ސެމީން މޮޅުވުމަށް ފަހު މަރޭ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
05 ނޮވެމްބަރ 2016 - 11:07
ޕެރިސް (ނޮވެމްބަރު 5) - ޕެރިސް މާސްޓާސްގެ ކުއާޓާ ފައިނަލުން ދުނިޔޭގެ އެއް ވަނައިގައި އޮތް ނޮވަކް ޖޮކޮވިޗް ކަޓައި، ރޭންކިން އެއް ވަނައާ ގާތަށް އެންޑީ މަރޭ ޖެހިލައިފި އެވެ.
މިރޭ ކުޅޭ ސެމީ ފައިނަލް މެޗުން މިލޮސް ރައޮނިޗް އަތުން މަރޭ މޮޅުވެއްޖެނަމަ ފުރަތަމަ ފަހަރަށް އޭނާ އަށް ރޭންކިން އެއް ވަނަ ލިބޭނެ އެވެ.
މަރޭ ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާގައި ތޯމަސް ބާޑިޗްގެ މައްޗަށް 7-6، 7-5 އިން ކުރި ހޯދުމަށް ފަހު އެވެ. ޖޮކޮވިޗް ކުއާޓާ އިން ކެޓީ މަރިން ސިލިޗް އަތުން 6-4 7-6 ބަލިވުމުންނެވެ.
ޖޮކޮވިޗް ބުނީ މި އަހަރުގެ މިހާތަނަށް މަރޭ ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން އޭނާ އަށް ރޭންކިން އެއް ވަނަ ހައްގުވާ ކަމަށެވެ.
"ކޮންމެ ކުޅުންތެރިޔަކު ވެސް ތަފާތު ދައްކާ ވަގުތުތަކެއް އަންނާނެ. މިހަރަކީ މަރޭގެ އަހަރެއް. އޭނާ ދަނީ ފަސްބެލުމެއް ނެތި ކުރިއަށް. ރޭންކިން އެއް ވަނަ މަރޭ އަށް ހައްގު،" ފާއިތުވި 122 ހަފްތާގައި ރޭންކިން އެއް ވަނަ މަގާމުގައި އޮތް ޖޮކޮވިޗް ބުންޏެވެ.
މަރޭ ބުނީ ކުރިއަށް އޮތީ އޭނާގެ ޓެނިސް ކެރިއަރުގެ އެންމެ ހާއްސަ މެޗު ކަމަށާއި ހުރިހާ ސަމާލުކަމެއް އޮތީ އެ މެޗަށް ކަމަށެވެ.
"ފުރަތަމަ ފަހަރަށް މުބާރާތެއް ކާމިޔާބު ނުކޮށް ފައިނަލަށް ގޮސްގެން ކަމެއް ހާސިލްކުރެވެން މިއޮތީ. ސިލިޗްއާ ދެކޮޅަށް ކުޅެން ޖެހޭއިރު މިއީ އާދައިގެ މެޗަކަށް ނުވާނެ. މި މުބާރާތުގެ ހުރިހާ މެޗެއް ވެސް އަހަންނަށް ޕްރެޝަރު ބޮޑު. އެއީ ދެކަމަކަށް ޓާގެޓް ކޮށްގެން މި ކުޅެން ޖެހެނީ. މުބާރާތް ކާމިޔާބު ކުރުމުގެ އިތުުރުން ރޭންކިން އެއް ވަނަ އެއީ ވެސް ޓާގެޓެއް،" މަރޭ ބުންޏެވެ.
މިދިޔަ އަހަރުގެ ޕެރިސް މާސްޓާސް ފައިނަލުން މަރޭ ބަލިވީ ޖޮކޮވިޗާ ވާދަކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީހީ
05 November 2016
އަލިފުޅު އެއްވެސް ބަޔަކު މަރޭ ޔޭ ނުކިޔާ އެންމެން ވެސްކިޔަނީ މުރޭ އެގޭ މިކޮމެންޓު ނުޖަހާނެ ކަންވެސް