ހުޅުމާލެ ސާފުކުރަން އިއްޔެ ހިންގި ހަރަކާތުގައި ނަގާފައިވާ ކުނި އެއް ތަނަކަށް ޖަމާކޮށްފައި. ދެގަޑިއިރުގެ ތެރޭގައި ނެގި ކުނީގެ ބަރުދަނުގައި 18 ޓަނު ހުރި. ފޮޓޯ: އެޗްޑީސީ
20 ޑިސެމްބަރ 2020 - 09:48
ހުޅުމާލޭގެ އެތަންމިތަނަށް އަޅާފައިވާ ކުނިތައް ނަގައި ސާފުކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ހިންގި ހަރަކާތުގައި އެންމެ ދެގަޑި އިރުގެ ތެރޭގައި 18 ޓަނުގެ ކުނި ނަގައިފި އެވެ.
"ސާފު ހުޅުމާލެ" ނަމުގައި އިއްޔެ ހަވީރު 4:00 އިން 6:00 އަށް، އެތައް ބައެއްގެ ބައިވެރިވުމާ އެކު ނެގި ކުނިތައް އެއްތަނަކަށް ޖަމާކޮށް ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެންމެ ގިނައީ ޕްލާސްޓިކް ފުޅި އާއި ޑިސްޕޮސަބްލް ތަށި ފަދަ ތަކެއްޗެވެ. އާންމުންނާއި އެކި މުއައްސަސާތަކުން މީހުން ބައިވެރި މި ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
18 tonnes of waste was collected during the Saaf Hulhumalé cleaning event held this evening.
— My Hulhumalè (@MyHulhumalemv) December 19, 2020
We would like to thank everyone who took part in this event and making this event a success. Cheers! pic.twitter.com/jATG3BJGeX
ހުޅުމާލޭން އިއްޔެ ނެގި ކުނިތައް ބޮޑެތި ޖަންބޯބޭގަށް އަޅައި އެއް ތަނެއްގައި އަތުރާލުމަށް ފަހު ނަގާފައިވާ ފޮޓޯތަކާ އެކު ކޮސްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެއީ 18 ޓަނުގެ ކުނި ކަމަށެވެ. އެ ޓްވީޓަށް ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައިވަނީ ކުނި އަޅާ މީހުންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި އެހެން ނޫނީ ސާފުކުރިޔަސް ދެމެހެއްޓެނިވި ކަމަކަށް ނުވާނެ ކަަމަށެވެ.
ކުނީގެ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކުރި މީހުން ބުނެފައިވަނީ މާދަމާ އަނެއްކާވެސް ކުނި އަޅަން ފަށާނެ ކަމަށާއި ކުނީގެ ގިނަ ކަމުން ދައްކައިދެނީ ދިވެހިން މަގުތަކަށާއި ހުސްތަންތަނަށް ކުނިއެޅުން އާންމު ކަމަކަށް ހަދާފައިވާ މިންވަރު ކަމަށެވެ.
ހުޅުމާލެ ސާފުކުރަން އިއްޔެ ހިންގި ހަރަކާތުގައި ނަގާފައިވާ ކުނި އެއް ތަނަކަށް ޖަމާކޮށްފައި. ދެގަޑިއިރުގެ ތެރޭގައި ނެގި ކުނީގެ ބަރުދަނުގައި 18 ޓަނު ހުރި. ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގެ ބައެއް ޕާކްތަކާއި ގޮނޑުދޮށްތަކާއި މަގުތަކަށް މީހުން ކުނި އަޅާއިރު އެތަނުގައި ގިނަ އަދަދެއްގެ ޑަސްބިން ވެސް ގާތްގާތުގައި ބަހައްޓާފައި ހުރެ އެވެ. ފެރީ ޓާމިނަލް ކައިރީގައި އޮތްނަ ޕާކާއި އެ ސަރަހައްދުގެ ބަނދަރުގެ އެއްގަމު ތޮށި ކައިރިއަށް ވަރަށް ގިނައިން ކުނި އަޅާފައި ހުންނަތަން އާއްމުކޮށް ފެނެ އެވެ. އެކަމަކު އެ ސަރަހައްދުގައި ވެސް ގިނަ އަދަދެއްގެ ޑަސްބިން އަބަދު ވެސް ހުރެ އެވެ. ބީޗް ސަރަހައްދުގައި ވެސް ގިނަ އަދަދެއްގެ ޑަސްބިން ހުންނައިރު ކޮފީ ބޮއެފައި ހުންނަ ޑިސްޕޮސަބްލް ތައްޓާއި ޕްލާސްޓިކް ފުޅި ބިންމައްޗަށާއި އެތަނުގައި ހުންނަ ބެންޗުތަކުގެ މަތީގައި އުކާލާފައި ހުރެ އެވެ.
ގިނަ އަދަދެއްގެ ގެސްޓްހައުސް ވެސް ހިންގާ ހުޅުމާލޭގެ ބީޗުގައި ކުނީގެ މައްސަލަ މި ފަހުން މާ ބޮޑުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރު އުނދަގޫވެ ގިނަ ބަޔަކު އެކި މުނާސަބުތައް ފާހަގަކުރުމާއި ޕިކްނިކް ހެދުމަށް ހުޅުމާލެ އަށް ދާން ފެށި ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
20 December 2020
މުޅި ރާއްޖޭގެެވެސް އެންމެ އަގު ބޮޑު ޕްރައިމް ލޭންޑު ބަލަހައްޓައި ސާފު ކުރާނޭ މީހުން ނެތީތޯ؟ ގައިމު ތިތަނަކުން އަހަރެމެންނަށް ބިންކޮޅެއް ދޭށޭ ބުނާ އިރަށް ގޮވާނެ މިއީ ޕްރައިމް ލޭންޑޭ މިތަނުން ހިލޭ ނުލިބޭނޭ އަގުބޮޑުކޮށް މުއްސަނދިންނަށް ވިއްކާނީއޭ. ދެން ހިލޭސާބަހަށް ތިތަން ސާފުކުރަން އަހަރެމެން ނިކަމެތިން ދާންވީ ކީއްކުރާކަށް؟
ނިކަމެތި މީހާ
20 December 2020
ނިކަމެތިން މަގުމައްޗަށް ކުނި އަޅާތީ މައްސަލައަކީ!!
ސަވާރ
20 December 2020
ތިކަހަލަ ވިސްނުން ގެންގުޅޭ މީހުން ގައުމުން ބާލަންވީ. ކޮން ބިމެއް؟ ބިން ދިނީމަ ކިޔާނެ ގެ އަޅަންވީވެސް ތިމަންނަހޭ.. ގެ އަޅައިދިނީމަ އެތަން ނުއަގުގައި ކުއްޔަށްދޭނީ. ބަލަ އަމިއްލަ އަށް ޒިންމާނަގަން ދަސްކޮށްބަލަ!
ހައްލެއްނެތް
20 December 2020
އެންމެން އެއްވެގެން ތިހެން ސާފުކުރުމަކީ ހައްލެއް ނޫން. ޖެހުނު ތަނަކަށް ކުނި އަޅާނެ މީހުން މަދުނަމަ ތިޔަހާ ބައިވަރު ކުނި ނަގާކަށް ނުހުންނާނެ. ވިސްނުމެއްނެތި ޖެހުނު ތާކަށް ކުނި އަޅާ މީހުން ހޭލުންތެރިކުރެވޭތޯ އެންމެންވެސް ބަލަންވީ. އަމިއްލަ ގެއިން ފުރަތަމަ ފަށަންވީ. ދެން ސްކޫލުން. ކުޑައިރުއްސުރެ ގޭތެރެއިން އެކަންކަން ދަސްކޮށްދެވޭނަމަ އެކަންކަން ހަރުލާނެ. ސްކޫލުގައި ކުނިނަގާ ސާފުކުރާ އެންމެ ދުވަހަކުން މާބޮޑު ކަމެއްނުވާނެ.
ފިފުޓީ ސިކުސް
20 December 2020
އަސްލު އަހަރެމެން ދިވެހިންގެ ރީތި އާދަކާދަތަކާއި އިޖުތިމާއީ ފޭރާން ސަރުކާރުގެ ވެރިން އިސްކޮށްތިބެގެން ހަލާކުކޮށްލީމާ ވީގޮތްމިއީ، ސްކޫލްތަކުން ކިޔަވަދެނީ މަގުމައްޗަށް ކުނިނާޅަން ނަމަވެސް ދަރިން ގޮވައިގެން ގޮސް އަމައިންބަފައިން ކުނިއަޅަނީ މަގުމަށްޗަށް، މިހާރު ހުރިހާކަމެއްގައިވެސް ފެންނަނީ ތިމާ އެހެންމީހުންނާއި އެހެންތަންތަނަކީ ތިމާއާއި ބެހޭތަންތަނެއްނޫން!
ފޮނިޓައްޕު ހަސަނު
20 December 2020
އެއްޒަމާނެއްގައި ވެސް ތިބުނާ އިޖްތިމާއި ފޭރާމަކާއި ރީތި އާދަކާދަ ދިވެހިންގެ ކިބައަކު ނެތް. އެޒަމާނުގައި މަސްވެރިން މަހަށް ދާން ފަތިހު ފުރާތަނުން ގިފިލީ ފުޅަށް މަތަން އަރައިގެން ގެއަށް އަވަށްޓެރިއާ ވަންނާނެ. ހޯދިފައި ތިބި ދަރިން އެގަހު ކޭލެއް މިގަހު ކޭލެއް ވަކި ނުވާ ހިސާބުގައި ތިބީ. ރީތި ގޮޑުދޮށްތައް އޮންނަނީ ކަރުގޮހޮރާއި ކުނިން ފުރާލާފައި. މީ ހަގީގަތަކީ.
ތިމާވެށި
20 December 2020
އެޗްޑީސީ އަށް ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނު ތަންފީޒް ނުކުރެ ވެއެވެ. ސިޔާސީ ވަޒީފާ ތަކުގަ ހުރި މީހުން ވިޔަފާރި ކުރުމުގަ އެވެ.
ހިސަނަ
20 December 2020
ތިހާ މުޑުދާރުމީހުން އުޅޭ ތަނެއް މުޑުދާރު މީހުން ގިނަ މި ގައުމުގައިވެސް ނެތް!
އަލީ.މޫސާ
20 December 2020
މާލޭގެ ފަޅުތެރެވެސް ތިޔަފަދަ ހާލެއްގައިއޮތީ! ވަކިން ޚާއްސަކޮށް މާރުކޭޓުހިސާބުން އަޅާކުނިތަށް މުޅިފަޅުތެރެއަށް އޮޔާލައިގެން ފެތުރި މުޑުދާރުވެފައި..
އިދިކީލި ސޮރު
20 December 2020
މުޅި ޤައުމު ފަޚުރުވެރިވާ ވަރުގެ ކަންކަން. ދިވެހީން ދިވެހީންގެ ގޮތުގައި ގަމާރުކަންމަތީ އަބަދަށް.
ހުޅުމާލެ މީހާ
20 December 2020
ހުޅުމާލެ ފްލެޓްތައް ކައިރީ ޖަހާފައެހުރި އެންގުމަށް އެކަކުވެސް އަމަލެއް ނުކުރޭ. ދެން އެޗްޑީސީން އެބަޖެހޭދޯ ގަސްތައް ނަގައި ސާފުކޮށް ތާހިރުތަނަކަށް ހަދަން. މިހާރު މުޅި ސަރަހައްދެކޭ ދަނޑުބިންތަކެކޭ ތަފާތެއްނެތް. މިއަށްވުރެ ސާފުތާހިރު ތަނަކަށް ފްލެޓްތަކުގެ ތިރީ ސަރަހައްދު ހަދަންޖެހޭ.
ފިރުމާ
20 December 2020
މިހާރު އެޗްޑީސީގައި ތިހުންނެވީ ސުމެއްގެ ބޭފުޅެއް ހުޅުމާލެ އެއޮށް ރީތިރަށް ގޮނޑަކަށް ހަދައިފި މަގުތަކުގެ ހުރިހާ ސައިންތަކެއްވެސް ފުހެވިގެން ގޮސްފި.
ނުފިރުމާ
20 December 2020
18 ޓަނުގެ ކުނި މަގުމައްޗަށް އެޅީ އެޗްޑީސީގެ އެމްޑީ ގިނިކަންޔާތޯ؟؟ ކޮފީބޮއިފަ މަގުމައްޗަށް ތަށި އެއްލާލާފަ ގޮސް ކޮން އެޗްޑީސީއެއް ކިޔާކަށް.. ފުރަތަމަ ތިމާ އިސްލާހުވެބަލަ..
ކޮތަރު
20 December 2020
ދިވެހިންނަކީ ހާދަ ގޮނޑުބައެކޭ!!