ކުޅިވަރު / ޔޫރޮޕާ ލީގް

މިލާނާއި ޓޮޓެންހަމް ހިމެނޭގޮތަށް ގިނަ ޓީމުތަކެއް އަނެއް ބުރަށް

މިލާންގެ ބްރަހިމް ޑިއާޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

04 ޑިސެމްބަރ 2020 - 10:19

ލަންޑަން (ޑިސެމްބަރު 4) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ އިޓަލީގެ އޭސީ މިލާނާއި އިންގްލެންޑްގެ ޓޮޓެންހަމް ހޮޓްސްޕާސް ހިމެނޭގޮތަށް މުބާރާތުގެ އަނެއް ބުރުން ގިނަ ޓީމުތަކެއް ޖާގަ ހޯދައިފި އެވެ.

މިދިޔަ ހަފްތާގައި ގްރޫޕްގެ ބާކީ ދެ މެޗު އޮއްވައި މުބާރާތުގެ ގަދަ 32 ޓީމު ވާދަކުރާ ބުުރުން ފުރުސަތު ހޯދީ ލެސްޓާ ސިޓީ، އާސެނަލް، ހޮފެންހައިމް އަދި ރޯމާ އެވެ. ރޭގެ މެޗުތަކަށް ފަހު ބާކީ އެއް މެޗު އޮއްވައި މުބާރާތުގެ އަނެއް ބުރުން ވަނީ 14 ޓީމެއް ފުރުސަތު ހޯދައިފަ އެވެ. ދެން ހުރި ޖާގަތައް ކަށަވަރުވާނީ އަންނަ ހަފްތާގައި ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ފަހު އެވެ.

ރޭ ފުރުސަތު ހޯދި ޓީމުތަކަކީ މިލާނާއި ޓޮޓެންހަމްގެ އިތުރުން ސްޕެއިނުގެ ވިޔަރެއާލާއި ގްރަނާޑާ އާއި ޕޯޗުގަލްގެ ބްރާގާ އާއި ބެންފީކާ އާއި ޖަރުމަނުގެ ބަޔާ ލެވަކޫސަނާއި ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން އެވެ. މީގެ އިތުރުން ފްރާންސްގެ ލިލް އާއި ސްކޮޓްލެންޑްގެ ރޭންޖާސް އާއި ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑާއި ޗެކް ރިޕަބްލިކްގެ ސްލަވިއާ ޕްރާގް އާއި ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އަދި ބެލްޖިއަމްގެ އެންޓްވާޕް ވެސް ފުރުސަތު ހޯދި އެވެ.

މިލާނުން ރޭ ވަނީ ސްކޮޓްލެންޑްގެ ސެލްޓިކްގެ މައްޗަށް 4-2 އިން ކުރިހޯދައިފަ އެވެ. ސެލްޓިކުން ވަނީ 14 މިނިޓް ތެރޭ ޓޮމް ރޮޖިކާއި އޮޑްސޯނޭ އެޑޮއާޑްގެ ގޯލުތަކުން ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މިލާން ފަހަތުން އަރައި މޮޅުވިއިރު އެ ޓީމުގެ ގޯލުތައް ޖެހީ ހަކަން ޗަނޮނޮގްލޫ، ސަމޫ ކަސްޓިލޭހޯ، ޔެންސް ޕެޓާ ހޫގާ އަދި ބްރަހިމް ޑިއާޒް އެވެ.

ފޯރިގަދަ މެޗަކަށް ފަހު އޮސްޓްރިއާގެ ލާސްކް އާއި ޓޮޓެންހަމް ވަނީ 3-3 އިން އެއްވަރުވީ އެވެ. ޕީޓާ މިކޯލްސްގެ ގޯލުން ލާސްކް ލީޑުނަގާފައިވަނިކޮށް ފުރަތަމަ ހާފުގައި ޕެނަލްޓީ އަކުން ގަރެތު ބޭލް ވަނީ ޓޮޓެންހަމަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަނަ ހާފް ފަށައިގެން 10 މިނިޓް ތެރޭ ސޮން ހެއުން މިން ވަނީ ޓޮޓެންހަމަށް ލީޑުނަގައިދީފަ އެވެ. މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް ލާސްކަށް އެއްވަރުކޮށްދިނީ ޔޮހާނެސް އެގެސްޓެއިން އެވެ. އޭގެ އިރުކޮޅެއް ފަހުން ޑެލޭ އަލީ ޕެނަލްޓީ އަކުން އަނެއްކާ ވެސް ޓޮޓެންހަމަށް ލީޑު ނަގައިދީފައިވަނިކޮށް އިތުރު ވަގުތުގައި ލާސްކަށް އެއްވަރުކޮށްދިނީ މަމަދޫ ކަރަމޯކޯ އެވެ.

އިނގިރޭސި ސަރުކާރުން ދިން ހުއްދައާ އެއްގޮތަށް 2000 ސަޕޯޓަރުން ވައްދައިގެން އާސެނަލް ކުޅުނު މެޗުގައި ވަނީ 4-1 އިން ރެޕިޑް ވިއޭނާ ބަލިކޮށްފަ އެވެ. އާސެނަލްގެ ލަނޑުތައް ޖެހީ އަލެކްސަންޑަ ލަކަޒޭޓް، ޕަބްލޯ މަރީ، އެޑީ އެންކެޓިއޭ އަދި އެމީލް ސްމިތު ރޯވް އެވެ. ވިއޭނާގެ ހަމައެކަނި ގޯލު ޖެހީ ކޮހްޔާ ކިޓަގާވާ އެވެ.

ރޭ ޔޫކްރޭންގެ ޒޯރްޔާ ލުހަންސްކް އަތުން 1-0 އިން ބަލިވެ ލެސްޓާ ސިޓީ ވަނީ މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ބަލިވެފަ އެވެ. ބެލްޖިއަމްގެ ސްޓެންޑާޑް ލީޖް އަތުން ސްޓީވެން ޖެރާޑްގެ ކޯޗުކަމުގައި ކުޅޭ ރޭންޖާސް މޮޅުވީ 3-2 އިންނެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454