ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

ގްރީން ބަލިކޮށް މާޒިޔާގެ ވަރުގަދަ ފެށުން ކުރިއަށް

20 ޑިސެމްބަރ 2020 - 00:34

2 comments

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް 7-1 އިން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން ކުޅުނު ދެ ވަނަ މެޗުން ވެސް ބޮޑު މޮޅެއް ހޯދައިފި އެވެ.

މާޒިޔާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ޔުނައިޓެޑް ވިކްޓްރީ އަތުން 4-0 އިން މޮޅުވެފަ އެވެ. މިރޭ މި ހޯދި ބޮޑު މޮޅާ އެކު މާޒިޔާ އޮތީ ދެ މެޗުން ވެސް މޮޅުވެ ފައިދާ ގޯލުގެ ތަފާތުން އެއް ވަނައިގަ އެވެ. މާޒިޔާ އަށް ހަ ޕޮއިންޓާ އެކު ފައިދާ އަށް ގޯލު އޮތްއިރު، ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ ވެސް ވަނީ ދެ މެޗުން މޮޅުވެފަ އެވެ. އެ ޓީމުގެ ފައިދާ އޮތީ ފަސް ގޯލެވެ. ލީގުގައި އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެރޭ މާޒިޔާ ކުޅޭނީ ވެލެންސިއާއާ ދެކޮޅަށެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ލީގުގެ ގަދަކޮށް ކިޔާ ޓީމެއް އަތުން މި ވަރުގެ ބޮޑު މޮޅެއް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ދެން އޮތް އުފަލަކީ ކުރީ މެޗަށް ވުރެ ގިނައިން ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފި ކުޅުމުގެ ލެވަލް ރަނގަޅު ހިސާބެއްގައި މުޅި މެޗުގައި ހިފެހެއްޓުން ކަމަށް ނިޒާމްބެ ބުންޏެވެ

"ކުރީ މެޗާ އަޅާބަލާއިރު ޓީމުގެ ޕާފޯމަންސް ޖުމްލަކޮށް ވަރަށް ބޮޑުތަނުން ރަނގަޅުވެއްޖެ. އަދިވެސް އެބަހުރި ވަރަށް ބޮޑެތި ކަންތައް ރަނގަޅުކުރަން. ކުރިއަށް އޮތް މެޗަށް ވަރަށް ރަނގަޅަށް މަސައްކަތްކުރަން މި ލިބުނީ ބޮޑު ހިތްވަރެއް،" ނިޒާމްބެ ބުންޏެވެ.

ދެ ޓީމުން ވެސް މެޗު ފަށައިގެން މެދުތެރެއިން ބޯޅަ ހިފަހައްޓައިގެން ކުރިއަށް ކުޅެ ފުރުސަތު ތަނަވަސްކުރަން މަސައްކަތްކުރަމުންދިޔައިރު، ފުރަތަމަ ހަމަލާ އުފެއްދީ މާޒިޔާ އިންނެވެ. މެޗުގެ އަށް ވަނަ މިނިޓްގައި އިބްރާހިމް އައިސަމް ހިލޭ ޖެހުމަކުން ނަގައިދިން ބޯޅަ އޭރިއާ ތެރެއިން އެ ޓީމުގެ މުހައްމަދު އިރުފާން (އިރޭ) ބޮލުން ޖަހަން މަސައްކަތްކުރި ނަމަވެސް އޭނާ ބޮލުގައި ބޯޅަ ލައްވާލާ ގޮތެއްނުވި އެވެ.

މާޒިޔާ އިން ލީޑުނަގަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 15 ވަނަ މިނިޓްގަ އެވެ. ކޯނަރަކުން މުހައްމަދު އުމެއިރު އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުން ކައިރިން އަސަދުﷲ އަބްދުﷲ ބޮލުން ޖައްސާލުމުން އެ ބޯޅަ މެއިން ކޮންޓްރޯލް ކުރުމަށް ފަހު ނާއިޒު ހަސަން (ދާދު) ވަނީ ވެއްޓިގެންފައި ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ގްރީން ސްޓްރީޓްސްގެ ޝާމިއު (ކ) ކައިރިން މާޒިޔާގެ ދާދު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގޯލާ އަމާޒުކޮށް ގްރީން ސްޓްރީޓްސް އިން ފުރަތަމަ ހަމަލާ އުފެއްދީ މެޗުގެ 24 ވަނަ މިނިޓްގަ އެވެ. އޭރިއާ ބޭރުން މުހައްމަދު ޖައިލަމް (އޮގީ) ޖެހި ބޯޅަ މާޒިޔާގެ ސާބިއާ ކީޕަރު ނިކޮލަ ވުޔަނަކް ވަނީ އަތަށް ނަގައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އިން ދެ ވަނަ ގޯލެއް ޖެހި އެވެ. މިއީ އުމެއިރު އޭރިއާ ތެެރެއިން ހުސްކޮށްލާފައި އަސަދުﷲ އަށް ދިން ބޯޅަ އަކުން އޭނަ ކާމިޔާބުކުރި ގޯލެކެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މާގިނަ އިރެއްނުވެ މާޒިޔާ އިން ތިން ވަނަ ގޯލެއް ޖެހި އެވެ. އޭރިއާ ތެރެއިން އައިސަމް ފޮނުވާލި ބޯޅަ އަމާޒުވީ ގްރީން ސްޓްރީޓްސްގެ ކީޕަރު ލަބާން ޝަރީފް އަތްމަތިން އޮއްސިގެން ގޮހެވެ.

ގްރީން ސްޓްރީޓްސް އިން މި ހާފުގައި ތަނަވަސްކުރި ފުރަތަމަ ފުރުސަތުގައި އެ ޓީމުން ވަނީ ގޯލު ޖަހައިފަ އެވެ. މެޗުގެ 57 ވަނަ މިނިޓްގައި މާޒިޔާގެ ޑިފެންސް ލައިންގެ ތެެރެއިން ހަސަން ނަޒީމް ގާސިމް (ޗޯޓު) ހުސްކޮށްލާފައި ތަނަވަސްކޮށްދިން ފުރުސަތެއްގައި ޓީމުގެ ސްޕެއިން މިޑްފީލްޑަރު އެންޖެލް މުނޯޒް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ގްރީން ސްޓްރީޓްސް އިން ގޯލު ޖަހައި ރަނގަޅަށް ހަމަޖެހިނުލެވެނީސް މާޒިޔާ އިން ވަނީ ހަތަރު ވަނަ ލަނޑެއް ޖަހައިފަ އެވެ. ދާދު ދިން ބޯޅައެއް އޭރިއާ ތެރެއިން ކޮންޓްރޯލްކުރުމަށް ފަހު އަސަދުﷲ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ލަބާން އަތުގައި ޖެހިފަ އެވެ.

މާޒިޔާގެ ފަސް ވަނަ ގޯލު ޖެހީ އިރޭ އެވެ. މިއީ މެޗުގެ 71 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ހުރަހަކުން އިރޭ ބޮލުން ކާމިޔާބުކުރި ގޯލެކެވެ. އޭގެ ކުރިން އަސަދުﷲ ހުސްކޮށްލާފައި ދިން ބޯޅައެއް ހަމްޕު ފޮނުވާލުމުން ގޯލު ރޮނގުމަތިން ގްރީން ސްޓްރިޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފް ވަނީ ސަލާމަތްކޮށްފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) މާޒިޔާގެ ހަ ވަނަ ގޯލު ޖެހީ މެޗުގެ 77 ވަނަ މިނިޓްގައި ޕެނަލްޓީ އަކުންނެވެ. މިއީ ގޯލު ރޮނގުމަތިން ގްރީން ސްޓްރީޓްސްގެ މުހައްމަދު ފަރުހާން (ފަރުއްކޮ) ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ގޯލަށް ވަންނަން ދިޔަ ބޯޅައެއްގައި އަތްލުމުން ރެފްރީ ވަނީ ފަރުއްކޮ އަށް ރަތް ކާޑު ދައްކައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު މާޒިޔާގެ އައިސަމް (ކ) އާއި އުމެއިރު އަދި ޑުންގާ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުޅެން އެރުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މާޒިޔާގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފަޔަށް އަނިޔާވެގެން އޭނާ ބާލަން ޖެހުނުއިރު މާޒިޔާގެ ތިން ބަދަލު އޮތީ ހަަމަވެފަ އެވެ. އެހެން އެ ޓީމުން ފަހު ކޮޅު ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އިތުރު ވަގުތުގައި މާޒިޔާގެ ހަތް ވަނަ ގޯލު ޖެހީ ހަމްޕު އެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ މިއީ އޭނާގެ ޓީމަށް ގަބޫލުކުރެވޭނެ ނަތީޖާއެއް ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

"މާޒިޔާ މިއަދު އަޅުގަނޑުމެން (ގްރީން ސްޓްރީޓްސް އައުޓްކްލާސް ކޮށްލައިފި. މޮރޭލް ވަރަށް ބޮޑަށް ވެއްޓޭނެ މިހާ ބޮޑު ޑިފީޓެއް (ބައްޔެއް) އައީމަ. އަޅުގަނޑުގެ ޖޮބަކަށްވާނީ އެ ނަގާ ދެން އިން މެޗަކަށް ޓީމު ތައްޔާރުކުރުން. އިރާދަކުރެއްވިއްޔާ އެކަން ކުރާނަން،" ނިސްތާރު ބުންޏެވެ.

ފުރަތަމަ މެޗުގައި ވެލެންސިއާ އަތުން އަދި ދެ ވަނަ މެޗުން މާޒިޔާ އަތުން ބަލިވެ ދެ ބައްޔާ އެކު ހަ ޕޮއިންޓް ގެއްލުމުގައި ސީޒަން ފަށަން ޖެހުމުން އަމާޒުހިފާނީ ވީ އެންމެ އަވަހަށް މި ހާލަތު ބަދަލުކުރަން ކަމަށް ނިސްތާރު ބުންޏެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑް

20 December 2020

ވާދަވެރި ޓީމްތައް ނަންތާ ލައިފަ ބަންސާމް ގޭދޮށު ޓީމް ތައް ގޮވައިގެން ބޯޅަތަ ތި ކުޅެނި.

The name is already taken The name is available. Register?

Juhaa(

20 December 2020

މާޒިޔާ 2 މެޗު ކުޅުނުއިރު، އެއް މެޗުގައި 4 ގޯލް، އަނެއް މެޗުގައި 7 ގޯލް (ޖުމުލަ 11 ގޯލް) ޖަހައި، ބައިކޮޅަށް 1 ގޯލް ވަނީމާ ފައިދާ ގޯލްގެ އަދަދު 8 އަށް ވަނީ ކިހިނެއް؟ ދުވަހަކު "ހިސާބު" މާއްދާ ކިޔެވިންތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454