02 ޑިސެމްބަރ 2020 - 09:40
ލިވަޕޫލް (ޑިސެމްބަރު 2) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލުން 1-0 އިން އަޔަކްސް ބަލިކޮށް މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދިއިރު، ރަށުންބޭރުގައި އެތުލެޓިކޯ މެޑްރިޑާ 1-1 އިން އެއްވަރުވެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން މި މުބާރާތުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް 15 މެޗަށް ފަހު ނިމުމެއް އަތުވެއްޖެ އެވެ.
މިދިިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ތަށި ބަޔާނުން އުފުލާލީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައިވާ ބަޔާން ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. އެތުލެޓިކޯ ދެ ވަނައިގައި އޮތީ ފަސް މެޗުން ހަ ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ އަތުން ރޭ 2-1 އިން މޮޅުވި އޮސްޓްރިއާގެ ޗެމްޕިއަން ސަލްޒްބާގް އެވެ. އެ ޓީމު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓާ އެވެ. ލޮކޮމޯޓިވް އެންމެ ފުލުގައި އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ.
މުބާރާތުގެ އަނެއް ބުރުން އެތުލެޓިކޯ ފުރުސަތު ހޯދަން ފަހު މެޗުން ރަށުންބޭރުގައި ސަލްޒްބާގް އަތުން ބޭނުންވަނީ ޕޮއިންޓެކެވެ. އެ މެޗުން މޮޅުވެގެން ސަލްޒްބާގަށް އަނެއް ބުރުގެ ޖާގަ ހޯދޭނެ އެވެ.
އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގައިދިނީ ޔާއޯ ފެލިކްސް އެވެ. އަނިޔާގެ ސަބަބުން އެތުލެޓިކޯގެ ޑިއޭގޯ ކޮސްޓާ ނުކުޅޭއިރު، ކޮވިޑް-19 އިން ރަނގަޅުނުވާތީ ލުއިސް ސުއަރޭޒް ވެސް ހުރީ ޓީމާ ދުރުގަ އެވެ. އެތުލެޓިކޯ މޮޅުވާން ދަނިކޮށް މެޗުގެ ނިމެން ފަސް މިނިޓަށް ވެފައި ހުއްޓައި ބަޔާނަށް އެއްވަރުކޮށްދިނީ ތޯމަސް މުލާ ކާމިޔާބުކުރި ޕެނަލްޓީންނެވެ.
ބަޔާންގެ ދެ ކުޅުންތެރިން ކައިރިން އެތުލެޓިކޯގެ ޔާއޯ ފެލިކްސް (މ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ
ބަޔާންގެ ކޯޗު ހަންސީ ފްލިކް ބުނީ ރެކޯޑަށް ނިމުމެއް އައި ކަމުގައި ވިޔަސް މެޗުދިޔަ ގޮތަށް ބަލާއިރު މި ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އެކަމަކު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ މިއީ އޭނާގެ ޓީމުން މޮޅުވާން ނިކުތް މެޗެއް ކަމަށާއި އެކަން ހާސިލްނުވުމުން ހިތްހަމަޖެހެއޭ ނުބުނެވޭނެ ކަމަށެވެ.
ލިވަޕޫލުން ރޭގެ މޮޅާ އެކު ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ހޯދީ ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ރޭ ޑެންމާކުގެ މިޓްޔައެލަންޑާ 1-1 އިން އެއްވަރުވި އިޓަލީގެ އެޓަލަންޓާ އެވެ. އެ ޓީމަށް ފަސް މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، އަޔަކްސް އަށް ފަސް މެޗުން ހަމަކުރެވުނީ ހަތް ޕޮއިންޓެވެ. ފުލުގައި އޮތް މިޓްޔައެލަންޑްގެ އޮތީ ފަސް މެޗުން އެއް ޕޮއިންޓެވެ.
އަނިޔާގެ ސަބަބުން ލިވަޕޫލުން ކީޕަރު އެލިސަން ބެކާ ނުލައި ކުޅުނު މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ޒުވާން ކީޕަރު ކޮއަމްހީން ކެލަހާ އެވެ. މެޗުގައި ލިވަޕޫލް މޮޅުކޮށްދިން ގޯލު ދެ ވަނަ ހާފުގައި ޖެހީ 19 އަހަރުގެ މިޑްފީލްޑަރު ކާޓިސް ޖޯންސް އެވެ. އަޔަކްސް އަށް ގޯލު ޖަހައިދޭން ޑޭވިޑް ނެރޭސް ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވިއިރު، ފަހު ވަގުތު ކްލާސް ޔާން ހަންޓެލާ ޖެހި ބޯޅަ ކީޕަރު ކެލަހާ ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލަށް ލީޑުފުޅާކޮށްދޭން ރޮބާޓޯ ފިރްމީނޯ އާއި މުހައްމަދު ސަލާހަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިއީ 2015 ވަނަ އަހަރު އޭނާ އެ ޓީމާ ހަވާލުވި ފަހުން އެންމެ އުނދަގޫ ހާލަތެއްގައި އޮވެ މޮޅުވި އެއް މެޗަށް ވާނެ ކަމަށާއި އެހެން ކަމުން ހާއްސަ އިހުސާސެއް ކުރެވޭ ކަމަށެވެ.
ގްރޫޕް ސީގައި ރޭ މެންޗެސްޓާ ސިޓީއާ ލަނޑެއް ނުޖެހި އެއްވަރުކޮށް ޕޯޓޯ ވެސް ވަނީ އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ. ސިޓީ އަށް ރޭގެ ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނަ ވަނީ ކަށަވަރުވެފަ އެވެ. ފަސް މެޗުން ސިޓީ އަށް 13 ޕޮއިންޓް ލިބިފައިވާއިރު، ފަސް މެޗުން ޕޯޓޯ އަށް ހަމަކުރެވުނީ 10 ޕޮއިންޓެވެ. ގްރޫޕްގެ ތިން ވަނައިގައި އޮތް އޮލިމްޕިއާކޯސް ރޭ ކުޅުނު މެޗުން ފްރާންސްގެ މާސޭ އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ. ތިން ވަނައިގައި އޮތް އޮލިމްޕިއާކޯސް އާއި ހަތަރެއްގައި އޮތް މާސޭ އަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy