ޕެންސިލްވޭނިއާގެ ކެމްޕޭން އެއްވުމެއްގައި މެލަނިއާ އިއްޔެ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
28 އޮކްޓޯބަރ 2020 - 13:25
ވޮޝިންޓަން (އޮކްޓޯބަރު 28) - ފިރިކަލުން ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭނަށް ފަސްޓް ލޭޑީ މެލަނިއާ ފުރަތަަމަ ފަހަރަށް މި އަހަރު ނުކުންނަވައިފި އެވެ.
އޮގަސްޓް މަހު ބޭއްވި ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަނުގައި ދެއްވި ތަގްރީރަށް ފަހު އެތައް ބައެއްގެ ތާއީދު ހޯއްދަވާފައިވާ މެލަނިއާ ޕެންސިލްވޭނިއާގައި އިއްޔެ ވިދާޅުވީ ޓްރަމްޕަކީ ކާމިޔާބީއާ ހަމައަށް ދަންދެން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.
"ޑޮނަލްޑަކީ ގައުމު ދެކެ ލޯބިވާ ބޭފުޅެއް. ކޮންމެ ދުވަހަކު ވެސް އެ ގެންދަވަނީ އެމެރިކާގެ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރައްވަމުން،" ވަރަށް ބޮޑަށް ވާދަވެރި ސްޓޭޓުގައި ދެއްވި ތަގްރީރުގައި މެލަނިއާ ވިދާޅުވި އެވެ.
ފިރިކަލުންނަށް ތައުރީފް ކުރައްވައި މެލަނިއާ ވިދާޅުވީ ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ވެސް ރައީސްގެ އަޑު ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ރައްޔިތުންނަށް އިއްވަވައި ދެއްވި ރައީސް ކަމަށެވެ.
"އެންމެ މުހިންމު ކަމަކީ އެމަނިކުފާން ޚިދުމަތް ކުރައްވައި ރައްޔިތުންނާ ކޮންމެ ދުވަހަކު ވެސް ވާހަކަ ދައްކަވާތީ،" މެލަނިއާ ވިދާޅުވި އެވެ.
ފިރިކަލުންނާ އެކު ކެމްޕޭނަށް ނުކުންނެވުމަށް މިދިޔަ ހަފުތާގައި ވެސް މެލަނިއާ މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަހުން، ސިއްހަތު މުޅިން ރަނގަޅު ނުވާތީ ކެމްޕޭން އިވެންޓް ވަނީ ފަސްކޮށްފަ އެވެ.
"އަޅުގަނޑުގެ އާއިލާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ އެކު ދެއްވި ހިތްވަރާއި ހެޔޮ އެދުމުގެ ބަސްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" މެލަނިއާ، 50، ވިދާޅުވި އެވެ.
އިންތިޚާބުގައި ވޯޓުލާން ހަފުތާއަކަށްވެފައިވާ އިރު ވާދަވެރި ދެ ކެންޑިޑޭޓުންގެ ކެމްޕޭން ފޯރިވެސް ވަނީ ގަދަވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތުނިޔަ
28 October 2020
މީނަ ކަދުރެއްނުބަހާތަ ކެމްޕެއިނަށް؟
ހަކީމް
28 October 2020
ދެން މިފަހަރު ތިކަމެއް ވާކަށް ނެތް .. އެމެރިކާގެ ޗެނަލް 13 ޔައުނީ ފޮކްސް އިން ހަދަނީ ހުސްދޮގު.