މައިކަލް ޖޯޑަން.
28 ނޮވެމްބަރ 2020 - 12:19
ކޮވިޑް-19 ގެ މި ދަތި ހާލުގެ ތެރޭގައި ކާބޯތަކެތި ބޭނުންވާ މީހުންނަށް އެހީވާން މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާ ފީޑިން އެމެރިކާ އަށް ކުރީގެ މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ މައިކަލް ޖޯޑަން ދެ މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
އޭނާގެ ފަރާތުން ލިބުނު އެހީ އަށް ފީޑިން އެމެރިކާ އިން ޝުކުރު އަދާކޮށް ކުރި ޓްވީޓެއްގައި ބުނީ މި އުނދަގޫ އަދި ދަތި އަހަރުގެ ތެރޭގައި އެކި ފަރާތްތަކުން ލިބޭ އެހީ އަށް އަބަދު ވެސް ޝުކުރުވެރިވާ ކަމަށާއި އެންބީއޭ ތަރިއެއްގެ ފަރާތުން ލިބުނު އަކީ ވެސް މި ވަގުތަށް ވަރަށް ބޮޑު ހަދިޔާއެއް ކަމަށެވެ.
ފީޑިން އެމެރިކާ އަކީ މާލީ ގޮތުން ދަތި އާއިލާތަކަށް ކާނާ ފޯރުކޮށް ދިނުމުގެ މަސައްކަތުގައި ހިލޭ ސާބަހަށް އެންމެ ފުޅާކޮށް އެމެރިކާގައި މަސައްކަތްކުރާ ޖަމިއްޔާ އެވެ. އޭގެ މައިގަނޑު މަގުސަދަކީ އެމެރިކާ އިން ބަނޑުހައިހޫނުކަން ނައްތައިލުމެވެ.
An incredible gift to be thankful for – NBA legend Michael Jordan is donating $2 million to help our neighbors facing hunger! #TheLastDance
— Feeding America (@FeedingAmerica) November 25, 2020
Every action makes a difference. Join Michael & visit https://t.co/ExF6iX3wr7 to learn how you can donate or volunteer this holiday season. pic.twitter.com/UVUFQlbe0p
ބާސްކެޓް ލެޖެންޑެއްގެ ގޮތުގައި މަޝްހޫރުވި ޖޯޑަން، 54، ގެ ފަރާތުން ހަދިޔާކުރި ދެ މިލިއަން ޑޮލަރަކީ އެމީ އެވޯޑް ހޯދާފައިވާ އޭނާގެ ކާމިޔާބު ޑޮކިއުމަންޓަރީ "ދަ ލާސްޓް ޑާންސް" އިން ލިބުނު އާމްދަނީގެ ތެރެއިން ބައެކެވެ. ފަސް ކުދިން ތިބި ޖޯޑަންގެ މިލްކިއްޔާތު 1.6 ބިލިއަން ޑޮލަރަށް އަރަ އެވެ.
ޖޯޑަން ބުނީ ޑޮކިއުމަންޓަރީން ލިބުނު އާމްދަނީ ޚައިރާތަށް ހޭދަކުރުމަކީ ލިބޭ ޝަރަފެއް ކަމަށާއި އޭނާ ދިން އެހީގެ ސަބަބުން ޝިކާގޯ އާއި ކެރޮލައިނާގައި ތިބި އެތައް ބަޔަކަށް އެހީވެވޭނެ ކަމަށެވެ.
"ދަ ލާސްޓް ޑާންސް" އަކީ ކުޅިވަރު ޗެނެލް އީއެސްޕީއެން އާއި ނެޓްފްލިކްސް ގުޅިގެން ހަދާފައިވާ އެއްޗެކެވެ. މިނީ ސީރީޒެއްގެ ގޮތުގައި 10 އެޕިސޯޑްގެ ޑޮކިއުމަންޓަރީ އީއެސްޕީއެން އިން ގެނެސްދިނީ އެޕްރީލް 19 އިން މެއި 17 އަށެވެ. ޖޭޒަން ހެހިރް ޑައިރެކްޓްކުރި ޑޮކިއުމަންޓަރީ ނެޓްފްލިކްސް އިން ސްޓްރީމްކުރީ ޖުލައި 19 ގަ އެވެ.
ޖޯޑަން ފައިސާގެ ބޮޑު އެހީއެއް ދިން ފީޑިން އެމެރިކާ އަކީ މި އަހަރު ވަރަށް ގިނަ ސެލެބްރިޓީން ފައިސާ ހަދިޔާކުރި ޖަމިއްޔާއެކެވެ. އޭގެ ތެރޭގައި އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ލަވަކިޔުންތެރިޔާ ރިއާނާ އާއި ފިލްމީ ތަރިން ކަމަށްވާ ރަޔަން ރެނޮލްޑްސް އާއި އަންހެނުން ބްލޭކް ލައިވްލީގެ އިތުރުން އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ފިރިމީހާ ނިކް ޖޯނަސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގަމާކުންބެ
28 November 2020
މަމެން އެނގޭގޮތުގާ އޭނާއަށްކިތަނީ ޓައިޒަން ނުވަތަ ޓާޒަނެއްނޫން. އޭނާއަށް ކިޔަނީ ޓައިސަން.
Office 365
28 November 2020
އޭނައަކީ މިހާރު މުސްލިމެއް.