ ހޯދާ މީހުންނަކަށް ބޭހެއް ނުދެވޭނެ އެވެ.
އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެ ހޮސްޕިޓަލުގައި ސައިކެއިޓްރިސްޓެއް ނެތްތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އަދި ޑޮކްޓަރުން ހޯދަން މަސައްކަތްކުރާ ކަމަށް ވިދާޅުވި އެވެ.
"ކުރިން ދެ ސައިކެއިޓްރިސްޓުން މި ހޮސްޕިޓަލުގައި މަސައްކަތްކުރި. ކޮވިޑާ ގުޅިގެން ގެނެސްފައިވާ ދަތުރުފަތުރުގެ ރިސްޓްރިކްޝަންތަކާ އެކު [ބޭރުން] ޑޮކްޓަރުން ގެނައުމުގައި ދަތިތަކެއް ވެސް ކުރިމަތިވޭ،" އޭނާ ވިދާޅުވި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ވެސް ބުނީ އެ ތަނުގައި ވެސް މިވަގުތު ނަފްސާނީ ފަރުވާ ދެވޭނެ އެއްވެސް ޑޮކްޓަރެއް ނެތް ކަމަށާއި އެ ހިދުމަތް އަލުން ފެށޭނީ ކޮންއިރަކުން ކަމެއް ނޭނގޭ ކަމަށެވެ.
އެކަށީގެންވާ ނަފްސާނީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު، ރަނގަޅު ފެންވަރުގެ ނަފްސާނީ ފަރުވާ ލިބުމުގެ މުހިއްމުކަން ފާހަގަވެއްޖެ ކަމަށާއި އެ ފަރުވާ ލިބޭނެ ވަސީލަތްތައް ފުޅާކުރަން ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް ވެސް މި މަހުގެ 10 ވަނަ ދުވަހު ފާހަގަކުރި ދުނިޔޭގެ ނަފްސާނީ ދުވަހާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެަސައީދު ހަސަން
23 October 2020
އިންސާފު ވެރި ސަރުކާރެއް އޮންނާނީ ރައްޔިތުން ސަރުކާރަށް އިންސާފުވެރިވީމަ. ތިމާ އަތުގަ ލާރި ހުއްޓާ އާސަންދަ ބޭނުން ކުރެވޭނެތަ؟
ކާސިންޖީ
23 October 2020
ދީނުގައި އޮންނަގޮތައް އުޅެވޭތޯބަލާބަލަ، އޭރުން ނަފްސާނީ ބަލިން ދުރުވާނެ
އޯއި މޮޔަނުގޮވާ ހުރޭ
23 October 2020
ދީނުގައި އޮންނަގޮތަށް އުޅުނަސް ނަފްސާނީ ބަލިން ދުރެއް ނުވެވޭނެ. ނަފްސާނީ ބައްޔަކީ ދީނާއި ގުޅިފައިވާ ކަމެއް ނޫން. ފަހަރެއްގައި އެހެނިހެން ބަލިތަކެކޭ އެއްފަދައިން ނަފްސާނީ ބަލީގެ 50% އަކީ މާތްﷲގެ އިރާދަފުޅުން ފަސޭހަވާ ބައެއް. އަނެއް 50% ޕަސެންޓަކީ ބޭސްކޮށްގެންނާއި ތެރަޕީހަދައިގެން ރަނގަޅުވާ ބައި. ކަލޭމެން ފަދަ މީހުންނާ ހެދި ނަފްސާނީ ބަލިތައް އިތުރު މިވަނީ. ކަލޭމެންގެ ހިތެކޭ ހިލަގަނޑެކޭ ތަފާތެއް ނެތް. ޢާފިލްވިޔަސް ބޮޑުވަރު. ?
ލާލާ ލާ
23 October 2020
ރަނގަޅު ވާހަކަ އެއް. ޢެކަމު އެއީ އެކަންޏެއްނޫން. ލާލާގެ ބޭބެ އަކީ ޑިޕްރެޝަން ހުންނަ މީހެއް. ޥަގުތުން ވަގްތަށް ނަމާދު ކޮށް ރަނގަޅަށް އުޅޭ. ޢެކަމު މި ލޮކްޑައުން ތެރޭ އޮފީހަށް ނުގޮސް ގޭގަ ހުންނަން ޖެހުމުން ވަރަށް ބޮޑަށް ސަކަރާތްވި. މިހާރު ކްލިނިކް އިން ޑޮކް އަށް ދައްކައިގެން ބޭސް ކުރަން ފެށިފަހުން ވަރަށް ރަނގަޅު. ޢަލްހަމްދުﷲ.
ޟބކހކބކ
23 October 2020
ކާސިންޖީ ކަހަލަ ވިސްނުމުގެ މީހުންނާހެދި ނަފްސާނީބަލިތައްއިތުރުވަނީވެސް. ދީނަށް ރައްކާތެރިވެރިންއުޅުނަސް ނަފްސާނީބައްޔެއްޖެހިދާނެ. ކާސިންޖީ މެންނަށްއެނގޭނީ ދީނޭދީނޭ ކިޔައިގެން ފިތުނަފަތުރަން. އަސްލު އިސްލާމީ އުސޫލުތަކުގަ ރަނގަޅަށްހިފާމީހުން އެހެންމީހުންގެ އިހްސާސްތަކަށް އިހުތިރާމްކުރާނެ.
މޫސަ123
23 October 2020
ތީ އާންމުކަމެއް އައިޖީއެމްއެޗުން އަބަދުވެސް ޑޮކކްޓަރަށް ދައްކަން އުޅެބްޖެހެނީ ތިހާލުގަ އަހަރުން ނަންބަރު ނަގައިގެން އަންނަނީ ރަށަށް ނަމްބަރާ ހެހުނީމަ ދަނީ މިހާރުދެން ތިޔަހުރިހާކަމެއް ފުރިހަމަ ކުރާނެ ޒުވާން ވަޒީރުބޭފުޅަކު އައްޔަން ކުރައްވައިފި ހުރިހާ ހާލަތަކކުން އަރައިގަންނަނީޔޯލަ..
ކިނބޫ
23 October 2020
ކޮޗިން ފެރީގަ ޑޮކްޓަރުން ގެނެބަލަ ނިކަން
ބޮކިފުރާޅު މުޙައްމަދު
22 October 2020
ސަރުކާރުން ރައްޔިތުންނަށްދޭ ނަފްސާނީއަނިޔާ ހުއްޓާލާ!!!!!
މަރޭމިރުތާ
22 October 2020
އެދިފައި ނެތް ނަމަވެސް، އަންނި އަށް ފަރުވާ ދިނުން ވަރަށް މުޙިންމު!
ކިރާމް
22 October 2020
ރައްޔިތުން ކުލިނުދެއްކި ކަރަންޓް ފެންބިލްތައް ނުދެއްކި ހާލުގައިތިބިއިރު ރައަޔިތުންގެ ލޯކުރިމަތީ ރައްޔިތުންގެ ފައިސާ ބަދަލުގެ ގޮތުގައި ވަކިބަޔަކަށް މިލިއަނުންދޭއިރު ނަފްސާނީ ނުވެ ނުދާނެ..ނުވިތާކަށް ބޮޑުން ކަރަޕްޝަން ހިންގަނީ އިންތިހާއަށް..
ޑާޑާޑާޑާޑާ
22 October 2020
ރާއްޖޭގައި ނަފްސާނީ މައްސަލަ ތައް ގިނަވެގެން މިއުޅެނީ އެއީ ރާއްޖޭގެ ރައްޔިތުންގެ %99 މީހުން މާލެ ސަރަހައްދުގައި އުޅެން ބޭނުންވާތީއޭ ސަރުކާރުން މިކަން ކުރަން އެއްވެސް ޕްލޭނެއް ނުގެންގުޅެއޭ ހަދަން ޖެހޭނެ ގޮތަކީ ކޮންމެ މަހަކު 2 ހާސް އަކަފޫޓްގެ 5 ހާސް ގޯތި މާލެ ސަރަހައްދުން ބޭނުންވާ ކޮންމެ މީހަކަށް ދިނުމަށް ޓަކައި މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާ ކޮންމެ އަކަފޫޓަކަށް މަހަކު 1 ރުފިޔާ 100 އަހަރުން ކުއްޔަށް ބަދަލެއް ނާންނަ ގޮތަށް ދެމުންދާންވީއޭ
ނަމާދުން ބާރލިބޭ
22 October 2020
އެހެންވީމަ މުޞީބާތުގެ ވަގުތުގަ ކެތްތެެިވާޏް ދަސްކުރަންވީ
ކަލޭ އަގަ މަޑުންލައިގެން ހުރޭ
23 October 2020
ނަޕްސާނީ ބައްޔާއީ ކެތްތެރިވުމާއި ގުޅުމެއް ނުވޭ. ކަލޭގެ ރޯގާ ޖެހި ބޮޑުވަރުވީމާ ކެތްނުކޮށް ކަލޭ ޑަކުޓަރަށް މިދަނީ ކެތްތެރިކަމެއް ނެތުނީމާތޯ؟ ކަލޭގެ އަނބިމީހާ ވިހަންވެގެން ގޭގައި ކެތްތެރިނުވެ ހޮސްޕިޓަލަށް މިދަނީ ކީއްވެތޯ؟؟؟؟؟ ބުނެބަލަ ނިކަން. ކޮމެންޓް ކޮށްބަލަ. ރާއްޖޭގެ ގިނަ މީހުންނަކީ ނަފްސާނީ ބަލިތަކަށް އެއްވެސް ހޭލުންތެރިކަމެއް ނެތް ބައެއް. މިސަރުކާރުންވެސް ކުރީގެ ސަރުކާރުންވެސް ނަފްސާނީ ބަލިތަކަށް ފިޔަވަޅެއް އަޅާފައެއް ނުވޭ!! ?
ރަދީފު ބިން ރަފައިދާ
22 October 2020
ރައްޔިތުންގެ ލާރިތައް ނުކާ ރައްޔިތުންގެ ލާރި ރައްޔިތުންނަށް ދެނިކޮށް ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ހުންނާނީ ބަރާބަރަށް. ކޮންމެ ފަހަރަކު "ހަވާލުކުރާމީހާ" އެދަނީ ރަނގަޅަށް ބަނޑުފުރާލައިގެން ރައްޔިތުން ބިކަކޮށްލާފާ. އެހެންވީމާ އެހެންނޫންތޯ ވާނީ.