29 ޑިސެމްބަރ 2020 - 07:53
"ވޮންޑް ވުމަން" ގެ ދެ ފިލްމުގެ ކާމިޔާބީއާ ގުޅިގެން ޓްރިލޮޖީއެއް ދަންމާލަން ނިންމައި ތިން ވަނަ ބައި ވެސް ގެނެސްދޭން ނިންމިކަން ވޯނާ ބްރަދާޒް އިން އިއުލާންކޮށްފި އެވެ.
ވޯނާ މީޑިއާ އިން އާދީއްތަ ނެރުނު ބަޔާނެއްގައި ޗެއާމަން ޓޮމީ އެމިރިޗް ވިދާޅުވީ "ވޮންޑަ ވުމަން" ގެ ކެރެކްޓާ ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގެންފައިވާ ކަމަށާއި މި ސަބަބާ ހުރެ އޭނާގެ ވާހަކަ ތިން ވަނަ ފިލްމަކަށް ދަންމާލަން ނިންމާފައިވާ ކަމަށެވެ.
"ޑަޔާނާ ޕްރިންސެސް [ވޮންޑަ ވުމަން] އަށް ބެލުންތެރިން ދޭ ހިފެހެއްޓުމެއް ނެތް ލޯތްބަށް ޝުކުރު އަދާކުރަން. އުފާވެރި ޚަބަރަކީ ދެން އޮތީ މީގެ ތިން ވަނަ ބައިކަން،" އޭނާ ވިދާޅުވި އެވެ.
Warner Bros. Pictures Fast-Tracks Development on Wonder Woman 3 https://t.co/2F9gO82oQ3
— Adhushan (@Adhushan1) December 28, 2020
ޕެޓީ ޖެންކިންސް ޑައިރެޓްކުރާ "ވޮންޑަ ވުމަން" ގެ ޓައިޓްލް ރޯލު ކުޅެނީ އިޒްރޭލަށް އުފަން ބަތަލާ ގަލް ގެޑޯ އެވެ. މީގެ ފުރަތަމަ ބައި 2017 ގައި ނެރުމަށް ފަހު ދެވަނަ ބައި "ވޮންޑަ ވުމަން 1984" ރިލީޒްކުރީ މި މަހުގެ 25 ގަ އެވެ. ސިނަމާތަކާ އެކު އެކީގައި ވޯނާ އިން ވަނީ އެ ފިލްމު އެޗްބީއޯ މެކްސް އިން ވެސް ސްޓްރީމްކޮށްފަ އެވެ.
ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ވޮންޑަ ވުމަން 1984" އަށް މިހާތަނަށް ބޮކްސް އޮފީހުގައި 85 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. މީގެ ފުރަތަމަ ބައިގެ އާމްދަނީ އަކީ 822.3 މިލިއަން ޑޮލަރެވެ. އެ ފިލްމު ހެދީ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
"ވޮންޑަ ވުމަން 3" ވެސް ޑައިރެކްޓްކުރާނީ ޕެޓީ އެވެ. އަދި ޓައިޓްލް ރޯލް ކުޅެނީ ގަލް އެވެ.
މި ފިލްމު އިއުލާންކުރި އިރު، ޕެޓީ ވަނީ ލޫކަސް ފިލްމްސް އާއި ޑިޒްނީގެ ސްޓާ ވޯސްގެ ސީރީޒްގެ ފިލްމެއްގެ ޑައިރެކްޝަނާ ވެސް ހަވާލުވެފަ އެވެ. އެއީ "ސްޓާ ވޯސް: ރޯގް ސްކޮޑްރަން" އެވެ. އެ ފިލްމު ރިލީޒްކުރާނީ 2023 ގަ އެވެ.
"ވޮންޑަ ވުމަން 3" ގެނެސްދޭނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy