05 ނޮވެމްބަރ 2020 - 07:55
ގުރައެއް ގެންގުޅެވުމަކީ ހަމަ ނަސީބެކޭ ނޫނީ ބުނާކަށް އެންޓަން އެންގީން މިހާރު ބޭނުމެއް ނޫނެވެ. އޭނާގެ ގެ އަލިފާނުގެ ބޮޑު ހާދިސާއެއްގައި ސަލާމަތްވީ އޮޅުކޮށްގެން ގެންގެޅޭ "އެރިކް" ނަމަކަށް ކިޔާ ފެހި ކުލައިގެ ގުރައެއްގެ ސަބަބުންނެވެ. ނިދާފައި އޮއްވައި ދަންވަރު އޭތި ގޮވައި ހޭނުލެއްވި ނަމަ ދެ ބުރީގެ ގެ އެއްކޮށް އަނދައި، އެންޓަންގެ ފުރާނަ އަށް ވެސް ނުރައްކާވީހެވެ.
އަންގާރަ ދުވަހުގެ ރޭ ހިނގި މި ހާދިސާގެ ވާހަކަ މީޑިއާތަކާ ހިއްސާކުރަމުން، އޮސްޓްރޭލިއާގެ ކްއީންސްލޭންޑްގެ ބްރިޒްބޭންގެ ދިރިއުޅޭ އެންޓަން ބުނީ އޭނާ އަށް ދަންވަރު ހޭލެވުނީ އެރިކް ގައިމައްޗަށް އަރައި އަޑު ލައްވައި، އެކި ގޮތްގޮތް ހަދައިގެން ހޭލައްވަން އުޅެނިކޮށް ކަމަށެވެ. ހޭލެވުނު އިރު މުޅި ކޮޓަރިތެރޭގައި ހުރީ ދުން ވަހެވެ.
"ދެން އަހަރެން އެރިކް ނަގައިގެން ވަގުތު ކޮޓަރިން ނުކުމެ، ތިރިއަށް ފައިބައި ބޭރު ބަލާލި އިރު، ގެއާ ވަރަށް ކައިރީގައި ރޯވޯގެން ގެއަށް ވެސް އަސަރު ވަރަށް ބޮޑަށްކޮށްފައި ހުރީ،" އެކަނި އުޅޭ އެންޓަން ބުންޏެވެ. "ދެން އަހަރެން ވަގުތުން ގެއިން ނުކުތީ. ނަސީބަކުން އެއްވެސް ގެއްލުމެއް އަހަންނަކަށް ނުވޭ."
ގޭގެ ކައިރީގައި ރޯވި އަލިފާންގަނޑު ފަޔަ ފައިޓަރުންނަށް ގުޅައިގެން އެ މީހުންގެ އެހީގައި ނިއްވައިލެވުނު އިރު، އެންޓަންގެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
ކްއީންސްލޭންޑްގެ ފަޔާ އެންޑް އިމަޖެންސީ ސާވިސްގެ އިންސްޕެކްޓަރު ކެމެރަން ތޯމަސް ވިދާޅުވީ އަލިފާން ރޯވިކަން ގުރަ އަށް އެނގުނީ ސްމޯކް ޑިޓެކްޓާއެއްގެ އެލާޓް އިވިގެން ކަމަށެވެ.
"ނަމަވެސް ރޯވާން ދިމާވި ސަބަބެއް ނޭނގޭ. އިތުރަށް ތަހުގީގުކުރަމުން އަންނަނީ." އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
05 November 2020
އަވަހަށް މާލޭގެ ގެތަކަށް ތިކަހަލަ ގުރާގެނޭ. މިތާ އަލިފާނުގެ ނުރައްކާތެރި ހާދިސާ ހިނގާވަރު މަދެއް ނޫނެވެ.