ލައިފްސްޓައިލް / ޓޮމް ކްރޫޒް

ނޭވާ ނުލައި ހަތް މިނެޓް ފެނު އަޑީ އޮވެ ކޭޓް ވިންސްލެޓަށް ރެކޯޑެއް

05 ނޮވެމްބަރ 2020 - 07:54

ފިލްމެއްގެ މަންޒަރެއް ނަގަން ފެނު އަޑީީގައި އެންމެ ގިނަ ވަގުތު ހޭދަކުރި ތަރީގެ މަގާމު އޮތް އެކްޓަރު ޓޮމް ކްރޫޒް ފަހަތަށް ޖައްސާލައި އެ މަގާމު ކޭޓް ވިންސްލެޓް ހޯދައިފި އެވެ.

ދާދި ފަހުން ޝޫޓިން ނިންމައިލި، ޑައިރެކްޓަރު ޖޭމްސްގެ ކެމެރޮންގެ "އެވެޓާ 2" ގެ މަންޒަރެއް ނަގަން ވިންސްލެޓް ވަނީ ފެނު އަޑިގައި ނޭވާ ހިފަހައްޓާލައިގެން ހަތް މިނެޓާއި 14 ސިކުންތު ހޭދަކޮށްފަ އެވެ. މި ވާހަކަ ފޮޓޯއަކާ އެކު އެވެޓާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވެ އެވެ.

ކްރޫޒްގެ އަތުގައި އެ ރެކޯޑް ކުރިން އޮތީ 2015 ގެ "މިޝަން އިމްޕޮސިބަލް: ރޯގް ނޭޝަން" ގެ މަންޒަރަކާ އެކީގަ އެވެ. އޭނާ ފެނު އަޑީގައި ނެގި މަންޒަރަށް ނޭވާ ހިފަހައްޓާލައިގެން އޮތީ ހަ މިނިޓަށެވެ.

ކެމެރޮން 2009 ގައި ގެނެސްދިން ފިލްމު "އެވެޓާ" ގެ ސީކްއެލްތަކުގެ ތެރެއިން 2022 ގައި ގެނެސްދޭން ނިންމާފައިވާ "އެވެޓާ 2" އާ ބެހޭ ގޮތުން ވިންސްލެޓް ބުނީ ފިލްމުގައި ކުޅެން ޖެހުނު ރޯލަށް ފްރީ-ޑައިވް ދަސްކުރަން ޖެހުނު ކަމަށާއި އެ ފިލްމުގެ ތަޖުރިބާ ވަރަށް ރަނގަޅު ކަމަށެވެ.

"ފިލްމުގައި އަހަރެން ފެންނާނީ ވެސް ވަރަށް ފެނުގެ މީހެއްގެ ގޮތުގައި. އަދި އަހަންނަކީ އަސްލު ވެސް ވަރަށް ފެނަށް ދޯޅު މީހެއް." ހޮލީވުޑް ރިޕޯޓާ އަށް ދިން އިންޓަވިއުއެއްގައި އިނގިރޭސި ބަތަލާ ބުންޏެވެ.

"އެވެޓާ 2" އަކީ 1997 ގައި ކޭޓް ބަތަލާގެ ރޯލު ކުޅެ، ހޮލީވުޑްގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ޓައިޓޭނިކް" ގެ ޑައިރެކްޓަރު ކެމަރޮންއާ އެކު ކޭޓް މަސައްކަތްކުރާ ދެވަނަ ފިލްމެވެ. އެ ފިލްމުގައި "ރޯޒް" ގެ ކެރެކްޓާ ކުޅުނު ވިންސްލެޓް "އެވެޓާ 2" އިން ފެނިގެންދާނީ "ރޯނަލް" ކިޔާ ކެރެކްޓާއަކުންނެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ ޑިސެމްބަރު 16، 2022 ގަ އެވެ.

ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "އެވެޓާ" އިން ޕެންޑޯރާ ކިޔާ ވަރަށް ތަފާތު ދުނިިޔެއެއްގެ ތެރެއަށް ބެލުންތެރިން ގެންގޮސްދިން އިރު، "އެވެޓާ" ގެ ކުރިއަށް ހުރި ފިލްމުތަކުން ކަނޑުއަޑީގެ މަންޒަރުތައް މީގެ ކުރިން ސިފަކުރެވިފައި ނުވާހާ ތަފާތު ގޮތަކަށް ކެމަރޮން ގެނެސްދޭނެ އެވެ. "އެވެޓާ" ގެ ސީކްއަލްތަކުގެ ގޮތުގައި ޖުމްލަ ހަތަރު ފިލްމެއް ކުރިއަށް އެބައޮތެވެ.

އެގޮތުން "އެވެޓާ 3" ޑިސެމްބަރު 20، 2024 އަށް ތާވަލުކޮށްފައިވާ އިރު، "އެވެޓާ 4" ސިނަމާތަކަށް ގެންނާނީ ޑިސެމްބަރު 19، 2025 ގަ އެވެ. އަދި "އެވެޓާ 5" ރިލީޒްކުރާނީ ޑސެމްބަރު 22، 2028 ގަ އެވެ.

ދެހާސް ނުވައެއްގެ "އެވެޓާ" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ދެވަނަ ފިލްމުގެ ރެކޯޑް އޮތް ފިލްމެވެ. އެ ފިލްމު ދެވަނަ އަށް ވެއްޓުނީ މިދިޔަ އަހަރު ރިލީޒްކުރި "އެވެންޖާޒް: އެންޑް ގޭމް" ހޯދި 2.98 ބިލިއަން ޑޮލަރާ އެކީގަ އެވެ. "އެވެޓާ" ގެ އާމްދަނީ އަކީ 2.79 ބިލިއަން ޑޮލަރެވެ. "ޓައިޓޭނިކް" ތިން ވަނައިގައި އޮތީ 2.195 ބިލިއަން ޑޮލަރާ އެކީގަ އެވެ.

0 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 20%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454