ހަލަބު ސިޓީ އަށް ދޭ ވައިގެ ހަމަލާތަކުގެ ސަބަބުން އެ ސިޓީ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. --ފޮޓޯ:ރޮއިޓާސް
03 ނޮވެމްބަރ 2016 - 11:32
ދިމިޝްގު (ނޮވެމްބަރު 3) - ހަލަބު ސިޓީގައި ތިބި ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން ހުކުރު ދުވަހުގެ ހަވީރާ ހަމައަށް އެ ސިޓީން ނުކުމެގެން ދިއުމަށް ރަޝިޔާ އާއި ސީރިއާ ސިފައިން އިންޒާރު ދީފި އެވެ.
ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނީ އިދިކޮޅު ހަނގުރާމަވެރިން ހަލަބު ދޫކޮށް ދިއުމަށް މާދަމާ ޚާއްސަ ދެ މަގެއް ހުޅުވާލާނެ ކަމަށެވެ. އަދި ހަނގުރާމަވެރިންނާ އެކު އެ މީހުންގެ ހަތިޔާރުތައް ގެންދިއުމަށް ފުރުސަތު ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި އާއްމުންނާއި ބަލި މީހުން ހަލަބު ދޫކޮށްދިއުމަށް ހަ މަގެއް ހުޅުވާލާނެ ކަމަށް ވެސް ރަޝިޔާގެ ދިފާއީ ވުޒާރާ އިން ވަނީ ބުނެފަ އެވެ.
އެކަމަކު ރަޝިޔާ ސިފައިންގެ ހުށަހެޅުމަށް ވަނީ އިދިކޮޅު ހަނގުރާމަވެރިން ދެކޮޅު ހަދައިފަ އެވެ. އިދިކޮޅު ޖަމާއަތެއް ކަމަށްވާ ފަސްތަގިމްގެ ތަރުޖަމާން ޒަކަރިއާ މަލާހިފްޖީ ބުނީ ރަޝިޔާ ސިފައިންނަށް ހަލަބު ސިޓީ ދޫކޮށްލުމަށް އެ މީހުން އަމާން ނުދޭނެ ކަމަށެވެ.
ހަލަބު ސިޓީ ދޫކޮށް ދިއުމަށް މީގެ ކުރިން ހުޅުވާލި ފުރުސަތުތައް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިން އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ތުހުމަތުކުރި ގޮތުގައި ހަލަބުން މީހުން ނުކުތުމަށް ވަނީ ހުރަސް އަޅައިފަ އެވެ.
ސީރިއާ ސިފައިންގެ ބަޔާނެއްގައި ބުނީ އިދިކޮޅު ހަނގުރާމަވެރިންގެ ލުއި ހަތިޔާރުތަކާ އެކު އިދްލީބާ ދިމާލަށް އޮންނަ ކަސްޓެލޯ މަގުން ނުކުމެގެން ދިއުމަށް ފުރުސަތު އެބައޮތް ކަމަށެވެ. މި ފުރުސަތު ހުޅުވާލާނީ މާދަމާ ހެނދުނު 9 އިން އިރުއޮއްސި 7 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy