ދައުލަތުން ބުނީ ދުސްތޫރީ މައްސަލައަކާ ބެހޭ ގޮތުން ގާނޫނު އަސާސީގައި ހައްލެއް ނެތް މައްސަލައަކާ ކުރިމަތިވެއްޖެ ނަމަ އެކަމާ ބެހޭ ގޮތުން ގާނޫނެއް ހަދަން ސުޕްރީމް ކޯޓުން މަޖިލީހަށް ލަފާދެވިދާނެ ކަމަށް.
ކުރީގެ ނައިބު ރައީސް ޑރ، މުހައްމަދު ޖަމީލް އަހްމަދު މަގާމުން ވަކިކުރި މައްސަލާގައި މިއަދު ދައުލަތުން ސުޕްރީމް ކޯޓުގައި ޖަވާބުދާރީވަނީ
14 ޖެނުއަރީ 2021 - 15:14
ނައިބު ރައީސްކަމުގެ މަގާމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކިކުރީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވާތީ އެފަދަ ކަންކަމުގައި ކޯޓުން ގޮތެއް ނުނިންމޭނެ ކަމަށް ގާނޫނުއަސާސީގައި އެބަ އޮތް ކަމަށާއި ގާނޫނުއަސާސީން ހައްލު ނެތް ހާލަތްތަކުގައި ވަކި ގޮތަކަށް އަމަލުކުރަން ކޯޓަށް ވެސް ނުބުނެވޭނެ ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
ދައުލަތުން މިހެން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ޖަމީލް ހުންނަވަނިކޮށް 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މަގާމުން ދުރުކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ބުނެ ޖަމީލް ހުށަހެޅުއްވި މައްސަލައިގެ މިއަދުގެ އަޑުއެހުމުގަ އެވެ.
ޖަމީލް ވަކިކުރީ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކުގެ ސައްހަ ކަމުގެ މައްސަލަ ކޯޓުތަކަށް ނުބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ވާތީ، ޖަމީލް ހުށަހަޅުއްވާފައިވާ މައްސަލަ ވެސް، ގާނޫނުއަސާސީގައި ބުނާ އިސްތިސްނާ ހާލަތެއްގައި ނޫނީ ކޯޓަށް ނުބެލޭނެ ކަމަށް ކުރީގެ އަޑުއެހުމުގައި ދައުލަތުން ވަނީ ބުނެފަ އެވެ. އެހެންވެ މިކަމުގައި ދެން އޮންނާނީ ކޮން ހައްލެއްތޯ ފަނޑިޔާރުންގެ ބެންޗުން، ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ދައުލަތާ ސުވާލުކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ބެންޗުގައި
އެޓާނީ ޖެނެރަލްގެ ފަރާތުން ދައުލަތުގެ ވަކީލް ފާތިމަތު ހަލީމް ޖަވާބު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައިދޭން އެދި މުހައްމަދު ހަލީމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔާ ހަވާލާދެއްވަ އެވެ. ދައުލަތުން ބުނީ ދުސްތޫރީ މައްސަލައަކާ ބެހޭ ގޮތުން ގާނޫނު އަސާސީގައި ހައްލެއް ނެތް މައްސަލައަކާ ކުރިމަތިވެއްޖެ ނަމަ އެކަމާ ބެހޭ ގޮތުން ގާނޫނެއް ހަދަން ސުޕްރީމް ކޯޓުން މަޖިލީހަށް ލަފާދެވިދާނެ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ގާނޫނެއް ނުހެދޭނެ ކަމަށް ވެސް ސުއޫދުގެ ރައުޔާ ހަވާލާދީ ވަކީލް ވިދާޅުވި އެވެ.
"މާނައަކީ [ގާނުނުއަސާސީގެ] 88 ވަނަ މާއްދާ މާނަކުރާއިރުގައި އެފަދަ ހާލަތެއް ނުވަތަ އެ ވިދާޅުވާ ފަދަ އެކްސެޕްޝަނެއް ގާނޫނުއަސާސީގައި ނެތް ނަމަ، ދެން އެއީ އޮތް ބާރެއް ކަމަށް ބައްލަވައިގެނެއް އެގޮތަކަށް ސުޕްރީމްކޯޓަކަށް، އެއްވެސް ކޯޓަކަށް އެ މާއްދާ މާނަކުރެވޭނެކަމަށް ދައުލަތުން ނުދެކޭ ކަމަށް މި ފާހަގަކުރަނީ،" ވަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރެވޭނެ ގޮތްތައް ގާނޫނު އަަސާސީގައި ބަޔާންކޮށްފައި އެބަހުރި ކަމަށާއި އެގޮތުން އެ މެންޑޭޓަކީ ކޯޓުތަކަށް ވުރެ ބޮޑަށް ރައްޔިތުންގެ މަޖިލީހާ ގާނޫނުއަސާސީން މަތިކޮށްފައިވާ މެންޑޭޓެއް ކަމަށެވެ. އެހެންވީމާ އެފަދަ ހައްލުތައް ހޯދޭނީ ގާނޫނުއަަސާސީ އިސްލާހުކުރަން ޖެހިއްޖެ ހިނދެއްގައި މަޖިލީހަށް އެގޮތަށް ފެނިގެން ކަމަށް ދައުލަތުން ދެކޭ ކަމަށް ވެސް ވިދާޅުވި އެވެ.
ދައުލަތުން އެގޮތަށް ވާހަކަދެއްކުމުން ފަނޑިޔާރު އަޒްމިރަލްދާ ސުވާލުކުރެއްވީ "އެހެންވީމާ މިހާލަތުގައި އޮތް ހައްލަކީ ކޮބައިތޯ" އެވެ.
ދައުލަތުގެ ވަކީލާ ފާތިމަތު ހަލީމް ވިދާޅުވީ ހައްލެއް ނެތުމަކީ ކޮންމެހެން ސުޕްރީމްކޯޓުން ހައްލެއް ހޯދަން ޖެހޭ ކަމެއް ނޫން ކަަމަށެވެ.
"އަޅުގަނޑުގެ ސުވާލަކީ މިހާލަތުގައި އޮތް ހައްލަކީ ކޮބައިތޯއޭ. ސުޕްރީމްކޯޓުން ހައްލެއް ހޯދައިދޭ ވާހަކައެއްނޫން އަޅުގަނޑު މިދައްކަނީ. މިހާރު އެކޮޅުން [ޖަމީލްގެ ފަރާތްޕުޅުން] އެބަ ވިދާޅުވޭ މައްސަލައެއް އެބަ އޮތޭ. އެ މައްސަލައަށް ދެން ހައްލެއް ހޯދަން އަމަލުކުރާނީ ކިހިނެއްތޯއޭ، މިހާރު އެެއްވެސް ވަރަކަށް ޗެލެންޖެއް ނުކުރެވޭނޭ ތިޔަ ވިދާޅުވަނީ. އެހެންވީމާ އޭގެ މާނަ އަކީ ރައްޔިތުންގެ މަޖިލީހުން ވެސް ހަމަ ގާނޫނު އަސާސީއާ ހިލާފަށް ކަމެއް ކުރައްވައިފި ނަމަ އެއްވެސް ދިމާލަކުން ޗެލެންޖެއް ނުކުރެވޭނޭ، އެހެންތޯ ތިޔަ ވިދާޅުވަނީ؟" އަޒްމިރަލްދާ ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް ޑރ، މުހައްމަދު ޖަމީލް އަހްމަދު (މ) އަދި އެ މަނިކުފާނުގެ ވަކީލް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު (ވ) މިއަދު ސުޕްރީމް ކޯޓުގައި
ދައުލަތުގެ ވަކީލާ ފާތިމަތު ހަލީމް ވިދާޅުވީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި ބުނާ ފަދައިން އިސްތިސްނާއެއް ނެތް ނަމަ ނުވަތަ ކޯޓަށް އިހްތިސާސް ދީފައި ނުވާ ނަމަ އެފަދަ މައްސަލަތައް އިތުރަށް ބެލިގެން ނުވާނެ ކަމަށް ދަައުލަތުން ދެކޭ ކަމަށެވެ. ޔައުގޫބްގެ މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަކީ ވެސް އެއީ ކަަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
ކޮންމެ ކަމަކީ ދުސްތޫރީ ހައްލެއް އޮންނާނެ މައްސަލައެއް ނޫން ކަަމަށް ސުއޫދު ވިދާޅުވެފައިވާ ކަމަށާއި އެގޮތަށް ވިދާޅުވީ މިފަދަ މައްސަލައެއް ކުރިމަތިވެދާނެ ކަމަށް ވެސް ބައްލަވައިގެން ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށް ވަކީލް ވިދާޅުވި އެވެ. ދައުލަތުން ވަނީ މަޖިލީހުން ނިންމާ ނިންމުމެއްގެ ސައްހަކަން ކޯޓުން ނުބެލޭނެ ކަމަށް ގާނޫނުއަސާސީގައި ހިމެނިއިރު މަޖިލީހުގެ ޖަލްސާތަކުގައި ދެކެވުނު ވާހަކަތަކުގެ ޔައުމިއްޔާ އިން ވެސް، ދައުލަތުގެ ވާހަކަތަށް ބާރު ލިބޭ ކަމަށް ވިދާޅުވެ ޔައުމިއްޔާގެ ބައިތައް ވެސް އިއްވައިފަ އެވެ.
ޖަމީލްގެ ވަކީލް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވީ މިއީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށެވެ. ޖަމީލް މަގާމުން ވަކިކުރި އިރު މަޖިލީހުގައި ދިފާއު ވުމަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދީފައި ނުވާ ކަމަށާއި އެއީ ގާނޫނޫއަސާސީގައި ބަޔާންކުރާ އަސާސީ ހައްގެއް ނިގުޅައިގަތުން ކަމަށެވެ. އެހެންވެ މިކަމުގައި އިންސާފު ހޯދަން ކޯޓަށް ދެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މީގެ އިތުރުން މުއިއްޒު ވިދާޅުވީ ޖަމީލް ވަކިކުރުމުގައި އިޖުރާއީ އެއްވެސް އަދުލުވެރިކަމެއް ވެސް މަޖިލީހުން ގެންގުޅެފައި ނެތް ކަމަށެވެ. އެއީ ވެސް ގާނޫނުއަސާސީގައި ލިބިދޭ ހައްގެއް އުނިވުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މައްސަލައިގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ޖަމީލް އެދިވަޑައިގެންފައި ވާތީ އޭނާއަށް ފުރުސަތު ދެއްވަން، ބެންޗުގެ ރިޔާސަތުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ޖަމީލަށް 10 މިނެޓްގެ ވަގުތެއް މިއަދު ދެއްވި އެވެ. ނަމަވެސް ޖަމީލް ވިދާޅުވީ ވާހަކަ ދެއްކެވުމަށް 25 ވަރަކަށް މިނެޓް ބޭނުންވާނެ ކަމަށެވެ. އެހެންވެ މި ވަގުތު ދެން އޮންނަ އަޑުއެހުމެއްގައި ދިނުމަށް އުއްތަމަ ފަނޑިޔާރު ނިންމެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިނބަ
15 January 2021
ނައިބު ރައީސްކަމުން ބޭރުކުރީ މަޖިލީހުން. އެހެންކަމުން މައްސަލަ ރައްދުވަނީ މަޖިލީހަށް. ކޯޓަށް މައްސަލަ ހުށަހެޅީ ޖަމީލު. ދެން މީގަ ދައުލަތުގެ ރޯލެއް ނެތްއިރު، ދައުލަތުން ދިފާއަށް ނިކުމެ މި ކުރަނީ ކީއްބާ؟؟؟؟
ސަ.ނާ
15 January 2021
ދައުލަތުގެ ވަކީލުން، ޚާއްސަކޮށް މެދުގައި އިންނެވި ވަކީލާ ވަރަށް ފުރިހަމައަށް މަސައްކަތް ކުރެއްވެވިތަން ފާހަގަ ކުރެވުން
ސޮނިބެ
15 January 2021
އަސްލުތަ؟ ކިހިނެތް އިނގުނީ؟
މޯޑް
14 January 2021
ޖަމީލުގެ މަގުސަދަކީ ކޮބާބާ?
އާރީ.
14 January 2021
ޖަމީލު މިހާރު ހާދަ ފީފީއެމްވެގެން މިއުޅެނި. މަހިތަށް އަރާ ޖަމީލުމެން ލަދުގެ ކަންފުޅެއް ވެސް ނެތީބާއޭ. އިހަކަށް ދުވަހު ވިއްޔާ ޔާމީނަށް ފުކަކަށް ދާދެށްބަވާ ވަގަށް ގޮވާ ހެދީ
ސެމި
14 January 2021
މީަނަ މިގޮތަށް އެއްލާލި ޔާމީނުބުޑުގަ މިހާރު! ޖަމާލް ލަަދެއްވެސް ނުަގަނޭދޯ! ޕިސްޕިސް
ޖަމީލު
15 January 2021
ޕްރޮފެޝަނަލް ވަކީލުން ޒާތީ ނުވާނެ! ޢެހެންވެ ޖަމީލު ޒާތީނުވެ ވަކާލާތު ކޮށްދެނީ... އެގިއްޖެ؟
ސީޒަން ޖެކްޝަން
14 January 2021
ބަލަ ޖަމީލޫ. ތިބާ ބޭރުކުރިމީހުންގާތަށް ގޮސް ތިހޯދަންއުޅޭއެއްޗެއް ހޯދަބަލަ. މީ ދައުލަތާބެހޭކަމެއްނޫން. މީ ދެމީހެއްގެ ދެމެދުގާ ހިނގައިދިޔަ ކަންތައްގަނޑެއް. ދިވެހިރައްޔިތުންނާ ދިވެހިދައުލަތް މިކަމުގެތެރެއަށް ބާނަންނޫޅޭ.
މައިކް
15 January 2021
ޖަމީލު ބޭރުކުރީ އަދީބާއި އަންނި، ދެމީހުންވެގެން. އަންނި ބުނި އަދީބަކީ ތިމަންނަ ކުރީގެ ސަރުކާރު ހަލާކު ކުރަން އެޅި ފަންޏެކޭ. މިކަމުންވެސް އެނގޭ މިއީ ދެމީހުންގެ މެދުގައި ހިނގައިދިޔަ ކަމެއް ނޫންކަން. ރައީސް ޔާމީނަކީވެސް ހަމަ އިންސާނެއް. ޔާމީނާ ދެކޮޅަށް އަދީބު މަސައްކަތް ކުރެއްވިކަން ރޭކާލީވެސް ލޯންޗް ގޮއްވާލަން އުޅުއްވި ފަހުން. ހަގީގަތް އެނގުނު ނަމަ ޖަމީލު ނައިބް ރައީސް ކަމުގައި ބެހެއްޓެވީސް. ދޭތެރެ ޖެއްސީ ހަމަ އަންނި އާއި އަދީބުވެގެން.