އެމްއެމްޕީއާރުސީގެ ހަރަކާތްތަކާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: މިހާރު
29 ޑިސެމްބަރ 2020 - 16:28
ކޮވިޑު ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ހިންގި ހަރަކާތްތަކުން ރަނގަޅު ނަތީޖާ ނެރެވުނު ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީން މިއަހަރު ބޭއްވި ހަރަކާތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޮއްޔިބު ވިދާޅުވީ މި އަހަރު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ތަފާތު ހަރަކާތްތައް ރޭވިފައި ހުރި ނަމަވެސް ކޮވިޑް-19ގެ ސަބަބުން ގިނަ ހަރަކާތްތައް ހިންގަން ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ. މި އަހަރު ތެރޭގައި 412 ހަރަކާތް ހިންގާފައިވާއިރު މީގެ ތެރެއިން 314 ހަރަކާތަކީ ކޮވިޑް-19ގެ ތެރޭގައި ހިންގާފައިވާ ހަރަކާތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަހަރު ރާއްޖެ ޕްރޮމޯޓް ކުރުމަށް 22 މާކެޓެއްގެ އެކި ޕްލެޓްފޯމުތަކުގައި ވަނީ ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގައިފަ އެވެ.
"412 ހަރަކާތެއް ހިންގުނު، 22 ޓާގެޓް މާކެޓަކަށް. މިހާރުވެސް 47 ހަރަކާތެއް ކުރިއަށް އެބަދޭ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް އަދި ކުރަމުންދާ މަސައްކަތުގެ ހެއްކެއް. އޭގެ ތެރެއިން 314 ހަރަކާތަކީ މި ކާރިސާގެ ތެރޭގައި އަޅުގަނޑުމެން ހިންގި ހަރަކާތްތައް. މި މަސައްކަތުގައި އިއްޔެއާ ހަމައަށް ކުރެވުނު މަސައްކަތްތައް ހުއްޓާނުލާ އަދިވެސް ހަމަ ކުރިއަށް އެބަދޭ. މީގެ ތެރެއިން ބައެއް ކަންކަން އަންނަ އަހަރު ވެސް ކުރިއަށްދާނެ،" ތޮއްޔިބު ވިދާޅުވި އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީ ޖުލައި 15ގަ އެވެ. އެ ތާރީހުގައި ބޯޑަރު ހުޅުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަކީ މިއަދު ޓޫރިޒަމް ރަނގަޅުވަމުން އައުމުގެ ސަބަބު ކަމަށް ވެސް ތޮއްޔިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19 ފަދަ ބޮޑު ކާރިސާއެއްގެ ތެރޭގައި ވެސް އަންދާޒާ ކުރިވަރަށް ޓޫރިސްޓުން ގެނެވުނީ ދާއިރާގެ ހުރިހާ އެންމެންގެ އެއްބާރުލުމުން ކަމަށެވެ. އަދި އަންނަ އަހަރާ ކުރިމަތިލަނީ ގިނަ ކާމިޔާބީތަކާއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގުދުރަތީގޮތުން ކުރިމަތިވެފައިވާ ކާރިސާގައި ރާއްޖޭގެ ބޯޑަރު 15 ޖުލައިގައި ރައީސުލްޖުމްހޫރިއްޔާ ހުޅުއްވަން ނިންމެވި ނިންމެވުމަކީ މިއަދު އަޅުގަނޑުމެން މިދެކޭ ކާމިޔާބުގެ އަސްލު. އެދުވަހު އަޅުގަނޑުމެންގެ ބޯޑަރު ހުޅުވާނުލިނަމަ މިއަދަކު ފަސްހާހުން ހަތަރުހާހުން ދުވާލަކު މީހުން އަންނަތަނެއް ނުފެނުނީސް،" ތައްޔިބު ވިދާޅުވި އެވެ.
މި އަހަރު ރާއްޖެ އަށް ވަނީ ޓޫރިޒަމް ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ގިނަ އެވޯޑުތަކެއް ލިބިފަ އެވެ. މީގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ވެސް ރާއްޖެ އަށް ވަނީ ލިބިފަ އެވެ. މި އެވޯޑުތައް ދިފާއު ކުރުމަށް އަންނަ އަހަރު ވެސް މަސައްކަތް ކުރައްވާނެ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރޭދުންގިރިގިރި
31 December 2020
މި ބޭފުޅައަކީ މެޑަމްގެ އާއިލާ ބޭފުޅެއް. ކަމަށް އެކަށޭނަ ބެފުޅަކަށް މިކަހަލަ މަގާމުތައް ދިނުން މިހިންމު. ނެޕޮޓިޒަމްނޫންގޮތެއް!
އަލީ
29 December 2020
ރައްޔިތުންނައްވާ ފައިދާއެއް ނެތް.މިފަހަރުވެސް ކާލަިގެން ފިލާ. ނޫނީ އަގުބޮޑެތި ފުލެޓޫ ގަނެލާ
ބަބުރުލް ސަލީމް
29 December 2020
މިހާރު އަތްދޮންނަ ކެންޕޭނު ހާދަނުފެނެއޭ. މިހާރު މީހުން އަތްދޮންނަކަންވެސް ނޭންގޭ.