ޔާޔާ ޓޫރޭ (ކ) އާއި ގާޑިއޯލާ މެޗެއްގެ ތެރެއިން ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
05 ނޮވެމްބަރ 2016 - 09:51
މެންޗެސްޓާ (ނޮވެމްބަރު 5) - މެންޗެސްޓާ ސިޓީ އަށް ކުޅޭ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ މައާފަށް އެދުމަކީ އެ ޓީމަށް ލިބޭ އުފާވެރި ހަބަރެއް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޓޫރޭ އާއި އޭނާގެ އޭޖެންޓް ޑިމިޓްރީ ސެލުކް މިޑީއާގައި ގާޑިއޯލާ އަށް ފާޑުކިއުމުގެ ސަަބަބުން ޓޫރޭ އަށް ސިޓީން ފުރުސަތު ނުދެ އެވެ. ގާޑިއޯލާ އޭރު ބުނީ ސިޓީން ޓޫރޭ އަށް ފުރުސަތު ދޭނީ އޭނާ މައާފަށް އެދުމުން ކަމަށެވެ. ޓޫރޭ ވަނީ އިއްޔެ ފޭސްބުކް މެދުވެރިކޮށް ސިޓީގެ ސަޕޯޓަރުންނާއި ކްލަބްގެ މެނޭޖްމެންޓް ކިބައިން މައާފަށް އެދިފަ އެވެ.
ޓޫރޭ މައާފަށް އެދުނު ނަމަވެސް އޭނާގެ އެޖެންޓް ސެލުކް ވަނީ މައާފަށް ނޭދޭނެ ކަމަށް ބުނެފަ އެވެ.
ގާޑިއޯލާ ބުނީ ޓޫރޭ މައާފަށް އެދުމުން އެނބުރި ޓީމަށް އައުމުގެ ދޮރު އޭނާ އަށް ހުޅުވިފައިވާ ކަމަށެވެ.
"އަހަރެން ޓޫރޭއާ ބައްދަލުކޮށްފިން. އެ ބައްދަލުވުމުގައި ދެއްކީ ސިއްރު ވާހަކަތަކެއް. އަހަރެން އޭގެ ތަފްސީލެއް މީޑިއާ އަށް ނުދޭނަން. ޓޫރޭ އަށް ވެސް މިހާރު އޮތީ ފަރިތަކުރުންތަކުގައި މަސައްކަތް ކޮށްގެން އަހަރެންގެ އިތުބާރު ހޯދުން. އެހެން ކުޅުންތެރިންނާއި ޓޫރޭއާ ވަކި ތަފާތު ކުރުމެއް ނޯންނާނެ،" ޓޫރޭއާ އެކު ބާސެލޯނާގައި ވެސް މަސައްކަތް ކުރި ގާޑިއޯލާ ބުންޏެވެ.
މި ސީޒަން ފެށުމުގެ ކުރިން ޓޫރޭއާ ގާޑިއޯލާ މައްސަަލަ ޖެހުނީ ސިޓީން މެޗުތަކަށް ނެގި ސްކޮޑުގައި ޓޫރޭ ނުހިމަނާތީ އެވެ. ޓޫރޭ އާއި އޭނާގެ އޭޖެންޓް ސެލުކް ގާޑިއޯލާ އަށް އެންމެ ބޮޑަށް ފާޑުކީ ޗެމްޕިއަންސް ލީގުގައި ސިޓީން ރަޖިސްޓްރީ ކުރި 25 ކުޅުންތެރިންގެ ސްކޮޑުގައި އުމުރުން 33 އަހަރުގެ ޓޫރޭ ބާކީކުރުމުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތް ސިޓީ މިރޭ އަމިއްލަ ދަނޑުގައި ކުޅޭނީ މިޑްލްސްބަރާއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy