އީގަލްސްގެ ޕްރެކްޓިހުގެ ތެރެއިން އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން).-- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 ޑިސެމްބަރ 2020 - 08:53
ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ނުކުންނައިރު ކްލަބް އީގަލްސް އޮތީ އެންމެ ވަރުގަދަކޮށް ނޫން ކަމަށާއި އެހެން ނަމަވެސް ރަނގަޅު ފައިޓެއްދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
އީގަލްސްގެ ބިދޭސީ ކުޅުންތެރިން އަދި އެ ޓީމާ ނުގުޅެ އެވެ. އަނެއްކޮޅުން ޕްރީ ސީޒަންގެ ޕްރެކްޓިސް ފެށުނީ އެކަން ކުރަން ބޭނުންވި މުއްދަތަށް ވުރެ 15 ވަރަަކަށް ދުވަސް ފަހުންނެވެ. މޯހަން ބުނީ މުޅި ސްކޮޑު އެއްކޮށް ހަމަނުވުމާއި އެއް ހާފުގައި ޕްރެކްޓިސްކުރަން ޖެހުމުން އުނދަގޫތަކެއް ދިމާވި ކަމަށެވެ.
"އެއްވެސް ބޭރު ކުޅުންތެެރިއެއް ނެތި މި ކުޅެން ޖެހެނީ ރާއްޖޭގައި އޮތް އެންމެ މޮޅު އަދި އެންމެ ވަރުގަދަ ޓީމާ. މާޒިޔާއަކީ ވަރަށް ގަދަ ވަރަށް ނުރައްކާ ޓީމެކޭ ދަންނަވަންޖެހޭނީ. އެހެން ނަމަވެސް އަޅުގަނޑުމެން އެއްގޮތަކަށް ވެސް އެ ކަހަަލަ ޖެހިލުންވުމެއް ނޯންނާނެ. އީގަލްސްގެ ކުޅުންތެރިންނަށް ވަރަށް އިތުބާރު އެބައޮތް. އުއްމީދަކީ އިރާދަކުރެއްވިއްޔާ ރަނގަޅު ފައިޓެއްދީ ކާމިޔާބެއް ހޯދުން،" ކުރިން ނިއު ރޭޑިއަންޓާ އެކު ކާމިޔާބީތަކެއް ހޯދި މޯހަން ބުންޏެވެ.
އީގަލްސް އިން މި ސީޒަނަށް ޓީމު އެކުލަވާލިއިރު ދިމާވި އެންމެ ބޮޑު އުނދަގޫ ކަމަކީ ފާއިތުވި އަހަރުތަކުގައި އެ ޓީމުގެ ގޯލު ބެލެހެއްޓި ސްރީލަންކާގެ ގައުމީ ޓީމުގެ ކީޕަރު ސުޖަން ޕެރޭރާ މި އަހަރު އެ ޓީމުން ނުފެނުމުގެ އިތުރުން އެންމެ ފަހު ވަގުތު އަލީ ފާސިރު (ސެންޓޭ) ވެސް އީގަލްސް ދޫކޮށް ވެލެންސިއާ އަށް ބަދަލުވުމެވެ. މޯހަން ބުނީ މި ދެ ކުޅުންތެރިން ނެތްތަން ފޫބެއްދުމަކީ އުނދަގޫވާނެ ކަމެއް ކަމަށެވެ.
"މިދިޔަ ހަތަރު ނޫނީ ފަސް ވަރަކަށް އަހަރު އީގަލްސްގެ ގޯލު ބެލެހެއްޓީ ސުޖަން. ކުޅުންތެރިންނަށް ވެސް ވަރަށް ބޮޑު އިތުބާރެއް ލިބޭ ކުޅުންތެރިއެއް ސުޖަން އަކީ. އެހެންވީމަ ކޮންމެ ގޮތެއް ވިޔަސް އޭގެ އަސަރުތަކެއް ހުންނާނެ. މިދިޔަ އަހަރު ޓީމުގެ ތެރެއިން ގެއްލުނީ ސެންޓޭ. ވަރަށް މުހިއްމު ކުޅުންތެރިއެއް އެ ގެއްލުނީ. އެކީ ފޫބެއްދޭ ވަރުގެ ކުޅުންތެރިއެއް ނޫން. އެހެން ނަމަވެސް ދެން ތިބި ކުޅުންތެރިން އަންނަނީ ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން އެތަން ފޫބައްދަން. ޓީމެއްގެ ގޮތުގައި އެ މަސައްކަތް ކުރެވޭތޯ މި ބަަލަނީ،" މޯހަން ބުންޏެވެ.
އީގަލްސްގެ ޕްރެކްޓިހުގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އީގަލްސް އިން ވަނީ ގޯލްކީޕަރެއް ހިމެނޭ ގޮތަށް ބިދޭސީ ކުޅުންތެރިންތަކެއް ޓީމު ލިސްޓުގައި ޖަހައިފަ އެވެ. އެ ކުޅުންތެރިން ގެނެސް އެންމެ ރަނގަޅަށް ތައްޔާރުވެވޭނެ ކަމަށް ބެލެވެނީ އޭއެފްސީ ކަޕްގެ ކޮލިފައިން އަށެވެ. މޯހަން ބުނީ އޭގެ ކުރިން އީގަލްސްގެ ގޯލު ބަަލަހައްޓާނީ ޒުވާން ކީޕަރެއް ކަމަށެވެ.
ބެލެވޭ ގޮތުގައި އެއީ 19 އަހަރުން ދަށުގެ ގައުމީ ޓީމާއި ކްލަބް ގްރީން ސްޓްރީޓްސްގައި ލޯން އެއްބަސްވުމެއްގެ ދަށުން ރަނގަޅު ކުޅުމެއް ދެއްކި ކީޕަރު ހަސަން އަލީފް އެވެ.
"އަޅުގަނޑުމެންގެ ޒުވާން ދިވެހި ކީޕަރަކީ ވެސް ރަނގަޅު މުސްތަގުބަލެއް އޮތް ކީޕަރެއް. އޭނައާ އެކީ ކުޅެން ޖެހޭނީ. ޕްރެޝަރު މެޗުތަކަށް ނުކުންނައިރު މިސްޓޭކް ވެސް ހެދޭނެ އޭގެން ދެން ރަނގަޅުކުރެވޭނީ. ބޭރު ކީޕަރެއް އައުން ވަރަށް ކައިރި. އޭއެފްސީ ކަޕްގައި ނަތީޖާ ނެރެން ބަލާއިރު އެސްޓަބްލިޝްޑް ކީޕަރެއް ހުންނަންވާނީ އާ ކީޕަރެއް ޓެސްޓްކުރުމަށް ވުރެން. ތިން ހަތަރު މެޗު މި ކީޕަރު ލައިގެން ކުޅެން ޖެހޭނެ،" މޯހަން ބުންޏެވެ.
އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ބުނީ އެހާ ގިނަ ދުވަހު ނުކުޅެ ހުރެފައި އައިސް ތައްޔާރުވާން ބަލާއިރު އެންމެ ބޭނުންވި ވަރަށް ޕްރީ ސީޒަނަށް ވަގުުތު ނުލިބުނު ކަމަށާއި އެހެން ނަމަވެސް ފުރަތަމަ މެޗާ ކުރިމަތިލާއިރު ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މެޗަށް ތައްޔާރުވެގެން ކަމަށެވެ.
އީގަލްސް އިން ފުރަތަމަ ފަހަރަށް ޗެރިޓީ ޝީލްޑް މެޗުގައި ކުޅޭއިރު އެ ޓީމަކީ މިދިޔަ ސީޒަނުގައި މާޒިޔާއާ ދެކޮޅަށް ރެކޯޑް ރަނގަޅު ޓީމެކެވެ. މާޒިޔާއާ ދެކޮޅަށް މިދިޔަ ސީޒަނުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އީގަލްސް މޮޅުވި އެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ޝީލްޑް މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕޮކަޑިމޭން
08 December 2020
އެފްއޭއެމް އާ މާޒިއާ، ޓީސީ އަދި އީގަލްސްއިން ޒާތީ ތައައްސަބު އިސްކޮށްގެން ނިއުރޭޑިއަންޓާއި ވިކްޓަރީ ސަސްޕެންޑްކޮށްފައި ބާއްވައި، ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން ދެވަނަ ޑިވިސަނަށް ރެލިގޭޓް ވެފައިވާ ގޯތި ޓީމު ވެލެންސިއާ ޤަވާއިދާ ޚިލާފަށް ފުރަތަމަ ޑިވިސަނަށް ޕްރޮމޯޓްކޮށްގެން ކުޅޭ ބައްސާމް ލީގް ބެލުމުގެ ސައުގުވެރިކަމެއް ނެތް ކަމުގައި ދަންނަވަން
ރަދީފްއޮފިޝިއަލް
08 December 2020
ހޫ ކެއާސް.