30 އޮކްޓޯބަރ 2020 - 08:40
ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ވަރުގަދަ އެކްޝަން ރޯލަކުން ފެންނަ "ބާގީ" ފްރެންޗައިޒްގެ ދަށުން ހަތަރު ވަނަ ފިލްމެއް ހަދަން ނިންމައިފި އެވެ.
އެ ފިލްމު ޕްރޮޑިއުސްކުރާ ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނި ނަދިއަދުވާލާ ގްރޭންޑްސަން އިން ވެސް އެކަން ކަށަވަރުކޮށް ދީފައިވާ އިރު، ފިލްމު ޑައިރެކްޓްކުރާނީ 2018 ގައި ގެނެސްދިން "ބާގީ 2" އާއި މި އަހަރު ގެނެސްދިން "ބާގީ 3" ގެ ޑައިރެކްޓަރު އެހުމަދު ޚާނެވެ.
"ބާގީ" ފްރެންޗައިޒްގެ ފިލްމުތައް ގެނެސްދޭން ނިންމާފައި ވަނީ ކޮންމެ ދެ އަހަރަކުން ކަމަށްވާތީ ހަތަރު ވަނަ ފިލްމުގެ މަސައްކަތް ފަށާނީ 2022 ގަ އެވެ. އެހުމަދާއި ޓައިގާ މިހާރު އަންނަނީ "ހީރޯޕަންތީ 2" ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ. އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި މަސައްކަތް ފަށާ އެ ފިލްމަކީ ޓައިގާ 2014 ގައި ބޮލީވުޑަށް ތައާރަފުވި ފިލްމު "ހީރޯޕަންތީ" ގެ ސީކްއެލް އެވެ. ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖުލައި 21 ގަ އެވެ.
#NGEFamily is pleased to announce that our @iTIGERSHROFF is now a part of 2 action franchises 🔥 With #SajidNadiadwala’s #Heropanti2 going on floors, #Baaghi4 makes it's way soon! 🔥To be directed by @khan_ahmedasas @WardaNadiadwala pic.twitter.com/URenWPtzRA
— Nadiadwala Grandson (@NGEMovies) October 28, 2020
"ހީރޯޕަންތީ 2" ގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ފިލްމުގެ ބަތަލާ އަކީ ކާކު ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. ފުރަތަމަ ބައިގައި ޓައިގާއާ އެކު ބަތަލާގެ ރޯލް ކުޅުނީ ކްރިތީ ސެނަން އެވެ. ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމުގެ ބަތަލާގެ ރޯލަށް ސާރާ އަލީ ޚާނާއި ކެޓްރީނާ ކައިފް ކުރެން ކޮންމެވެސް އެކަކު ގެންނަން ވާހަކަ ދެކެވިފައިވެ އެވެ.
"ބާގީ" ގެ ފުރަތަމަ ފިލްމު "ހީރޯޕަންތީ" ގެ ޑައިރެކްޓަރު ސަބީރް ޚާން ގެނެސްދިނީ 2016 ގަ އެވެ. އެ ފިލްމުގެ ބަތަލާ އަކީ "ބާގީ 3" ގެ ވެސް ބަތަލާ ޝްރަދާ ކަޕޫރެވެ. ދެވަނަ ފިލްމުގައި ޓައިގާއާ އެކު ބަތަލާގެ ރޯލް ކުޅުނީ އޭނާގެ ލޯބިވެރިޔާ ޑިޝާ ޕަަޓާނީ އެވެ.
"ބާގީ" ތިން ފިލްމަކީ ބޮކްސް އޮފީހުގައި 515.82 ކްރޯޑް ރުޕީސް (69.6 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމުތަކެވެ. އެ ތިން ފިލްމު ހަދަން ހޭދަކުރީ 181 ކްރޯޑް ރުޕީސް (24.5 މިލިއަން ޑޮލަރު) އެވެ.
ޓައިގާ، 30، ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ރޯހިތު ދަވަން ޑައިރެކްޓްކުރާނެ ކަމަށް ބެލެވޭ "ރާމްބޯ" އާއި ވިކާސް ބާލްގެ "ގަންޕަތު" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy