އައިލެންޑާސް އިން ތައްޔާރު ކުރި އާބަން ގާޑެނިންގެ އަމަލީ މޮޑެލް އިފްތިތާހުކުރަނީ -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން
29 ނޮވެމްބަރ 2020 - 20:39
ކާނާގެ ޔަގީންކަން ކަށަވަރުކުރަން އެގްރިކަލްޗާ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގައި އައިލެންޑާސް އެޑިއުކޭޝަން އިން ބައިވެރިވެ، ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލްގައި އާބަން ގާޑެނިންގެ ޕްރޮގްރާމް މިއަދު ފަށައިފި އެވެ.
އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އައިލެންޑާސް އިން ތައްޔާރު ކުރި އަމަލީ މޮޑެލް އިފްތިތާހު ކޮށްދެއްވީ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޒަހާ ވަހީދެވެ. އެ މޮޑެލް ތައްޔާރުކޮށްފައި ވަނީ އެގްރިކަލްޗާ މިނިސްޓްރީގެ އިރުޝާދާއި ލަފައާ އެއްގޮތަށް ކަމަށް އައިލެންޑާސް އިން ބުންޏެވެ.
މި ޕްރޮޖްޓުގެ ތެރެއިން އިންދާފައިވާ ބައެއް ގަސްގަސް -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޒަހާ ވިދާޅުވީ ދަނޑުވެރިކަމުގެ މަސައްކަތަށް ސްކޫލް ދަރިވަރުން އަހުލުވެރި ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. ކާނާގެ ޔަގީންކަން ކަށަވަރުކުރަން ފަރުދީ ފެންވަރުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި އާބަން ގާޑެނިން މޮޑެލެއް ހެދުމުގެ މަސައްކަތުގައި ބައިވެރިވާން އައިލެންޑާސް އެޑިއުކޭޝަނުން އެގްރިކަލްޗާ މިނިސްޓްރީއާ އެކު އެއްބަސްވީ މިދިޔަ މަހެވެ. މި މަޝްރޫއުގައި ކެމިކަލް ފަދަ ތަކެތި ބޭނުން ނުކުރާނެ ކަމަށް އައިލެންޑާސް އިން ބުންޏެވެ. ގަސް ކާނާގެ ގޮތުގައި ބޭނުންކުރާނީ އުކާލާ ކާތަކެތިން ބޭނުންކުރާ ކާބޯތަކެތިން އުފައްދާ ގަސްކާނާ އާއި އޯގޭނިކް ތަކެއްޗެވެ. މި މަޝްރޫއުގައި ކުދި ޖާގަތަށް އެންމެ އެކަށީގެންވާ ގޮތަށް ދަނޑުވެރިކަން ކުރަން އިސްކަންދޭނެ އެވެ.
މި މަސައްކަތް ކުރިއަށް ގެންދާނީ އައިލެންޑާސް އިން ފަށާފައިވާ "ބަން އާތު އެކަޑަމީ" ޕްރޮގްރާމާ ގުޅުވައިގެނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުލަމް
30 November 2020
ކުދިންނަށް ކިޔެވުން ނޫން އެހެން ކަންތަށް ސްކޫލުން ކުރަން ފުރުސަތުލިބުން ވަރަށް މުހިންމު. ސްކޫލުތަކުގައި އޯލެވެލް ހަދައިގެން މަސައްކަތެއް ކުރަން މައިދާނަށް ނިކުންނައިރު ކުދިންނަކަށް ވާއެއް ނުވާއެއް ނޭންގޭ. އެނގެނީ ފޮތްތެރޭގައި ދިރިއުޅެން ދެން އެގްޒޭމެއް ހަދަން. މަސައްކަތުގެ މައިދާނުގައި އެގްޒޭމެއްނޯންނާނެ. އެކަކު އަނެކަކާ އެއްކޮށް މަސައްކަތް ކުރަން ދަސްވާންޖެހޭ. މައްސަލަ ހައްލުކުރަން އެނގެންޖެހޭ. ކްރިއޭޓިވްވާންޖެހޭ.
ގުރުޑޭ
29 November 2020
ބަލަ ޒަހާ ބޭރުކޮށްބަ. އކަމނާ ފިޓެއްނޫން އެޤްރިކަލްޗަރާއި ފިޝަރީޒު ފަދަ މުޅި ރާއްޖޭގެ ރަށްރަށާއި ރައްޔިތުންނާއި ގުޅުންހުރި މިނިސްޓުރީއެއް ހިންގަން. ތަފާތުކުރުމުގެ ފިކުރުން އެއްކިބާވެ މުޅި ރާއްޖޭގެ ވިސްނުން ހުތި ބޭފުޅަކަށް ނޫނީ އެފަދަ މިނިސްޓްރީއެއް ނުހިންގޭނެ. މާލެއަކު ދަނޑުވެރިކަމެއް ނުކުރެވޭނެ. ތިކުޅިވަރު ސަކަރާތް ޖަހާނެ ކަމެއްނެތް.