ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ލެސްޓާ އާއި ޔުނައިޓެޑުން ފުރުސަތުގެ ބޭނުންހިފައިފި

21 ޑިސެމްބަރ 2020 - 09:21

1 comments

ލަންޑަން (ޑިސެމްބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް މޮޅުވެ ލީގުގައި ކުރިއަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި 14 މެޗުން 31 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު، ރޭ ޓޮޓެންހަމް ދަނޑުގައި 2-0 އިން މޮޅުވެ ލެސްޓާ ވަނީ ދެ ވަަނަ އަށް ޖެހިލައިފަ އެވެ. ލެސްޓާ އަށް ވަނީ 14 މެޗުން 27 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ ރޭ ލީޑްސް ޔުނައިޓެޑް އަތުން 6-2 އިން މޮޅުވި މެންޗެސްޓާ ޔުނައިޓެޑް އެވެ. ޔުނައިޓެޑަށް 13 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އެވަޓަން އިން ވަނީ 14 މެޗުން 26 ޕޮއިންޓް ހަމަކޮށްފަ އެވެ. މެޗު ހަމަކުރާއިރު ޔުނައިޓެޑަށް ލީގުގެ ދެ ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ޓޮޓެންހަމް ދަނޑުގައި ރޭ ކުޅުނު މެޗުގައި ލެސްޓާ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި ލެސްޓާ އިން ލީޑުނެގީ ޖޭމީ ވާޑީ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ ޓޮޓެންހަމްގެ ސާޖް އޯރިއޭ އޭރިއާ ތެރެއިން ލެސްޓާގެ ވެސްލީ ފޮފާނާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ޓޮޓެންހަމްގެ ފަހަތުން ހުސްވި ޖާގައެއްގެ ތެރެއިން ފުރުސަތެއް ހޯދައި ޖޭމްސް މެޑިސަން ވަނީ ލެސްޓާ އަށް ދެ ވަނަ ލަނޑެއް ޖަހައިދީފަ އެވެ. އެކަމަކު ވީއޭއާރް އިން ބެލުމަށް ފަހު އެ ގޯލު ބަލައިނުގަންނަން ނިންމި އެވެ. އެހެން ނަމަވެސް ލެސްޓާ އިން އުއްމީދު ދޫކޮށްނުލައި ކުރި މަސައްކަތުން ވަނީ ދެ ވަަނަ ލަނޑެއް ޖަހައި މެޗުން މޮޅުވެފަ އެވެ. މި ގޯލަކީ ވާޑީ ބޮލުން ޖެހި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޓޮޓެންހަމްގެ ޓޯބީ އަލްޑަވެއިރަލްޑް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޔުނައިޓެޑް ދަނޑުގައި ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ތިން މިނިޓް ތެރޭ ޔުނައިޓެޑުން ވަނީ ދެ ގޯލު ޖަހައިފަ އެވެ. މި ދެ ގޯލު ވެސް ކާމިޔާބުކުރީ ސްކޮޓް މެކްޓޮމިނޭ އެވެ. މެޗުގެ 20 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑަށް ތިން ވަނަ ގޯލެއް ޖަހައިދިންއިރު، ވިކްޓަ ލިންޑެލޯފް ވަނީ ޔުނައިޓެޑަށް ހަތަރު ވަނަ ގޯލެއް ޖަހައިދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑްސްގެ ކެޕްޓަން ލިއަމް ކޫޕާ ވަނީ އެ ޓީމަށް ގޯލެއް ކާމިޔާބުކޮށްދީފަ އެވެ.

ދެ ވަނަ ހާފްގައި ޔުނައިޓެޑުގެ އަނެއް ދެ ގޯލު ޖެހީ ޑެނިއަލް ޖޭމްސް އާއި ޕެނަލްޓީ އަކުން ފެނާންޑޭސް އެވެ. ލީޑްސްގެ ދެ ވަނަ ގޯލު ޖެހީ ސްޓުއާޓް ޑަލަސް އެވެ.

ސޭމް އަލަޑައިސް ވެސްޓް ބްރޮމްގެ ކޯޗުކަމާ ހަވާލުވެ ކުޅުނު ފުރަތަމަ މެޗުން ރޭ ވަނީ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 3-0 އިން ބަލިވެފަ އެވެ. މެޗުގެ ކުރީކޮޅުގައި ވިލާގެ އަންވަރު އެލްގާޒީ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް ވެސްޓް ބްރޮމް އަށް މައްސަލަ ދިމާވީ އެ ޓީމުގެ ޖެކް ލިވަމޯ ކުރި ނުރައްކާތެރި ފައުލަކަށް އޭނާ އަށް ސީދާ ރަތް ކާޑެއް ދެއްކުމެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ވެސްޓް ބްރޮމް އަށް މައްސަލަތައް ދިމާވިއިރު ދެ ވަނަ ހާފުގައި އެސްޓަން ވިލާ އިން އިތުރު ދެ ގޯލު ޖެހި އެވެ. މި ދެ ގޯލު ޖެހީ ޕެނަލްޓީ އަކުން އެލްގާޒީ އަދި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ބާޓްރަންޑް ޓްރައޯރޭ އެވެ.

1 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބީ.އެސް.ބީ ވެންގާ

21 December 2020

ހަލޯވް. ޔޫރޯޕާ ޑޮންކާސްޓަރ ބޯއީސް އާ ބެކް ވިތު އޮލޭ ބޭބެ އޮން ދި ވީލް. ރަދީފް ބާއީގެ ވެންގާ ގޫނާ ބޯއީސް އާރޓޭޓާ ބޭބެގެ ހުރަސް ނެގުމައިގެން 15 ވަނައިގަ؟ އޯކޭތޭންކްސްބާއީ.. އޯ.. ވެންގާ ބޯއީސް ވެންގާ ބޯއީސް ވެންގާ ބޯއީސް....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454