ކުޅިވަރު / ޗެމްޕިއަންސް ލީގު

ސިޓީ މޮޅުވިއިރު، ލިވަޕޫލް ޑިފެންސަށް އަނިޔާގެ ހިޔަނި

ލިވަޕޫލްގެ ފަބީނިއޯ އަށް އަނިޔާވެގެން ދަނޑުމަތީގައި ފަރުވާދެނީ.-- ފޮޓޯ: އޭއެފްޕީ

28 އޮކްޓޯބަރ 2020 - 09:35

ލިވަޕޫލް (އޮކްޓޫބަރު 28) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީން ރަށުން ބޭރުގައި އޮލިމްޕިކް މާސޭ އަތުން 3-0 އިން މޮޅުވިއިރު، މިޓްޔައެލަންޑް އަތުން 2-0 އިން ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުގެ ޑިފެންޑަރު ފަބީނިއޯ އަށް އަނިޔާވެއްޖެ އެވެ.

ކުޅުނު ދެ މެޗުން ވެސް މޮޅުވެ ސިޓީ އާއި ލިވަޕޫލް އޮތީ އެ ދެ ޓީމު ވާދަކުރާ ގްރޫޕްގެ އެއް ވަނައިގަ އެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ މެޗުގެ ކުރީކޮޅުގައި ފަހަތަށް ކުޅެމުން ދިޔަ ފަބީނިއޯ އަށް އަނިޔާވުމެވެ. ފަބީނިއޯ އަށް އަނިޔާވުމުން ބަދަލުގައި ކުޅެން އެރީ އުމުރުން 19 އަހަރުގެ ރީސް ވިލިއަމްސް އެވެ. ފަބީނިއޯގެ އަނިޔާއާ އެކު ލިވަޕޫލްގައި މިހާރު ފުރަތަމަ ޓީމަށް ކުޅޭ ޑިފެންޑަރުންގެ ތެރެއިން ފިޓްކޮށް ހުރީ ޖޯ ގޯމޭޒް އެކަންޏެވެ. ވާޖިލް ވެން ޑައިކަށް އަނިޔާވެ އޭނާ އަށް ދެން މި ސީޒަނުގައި ނުކުޅެވޭނެކަމަށް ބެލެވިފައިވާއިރު، ޔޮއެލް މަޓިޕް ވެސް ހުރީ އަނިޔާއެއްގަ އެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ފަބީނިއޯގެ އަނިޔާ އަކީ ޝޮކެއް ކަމަށެވެ.

"އެއީ އަހަރެމެން އެކަމެއް ވާން އެންމެ ނޭދުނު އެއް ކަންތައް. އެކަން ވެސް މި އޮތީ ވެފައި. ފަބީނިއޯ އަނިޔާގައި ހުރެފައި ވެސް ކުޅެވޭނެ ކަމަށް ބުނި. އެކަމަކު އަހަރެން އެ ރިސްކު ނަގާކަށް ނެތިން. ލިބުނު އަނިޔާ ފަސޭހަކޮށް ނުނެގޭނެ. ޔަގީނުން ވެސް މިއީ ރަނގަޅު ހާލަތެއް ނޫން. އެކަމަކު އަހަރެން މީގެ ޝަކުވާއެއް ނުކޮށް ތިބި ކުޅުންތެރިންނަށް އިތުބާރު ކޮށްގެން ކުރިއަށްދިއުން އޮތީ،" ކްލޮޕް ބުންޏެވެ.

ޑެންމާކުގެ ޗެމްޕިއަން މިޓްޔައެލަންޑުން ވަނީ ރޭ ލިވަޕޫލް ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ކުރީކޮޅުގައި އެ ޓީމުގެ އެންޑާސް ޑްރޭޔާ ޖެހި ބޯޅައެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލުން މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އަދި ރޮބާޓޯ ފިރްމީނޯ ބެންޗުގައި ބައިންދައިގެން ފެށި މި މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ ދެ ވަނަ ހާފު ފަށައިގެން 10 މިނިޓް ތެރޭ ޑިއޯގޯ ޔޮޓާ އެވެ. މިއީ ލިވަޕޫލްގެ 128 އަހަރުވީ ތާރީހުގައި އެ ކްލަބުން ޖެހި 10،000 ވަނަ ގޯލެވެ.

ސަލާހާއި މާނޭ އަދި ފިރްމީނޯ އަރުވައިގެން ލިވަޕޫލުން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގަ އެވެ. އެ ލަނޑު ޕެނަލްޓީ އަކުން ޖެހީ ސަލާހު އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ރޭ އެޓަލަންޓާ ވަނީ ދެ ވަނަ ހާފުގެ ގޯލުތަކާ އެކު ފަހަތުން އަރައި 2-2 އިން އަޔަކްސްއާ އެއްވަރުކޮށްފަ އެވެ.

މާސޭ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސިޓީ އަށް ފުރަތަމަ ހާފުގައި ލީޑުނަގައިިދިނީ ސްޕެއިނުގެ ވިންގް ފެރާން ޓޮރޭޒް އެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ޖަހަން ސިޓީގެ އޮލެކްސަންޑަ ޒިންޗެންކޯ ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. ދެ ވަނަ ހާފުގައި ސިޓީގެ އަނެއް ދެ ގޯލު ޖެހީ އިލްކާއި ގުންޑޮގާން އަދި ރަހީމް ސްޓާލިންނެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި އެފްސީ ޕޯޓޯ އިން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ގްރީކުގެ އޮލިމްޕިއާކޯސް 2-0 އިން ބަލިކޮށްފަ އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 63%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454