ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އެމަނިކުފާނު ވިދާޅުވީ ދަރަނި އަދާކުރަން ބަޖެޓްގައި ޖެހި ފައިސާ ކަނޑައިލަން ޖެހޭ ކަމަށް.
18 ނޮވެމްބަރ 2020 - 12:36
މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވޯޓު ދެއްވޭ ނަމަ، އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް އެމަނިކުފާނު ވޯޓު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓާ ބެހޭ ގޮތުން މެމްބަރަކު ދެއްކެވި ވާހަކައަަކަށް ކޮމެންޓް ކުރައްވަމުން ނަޝީދު ވިދާޅުވީ ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ރިޕޯޓެއް ފާސްކޮށްފައިވާ ކަމަށާއި އެ ރިޕޯޓާ އެއްގޮތަށް ނޫނީ މެމްބަރުންނަށް ބަަޖެޓަށް ވޯޓު ދެވޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އެއަށް ފަހު އެ ރިޕޯޓްގެ ނަމްބަރު އެމަނިކުފާނު ވިދާޅުވެދެއްވި އެވެ. އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި ނީންނަވައި ވޯޓު ދެއްވޭ ގޮތަށް އިންނެވި ނަމަ އެ ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވިި އެވެ.
ދައުލަތުގެ ދަރަންޏާ ބެހޭގޮތުން މަޖިލީހުންް ފާސްކުރި ރިޕޯޓުގައި ސަރުކާރަށް ގޮވާލާފައި ވަނީ ދަައުލަތުގެ ދަރަނި ރިސްޓްރަކްޗާ ކުރުމަށެވެ. ދަރަނި ރިސްޓްރަކްޗާ ކުރުމަކީ ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރުމާއި ފައިސާ ދައްކަން ފަށަށް ޖެހޭ ތާރީހު ލަސްކުރުން ފަދަ ކަންތައްތަކެވެ.
"ދަރަނި އަނބުރާ ދެއްކުމަށް ބަޖެޓްގެ ތިން ތަނެއްގައި [ފައިސާ] ޖަހާފައި އެބަވޭ. އެއީ އިންޓަރެސްޓް ދެއްކުމަށް، ޕްރިންސިޕަލުން ދައްކަން ޖެހޭ ބައިދެއްކުމަށް އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ކެޕިޓަލައިޒްކޮށްގެން ކަމަށް ވިދާޅުވެ، އޭގެ ތެރެއިން ދަރަނި އަނބުރާ ދެއްކުމަށް މުޅި ޖުމްލަ ފަސްބިލިޔަނެއްހާ ރުފިޔާ އެބަވޭ. އަޅުގަނޑު ދެކޭ ގޮތުގައި އެ ހުރިހާ ލާރިއެއް ބަޖެޓުން ކަނޑައިލަންވީ،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ޗައިނާއިން ލަސްކޮށް ނުދިން ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ އެ ގައުމަށް ވެސް ރޭ ފާޑުވިދާޅުވެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން، ނަޝީދު ދެއްވި ސްޕީޗުގައި ވިދާޅުވީ ޗައިނާ ފަދަ ބޮޑު އަދި ތަނަވަސް ގައުމަކުން، ރާއްޖޭގައި ތިބި ހަތަރު ލައްކަ މީހުން ކައިރީގައި "ފަށްޓަރުބައި ވިއްކާފައި" އެ ގައުމުގެ ބޭންކުތަކަށް އަނބުރާ ފައިސާ ދައްކާށޭ ބުނާތީ އަޖައިބުވެ އަންތަރީސްވެވަޑައިގަންނަވާ ކަމަށެވެ.
ބަޖެޓާ ބެހޭ ގޮތުން އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު، އެމްޑީޕީގެ މެމްބަރުން ވަނީ ބެޖެޓާ ބެހޭ ގޮތުން ހިޔާލުފާޅުކުރެއްވުމުގައި ދެ ބަޔަކަށް ބެހިފަ އެވެ. ބަޖެޓްގައި ހިމަނާފައިވާ ޕީއެސްއައިޕީ މަޝްރޫއުތައް މި ހާލަތުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އެއްބައި މެމްބަރުން ވިދާޅުވާއިރު އަނެއްބައި މެމްބަރުން ވިދާޅުވީ އެ މަޝްރޫއުތައް ބަޖެޓްގައި ޖަހާފައި ބަހައްޓައިގެން ފައިސާ ލިބޭތޯ މަސަައްކަތްކުރުން ރަނގަޅު ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ބެހޭ ގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، މަޖިލީހުގެ ބަޖެޓް ކޮމިޓީ އަށް ދެއްވި ލަފާގައި ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވާ އެއް ކަމަކީ ދައުލަތުގެ ދަރަނި އަހަރުން އަހަރަށް ބޮޑުވަމުން ދިއުމެވެ. އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ދަރަނި މިހާރު ހުރީ ޖީޑީޕީގެ 124 ޕަސެންޓާ އެއްވަރަށެވެ. އެގޮތަށް އޮއްވައި އިތުރު ދަރަނި ނަގަން ޖެހޭ ގޮތަށް މަޝްރޫއުތައް ހިމަނާފައި ވާތީ ގަވަރުނަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްވެރިޔާ
19 November 2020
ގާނޫނުގެ ބާރުކެނޑުވުން. ގާނޫނަށް އިޙްތިރާމް ނުކުރުން. ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮއް ނުހިތުން. މީގައި ކުއްވެރިވާ ކަމެއް ހަމަ ނެތީބާ؟ ނޫނީ ނެތީ އަދުލު އިންސާފު ބާ؟
ގޫފާލިޔައު
19 November 2020
މީކިޔަންކާއު ކޭ މީހަށް
އެމްއެމްއައި
19 November 2020
ކަންމިހެން އޮތްކަމުގައިވީ ނަމަވެސް، ތިޔަ ބޭފުޅުންނަކަށް އެ ޖާހިލު ކަލޭގެ ކީހާ ފަރިއްސަކަަށް ފައިހަމަކުރުން ނޫންކަމެއް ކުރާން އެނގޭކަމުގައި އަހަރެންނަކަށް ނުފެނެއެވެ. ކަމެއް ކުރަނީ ވިއްޔާ ނިކަން ކުރަން އޮންނަ ހެޔޮ ގޮތަށް ނިކަން ކަމާވެގެން އެކަމެއް ކުރާން އޮންނަ ގޮތަށް ކޮށްބަލާށެވެ. އެފަދައިން ކުރާން ހިތްވަރެއް، ހިތްމަތެއް އުރައްޕަތެއް ނެތީ ވިއްޔާ ގޭގެ އެތެރެ ކޮޓަރީ ބޮޑު އެނދުގައި މޮޅި ސާލު އޮޅައިގެން ނިދަން އޮވެ ބަލާށެވެ. 3/3
އެމްއެމްއައި
19 November 2020
އަދި މަޖިލީހުގައި ނަގަން ނިންމާފައިވާ ވޯޓަކާއި މެދުވެސް، ނުވަތަ އެވޯޓްގެ ނިޔާ ބުރަވާންވީ ގޮތާއި މެދުވެސް، އެއްވެސް ގޮތަކަށް އެއްވެސް ސިފައެއްގައި އެއްވެސް ކޮޅަކަށް ޚިޔާލު ފާޅުކުރުން، މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލިސް ރައީސްއަށް ހުއްދައެއް ނުކުރޭ. 2/3
އެމް.އެމް.އައި
19 November 2020
މަޖިލީހުގައި ނަގައިފި ވޯޓަކާއި މެދު، ނުވަތަ އެވޯޓު ނަތީޖާ ނިޔާކުރި ގޮތަކާއި އެއްވެސް ގޮތަކަށް އެއްވެސް ސިފައެއްގައި އެއްވެސް ކޮޅަކަށް ޚިޔާލު ފާޅުކުރުން، މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލިސް ރައީސްއަށް ހުއްދައެއް ނުކުރޭ. 1/3
ޝޮކްތެރަޕީ
18 November 2020
އެމްޑީޕީގެ ތާއީދު ގެއްލެނީވެސް މަނިކުފާްންގެ ސަބަބުން
ސިކުނޑި
18 November 2020
ތިޔަށް ކިޔަނީ ނުފޫޒު ފޯރުވުން! މަޖިލީހުގެ ރައީސަކަށް އިނދެމެ ތިކަހަލަ ކޮސް ކަންތައް ކުރެވިގެންނުވާނެ! ތިޔައީ އިސްތިއުފާ ދޭން ޖެހޭވަރުގެ ކަމެއް! ޑިމޮކްރަސީ އެއްބަޔަކަށް ފެންނަނީ ފަތިފުށުން! މަޖިލީހަކީ ސަރުކާރަށް ޖެއްސުންކުރާ ތަނަކަށް ވެގެންނުވާނެ! މެޖޯރިޓީ ދިނީ ސަރުކާރަށް އެއްބާރުލުންދޭން ވައުދުވީމަ!
ހިބަރުވަދު
18 November 2020
މަޖިލީހުގެ މެންބަރުންގާތު ނުސީދާކޮށް ތިޔަބުނަނީ ބަޖެޓަށް ވޯޓު ނުދޭށޭ. މިއީ ހާދަހާ ޚުދުމުޚުތާރު ރައީސެކޭ.
ޗިޕް
18 November 2020
އެންމެ ފަހުން ޕީޕީއެމްއާ އެއްކޮޅަށް މ ރައީސް އަރައިފި.
ޑޮކްޓާރ. ބަނާނާ
18 November 2020
"ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން، އެމްޑީޕީގެ ހަރުގޭގައި ދެއްވި ސްޕީޗެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ އުނގުގައި އޮވެގެން ރާއްޖޭގެ މާލިއްޔަތަށާއި އިގުތިސޯދަށް ގެއްލުމެއް ނުލިބޭނެ ކަމަށް."(މިހާރު ނިވްސް) މަޖިލިސްގެ އަދި އެމްޑީޕީގެ ވެރިޔަކަށް ހުރެ މަނިކުފާނު އެކިފަހަރު އެކިގޮތަށް ވާހަކަ ދައްކަވާ ވޯޓް ނުދޭނަމޭ ވިދާޅުވާއިރު ލަދެއްނުގަނޭތޯ؟ކީއްވެތޯ ކުރިން ބަޖެޓާއި ބެހޭގޮތުން މަނިކުފާނު ސަރުކާރަށް ލަފާ ނުދެއްވީ؟
ސިކުނޑި
18 November 2020
އެމަނިއްޕުޅު މިހާރު ޒާތަކަށް އުޅުއްވާތާ ދުވަސްކޮޅެއްވެއްޖެ! ބައެއްފަހަރު ހީވެ އިދިކޮޅު ލީޑަރުހެންވެސް! އެންމެން އަބަދު އެއްގޮތަކަށް އުޅޭނެކަމަށް އަހަރުމެން މިގޮތަށް އުޅޭ މީހުން ގަބޫލު ކޮށްގެން ނުވާނެ!