ވެންޓިލޭޓަރުތަކުގެ ފައިސާ އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރަން އުޅުނު: އޮޑިޓް އޮފީސް

ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް ގެރެންޓީއަކާ ނުލައި އެއްބަސްވުމުގެ 90 ޕަސެންޓަށްވާ ފައިސާ މާލިއްޔަތު ގަވާއިދާ ޚިލާފަށް ދޫކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް، އޭގެ ކުރިން އެ ފައިސާ އަމިއްލަ މީހެއްގެ ބޭންކް އެކައުންޓަށް ޖަމާކުރަން އުޅުނު ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.


އެގްޒެކިއުޓާސްގެ އިތުރުން މެޑްޓެކާއި ނާޑު ކުންފުންޏާ ހަވާލުކޮށްގެން ރާއްޖެ އަށް 149 ވެންޓިލޭޓަރު ހޯދުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަން އޮޑިޓުން ފަޅާއެރުމާ އެކު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު އެ ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.

އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް 75 ވެންޓިލޭޓަރު ގެނައުމަށެވެ. ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެ ކުންފުންޏަށް ހެލްތު މިނިސްޓްރީން ވަނީ ދެ ފަހަރެއްގެ މަތިން 30 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

މާލިއްޔަތު ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޮޑިޓަ ޖެނެރަލް ހަސަން އާއި އޮޑިޓް އޮފީހުގެ އެހެން އިސްބޭފުޅުން ވިދާޅުވީ، ކޮވިޑާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވުމާ އެކު، ބީލަމަށް ނުލައި މާލިއްޔަތު ގަވާއިދުގައި އޮންނަ ހުއްދައެއްގެ ތެރެއިން ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އޮޑިޓް ރިޕޯޓުގައި އޮތް ގޮތަށް މިއަދު ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ، މާލީ ގާބިލްކަން ނެތް ކުންފުންޏަކާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމެވެ. އެއީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ހޯދި ކުންފުންޏެއް ކަމަށް ހެލްތު މިނިސްޓްރީން ބުނާ ވާހަކަ ވެސް އޮޑިޓަ ޖެނެރަލް ދޮގުކުރެއްވި އެވެ.

އޮޑިޓް އޮފީހުގެ ޑިރެކްޓަރު އިބްރާހިމް ފަޒީލް ވިދާޅުވީ، އެޑްވާންސް ފައިސާ ފުރަތަމަ ޖަމާކުރަން އުޅުނީ އަމިއްލަ މީހެއްގެ އެކައުންޓަކަށް ކަމަށެވެ. ނަމަވެސް އެއީ ކާކުގެ އެކައުންޓެއް ކަމެއް، އެކަން ހިންގަން އުޅުނު ގޮތުގެ ތަފްސީލެއް ނުދެއްވަ އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުލިދޫ ދާއިރާގެ އިދިކޮޅު މެމްބަރު ފަޒުލް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ކޮމިއުނިކޭޝަންތަކެއް ހިނގި ކަމަށް އެބައޮތް ފެންނަން އަމިއްލަ މީހެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރަން އުޅުނު ކަމަށް. އެކަމަކު ފިނޭންސުން އެކަން ރިޖެކްޓް ކުރީ،" ފުލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ފަޒުލް ރަޝީދު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ފަޒީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީން ދެކޮޅު ހެދުމުން ފަހުން އެ ފައިސާ ޖަމާކުރީ އެގްޒެކިއުޓާސް ކުންފުނީގެ ބޭންކް އެކައުންޓަށެވެ.

ވެންޓިލޭޓަރުތައް ނުލިބެނީސް އެޑްވާންސް ފައިސާ، ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު ހެލްތު މިނިސްޓްރީން ދޫކުރީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. އެޑްވާންސް ޕޭމަންޓުގެ ގެރެންޓީއެއް ނުހޯދައި، އެ ޕްރޮޖެކްޓުގެ ހުރިހާ ފައިސާއެއްހެން އެގްޒެކިއުޓާސް ކުންފުންޏަށް ދޫކުރުމަކީ އަނބުރާ އެ ފައިސާ ހޯދަން ދަތިވާނެ ކަމެއް ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

އެ ކުންފުންޏަށް ފައިސާ ދޫކުރީ ހެލްތު މިނިސްޓްރީއާ ހަވާލާދީ އޮޑިޓުގައި ބުނެފައިވާ ގޮތުގައި، އެޑްވާންސް ޕޭމަންޓްގެ ގެރެންޓީ ހޯދަން ވަގުތު ނަގާނެތީ އާއި ވަކި މުއްދަތެއްގެ ތެރޭގައި ވެންޓިލޭޓަރުތައް ރިޒާވް ނުކޮށްފި ނަމަ ނުލިބިދާނެތީ އެވެ. ވެއާހައުސް ޗާޖެއްގެ ގޮތުގައި ކޮންމެ ދުވަހަކު 25،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ދުބާއީގެ ކުންފުނިން ބުނުމަކީ ވެސް އެޑްވާންސް ފައިސާ ދޫކުރަން ޖެހުނު ސަބަބެއް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެ އެވެ.

"ނަމަވެސް 'ޕްރޫޑެންޓް މޭން ރޫލް' ނުވަތަ އާއްމު ބުއްދީގެ ހަމަތަކަށް ރިއާޔަތް ކުރާއިރު، ކުރިން އެ ފަރާތަކާ އެކު ވިޔަފާރީގެ މުއާމަލާތެއް ކޮށްފައި ނުވާ ފަރާތަކަށް މާލީ އަދި ފަންނީ ގާބިލްކަން ވަޒަން ނުކޮށް، ގިނަ އަދަދެއްގެ ފައިސާ ބޭންކް ގެރެންޓީއެއް ނުހޯދައި ނުވަތަ ބޭންކަކުން ލެޓާ އޮފް ކްރެޑިޓް ފެސިލިޓީއެއް އިންތިޒާމު ނުކޮށް، އެ މީހެއްގެ އަމިއްލަ ފައިސާ އެޑްވާންސަށް ދުލެއް ނުކުރާނެ އެވެ،" އޮޑިޓު ރިޕޯޓުގައި ވެ އެވެ.

ވެންޓިލޭޓަރުތައް ގިނަ އަދަދަކަށް ސްޓޮކްކޮށްގެން ގެންގުޅެން ޖެހިފައިވާ ކަމަށް ދުބާއީ ކުންފުނިން ބުނި ވާހަކަ ހެލްތުން ގަބޫލުކުރި ކަމާ މެދު އޮޑިޓުގައި ސުވާލު އުފައްދާފައިވެ އެވެ. ގުދަނުގައި ޝިޕްކުރެވޭ ހާލަތުގައި 75 ވެންޓިލޭޓަރު ހުރި ކަމަށް އެ ކުންފުނިން ބުންޏަސް އެއީ ހެލްތު މިނިސްޓްރީން ސައްހަކަން ކަށަވަރުކުރަން ޖެހޭ ފަދަ ވާހަކައެއް ކަން އޮޑިޓުގައިވެ އެވެ.

އެގްޒެކިއުޓާސް އަށް ފައިސާ ދޫކުރިއިރު، ފިނޭންސް މިނިސްޓްރީގެ ދައުރާ ގުޅޭ ގޮތުން އުފައްދާ ސުވާލުތަކާ ގުޅިގެން އޮޑިޓަ ޖެނެރަލް ވިދާޅުވީ، މާލިއްޔަތު ގަވާއިދުގެ ދަށުން ނިޒާމު ހިނގަމުން އަންނަ ގޮތުން މާލީ ޒިންމާދާރުވެރިންނަށް އޮތީ ބާރުތަކެއް ދީފައި ކަަމަށެވެ. ކޮންމެ ޕޭމަންޓެއް ފިނޭންސް މިނިސްްޓްރީން ބަލައި އެޕްރޫވް ނުކުރާ ކަމަށެވެ. އެކަމަކު، މި ކަހަލަ ބޮޑު އަދަދެއް ދާއިރު ފިނޭންސް މިނިސްޓަރުގެ ޒިންމާއާ މެދު ސުވާލު އުފެދިދާނެ ކަން ފާހަގަކުރައްވައި އޮޑިޓަ ޖެނެރަލް ވިދާޅުވީ، މިހާރު އޮންނަ ގޮތުން ޕެންޑަމިކެއް ފަދަ ހާލަތެއްގައި ކިތަންމެ ބޮޑު އަދަދަކަށް ގަވާއިދާ އެއްގޮތަށް ފައިސާ ދޫކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ދެވިދާނެ ކަމަށެވެ.

"ފިނޭންސް މިނިސްޓަރު އަމަލުކޮށްފައި އޮތީ ސިޓީގައި ވެސް ފެންނަ ގޮތުގައި އެދިވަޑައިގަތީ މާލިއްޔަތު ގަވާއިދުގެ ތެރެއިން ބިޑް ކޮމިޓީ މެދުވެރިކޮށް އެކަންކަން ކުރަން. އެއްގޮތަކަށް ވެސް ވިދާޅެއް ނުވޭ ގެރެންޓީ ނެތި ކުރިއަށް ގެންދާށޭ. ފިނޭންސް މިނިސްޓަރު މީގައި ގޯހެއް ހަދަފައިވާ ކަމަކަށް މި އޮޑިޓުގެ ތެރެއިން ފާހަގައެއް ނުކުރެވޭ،" އޮޑިޓަ ޖެނެރަލް ހަސަން ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގައި އޮޑިޓު އޮފީހުން ބުނެފައި ވަނީ އެގްޒެކިއުޓާސް އަކީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތުރު މަޝްވަރާކޮށް ހޯދި ކުންފުންޏެކެވެ. އެކަމަކު، ރަސްމީ އެއްވެސް ސިފައެއްގައި ޑަބްލިއުއެޗްއޯ އިން އެ ކުންފުންޏާ ގުޅޭ އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާ ކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ.