24 ޑިސެމްބަރ 2020 - 08:35
އެޕަލް އަށް ޓެސްލާ ވިއްކާލަން ކުރިން މަސައްކަތްކޮށްފައިވާނެ ކަމަށާއި އެކަމަކު އޭރު އެކަމަށް އެޕަލްގެ މިހާރުގެ ސީއީއޯ ޓިމް ކުކް ފުރަގަސް ދެއްވީ ކަމަށް ޓެސްލާގެ އާއި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
ޓެސްލާ އަކީ މިހާރު ކާރު އުފައްދާ ކުންފުނިތަކުގެ ތެރެއިން އިލެކްޓްރިކް ކާރު އުފެއްދުމުގެ އިތުރަށް ސެލްފް-ޑްރައިވިން ޓެކްނޮލޮޖީ ވަރަށް ބޮޑަށް ތަރައްގީކުރަމުން އަންނަ ކުންފުންޏެވެ. ސްމާޓްފޯނު އުފައްދަން މަޝްހޫރު އެޕަލް އަށް ޓެސްލާ ވިއްކައިލަން އުޅުނު ވާހަކަ އީލޮން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި މި ވަނީ އެޕަލް އިން ސެލްފް-ޑްރައިވިން ކާރު އުފައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
އެގޮތުން މި ޕްރޮޖެކްޓަށް އެހީ ހޯދުމަށް އެ ކުންފުނިން މަޝްވަރާކުރާ ކުންފުނިތަކުގެ ތެރޭގައި ޓެސްލާ ވެސް ހިމެނޭ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެޕަލްގެ އަމާޒަކީ 2024 ނުވަތަ 2025 ގައި ސެލްފް-ޑްރައިވިން ކާރު ނެރުމެވެ.
During the darkest days of the Model 3 program, I reached out to Tim Cook to discuss the possibility of Apple acquiring Tesla (for 1/10 of our current value). He refused to take the meeting.
— Elon Musk (@elonmusk) December 22, 2020
އިލޮން ކުރި ޓްވީޓްތަކެއްގައި ވިދާޅުވީ އެޕަލް އަށް ޓެސްލާ ވިއްކަން ހުށަހެޅީ ޓެސްލާ މޮޑެލް 3 އަށް ކުރިމަތިވި އެންމެ އުނދަގޫ ދަނޑިވަޅުގެ ތެރޭގައި ކަމަށެވެ.
"އެކަމަކު އެ މަޝްވަރާ އަށް ވަޑައިގަންނަވަން ކުކް ހެއްދެވީ ދެކޮޅު،" އޭނާ ވިދާޅުވި އެވެ.
Strange, if true.
— Elon Musk (@elonmusk) December 22, 2020
- Tesla already uses iron-phosphate for medium range cars made in our Shanghai factory.
- A monocell is electrochemically impossible, as max voltage is ~100X too low. Maybe they meant cells bonded together, like our structural battery pack?
އީލޮން ވިދާޅުވި ގޮތުގައި ޒަމާނީ އިލެކްޓްރިކް ކާރު އުފެއްދުމުގެ ރޭހަށް ބަލާ އިރު މި ވަގުތު ދުނިޔޭގައި އެކަމަށް އެންމެ ކުޅަދާނަ ކުންފުންޏަކަށް ވެސް ވާނީ ޓެސްލާ އެވެ. ޓެސްލާ އިން އަންނަނީ 2017 އިން ފެށިގެން އިލެކްޓްރިކް ކާރު އުފެެއްދުމުގައި ބޮޑެތި ކުރިއެރުންތަކެއް ވެސް ހޯދަމުންނެވެ. އެކަމަކު އަދިވެސް އީލޮން ބޭނުންވެވަޑައިގަންނަވާ ހިސާބަކަށް އެ މަސައްކަތް ނުގެންދެވެ އެވެ. އަނެއްކޮޅުން ސެލްފް-ޑްރައިވިން ކާރު އާންމުކޮށް މަގުތަކަށް ނެރުމަކީ ޓެސްލާގެ ވަރަށް ބޮޑު ހުވަފެނެކެވެ.
އެޕަލް އިން ސެލްފް-ޑްރައިވިން ކާރު އުފައްދަން އުޅެނީ މޮނޮސެލް ބެޓެރި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށް ބުނާތީ އެކަމަށް އިޝާރާތްކުރައްވައި އީލޮން ވިދާޅުވީ އެއީ އިލެކްޓްރޯކެމިކަލް އަށް ބަލާ އިރު ވާނެ ކަމެއް ނޫން ކަމަށެވެ.
އެޕަލް ސެލްފް-ޑްރައިވިން ކާރު އުފައްދަން އުޅޭ ކަމަށް މީޑިއާތަކުން ބުންޏަށް މިކަމާ ބެހޭ ގޮތުން އެ ކުންފުނިން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ކާރު އުފެއްދުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ވާހަކަ އަކީ މީގެ ހަ އަހަރު ކުރިން އެޕަލްގެ ތެރޭގައި ދެކެވިފައި އޮތް ވާހަކައެކެވެ.
އީލޮންގެ ޓެސްލާ އަކީ 2003 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ. އެ ކުންފުނީގެ އަގު މިހާރު 560 ބިލިއަން ޑޮލަރަށް އަރަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލޯން މުސްކު
24 December 2020
34 ބިލިއަން ޑޮލަރޭ ޓެސްލާއަކީ މުޅި ދުނިޔޭގެ ވެސް އެންމެ އަގުބޮޑު ކާރު ކުންފުނި ހަސަތޭކަ ބިލިއަން ޑޮލަރު.