އޭސީސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރިން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އެ ބޭފުޅުން ވަކިކުރަން ކޮމިޓީން މިއަދު ފާހެއް ނުވި.
26 އޮކްޓޯބަރ 2020 - 13:48
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން، މަޖިލީހުގެ މިނިވަންވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާހެއް ނުވި އެވެ.
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ. އެ ދެބޭފުޅުންނާއި ކޮމިޓީގެ މުގައްރިރު އަދި އައްްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ އިތުރުން ކޮމިޓީގައި މިއަދު ބައިވެރިވެވަޑައިގަތީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން)، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް އަދި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިޝާމެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން.
އޭސީސީގެ މެމްބަރުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ބަދަލުގައި ކޮމިޓީން މިއަދު ފާސްކުރީ އޭސީސީގެ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާރިޒުކޮށް، ގޮންޖެހުންތައް އޮޅުން ފިލުވުމަށެވެ. އެގޮތަށް ހުށަހެޅުއްވީ އަނދުން ހުސައިން އެވެ. ތާއީދު ކުރެއްވީ އުޝާމެވެ.
އޭސީސީގެ މެމްބަރުން ވަކިކުރަން ހަސަންޓޭ ހުށަހެޅުއްވީ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް އޭސީސީ އަށް ނުބެލޭ ކަމަށްް ވިދާޅުވެ، އެ މެމްބަރުން ވަކިކުރަން މަޖިލީހުގެ އެމްޑީޕީ މެމްބަރުން ތަކުރާރުކޮށް އެތައް ފަހަރަކު ގޮވައިލައްވާފައި ވަނިކޮށެވެ. އެ މައްސަލަ ކޮމިޓީ އަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ފުރަތަމަ ވިދާޅުވީ ވެންޓިލޭޓަރުތަކެއް ގަންނަން ހެލްތު މިނިސްޓްރީން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލައިގައި އެއްވެސް މީހަކަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމެވި ދުވަހު އެވެ.
އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ޕީޖީ އޮފީހުން ބުނި ގޮތުގައި އެއްވެސް މީހަކަށް ކުށް ސާބިތުކުރެވޭ ވަރަށް އޭސީސީން ހެކި ހުށަހަޅާފައި ނުވާތީ އެވެ. އެކަމަކު އޭސީސީން ފަހުން ވެސް ބުނީ ކުށް ސާބިތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާނެ ކަމަށެވެ.
ވެންޓިލޭޓަރުގެ މައްސަލައިގައި އެމްޑީޕީގެ މެމްބަރުން އޭސީސީއަށް ފާޑުވިދާޅުވި ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެ މައްސަލައިގައި ދައުވާ ނުކުރެވުނީ އޭސީސީން ކުރި ތަހުގީގުގެ ފެންވަރު ދަށްކަމުންނެވެ. އެއީ އަަވަސްކޮށްލައިގެން ނިންމާފައިވާ މައްސަލައެއް ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮލި މުލައް
27 October 2020
ކޮމެޓީން ވަކިކުރަން ފާސް ނުކުރީ ދަރުމަވަންތަ ހޮސްޕިޓަލުގެ މައްސަލަ އަލުން ތަހުޤީގުކޮށް ކުރީ ސަރުކާރުގެ މައްޗަށް ދައުވާކުރަން ފޮނުވަދިނުމަށް އެއްބަސްވުމުން
ހަކީމާޏު
26 October 2020
އީވާ އަށް ސަލާމް! އިވާގެ ބޮޓުންގެ ގޮތުގައި އޭސީސީ އަށް ލީ ކުދީންނަށް ސަލާމް! ލޮލް!
މުޙައްމަދު ޝަމީމް
26 October 2020
އިންސާފް ގާއިމްކޮއް، ވައްކަންކުރާ މީހުންނާއި ފޭރޭމީހުންގެ ވާހަކަ ދައްކާ އެކަންތައްތައް ހާމަކުރަން ތިބޭ ބޭފުޅުން ކަމެއް ހާމަކުރާއިރަށް އެބަޔަކު ވަކިކުރަންވެއްޖެނަމަ މި ރާއްޖޭގައި ހިނގާނީ ކަނޑުގެ، ނުވަތަ ޖަންގަލީގެ ހުކުމެއްނޫންތޯ؟ ބައެއްފަހަރު ހީވާކަހަލަ ކޮންމެ ވައްކަމެއް ނުވަތަ ފޭރުމެއްގައި 'ޢިއްޒަތްތެރި' މެންބަރުންވެސް ބައިވެރިވެލައްވާހެން.
ބައިރޯ
26 October 2020
ކަމަކު ނުދޭ ކަމަކު ނުދޭ ތިޔަ އޮތީ ޔާމީނު ސަރުކާރު ފެށިފަ ކަމަކު ނުދޭ
ބަބުރުލް ސަލީމް
26 October 2020
ތީދެން ދައްކާލަން ކުޅެލާ ޑުރާމާއެއްނު.
ޒިންދަގީ
26 October 2020
ތަޅުމާ ހިސާބަށްވެސް ނުގެންދިޔަ.. ދެންވެސް ނަޝީދު ބުނާނެ ވެންޓިލޭޓަރުގެ ކަންތައް ކައިރިން ބަލާނަމޭ.. ހަސަންޓޭއާ މީކާއިލްއަށް ފަހުމުވޭތައެބަ ވާނުވާ؟؟
ކަމަނާ ހެރިސް
26 October 2020
މަސް ނުބޭނުނީމަ ކަނޑު ގޯސް ކުރާ ފަދައިން ނެތް ހެއްކެއް ނުފެނުނީމަ އޭސީސީ ކުށްވެރިވަނީ. އޭސީސީ މައްސަލައަކީ ހެކި ނެތަސް ނަޝީދު ބޭނުންވީމަ ހެލްތު މިނިސްޓަރުގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވާތީ. ނަންވާނީ ހައިވަކަރު އޮޑި އިމްރާން، އެކަމަކު ކޮންމެ ބަޔަކުވެސް މަގާމުގެ ދިފާއުގައި އަސްވެސް ލަގޮނޑިވެސް ވިއްކާލާ މަންޒަރު މި ފެނިގެންދަނީ. ހިތާމަހުރި ކަންކަން.
ގައުމީ
26 October 2020
ތި ޑްރާމާ ކުރިއަށް ތި ދަނީ ހަމަ ޕްލޭން ކޮށްފައި އޮތް ގޮތަށް. ނަޝީދުއާއި އޭނާގެ ބައިވެރިން ނިންމައިގެން ތިބީ ވެންޓިލޭޓަރު މައްސަލައިގައި އޭސީސީ އަށް ޕްރެޝަރުކޮށް ވަކި މީހަކު ކަނޑުފައްތާ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާލީމަ އެހާ ހިސާބުން ނިމޭނެ ކަމަށް. އުނބަށް ޖެހީ ފީޖީ އޮފީހުގައި ތިބި ވަކީލުން ނާއިންސާފާ ދެކޮޅަށް ތެދުވީމަ. ސާބަސް ޕީޖީ ވަކީލުންނަށް.
21 ވަނަ ގަރުނުގެ ގަޓް
26 October 2020
އަޖައިބެއް. ނެތް ހެއްކެއް އޭސީސީއިން ހޯދަނީ ކިހިނެއް؟ އަހަރުމެންނަށް އެނގޭ ވެންޓިލޭޓަރު މައްސަލަ ނަޝީދު އުފަންކުރުވާ އިރަށް ކުރީގެ ހެލްތު މިނިސްޓަރު މިނިވަން ތަހުގީގަކަށް ޖާގަދީ އެކެހެރިވި އިރަށްވެސް އޭނާގެ މައްސަލައެއް ނެތްކަން. ކުށްވެރިއެއްް ނަމަ ފުރަތަމަ ވެސް ތެޅިގަންނާނީ ވަގުތު ހޯދައިގެން އޮފީހުގައި ހުރި ލިޔެކިޔުންތައް ބަދަލު ކުރަން. ތެދުވެެރިއަކަށްވީމަ ހުރިހާ ލިޔެކިޔުމެއް ހުރި ގޮތަށް ބަހައްޓާ ނިކުމެގެން ދާން ކެރޭނީ.
ސިމްޕަލް
26 October 2020
އަޅުގަޑުހިކުރީ ކޮވިޑާހެދި ވަޒީފާ ގެއްލުމުގެ ބިރުހީވެފައިއޮތީ ހަމައެކަނި އަމިއްލަ މީސްމީހުންގެ ވިޔަފާރީގައި އުޅޭ އާދައިގެ މުވައްޒަފުންނަށްކަމަށް. މިދުވަސްވަރު ވަޒީފާގެއްލުމުގެ ބިރު ހަމަ ވަރަށް ގިނަ މީހުންނަށް އެބައޮތްތާ!
އިހޫ
27 October 2020
ހަމަ އެކަނި މައްސަލައަކީ މަޖްލީސް މެމްބަރުންނަށް ވަޒީފާގެ ޔަޤީންކަން އޮންނާތީ!!