ރާއްޖޭގެ ދެ ސަރަހައްދަކަށް މެޓުން މިހާރު ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
ކަނޑުގަދަ ވަގުތެއްގައި ކޯސްޓްގާޑުގެ އުޅަނދެއްގެ ފޮޓޯއެއް -- ފޮޓޯ: އެމްއެންޑީއެފް
13 ޖެނުއަރީ 2021 - 11:51
ހއ. އިން ފެށިގެން ތ. އަތޮޅާ ދެމެދަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ގަދަ ވަޔާ އެކު ކަނޑު ވެސް ގަދަވެދާނެތީ، ކަނޑު ދަތުރުވެރިންނަށް، މެޓް އޮފީހުގެ އިތުރުން، އެމްއެންޑީއެފުން ވެސް ރައްކާތެރިވުމުގެ އިންޒާރެއް މިއަދު ދީފި އެވެ.
މެޓުން ވަނީ ހއ. ފެށިގެން މ. އަތޮޅަށް މިއަދު 12 އަށް އަދި ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މެންދުރު ފަހު ދޭކާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.
މެޓުން ބުނީ އެ ގަޑިތަކުގައި އެ ސަރަހައްދުތަކަށް 25-15 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ކޮޅިގަނޑުގައި 40 މޭލަށް ވައި ގަދަވުމުގެ ފުރުސަތު އޮތް ކަމަށެވެ. މި ވަރަށް ވައި ޖެހޭ ކޮޅިގަނޑެއްގައި ކަނޑު އުޅަނދެއް ލައްވާލައިފި ނަމަ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތުން ކައިރި އެވެ.
މެޓުން ލަފާކުރަނީ ވައި ގަދަވެ ރާއްޖޭގެ ބައެއް ހިސާބުތަކުގެ ރާޅުތަކުގެ އުސްމިން 7-4 ފޫޓަށް އުފުލުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން މިއީ ކަނޑު ދަތުރުތަކަށް ނުރައްކާ މިންވަރެއް ކަމަށް، ބެލެވެ އެވެ.
ކަނޑު މަތީގެ ހާދިސާތަކުގައި ވެސް މީހުންނާއި މުދާ ސަލާމަތްކުރުމުގެ މަސްއޫލިއްޔަތު އުފުލަން ތައްޔާރުވެގެން ތިބޭ ދިވެހި ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައި އެމްއެންޑީއެފުން އެދުނީ މި ދުވަސްވަރު ރޭގަނޑު ދަތުރުނުކުރުމަށެވެ.
Alert White for strong winds and rough seas pic.twitter.com/CI2jOXvYtH
— Maldives Meteorology (@MetMaldives) January 13, 2021
މެޓް އިން މިއަދު ކުރި ޓްވީޓެއް
ދަތުރަށް ނުކުންނަ އުޅަނދުފަހަރުގައި ރައްކާތެރިކަމުގެ ހުރިހާ އާލާތެއް ހަމަކޮށް، ފިޔަވަޅުތައް އަޅާފައި ބަހައްޓަން ވެސް، އެމްއެންޑީއެފުން އެދެ އެވެ.
އެމްއެންޑީއެފުން ބުނީ ދަތުރަށް ފަށާއިރު ކޮންމެ އުޅަނދެއްގައި ވެސް ލައިފް ޖެކެޓާއި ފެން ހިންދާ ޕަމްޕާއި ސަލާމަތީ އެހެން ސާމާނު ހުންނަން ޖެހޭނެ ކަމަށެވެ.
ކަނޑުމަތީގެ ހާދިސާއެއް ހިނގައިފި ނަމަ 191 އަށް ގުޅާ، ކޯސްޓް ގާޑަށް އަންގަން ވެސް އެމްއެންޑީއެފުން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހhaސނު
13 January 2021
އަހަރުތެރޭ ކިތަށް ފޯކާސްޓް ތޯ ދިމާވަނީ.