ލައިފްސްޓައިލް / އެޗްއައިވީ

އެމެރިކާ އަށް އެޗްއައިވީ ގެނައީ "ޕޭޝަންޓް ޒީރޯ"އެއް ނޫން

ގެޓޯ: ކުށެއް ނެތްކަން ސާބިތުވީ 30 އަހަރުފަހުން

އެމެރިކާއަށް އެންމެ ފުރަތަމަ އެޗްއައިވީ ގެނައި ކަމުގެ ތުހުމަތު މި ހުރިހާ ދުވަހު ކޮށްފައި ވަނީ ރަނގަޅު މީހާއަށް ނޫންކަން ޔަގީން ވެއްޖެ އެވެ.

އެ ގައުމަށް އެޗްއައިވީ އައީ ފްލައިޓް އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތްކުރި ގައެޓަން ޑުގާގެ ފަރާތުން ކަމަށް ބުނެ ސައިންސްވެރިން އޭނާއަށް "ޕޭޝަންޓް ޒީރޯ"ގެ ނަން ދީފައި ވިޔަސް ވަރަށް ފަހުން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި އެމެރިކާގައި އެޗްއައިވީ ވައިރަސް ފެތުރުނީ އެމީހާގެ ސަބަބަކުން ނޫނެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުން 1970ގެ އަހަރު ތަކުގައި ނަގާފައިވާ ލޭގެ ސާމްޕަލްތަކެއް އަލުން ޓެސްޓްކޮށްގެން ހެދި ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ވައިރަސް ދަތުރުކޮށްފައި ވަނީ އެފްރިކާ ކެރީބިއަން މެދުވެރިކޮށް ނޯތު އެމެރިކާ އިންނެވެ. އެޗްއައިވީ ހުރި 1.2 މިލިއަން މީހުން މިހާރުވެސް އެމެރިކާގައި އެބަތިއްބެވެ.

ބައިނަލްއަގުވާމީ ސައިންސްވެރިންގެ ޓީމަކުން ކުރި މި ދިރާސާގެ ރިޕޯޓު ޝާއިއުކުރުމަށް ހަމަޖެހިފައި ވަނީ މި ހަފުތާގައި ނުކުންނަ ޖާނަލް ނޭޗާގަ އެވެ.

"މި ވައިރަސް ފެތުރުމުގައި އެއްވެސް މީހެއްގެ ބޮލުގައި އިލްޒާމް އެޅުވޭކަށް ނެތް. މިއީ އެއްވެސް މީހަކަށް އެނގިފައި އޮތްކަމެއްވެސް ނޫން. ކެރީބިއަނުން އެމެރިކާގެ ނިއުޔޯކް ސިޓީއަށް މި ވައިރަސް 1970 ގެ އަހަރު ތަކުގައި ދަތުރުކުރީ ކިހިނެއްކަން އަދިވެސް ވަނީ ހުޅުވާލެވިފައިވާ ސުވާލެއްގެ ގޮތުގައި،" މި ރިސާޗްގެ ކޯ-އާތާ ޑރ. މައިކަލް ވޮރޮބޭ ވިދާޅުވެފައިވެ އެވެ. ޑރ. ވޮރޮބޭ އަކީ ޔުނިވަސިޓީ އޮފް އެރިޒޯނާގެ އީކޮލޮޖީ އެންޑް އިވޮލިއުޝަނަރީ ޑިޕާޓްމަންޓްގެ ހެޑް އަދި ޕްރޮފެސަރެކެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ވައިރަސް އައީ ކޮންމެ ގައުމެއްގެ ކޮންމެ މީހެއްގެ ފަރާތުން ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ އެއީ ލޭގެ ޕްރޮޑަކްޓަކުން އައި އެއްޗަކަށް ވެސް ވެދާނެ އެވެ. އެމެރިކާގައި 1970ގެ އަހަރުތަކުގައި ބޭނުންކުރި ވަރަށް ބައިވަރުގެ ލޭގެ ޕްރޮޑަކްޓްތަކަކީ ހައިޓީ އިން ގެނައި އެއްޗެހި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ދިރާސާގައި އަހަރެމެން ބެލީ އެއިޑްސް ބަލި ފުރަތަމަ ޖެހުނުކަން ފާހަގަކުރެވުނު މީހުންނަކީ ކޮން ހިސާބެއްގެ ބައެއްތޯ ދެނެގަތުން. އެހިސާބަށް ދިއުމުން ވަރަށް ޝައުގުވެރިވާ ކަހަލަ ކަންތައްތަކެއް ފާހަގަކުރެވުނު،" އޭނާ ވިދާޅުވި އެވެ.

"ޕޭޝަންޓް ޒީރޯ" އާއި އެ ނަމުގެ ބާރުގަދަކަން

ސެންޓާޒް އޮފް ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ސައިންސްވެރިން 1981 ވަނަ އަހަރު، ގޮތްނޭނގޭ ބައްޔެއް ފުރަތަމަ ފަހަރަށް ފާހަގަ ކުރި އެވެ. އެމީހުންގެ ރިސާޗްހެދުމަށް ފަހު ފާހަގަކުރި ގޮތުގައި މި ބަލި ޖައްސާ ހިއުމަން އިމިއުނޯޑެފިޝަންސީ ވައިރަސް ނުވަތަ އެޗްއައިވީ އާއި އިންސާނުންގެ ޖިންސީ އަމަލުތައް ހުންނަ ގޮތާ ގުޅުންތަކެއްވެ އެވެ.

އޭގެ ފަހުން ސައިންސްވެރިން ދިރާސާކުރަން ފެށީ އެޗްއައިވީ ވައިރަސް ހުރި އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންތަކެކެވެ. ކެލިފޯނިއާގައި ކުރަން ފެށި މި ދިރާސާގައި މަޑުމަޑުން މީހުން އިތުރުކުރަމުން ގޮސް އެމެރިކާގެ 10 ސިޓީއެއްގެ 40 ވަރަކަށް މީހުންގެ ނެޓްވޯކެއް އެޅި އެވެ.

އެޗްއައިވީ ގެނައި ކަމަށް ބެލެވުނު ޑުގާ އަކީ ސައިންސްވެރިން ހޯދި މީހުންގެ ތެރެއިން މެދުގައި ހުރި މީހާ އެވެ. އެހެންކަމުން މިމީހާއަށް ސައިންސްވެރިން "ޕޭޝަންޓް ޒީރޯ"ގެ ނަން ދިނެވެ. އެ ނަމަކީ ޑުގާ އަކީ ކެލިފޯނިއާއިން ބޭރުގައި ދިރިއުޅޭ މީހެއްކަން އަންގަން ދިން ނަމެކެވެ.

ހަގީގަތުގައި ސައިންސްވެރިން މީނާ އަށް ދިނީ "ޕޭޝަންޓް އޯ"ގެ ނަމެވެ. ނަމަވެސް އޯ އާއި ޒީރޯ އޮޅޭގޮތް ވެސް އިމްލާ ކުށަކުން އޭނާ "ޕޭޝަންޓް ޒީރޯ" އަށް ވީ އެވެ. އަސްލު އޯ އަކުރު ޒީރޯއަކަށް ބަދަލުވީ ސައިންޓިފިކް ލިޓްރޭޗާގައި މާނަކުރި އިރު އެވެ. ޕޭޝަންޓް ޒީރޯ ގެ ވާހަކަ އާއްމުންނާއި މީޑިއާއާ ހަމައަށް އައުމާ އެކު ޑުގާ ބޮޑު ކުށްވެރިއެއްގެ ގޮތުގައި ސިފަވެގެން ދިޔަ އެވެ.

ޑޫގާ އާއި އޭނާގެ އާއިލާއަށް ގިނަ ބަޔެއްގެ ރުޅި އާއި ނަފްރަތު އެތައް އަހަރެއް ވަންދެން ކުރިމަތިވަމުން ދިޔަ އެވެ. އޭގެ ފަހުން ލިޔެ ޗާޕްކުރެވުނު އެތައް ބައިވަރު ފޮތެއްގައި ވެސް އޭނާގެ ނަން ގެނެސްފައިވަނީ އެއިޑްސް ފެތުރި މީހާގެ ގޮތުގަ އެވެ.

އެމޯރީ ޔުނިވަސިޓީގެ ރޯލިން ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ޑީން ޑރ. ޖޭމްސް ކުރަން ވިދާޅުވި ގޮތުގައި އެބޭފުޅުން ވެސް އެކަމާ ވަރަށް ރުޅިއަ އެވެ. ސަބަބަކީ އެއީ ކަނޑައެޅިގެން ރޯ ދޮގަކަށް ވާތީ އެވެ. ނަމަވެސް ކިތަންމެ ރުޅިއަޔަސް މީހުން އެހެން ކިޔުން ހުއްޓުވޭނެ ގޮތެއް ވެސް ނެތެވެ. ސަބަބަކީ އެއީ އެންމެން ވެސް ވަރަށް ކިޔާހިތްވާ އެއްޗަކަށް ވެފައި އޮތީމަ އެވެ.

"އަހަރެމެންނާ ހަމައަށް އެއިޑްސް ގެނައި މީހާ" އޭ ބުނެ މީހަކާ މުޚާތަބުކޮށް ވާހަކަ ދެއްކުމަކީ ވަރަށް ހިތްހަމަޖެހޭނެ ކަމެކެވެ. ނަމަވެސް އެއީ ހަގީގަތެއް ނަމަ އެވެ.

ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އިން ޑުގާ އަކީ ޕޭޝަންޓް ޒީރޯ އޭ ދުވަހަކު ވެސް ނުބުނާ ކަމަށާއި އެމެރިކާއަށް ފުރަތަމަ އެޗްއައިވީ ގެނައީ އޭނާ ކަމަށް ވެސް އެމީހުން ނުބުނާ ކަމަށް ޑުގާއާ ބެހޭ ގޮތުން ޑރ. ކުރަން ވިދާޅުވެފައިވެ އެވެ.

"ޑުގާގެ އަބުރު ނަގާލެވުމުގެ އިތުރުން ސައިންޓިފިކް މައުލޫމާތުތަކަށް ވެސް ބޮޑު ގެއްލުމެއްވި. ސަބަބަކީ އެމެރިކާއަށް އެޗްއައިވީ ފެތުރުނީ ވަކި މިވެނި ކަމަކުންނޭ ބުނެވެން ނެތީމަ. އެޗްއައިވީ ޖެހިފައިވާ އެތައް ބަޔަކު ތިބެ އެމީހުންގެ ފަރާތުން ބަލި ފެތުރުނީ ކަމަށް ބޮޑަށް ބެލެވެނީ. ޕޭޝަންޓް ޒީރޯ އަކީ މުޅިން ގޯސް އެއްޗެއް. ސައިންސްވެރިން ދުވަހަކުވެސް އެހެނެއް ނުބުނޭ،" ޑރ.ކުރަން ވިދާޅުވި އެވެ.

އެއިޑްސް ޖެހިގެން ދިމާވި އިތުރު ސިއްހީ މައްސަލަތަކެއްގެ ސަބަބުން ޑުގާ ވަނީ 1984 ވަނަ އަހަރު މަރުވެފަ އެވެ. އަދި އޭގެ 30 އަހަރު ފަހުން އޭނާގެ ލޭގެ ސާމްޕަލްތަކުން ސައިންސްވެރިން އޭނާގެ ކިލަނބުވެފައިވާ ނަން ސާފުކޮށްދިން ނަމަވެސް އެ ދުވަސް ދެކޭކަށް އޭނާ ދުނިޔެއަކު ނެތެވެ. އަދި އޭނާ ތަހައްމަލުކުރި ހިތާމަތައް މިހާރު ފިލުވާލަދެވޭނެ ގޮތެއް ވެސް ނެތެވެ.

ލޭގެ ސާމްޕަލްތައް އަލުން ދިރާސާކުރަން ދިމާވި ސަބަބު

މުޅިން އާ ދިރާސާ އެއް ކުރުމަށް ވޮރޮބީ ހިމެނޭ ސައިންސްވެރިންގެ ޓީމަކުން ވަނީ ނިއު ޔޯކް އާއި ސެން ފްރެންސިސްކޯގައި އާކައިވްކޮށްފައިވާ ލޭގެ ސާމްޕަލްތަކެއް ހޯދައިގެން އަލުން ޓެސްޓްތަކެއް ކޮށްފަ އެވެ. މި ސާމްޕަލްތަކަކީ 1978 އާއި 1979 ގައި ހެޕަޓައިޓިސް ބީގެ ސްޓަޑީއަކަށް ނެގި ސާމްޕަލް ތަކެކެވެ. މި ސާމްޕަލްތައް ޓެސްޓްކުރުމުން ސައިންސްވެރިންނަށް އެޗްއައިވީގެ އަށް ޖީނޯމް ސީކުއެންސް ހޯދުނެވެ.

ގެޓޯ ފްލައިޓް އެޓެންޑެންޓަކަށް އުޅުނު ދުވަސްވަރު

އެންމެ ދުވަސްވީ ޖީނޯމްސް ހުރީ ނޯތު އެމެރިކާއިން ނަގާފައިވާ ސާމްޕަލް ތަކެއްގަ އެވެ. އޭގެ ފަހުން ޑޫގަސްގެ ލޭގެ ސާމްޕަލްގައި ހުރި އެޗްއައިވީ ޖީނޯމް ވެސް ސައިންސްވެރިންނަށް ހޯދުނެވެ.

މީގެ ތެރެއިން ގިނަ ސާމްޕަލްތައް ހުރީ ލެބްގައި ހުންނަތާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ވަރަށް ދަށް ހާލަތެއްގަ އެވެ. އެހެންވެ ވޮރޮބީގެ ލެބޯޓްރީގައި "އާރްއެންއޭ ޖެކްހެމަރިން" ކިޔާ ޓެކްނިކެއް އީޖާދުކުރި އެވެ. އެއީ ދުވަސްވެފައިވާ ލޭގެ ސާމްޕަލްތަކުގައިވާ ޖެނެޓިކް މެޓީރިއަލް އަލުން ސަލާމަތްކުރާ ގޮތެކެވެ.

އެގޮތުން ޖީނޯމްސްތައް އެނަލައިޒްކުރުމުން ސައިންސްވެރިންނަށް ޔަގީންވީ ޑުގާއަކީ އެމެރިކާއަށް ފުރަތަމަ އެޗްއައިވީ ގެނައި މީހާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމެވެ. އަދި ޑޫގާގެ ޖީނޯމްގައި ހުރި ސްޓްރެއިން އަކީ އެމެރިކާގައި އޭރުވެސް ހުރި ސްޓްރެއިން އާ ހަމަ އެއްވައްތަރެއްގެ އެއްޗެއް ކަމެވެ.

ސައިންސްވެރިން އަންދާޒާކުރާ ގޮތުގައި އެޗްއައިވީ ވައިރަސް އިންސާނުންގެ ގަޔަށް އެރީ ޗިމްޕަންޒީ ރާމާ މަކުނެއްގެ ލޭ އިންސާނެއްގެ ހަށިގަނޑަށް ކޮންމެވެސް ގޮތަކުން ވާސިލުވެގެންނެވެ. މިކަމެއް ހިނގާފައިވަނީ 20 ވަނަ ގަރުނުގެ ކުރީކޮޅު ސަބް-ސަހާރަން އެފްރިކާގައި ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ. ސައިންސްވެރިންނަށް ލަފާ ކުރެވެނީ މި ވައިރަސް ދެން އެޓްލާންޓިކް ހުރަސްކޮށް ކެރީބިއަން އަށް ދަތުރުކޮށް އެތަނުގައި ފެތުރެން ފެށީ ކަމަށެވެ. އަދި އޭގެ ފަހުން އެމެރިކާއަށް ވެސް ދިޔައީ އެވެ. ޑރ. ކުރަން ބޮޑަށް ލަފާކުރަނީ އެމެރިކާއަށް ވައިރަސް އެތެރެވީ ހައިޓީން ކަމަށެވެ.

2 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 21%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

magie

01 November 2016

ތިކަމުގެ ބޭނުމެއް އަދި ފައިދާއެއްވެސް ނެތް. އެފްރިކާ ނޫނީ ހަމުގެ ކުލަ އަނދިރި މީހުންނާ ކޮންމެވެސް ގޮތަކުން އެއިޑްސް ގުޅުވަން ތިއުޅެނީ. ދޮންމީހުންނަށް ހީވަނީ ދެން ކަޅުމީހުންނަކީ ޖަނަވާރުން އުޅޭހެން އުޅޭ ބަޔެކޭދޯ. އަމިއްލައަށްދެން މާ ތަހުޒީބު ބަޔަކަށްހެދިގެން ތި ދޮންމީހުންތައް އުޅެނީ.

The name is already taken The name is available. Register?

ރޭސިސްޓް

02 November 2016

އެއީ ވަކި ކުލަ އަކަށް ނިސްބަތް ކޮށް ބުނި އެއްޗެއް ނޫންކަމަށް ލަފާ ކުރެވޭ.. އަނެއްކާ އެފްރިކާގަވެސް ދޮން މީހުން އުޅޭ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454