ލައިފްސްޓައިލް / ހޮލީވުޑް

ދެކުނު ކޮރެއާގައި ނެޓްފްލިކްސްގެ ޕްރޮޑަކްޝަން ފުޅާކުރަނީ

ދެކުނު ކޮރެއާ އިން އުފައްދާ ނެޓްފްލިކްސްގެ އުފެއްދުންތައް އިތުރުކުރަން ހާއްސަ މަސައްކަތްތަކެއް މިހާރު ކުރިއަށްދާ އިރު 2015-2020 އާ ހަމައަށް އެ ކުންފުނިން އެ ގައުމުގައި 700 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވޭ

މުނިފޫހިފިލުވުމުގެ ދާއިރާ އިން ދެކުނު ކޮރެއާ ހޯދަމުން އަންނަ ކާމިޔާބީތައް ވަރަށް ބޮޑެވެ. ފިލްމާއި ސީރީޒްތަކާއި މިއުޒިކީ އުފެއްދުންތަކަށް ބެލިޔަސް ދެކުނު ކޮރެއާގެ ކޮންޓެންޓްތަކަށް މުޅި ދުނިޔޭގައި ލިބޭ ތަރުހީބު އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސް އަށް ބެލިޔަސް ކޮންޓެންޓްގެ ގޮތުން ވަރުގަދަ ދެކުނު ކޮރެއާގެ މޮޅެތި އުފެއްދުންތައް އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. މި ސަބަބާ ހުރެ ނެޓްފްލިކްސް އިން މިހާރު ވަނީ ކޮންޓެންޓްތައް އިތުރަށް ވަރުގަދަކޮށް، އުފެއްދުންތައް އިތުރުކުރުމުގެ ގޮތުން އިންވެސްޓްމަންޓްތައް ވެސް އިތުރުކުރަމުންނެވެ. މީގެ ދަށުން މިހާރު ވަނީ ކުއްޔަށް ނަގާފައިވާ ބޮޑު ދެ ބިމެއްގައި އުފެއްދުންތައް ޝޫޓްކުރާނެ ފެސިލީޓަކެއް ގާއިމުކޮށްފަ އެވެ. އޭގެ ތެރެއިން އެއް ތަނަކީ ޝޫޓިންތަކަށް ހަ ޔުނިޓް (ސްޓޭޖް) އެކުލެވޭ ވައިސީޑީއެސްއެމްސީ-ސްޓޫޑިއޯ 139 އެވެ. މިއީ 9،000 އަކަމީޓަރުގެ ތަނެކެވެ.

އަނެއް ތަނަކީ 7،000 އަކަމީޓަރުގެ ސަރަހައްދެއްގައި ތިން ޔުނިޓް (ސްޓޭޖް) އެކުލެވޭ ސެމްސަންގް ސްޓޫޑިއޯ އެވެ. މިތަންތަން ހަދާފައި ހުރީ ވެރިރަށް ސޯލްގެ ބޭރުން އޮންނަ ގިއޮންގީ ޕްރޮވިންސްގަ އެވެ.

ދެކުނު ކޮރެއާ އިން އުފައްދާ ނެޓްފްލިކްސްގެ އުފެއްދުންތައް އިތުރުކުރަން ހާއްސަ މަސައްކަތްތަކެއް މިހާރު ކުރިއަށްދާ އިރު 2015-2020 އާ ހަމައަށް އެ ކުންފުނިން އެ ގައުމުގައި 700 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވެ އެވެ.

އެ މުއްދަތުގެ ތެރޭގައި ނެޓްފްލިކްސް އަށް ދެކުނު ކޮރެއާގެ 80 އަށް ވުރެ ކޮންޓެންޓް އައިސްފައިވެ އެވެ.

"އަހަރެމެންގެ އިންވެސްޓްމަންޓް ދެކުނު ކޮރެއާގައި ފުޅާކުރުމަކީ ވަރަށް އުފާވާ ކަމެއް. އެ ގައުމުގެ އުފެއްދުންތަކަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ އެކު އެބަޖެހޭ ބެލުންތެރިން އެންމެ އެދޭ ވަރަށް ކޮރެއާގެ ކޮންޓެންޓްތައް ނެޓްފްލިކްސް އަށް ގެންނަން،" ނެޓްފްލިކްސްގެ ސްޓޫޑިއޯ އޮޕަރޭޝަންގެ ވައިސް ޕްރެޒިޑަންޓް އެމީ ރެއިންހާޑް ވިދާޅުވި އެވެ. "އެތަނުގެ އާ ސްޓޫޑިއޯތަކާ އެކު އުފެއްދުންތައް ދެން އަންނާނީ ވަރަށް ބޮޑަށް އިތުރުވަމުން."

ނެޓްފްލިކްސް އަށް އަލަށް އަންނަން ހުރި ދެކުނު ކޮރެއާގެ އުފެއްދުންތަކުގެ ތެރޭގައި ބެލުންތެރިންނާ ހަމައަށް އަންނާނެ އެންމެ ހާއްސަ އެކައްޗަކަށް ވާނީ ސްޕެއިންގެ މަޝްހޫރު ސީރީޒް "މަނީ ހެއިސްޓް" އަށް ބިނާކޮށް ކޮރެއާ އިން ހަދާ ސީރީޒެވެ. އަދި އަންނަން ހުރި އިތުރު އުފެއްދުންތަކުގެ ތެރޭގައި "މޫވް ޓު ހެވެން"، "ކިންގްޑަމް: އޭޝިން އޮފް ދަ ނޯތު"، "ސައިލެންޓް ސީ"، "ސްކްއިޑް ގޭމް"، "ހެލްބައުންޑް"، "އޯލް އޮފް އަޒް އާ ޑެޑް" އަދި "ޑީޕީ" އެއްޗެހި ހިމެނެ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާ އިރު، ދެކުނު ކޮރެއާ އަކީ އާދައިގެ ގައުމެއް ނޫނެވެ. އެ ގައުމަކީ މިދިޔަ އަހަރުގެ އޮސްކާ އެވޯޑްސްގެ ތާރީހު ވެސް ބަދަލުކޮށްލި މޮޅު އުފެއްދުމެއް ގެނެސްދިން ގައުމެކެވެ. ދެކުނު ކޮރެއާގެ ފިލްމު "ޕެރަސައިޓް" އަކީ އޮސްކާގެ އެންމެ ވަރުގަދަ ބައެއް އެވޯޑްތައް މިދިޔަ އަހަރު ގެންދިޔަ ފިލްމެވެ.

ބޮންގް ޖޫން-ހޯ ޑައިރެކްޓްކުރި އެ ފިލްމަކީ އޮސްކާގެ މޮޅު ފިލްމުގެ އިތުރުން މޮޅު ޑައިރެކްޓަރާއި މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އިތުރުން މޮޅު ބޭރު ފިލްމުގެ އެވޯޑް ވެސް ގެންދިޔަ ފިލްމެކެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 29%
icon inlove icon inlove 14%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454