ގާސިމް: ކާޑެއްދޫ އެއާޕޯޓްގެ މައްސަލާގައި ދައުވާކުރީ ނުހައްގު އެއްޗެއް ހޯދަން ނޫން ކަމަށް ވިދާޅުވި --- ފޮޓޯ/މިހާރު
07 ޖެނުއަރީ 2021 - 15:12
ގދ. ކާޑެއްދޫ އެއާޕޯޓް އަތުލި މައްސަލާގައި ވިލާ އެއާ އިން ކޯޓަށް ދިޔައީ ނުހައްގުން ދައުލަތުގެ އަތުން އެއްޗެއް ހޯދަން ނޫން ކަމަށް ވިލާގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ އެއާއަށް 2013 ގައި ދިނުމަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެނުއަރީ، 2017 ގައި ސަރުކާރުން ވަނީ އެތަން އަތުލައިފަ އެވެ. އެ މައްސަލަ ވިލާ އެއާ އިން ކޯޓަށް ހުށަހެޅުމުން ނޮވެމްބަރު، 2018 ގައި ސިވިލް ކޯޓުން ނިންމީ އެއްބަސްވުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށާއި ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ވިލާ އެއާއަށް އޮންނާނެ ކަމަށެވެ. އެ ހުކުމް މިދިޔަ އަހަރު ހައި ކޯޓުން އޮތީ ދަމަހައްޓައިފަ އެވެ. ސަރުކާރުން އެތަން އަތުލީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ޚިލާފަށް އެތަން ހިންގާ ކަމަށް ބުނެ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާސިމް ވިދާޅުވީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ޚިލާފަށް ކާޑެއްދޫ އެއާޕޯޓް ހިންގި ނަމަ، އެތަން ވަގުތުން ހުއްޓާލަން އަންގާފައި އޮންނާނެ ކަމަށެވެ. އެ އެއާޕޯޓަށް ބޭނުންވާ އެކި މެޝިނަރީ ހޯދުމަށް 114 މިލިއަން ރުފިޔާ ވިލާ އިން ޚަރަދުކުރި ކަމަށާއި އެއްބަސްވުމާ ވިލާއިން ޚިލާފްވި ނަމަ، ތިން އަހަރު ވަންދެން އެތަން ހިންގުން ވިލާ އެއާއަށް ދީފައި ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. މިހާރު ވެސް އެތަން ހިންގަނީ ކުރިން އޮތް ހާލަތުގައި ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކުރަނީ ހައްގު ދައުވާއެއް. އަޅުގަނޑުމެން އެއްވެސް ކަހަލަ ގޮތަކަށް ބޭ އިންސާފުން ސަރުކާރުން އެއްޗެއް ހޯދައިގަތުމުގެ ބޭނުމުގައެއް ނޫން. އެތަނަށް މިދެންނެވިހެން 114 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށް، އެތަން އަޕްގްރޭޑްކޮށް އޭގެފަހުން ތިން އަހަރު ވެގެންދާއިރު ވެސް އެތަން ހިންގަމުން އެ ދަނީ އެއްވެސް ކަމެއް ސަރުކާރުން ކުރައްވާފައެއް ނެތް." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ސަރުކާރުން ވިލާ އަށް ދޭން ޖެހުނު ބ. މެންދޫ އެ ކުންފުންޏާ ހަވާލު ނުކޮށް ތިން އަހަރު ވަންދެން އެކި ބަހަނާތައް ސަރުކާރުން ދައްކަމުން ދިޔަ ކަމަށާއި ސަރުކާރުން އަމަލުކުރީ ޖެއްސުންކުރާ ފަދަ ގޮތަކަށް ކަމަށެވެ. އަދި އެހެން ރަށެއް ދޭން އެދުމުން ވެސް އެކަން ހަމަޖައްސައިނުދިން ކަމަށް ގާސިމް ވިދާޅުވި އެވެ.
"ދައުލަތުގެ ތެރޭގައި އޮތް ރަށެއް ދައުލަތުން އަޅުގަނޑުމެންނަށް ދީފައި މި ބުނަނީ އެއީ މިހާރު ދެވެން ނެތް ރަށެކޭ. ދެން އެކަން ދިގު ދަންމަމުން ދިގު ދަންމަމުން ގޮސް، މާ ދުރުގައި އޮތް ފިނޮޅެއް ދައްކާފައި އެގޮތަށް އެ ޖެއްސުން ކުރުމުގެ އުސޫލެއްގެ ތެރެއިން ދިޔަ ވާހަކަ އަޅުގަނޑު ދެރަވޭ، ލަދު ގަނޭ އިނގޭތޯ،" ގާސިމް ވިދާޅުވި އެވެ.
ވިލާ އެއާގެ ވަކީލް ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ވިދާޅުވީ ވިލާ އެއާއާ މެންދޫ ހަވާލުނުކޮށް ސަރުކާރުން ތިބި ތިބުމަކީ އެ އެއްބަސްވުމާ ދައުލަތުން ވެސް ޚިލާފްވުން ކަމަށާއި އެހެންވެ، އެއްބަސްވުމާ ޚިލާފްވީ ވިލާ އެއާއިން ކަމަށް ބުނުމުގެ ފުރުސަތު ދައުލަތަށް ނޯންނާނެ ކަމަށެވެ. އަދި އެއްބަސްވުން އޮތް ގޮތުން، މައްސަލައެއް ދިމާވެއްޖެ ނަމަ، ދެ ފަރާތުގެ ދެމެދުގައި މަޝްވަރާކުރަން ޖެހޭ ކަމަށާއި އެކަމަކު އެއްބަސްވުން ބާތިލްކުރުމުގެ ކުރިން އެ މަރުހަލާ ދައުލަތުން ފުރިހަމަ ނުކުރާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިވިލް އޭވިއޭޝަން އޮތޯރިޓީން އަބަދުވެސް އެއާޕޯޓްތައް އިންސްޕެކްޓް ކުރާ ކަމަށެވެ. އެކަމަކު ބައެއް ކަންކަމަކީ ދުރު މުސްތަގްބަލްގައި އިސްލާހު ކުރަން ޖެހޭ ކަންކަން ކަމަށް ވިދާޅުވި އެވެ. އަދި ވަގުތުން އެއާޕޯޓް ހުއްޓާލަން ޖެހޭ މައްސަލައެއް ފެނުނު ނަމަ، އެގޮތަށް އަންގާފައި އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް ދައުލަތުން ބުނީ ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއިން ހިންގަމުން ދިޔައީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ނޫން ކަމަށް ވާތީ އެއީ އެއްބަސްވުމާ ޚިލާފުވުން ކަމަށެވެ. އެހެންވެ، އެކަންކަން ރަނގަޅު ކުރަން ވިލާއަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން އިތުރު ފުރުސަތެއް ދިންތޯ ބަލަން ނުޖެހޭ ކަމަށް ދައުލަތުން ދެކެ އެވެ. ނުވަތަ އެއާޕޯޓް ހިންގުން ހުއްޓާލަން ސިވިލް އޭވިއޭޝަން އޮތޯރިޓީން އަންގާފައި ނެތް ނެތުމަކީ އެއްބަސްވުން ބާތިލްކުރުމުގެ ހައްގު ދައުލަތަށް ގެއްލިގެން ދިއުން ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ފަނޑިޔާރު ހުސްނުއް ސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ބައްލަވާ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން އިއުލާންކުރުމަށް ފަހު އެވެ.
ދެން އޮންނަ އަޑުއެހުމެއްގައި، ކާޑެއްދޫ އެއާޕޯޓަށް ވިލާ އިން ކުރި އިންވެސްޓްމަންޓްގެ އަގާއި ގެއްލުމުގެ ބަދަލަށް އެދޭ މިންވަރެއް ހުށަހަޅަން ފަނޑިޔާރުންގެ ބެންޗުން އެންގެވި އެވެ. އަދި ސަލާމަތީ މިންގަނޑުތަކަށް އަމަލު ނުކުރުމަކީ އެއްބަސްވުމުގެ އަސާސީ ޝަރުތަކާ ޚިލާފްވީ ކަމަށް ބަލައި، އެއްބަސްވުން ބާތިލް ކުރަން ހުއްދަވާނެ ކަމެއްތޯ ދައުލަތުން ސާފުކޮށްދޭން ވެސް ބެންޗުން އެންގެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
08 January 2021
ތި ވިޔަފާރިވެރިން ހިއްސާވާ ޕަބްލިކް ބޭންކެއް ހަދަންވިނު، އޭރުންވެސް ތި ފައިސާގެ ތަދުމަޑުކަން ލުއިވެދާނެ
އެޑްމުންޑޯ
08 January 2021
ގދ ގައްދޫ ، ވާދޫކައިރީގައި އޮތް ރަށެއް ރިސޯޓްހަދަން މަނިކުފާނު ނަގާގެން އުޅޭތާ ވިއްސަކަށް އަހަރުވެއްޖެ ، އެރަށްނުހެދިއޮތުމުން އެސަރަހައްދުގެ ރައްޔިތުންނަށް ކިހާބޮޑުގެއްލުމެއް އެލިބެނީ ، ދެން އެރަށް ސަރުކާރުން ނެގީމާ ބަދަލަށް އެތެއްމިލިއަންހޯދަން ކޯޓަށް ،
އެމްޑީޕީމީހާ
08 January 2021
އަޅުގަނޑެ ޖޭޕީޔަ ވޯޓެއް ނުދޭނަން ދެނެ.
އެމެރިކާ
08 January 2021
ޖޭޕީގެ ތާއީދެއް ރައްޔިތުންގެ ނެއް.
ޝޮކްތެރަޕީ
08 January 2021
ރައިސް ޔާމިންގެ ތަރައްގީ ރަނގަޅުކަމުން ނޮހޮވިދާނެ ކަމައް ހީކޮއް ރައިސް ޔާމިންގެ ވެރިކަން ވައްޓާލަން މަނިކުފާން ނިކުތީ.
ހައްގުބަސް
08 January 2021
ހުޅުމާލޭގަ ބާބަ ކިއު ހަދާތާ ކުރިމަތީގަ ހުރި ހުސްބިން މަނިކުފާން ހޯދީ ކިހިނެކުންދޯ؟
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
07 January 2021
ޓްރަމްޕްވެސް ބުނާ ގޮތުން ކެޕިޓޯލް ހިލް އަށް ސަޕޯޓަރުން ވެއްދިއްޔަކީ ނުހައްގު އެތި ހޯދަކަށް ނޫން. ދެކަންވެސް ދެ ގައުމުގެ ގިނަ ރައްޔިތުންނަށް ފިސާރި ސާފު
މަތިމަސްއަހައްމަދު
07 January 2021
އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ލެއްވުން ދެއްތޯ؟
ޑަރޯގާ
07 January 2021
ވަރލްޑް ކުލާހޯލަ!
ގޮބަޅި
07 January 2021
މީ ލާރި ހިތިބޭފުޅެއް!