ކަނޑިންމަ ރިސޯޓު: އެތަނުގެ މުވައްޒަފަކު މަރުވި މައްސަލަ އެޗްއާރުސީއެމާއި ފުލުހުން އަންނަނީ ތަހުގީގު ކުރަމުން.
18 ނޮވެމްބަރ 2020 - 12:35
ކަނޑިންމަ ރިސޯޓުން މަރުވި މުވައްޒަފުގެ ބޭސްފަރުވާގައި އިހުމާލުވި ކަމުގެ ތުހުމަތާ އެކު އޭނާ އަށް އިންސާފު ހޯދައިދޭން ގޮވާލައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށައިފި އެވެ.
ކަނޑިންމައިގައި މަސައްކަތްކުރި، ދ. މާއެނބޫދޫ، އާދަމް ނަސީރު، 60، މަރުވީ ކޮވިޑް-19ގެ އަލާމަތްތަކާ އެކު، ބަލިވެ އުޅޭތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ، ހާލު ގޯސްވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވި ފަހުން، ކޮވިޑަށް ޓެސްޓް ކުރުމުންނެވެ.
އެކަމަކު، ހުން އައުމާ އެކު އާދަމް ނަސީރު ފަރުވާ އަށް ފޮނުވައިދޭން ރިސޯޓުގައި ތަކުރާރުކޮށް އެދުމުން ވެސް އެ އިންތިޒާމު ހަމަޖައްސައި ނުދީ އިހުމާލުވި ކަމުގެ ތުހުމަތު އާއިލާ އާއި އޭނާ އެކު މަސައްކަތް ކުރާ ބައެއް މުވައްޒަފުން ކުރެ އެވެ. މި ތުހުމަތު ރިސޯޓުން ވަނީ ދޮގުކޮށްފަ އެވެ.
ވަރަށްހާލުދެރަވި ދުވަހެއްގައި ބުނި “މިތަނުގައި އުޅެނީއިންސާނުންހޭ، މިވަރަށް ކިޔާއިރުވިސް އަޅައެއް ނުލިއޭ” މަރުހޫމް އާދަމް ނަސީރު . #އިހުމާލުވިފަރާތްތަށްހޯދާ #އިހުމާލަށްފިޔަވަޅުއަޅާ @presidencymv @PoliceMv @hrcmv @HPA_MV @TEAMmaldives @mtucMV @MoTmv pic.twitter.com/edTFMuH8ld
— Victor-TEAM (@Mohamedwisham1) November 16, 2020
އިންސާފު ހޯދަން ގޮވާލައި ޓުވިޓާގައި ކުރިއަށް ގެންދާ ކެމްޕެއިންގައި، ބައެއް މީހުން ދަނީ ބޭސްފަރުވާގައި އިހުމާލުވެ "މިއަދު މަރުވީ އިހުމާލުން އާދަމް ނަސީރު (އާދަމްބެ) ކަމަށާއި މާދަމާ ކާކުތޯ" ސުވާލު އުފައްދަމުންނެވެ. އެ ކެމްޕެއިންގެ ޕޯސްޓަރުގައި ހިމަނާފައި ވަނީ ރިސޯޓުގެ މުވައްޒަފުންގެ ގާތު އާދަމް ނަސީރު ކުރި ޝަކުވާއެކެވެ.
އެއީ، ފަރުވާ އަށް އެދި ފޮނުވައިދޭން އާދޭސް ކުރުމުން ވެސް އަޅައޮނުލީ ކަމަށް އާދަމް ނަސީރު ބައެއް މުވައްޒަފުން ގާތު ބުނި ވާހަކަ އެކެވެ.
ވަރަށްހާލުދެރަވި ދުވަހެއްގައި ބުނި “މިތަނުގައި އުޅެނީއިންސާނުންހޭ، މިވަރަށް ކިޔާއިރުވިސް އަޅައެއް ނުލިއޭ” މަރުހޫމް އާދަމް ނަސީރު . #އިހުމާލުވިފަރާތްތަށްހޯދާ #އިހުމާލަށްފިޔަވަޅުއަޅާ @presidencymv @PoliceMv @hrcmv @HPA_MV @TEAMmaldives @mtucMV @MoTmv pic.twitter.com/cjZIrA1d9q
— حُنَيِنُ عَبُدُ حَرِشُ (@dsgAEGmB9CkY4H6) November 17, 2020
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުން ކުރިއަށް ގެންދާ މި ކެމްޕޭނަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ވެސް އެއްބާރުލުން ދެ އެވެ.
އެ ޖަމިއްޔާ އިން ވެސް ވަނީ، އާދަމް ނަސީރާ މެދު އިހުމާލުވީ ކަމުގެ ތުހުމަތާ އެކު އެކަން ކުށްވެރިކޮށްފަ އެވެ. ކަނޑިންމަ ރިސޯޓުން 100 އަށް ވުރެ ގިނަ މުވައްޒަފުންނަށް ކޮވިޑު ޖެހި އެކަކު މަރުވުން ބަލައި ނުގަނެވޭ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.
ގައުމުގެ އިގްތިސާދަށްޓަކައި ކުޑަ މުސާރައިގައި ރިސޯޓް މުވައްޒަފުން ގުރުބާން ވާއިރު ސަރުކާރުން މަސައްކަތު މީހާ ސަލާމަތް ކަމަށް ވުރެ ބޮޑަން ބަލަނީ ވިޔަފާރި ވެރިން ސަލާމަތް ކުރެވޭތޯ ކަމަށް ބުނެ ވެސް ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އާއްމުކޮށް ރިސޯޓްތަކުގައި މުވައްޒަފުންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް އިހުމާލުވޭ. ކަނޑިންމަ ރިސޯޓުން ކޮވިޑްޖެހިގެން ނިޔާވި މުވައްޒަފާއި އެހެން މުވައްޒަފުންނަށް ސިއްހީފަރުވާ ފޯރުކޮށްދިނުމުގައި ވަނީ އިހުމާލުވެފައި. މައްސަލަ ބަލައި އިންސާފު ހޯދައިދޭންޖެހޭ،" ޓީމުގެ ފޭސްބުކްގައި ލިއެފައިވެ އެވެ.
ކަނޑިންމަ ރިސޯޓުގެ މުވައްޒަފު މަރުވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އާދަމް ނަސީރުގެ މަރަށް ފަހު، ކަނޑިންމަ ރިސޯޓުގެ މުވައްޒަފުން ކޮވިޑަށް ޓެސްޓްކުރިއިރު ވަރަށް ގިނަ މުވައްޒަފުންނަށް ބަލި ޖެހިފައި ތިބި ކަން އެނގުމުން ހެލްތު މިނިސްޓްރީ އާއި އެޗްއީއޯސީން ވަނީ ރިސޯޓަށް ގޮސް ބައެއް ކަންކަން ބަލައިފަ އެވެ.
އެ ޓީމަށް ފާހަގަވި ކަންކަން ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި އާދަމް ނަސީރު ދ. އަތޮޅު ހޮސްޕިޓަލަށް އިމަޖެންސީގައި ފޮނުވައިލައި، ރިސޯޓުގެ ޑޮކްޓަރު ރިފަރަލް ލެޓާ ދީފައި ނެތުމާއި ރިސޯޓުގައި ބަލިމީހާ އަށް ދިނީ ކޮން ފަރުވާއެއް ކަން އެނގެން ނެތުން ހިމެނެ އެވެ.
ރިސޯޓުގައި ވަޒީފާ އަދާކުރާ ޕާކިސްތާނުގެ ޑޮކްޓަރު، އާދަމް ނަސީރުއާ ގުޅޭ ގޮތުން ދ. އަތޮޅު ހޮސްޕިޓަލަށާއި އެޗްއީއޯސީ އަށް ދިން މައުލޫމާތު ތަފާތުވި މައްސަލަ ވެސް ބަލައިދޭން އެދުނެވެ.
އެޗްއީއޯސީގެ ރިޕޯޓުގައިވާ ގޮތުގައި، ރިސޯޓުގެ މެޑިކަލް ސެންޓަރަށް ދެއްކި މީހުންގެ އަދަދު މިދިޔަ މަހުގެ 25 ގައި ކުއްލިއަކަށް ވަނީ އިތުރުވެފަ އެވެ. އެކަމަކު ރިސޯޓުން އަދި ޑޮކްޓަރު ވެސް އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަަން ރިޕޯޓުން އެނގެ އެވެ. ދ. އަތޮޅު ހޮސްޕިޓަލުން އެކަން ސާފުކުރަން ގުޅުމުން ވެސް ބައްޔަށް ޝައްކު ކުރެވޭ މީހަކު ނެތް ކަމަށް މައުލޫމާތު ދީފައިވާ ކަމަށް އެޗްއީއޯސީގެ ރިޕޯޓުގައިވެ އެވެ.
ގައިޑްލައިނާ އެއްގޮތަށް ރިސޯޓުން އަމަލުކޮށްފައި ނުވާ މައްސަލައިގައި ކަނޑިންމައިގެ ހުއްދަ ވަގުތީ ގޮތުން ވަނީ ބާތިލްކޮށްފަ އެވެ. އެ ރިސޯޓުގެ 70 އަށް ވުރެން ގިނަ މުވައްޒަފުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ގިނަ މުވައްޒަފުން ތިބީ ކަރަންޓީނުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުވާނާ.
19 November 2020
ޢިންޑިޔާ މީހަކު ގެނެސްގެން އިންސާފު ލިބޭނީ ރައްޔިތުން މިކަން ކޮއްދީ
ޙަބީބު
19 November 2020
އަދުލުއިންސާފު ކޯދުލާ އަރަނީ މިއޮއް ތިޔަރިސޯޓުގެ ބޮޑުއަގުލަބިއްޔަތު މިވެރިކަން ގެންނަން ވޯޓުދިން ނަމަވެސް މިއަދު ކަރުގަ ތިދަނީ ހިތިރަހަލަމުން އެދުވަހު ލޯބިވާވެރިޔަކު ގައުމާ މުހާތަބުކޮއް ދެއްކި ހުރިހާ ވާހަކަ އަކުރުން އަކުރައް މިދަނީ ފެންނަމުން މިވެރިކަމަކީ މަކަރުވެރިކަމެއް އަނިޔާވެރިކަމެއް މީނުކުޅެދޭ ވެރިކަމެއް މީދީނައް ލޯބިކުރާ ބައެއްނޫން މީގައުމައް ވަފާތެރިބައެއްނޫން އިބޫ އިސްތިޔުފާ
Ali Gasim
18 November 2020
އިންސާފުހޯދަންވެސް ރޮއިހޭރި އާދޭސްކުރަންތަ ޖެހެނީ މިހާރު ދިވެހިންނަށް އެބަ އިހްސާސްވޭތަ އިންސާފުލިބޭކަން ހަމަ އަހާލީ
ތުއްތޮންބެ
18 November 2020
މިހާރަކުދެން ތިޔަބުނާ އިންސާފެއް ހޯދާކައް މާކަގިނަ ދޮރަކު ޓަކިޖަހާކައް ނުޖެހޭނެއްނޫންތޯ.
ބޮޑުމީހާ
18 November 2020
ނުލިބޭނެ. މިގައުމުގަ އިންސާފު އޮންނާނީ ބޮޑުމީހާއަށް ބޮޑުކޮށް ކުޑަމީހާއަށް ކުޑަކޮށް
އޮނަރަބްލް އަފީފު ދީދީ
18 November 2020
ނޫން..!! ލިބޭނެ. ލިބެންވެސްޖެހޭނެ. އިންސާފަކީ މީހަކުދޭއެއްޗެއް ނުވަތަ ހަދިޔާކުރާއެއްޗެއް ނޫންނަމަ ފައިސާދީފައިގަންނައެއްޗެއްކަމުގައި ހަދައިގެންނުވާނެ. # މިއީ 21 ވަނަޤަރުނު. ތިޔަބުނާ "ބޮޑުން" ނަކީ ޙަޤީގީބޮޑުންނެއްނޫން. ބޮޑުންނަކަށްވާނީ ތިޔަ ލަޤްޒަރީ ރިސޯޓްތަކަށް މިލިޔަނުންޙަރަދުކޮށްފަ ޗުއްޓީހޭދަކުރާންއަންނަ ޓްއަރިސްޓްމީހާ އިގޭތޯ. # އަހަރުމެން ކޮންމެދިވެއްސެއްގެ ޖީބުގައި އައިފޯން ޕްރޯމެކްސް އޮވެފަ ސޯޝަލްމީޑިއާގެ ބޭނުންކުރާއިރު ކީއްވެ އިންސާފު ނުހޯދެންވީ؟؟!!
އޮނަރަބްލް އަފީފު ދީދީ
18 November 2020
މިއުޅެނީ އަސާސެއްނެތި އިންސާފުންބޭރުވެގަނެ ޒާތީޙަސަދަވެރިކަމުގައި ބަޔަކަށްގެއްލުންދޭކަށްނޫން. # ތެދެއް. ފައިސާއާއިނުފޫޒުބޭނުންކޮށްގެން ރިސޯޓްމެނޭޖްމަންޓުގެ އިހްމާލުންމަރުވެގެންދިޔަ އާދަން ނަސީރުގެ އާއިލާއަށް ރާއްޖޭގައި އިންސާފުނުލިބިދާނެ. # އެކަމަކު އަހަރުމެންހަދާންކުރާންވީ "ރާއްޖެއަށްދަތުރުކުރާ ފަތުރުވެރިންނަކީ އިންސާނީ ކަރާމާތަށް އިޙްތިރާމްނުކުރާމީހުނަށް ފައިސާ ހޭދަކުރާނެބައެއްނޫންކަމާއި" މިކަމަށް ބައިނަލްއަޤުވާމީ ޕްރެޝަރޤްރޫޕް ތަކުގެއެހީއާއި ސޯޝަލްމީޑިޔާބޭނުންކުރޭ.
މައުރީސް
18 November 2020
އަންނަ ރިޔާސީ އިންތިހާބުގެ ރިޔާސީ ވައުދަކަށް ތޯއްޗެ މި ވާނީ ، ބޭރު ގައުމެއްނަމަ ބަދަލުގައި މިލިއަނުން ޑޮލަރު ހޯދޭނެ ކޯޓަށް ގޮސްގެން ، އެކަމަކު ރާއްޖޭގެ ހާލަތަކީ މިހާރު އެ އުޅެނީ ގާޒީ ބާރީ މަގާމުން ވަކިކުރަން ، ކީއްވެކަން އެންމެނަށް ވެސް އެނގޭ ، މިއީ އަދުލު އިންސާފުގެ ނިޒާމޯ ޑިމޮކުރަސީޔޯ އޯގާތެރިކަމޯ
ސހ
18 November 2020
މަޖުލީހުން ކީއްވެ މިމައްސަލަ ނުބަލަނީ?
ކޮސްގޮވާ
18 November 2020
އަމީނުގެ މައްސަލައެއް ނެތީމަ
ދިއްދޫމީހާ
18 November 2020
ނިކަމެތި ރައްޔިތަކަށް ވީމަ، ސިޔާސީ މީހުންގެ ފައި ބުޑަށް ނުވެއްޓި އަމިއްލަ މަސައްކަތުން އުޅޭ މީހަކަށް ވީމަ، ސޯސަލް މީޑިޔާގަ މީހުންނާ ދިމާލަށް ހަޑި އެއްޗެހި ކިޔާ މީހަކަށް ނުވާތީ، ދީނާ ހިލާފް ވާހަކަ ދައްކާ މީހަކަށް ނުވާތީ، މިވަރުން ވާނެތައް؟ އަދިވެސް އެބަހުރި ލައްކަ ސަބަބުތައް،،،
ޖަމަލު
18 November 2020
މީ ދިވެހި ރައްޔިތުންގެ ސަރުކާރެއް ނޫން. މުއްސަނދިންނާ އިންޑިއާގެ ސަރުކާރެއް.
ހަކީމް
18 November 2020
ކަނޑިންމަ ހިންގާ އާއިލާ އަކާ ނުކުޅެވޭނެ.