ކްލަބް އީގަލްސްގެ ޒުވާން ފޯވާޑް ޒައިން: މުސްތަގުބަލު އުޖާލާ ކުޅުންތެރިއެއް-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
11 ޑިސެމްބަރ 2020 - 10:46
މިދިޔަ ސީޒަނުގެ ފަހު ކޮޅު (މި އަހަރުގެ ކުރީކޮޅު) ކްލަބް އީގަލްސް އިން ކ. ދިއްފުށްޓައް އުފަން ޒައިން ޒަފަރަށް ފުރުސަތު ދޭން ފެށީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެ ގޮތަށް ހަތަރު މެޗެއްގައި އޭނާ ކުޅުނެވެ. އެހެން ކޮންމެ މެޗެއްގައި ވެސް 15 ނޫނީ 20 ވަރަަށް މިނިޓް އޭނާ އަށް ކުޅެން ދެނީ ޕްރެކްޓިހުގައި ވެސް ކުރަމުން އަންނަ މަސައްކަތް ރަނގަޅުވީމަ އެވެ. މި ފަހަރުގެ ޗެރިޓީ ޝީލްޑް މެޗަކީ އޭނާ އީގަލްސްގެ ފުރަތަމަ އެގާރައިގައި ކުޅުނު ފުރަަތަމަ މެޗެވެ. އެ މެޗު އީގަލްސް ކޮޅަށް އަނބުރާލުމުގައި 17 އަހަރުގެ ޒައިންގެ ރޯލު މުހިއްމެވެ.
އެއްވެސް އުމުރުފުރާއެއްގެ ގައުމީ ޓީމެއްގައި ކުޅެފައިނުވި ނަމަވެސް މިދިޔަ އަހަރު ފަހު ކޮޅު އީގަލްސް އަށް އައިއިރު ޒައިން އަށް އޮތް ޔަގީންކަމަކީ އޭނާގެ ބޭބެ، އީގަލްސްގެ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ)ގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އޮތުމެވެ. ރިޒޭއާ ވާހަކަ ދެއްކުމަށް ފަހު އީގަލްސް އަށް ކުޅެން ދާން ޒައިން ނިންމި ސަބަބަކީ ފުޓްބޯޅައިން ކުރިއަށްދާން ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދުމެވެ.
"އަބަދުވެސް ޝައުގުވެރިކަން ހުރޭ ފުޓްބޯޅަ ކުޅެން. ދެން އީގަލްސް އިން ފުރުސަތު އޮތީމަ ބޭބެ (ރިޒޭ)އާ ވާހަކަ ދައްކާފައި ޓީމަށް ޖޮއިން ކުރަން ނިންމީ،" ފުރުސަތު ފެށިގެން އައި ގޮތް ޒައިން "މިހާރު" އަށް ކިޔައިދިނެވެ.
ފުޓްބޯޅައިގައި މާލެ އައިސް ޒައިން ކުރި ފުރަތަމަ ތަޖުރިބާ އަކީ 2019 ވަނަ އަހަރު 19 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ދިއްފުށީ 19 އަހަރުން ދަށުގެ ޓީމުގައި ހިމެނިގެން އައިސް ކުޅުނު މެޗެވެ. ޓާފް ދަނޑުގައި ކުޅުނު އެ މެޗުގައި ވެސް ޒައިން އަށް ރަނގަޅު ކުޅުމެއް ދެއްކުނެވެ. އެހެންވެ އޭރު ވެސް އެނބުރި ކްލަބަކަށް އާދެވޭނެ ކަމުގެ އިތުބާރެއް އަމިއްލަ ނަފްސާ މެދު ވެސް އޮތެވެ.
ޒައިން (ކ) އޭނަގެ ބޭބެ ރިޒޭއާ އެކު ޗެރިޓީ ޝީލްޑް ހިފައިގެން.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
އީގަލްސްގެ ޕްރެކްޓިހާ މިދިޔަ އަހަރު ފަހު ކޮޅު ގުޅުމަށް ފަހު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދާ އެއްގޮތަށް ފަރިތަކުރުންތަކުގައި މަސައްކަތްކުރީ ލިބުނު ކޮންމެ ފުރުސަތެއްގައި ވެސް ބޭނުންހިފުމުގެ އަޒުމުގަ އެވެ. އެ ގޮތުން ޑިސެމްބަރު މަހު އޮތް ސައުތު އޭޝިއަން ގޭމްސްގެ މެދުކެނޑުމަށް ފަހު އަލުން ލީގުގެ މެޗުތައް ފެށުމާ އެކު ޒައިން އަށް ފުރުސަތު ލިބެން ފެށި އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ލީގުގައި ތިން މެޗު އަދި އެފްއޭ ކަޕްގެ އެއް މެޗުގައި ކުޅުނުއިރު، ދެ ގޯލު ޖަހައި ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. ށ. ފޯކައިދޫ ކޮޅަށް ޖެނުއަރީ މަހު ލަނޑު ޖެހިއިރު ޒައިންގެ އުމުރަކީ 16 އަހަރެވެ. އެ ދުވަހު ކޯޗު މޯހަން ވަނީ ޒައިންގެ ނަން ފާހަގަކޮށް ޑިސިޕްލިން ހިފަހައްޓައިފިނަމަ އޭނާ މޮޅު ކުޅުންތެރިއަކަށްވާނެ ކަމަށް ބުނެފަ އެވެ.
"ކޯޗު (މޯހަން) ކިޔައިދޭ ރަނގަޅުކުރަންވީ ކަންތަައްތައް. ދެން ތިބި ކޯޗުން ވެސް ބުނެދޭ. ބޭނުންވަނީ އެ ކަންކަން އަހައިގެން ރަނގަޅު ކުރަން ޖެހޭ ކަންތައް އިމްޕްރޫވްކޮށް ކުރިއަށްދާން،" ޒައިން ބުންޏެވެ.
މިދިޔަ ސީޒަނުގައި ދިން ފުރުސަތުތަކުގެ ބޭނުން ޒައިން ހިފާފައިވާތީ ޗެރިޓީ ޝީލްޑް މެޗުގެ ފުރަތަމަ އެގާރައިގައި ޒައިން ހިމެނި އެވެ. އިތުބާރާ އެކު މެޗުގެ 90 މިނިޓް އެއްކޮށް އޭނާ ކުޅުނެވެ. އީގަލްސް އިން ފަހަތުން އަރައި ރާއްޖޭގެ ވަރުގަދަ ޓީމެއް ކަމަށްވާ މާޒިޔާ އަތުން 3-2 އިން މޮޅުވި މެޗުގައި ޒައިން ވަނީ ހިތްވަރު ދައްކައިފަ އެވެ. ރިޒޭ ދިން ބޯޅައަކުން ފުރަތަމަ ގޯލު ޖެހުމުގެ އިތުރުން އީގަލްސް މޮޅުވި ޕެނަލްޓީ ހޯދީ ޒައިންގެ ހިތްވަރުންނެވެ.
ޒައިން (މ) އީގަލްސްގެ ބައެއް ކުޅުންތެރިންނާ އެކު.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
"އެ މެޗުން (މާޒިޔާ މެޗުން) ވަރަށް ކޮންފިޑެންސް ލިބިއްޖެ. ބޭނުންވަނީ ލިބޭ ކޮންމެ ފުރުސަތެއްގެ ވެސް ބޭނުން ހިފަން. ޔަގީނުން ވެސް ޓީމު ކުޅުންތެރިންނާއި ކޯޗުންގެ އެހީތެރިކަން ލިބޭނެ،" ޒައިން ބުންޏެވެ.
ފާއިތުވި ދެ ތިން އަހަރަށް ބަލާއިރު ރާއްޖޭގައި އެންމެ ހަލުވި ސްޕީޑެއްގައި ކުރިއަރައިގެން އައި އެއް ކުޅުންތެރިއަކީ ރިޒޭ އެވެ. ރިޒޭ ބުނީ ޒައިން އަށް މޮޅު ކުޅުންތެރިއަކަށް ވެވޭނެ ކަމަށާއި އެއީ ކޯޗުންގެ ބަސް އަހައިގެން ޑިސިޕްލިން ހިފަހައްޓައިގެން މަސައްކަތްކޮށްގެން ކަމަށެވެ. އަދި އެކަން ކޮށްދިނުމުގައި އޭނާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭން ރިޒޭ ހުރީ ތައްޔާރަށެވެ.
މިދިޔަ ސީޒަނުގައި އެންމެ ފުރަތަމަ ފަޅި އަކަށް ކުޅުނު ނަމަވެސް މާޒިޔާ މެޗުގައި ޒައިން ކުޅެފައިވަނީ ޓޮޕް ސްޓްރައިކަރަކަށެވެ. އެއީ ހަގީގަތުގައި އޭނާ އެންމެ ކުޅެން ބޭނުންވާ މަގާމެވެ. ރާއްޖޭގެ ފުޓްބޯޅައިގައި އެ މަގާމަށް ކުޅޭ ކުޅުންތެރިން އަންނަނީ މަދުވަމުންނެވެ. ޒައިން މަސައްކަތްކޮށްފިނަމަ އޭނާ އަށް އެ މަގާމުގައި ބޮޑު ކުރިއެރުންތަކެއް ހޯދިދާނެ އެވެ. އީގަލްސް ކޯޗު މޯހަން ވެސް ވަނީ ޒައިންގެ ހުނަރަށް ތައުރީފުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy