ޝީލްޑް މެޗަށް ފަހު އީގަލްސްގެ ކޯޗު މޯހަން ނޫސްވެރިންނަށް މައުލޫމާތު ދެނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
09 ޑިސެމްބަރ 2020 - 12:45
ޗެރިޓީ ޝީލްޑް މެޗުގައި ފަހަތުން އަރައި 3-2 އިން އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ބަލިކުރެވުމުން ކުރިއަށް އޮތް ސީޒަނާ މެދު އީގަލްސްގެ ކުޅުންތެރިންގެ އިތުބާރު ބޮޑުވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
ބޭނުންވި މުއްދަތަކަށް ވުރެ 15 ވަަރަކަށް ދުވަސް ފަހުން ޕްރީ ސީޒަން ފެށުމާއި ބިދޭސީ ކުޅުންތެރިން އަދި ޓީމާ ނުގުޅޭތީ ސްކޮޑު އެކީ ޕްރެކްޓިސް ނުކުރެވުމުން އީގަލްސް ރޭގެ މެޗަށް ނުކުތީ 100 ޕަސެންޓް ތައްޔާރުނުވެ އެވެ. އެކަމަކު މާޒިޔާ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި ދެ ވަނަ ހާފްގެ އަށް މިނިޓް ތެރޭ ތިން ގޯލު ޖަހައި އީގަލްސް އިން ފުރަތަމަ ފަހަރަށް ޝީލްޑް އުފުލާލުމުން މޯހަން ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.
"ވަރަށް ރީތި ފުޓްބޯޅައެއް އަޅުގަނޑުމެން ޓީމު ކުޅުނު. އެކަމަށް ވަރަށް ހިތްހަމަޖެހޭ. މި ކާމިޔާބު ލިބުނީމަ މި ފުޓްބޯޅަ އަށް ބަލާފައި ވަރަށް ބޮޑަށް ހިތްހަަމަޖެހޭ. ފުރަތަމަ މެޗަށް ބަލާއިރު އަޅުގަނޑު އުއްމީދެއް ނުުރަން މި ވަރު ޓީމު ޕާފޯމަންސެއް ފެނިދާނެ ކަމަށް. މި ވަރުގެ އެޓޭކް ނޫނިއްޔާ ޕްލޭ އެއް ފެނިދާނެކަމަށް. އެހެން ނަމަވެސް މާ ބޮޑަށް ރަނގަޅަށް ފެނިގެންދަނީ،" މޯހަން ބުންޏެވެ.
ފުރަތަމަ ހާފުގައި މާޒިޔާ އިން 10 މިނިޓް ތެރޭ ދެ ގޯލު ޖެހުނީ އީގަލްސް އިން ވަރަށް އާދައިގެ ގޯސްތަކެއް ހެދުމުންކަން ފާހަގަކޮށް މޯހަން ބުނީ ކުޅުންތެރިން އެކަން ރަނގަޅުކުރަން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް ބަލައިގަންނަ ކަމަށެވެ. އަދި ބިދޭސީ ކުޅުންތެރިން އަވަހަށް ގެންނަން މެނޭޖްމަންޓުން މަސައްކަތްކުރާ ކަމަށާއި އެ ކުޅުންތެރިން ޓީމާ ގުޅުމުން އިތުރަށް ޓީމު ފުރިހަމަވާނެ ކަމަށް މޯހަން ބުންޏެވެ.
މާލެ: ޑިސެމްބަރު 8، 2020: މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން: މެޗު އަށްފަހު ކްލަބް އީގަލްސްގެ ކުޅުންތެރިން ކޯޗްއާއި އެކު އުފާފާޅުކުރަނީ. -- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު
"ހަގީގަތުގައި އަޅުގަނޑުމެންގެ ސްކޮޑު ބަލާނަމަ މި ފެންނަނީ ބޭރުން ވަރަށް ޔަންގް އަދި ވަރަށް ޔޫތު ކުޅުންތެރިން. ޕްރެޝަރުގައި ކުޅެން އުނދަގޫވާ ކުޅުންތެރިން. އަދި ޖުމްލަކޮށް ސްކޮޑު ވަރަށް ކުޑަކޮށް މި ފެންނަނީ. ކުޅުންތެރިން ލިބުނީމަ އިތުރަށް ވަރުގަދަވާނެ. މި ކުޅުމަށް ވުރެން އަދި އިތުރަށް ޓީމު ވަރުގަދަވާނެ،" މޯހަން ބުންޏެވެ.
އީގަލްސް ކޮޅަށް ރޭގެ މެޗު އަނބުރާލުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތް އެއް ކުޅުންތެރިއަކީ 17 އަހަރުގެ ފޯވާޑް ޒައިން ޒަފަރު އެވެ. އަދި އޭނާގެ ބޭބެ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު ރިޒްވާން (ރިޒޭ) އާއި ހަސަން ރާއިފް (ހަންނަ) އަދި މުހައްމަދު ނާއިމް ވަނީ އެޓޭކުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
"ވަރަށް ޒުވާން ކުޅުންތެރިއެއް އަޅުގަނޑުމެންގެ ފުރަތަމަ ގޯލު ޖެހީ އަދި އުމުރުން 17 އަހަރު ކަންނޭނގެ. މިދިޔަ އަހަރު ފަހު ބައިގައި ޓީމާ ގުޅުނު ކުޅުންތެރިއެއް. ވަރަށް ރަނގަޅަށް ކުޅުނު،" މޯހަން ބުންޏެވެ.
މިދިޔަ އަހަރު ލީގުގެ ދެ ވަނަ ހޯދި އީގަލްސް އިން މި ފަަހަރުގެ ސީޒަން މި ފެށީ ލީގުގެ ޗެމްޕިއަން ބަލިކޮށްފަ އެވެ. އީގަލްސް އަށް މި ކާމިޔާބީން ހިތްވަރު ހޯދައި މި ފަހަރު ލީގަށް ވާދަކުރެވިދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން މޯހަން ބުނީ އެ ޓީމުން މީގެ ދެ ތިން އަހަރެއް ކުރިން ލީގަށް ވާދަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެކަމަށް މަސައްކަތްކުރަމުން މިދަނީ. މިދިޔަ އަހަރުގެ ކުރީ އަހަރުން ފެށިގެން މަޑުމަޑުން އެ އަށް މަސައްކަތްކުރަމުން މިދަނީ. ފެންނަނީ އިމްޕްރޫވްމަންޓް ވަރަށް ބޮޑަށް. ވަރަށް އުއްމީދުކުރަން ކާމިޔާބު ހޯދޭނެ ކަމަށް،" މޯހަން ބުންޏެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭނީ މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާރީ
09 December 2020
މަރުހަބާ މޯހަން. އެކަމް ދެރައީ ރާއްޖޭގެ އެއްމެ ކާމިޔާބު ދެ ޓީމް ސަސްފެންޑް ކޮށްފަ ބާންވާގެން ބޯޅަ ކުޅެށް އުޅޭ އިރުވެސް މޯހަން މެން ކަހަލަ ފުރޮފެސަނަލު ކޯޗުން އަޑް ނޫފުލާތީ.
އާތި ކިރު
09 December 2020
މާޒިޔާ މިހާރު ތިބޭނީ ހަމަ ބިމައް ތިރިވެފަ
ޕެނިކުފަރީދާ
09 December 2020
މޯހަންގެ މައިންޑް ގޭސްގެ އަސަރު މާޒިއާ ކުޅުންތެރިންނަށް ކުރީހެން ހީވަނީ. މޯހަން ބުނީ އެމީހުންގެ ތައްޔާރީތަ އަދި އެހާ ފުރިހަމައެއްނޫނޭ ވަގުތު ބޭނުމެ. މާޒިއާ ކުޅުން ތެރިންނަށް އެކަން ގަބޫލު ކުރެވުނީ، އެކަމަށް ބޮޑަށް ބާރު ލިބުނީ މެޗު ފެށުނުތަނާ ލަނޑެއް ޖެހުނީމަ. އެމީހުންނަށް ގަބޫލު ކުރެވުނީ އީގަލްސް ފަރަގު ބޮޑުކޮށް ދުއްވާލެނޭކަމަށް....އެމީހުންނަކަށް ނޭގޭ އީގަލްސްގަ ރިލޭ ކިޔާ ކުޅުން ތެރިއެއް ހުރިކަމަށް. ހީ މޭޑް ދަ ޑިފަރަންސް!
ފުތުބެ
09 December 2020
ރިޒޭ !!
ނަގިއްޔާ
09 December 2020
ވަރަށް މޮޅަށް ސީޒަން ފަށަންކަމަށް ދުނިޔޭގެ ފެންވަރު ރެފްރީއެއް ގެނެސްގެން ސީޒަން ހުޅުވި މެޗުގަ ކޯޗެއް މިފެނުނީ! މީތަ ފެންނަންޖެހޭ މަންޒަރަކީ! ސީޒަނެއް ފަށަން އެތަކެއް ދުވަހެއްލިބި ސީޒަން ފެށި މެޗުން ސިޑިބަރިތަކުން ފެނުނީ ކުނިބުނި އޭތީމީތި، އަހަރެން އަސްލު ލަދުގަތީ. މީތަ ބައްސާމުމެން ބޮޑެތި އިވެންޓް ތަކަށް ތައްޔާރުވާ ގޮތަކީ!! ދެންވިސްނާ ފުޓްބޯޅައިގެ އެހެން ކަންތަށް ހުންނާނެ ގޮތް!!