ސަމްޑޯރިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޕޮގްބާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
02 ޖޫން 2016 - 10:56
މެޑްރިޑް (ޖޫން 2) - ޔުވެންޓަސް އަށް ކުޅޭ ފްރާންސް ގައުމީ ޓީމުގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ރެއާލް މެޑްރިޑަށް ގެންނަން އެ ޓީމުގެ ކޯޗު ޒިނެދީން ޒިދާން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 23 އަހަރުގެ ޕޮގްބާ ހޯދުމަށް އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާ އަދި މެންޗެސްޓާ ސިޓީގެ އިތުރުން ޗެލްސީން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ޔުވެންޓަސް އިން ވަނީ ޕޮގްބާ އަކީ ނުވިއްކާ ކުޅުންތެރިޔެއް ކަމަށް ބުނެފަ އެވެ.
ޔުނައިޓެޑް ދޫކޮށް 2012 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ފާއިތުވި އަހަރުތަކުގައި އެ ޓީމުން ހޯދި ގިނަ ކާމިޔާބީތަކުގައި ޕޮގްބާގެ ދައުރު ބޮޑެވެ.
ރެއާލުން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިން ޓީމަށް ގެންނާނެ ކަމަށް ޒިދާން ވަނީ ބުނެފަ އެވެ. ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދާދި ފަހުން ވަނީ ޔުވެންޓަސް އިން ޕޮގްބާ ވިއްކާލާނަމަ އޭނާ ގަންނަން ތައްޔާރަށް ހުރި ކަމަށް ވިދާޅުވެފަ އެވެ.
ޒިދާން ބުނީ ޕޮގްބާ އަކީ ދުނިޔޭގެ ފެންވަރުގައި ބެލިޔަސް ތަފާތު މޮޅު ކުޅުންތެރިޔެއް ކަމަށެވެ.
"ޕޮގްބާ އަކީ ތަފާތު މޮޅު ކުޅުންތެރިޔެއް. އޭނާ އަކީ ކޮންމެ ޓީމަކަށް ވެސް ބޭނުން ހިފޭނެ ކުޅުންތެރިޔެއް. ކޮންމެ ޓީމަކުން ވެސް އޭނާ ހޯދަން ޝައުގުވެރިވާނެ. އެކަމަކު ހަނދާން ނައްތާލައިގެން ނުވާނެ އޭނާ އަކީ ޔުވެންޓަސް ކުޅުންތެރިޔެއްކަން.،" ޒިދާން ބުންޏެވެ.
ޔުވެންޓަސްއާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2019 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބާ
02 June 2016
ދުނިޔޭގެ އެންމެ ކާމިޔާބު ޓީމަށް ޕޮގްބާ ގެންދާ ވާހަކަ ދެއްކުމަކީވެސް އޭނާއަށް ލިބޭ ޝަރަފެއް!
ރަދީފް
02 June 2016
ޕޮގްބާ ނޫޅޭ މޮޔަވެގެން. ދެން ޒިދާން އެއީ ގައުމުގެ މީހެއް ވީމަ ތިޔަ ބާވަތުގެ ހިޔާލު ހުންނާނެ ، އެއީ މައްސަލައެއްނޫން. ޕޮގްބާ ނުދާނެ ތިޔަ މެޑްރިޑަށް. ހަނދާންނައްތާލާ.
އާސިފް
02 June 2016
އުފުރާފަވެސް ގެންނާނަން! މާކަންތައް ބޮޑުވަންޔާ ކޮންޓްރެކްޓް ގަނެލާނީ! ދުޔޭގެ ރެކޯޑް ފީއަކަށް ޒިދާންވެސް ތި ޔުވެންޓަސް ގަ ހުއްޓަ އޮންނާނީ އުފުރާފާލަ!