ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުން މިއަދު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު
17 ފެބުރުއަރީ 2025 - 13:01
ގާނޫނުއަސާސީގައިވާ ގޮތަށް ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް، ގާނޫނުއަސާސީ އަށް ރައްޔިތުންގެ މަޖިލީހުން ގެންނަ އިސްލާހުތަކުގެ މައްސަލަތައް އެއްވެސް ކޯޓަކަށް ނުބެލޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިޖުރާއީ އިއުތިރާޒެއް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވެ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ފެށި އެ މައްސަލައިގެ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ، އެއީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހްތިސާސް އޮތް މައްސަލައެއް ނޫން ކަމަށެވެ. އަލީ ހުސެއިން މައްސަލަ ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީ އަށް ހަވަނަ އިސްލާހު ގެނައި ގާނޫނު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ދުސްތޫރީ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް، މިފަދަ މައްސަލަތައް ދުސްތޫރީ މައްސަލައިގެ ތަރަހައިގެ ތެރެއަށް ނުފެތޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގައި ދުސްތޫރީ މައްސަލައަކީ ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް ވިޔަސް މާނަކުރާން ޖެހިއްޖެ ނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއްވިޔަސް ގާނޫނުއަސާސީއާ ހިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމަން ޖެހިއްޖެ ކޮންމެ މައްސަލައެކެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރުން
ފާތިމަތު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަ ބިލްތަކަކީ ގާނޫނެއް ގޮތަށް ބަޔާން ކޮށްފައިވީ ނަމަވެސް، އެއީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫނެވެ. އެއީ ހާއްސަ އިޖުރާއަތެއްގެ ދަށުން ހާއްސަ އުސޫލަކުން ފާސްކުރާ އެއްޗެއް ކަމަށާއި އެ އަށް ގާނޫނެއްގެ ދަރަޖަ ދޭ ނަމަ އިޖުރާއީ ބޮޑެތި މައްސަލަތައް ވެސް ނުކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ދެކޭ ގޮތުގައި ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކަކީ ގާނޫނުއަސާސީގެ ބައެކެވެ. އެ މާނަ ކުރަން ޖެހޭނީ ވެސް އެގޮތަށް ކަމަށް އޭޖީ އޮފީހުން ދެކެ އެވެ.
ވަކީލް އެހެން ވިދާޅުވުމުން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކުގެ މައްސަލަތައް ބެލޭނީ ކޮން ކޯޓަކަށްތޯ ފަނޑިޔާރު އައިޝާ ޝުޖޫން ސުވާލު ކުރެއްވި އެވެ. ވަކީލް ވިދާޅުވީ ގާނޫނުއަސާސީއަށް އިޖުރާއަތުގެ ތެރެއިން އުސޫލާ އެއްގޮތަށް ގެންނަ އިސްލާހުތައް އެއްވެސް ކޯޓަކަށް ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ގަބޫލުކުރާ ގޮތުގައި ސުޕްރީމް ކޯޓަށް ބެލޭނީ ގާނޫނުއަސާސީ މާނަ ކުރުމާ ގުޅޭ ގޮތުން ހުށަހަޅާ ދުސްތޫރީ މައްސަލަތަކެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީ އަށް ގެންނަ ބަދަލަކާ ގުޅޭ މައުޟޫއީ މައްސަލަތައް ނުހިމެނެ އެވެ.
މި އިޖުރާއީ އިއުތިރާޒާ ގުޅިގެން އަލީ ހުސެއިންގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ އެކަމަށްޓަކައި ފާސްކުރާ ގާނޫނަކުން ކަމަށާއި އެހެންކަމުން، "ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ ސަބަބެއް އޮވެގެން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ގާނޫނުތަކާއި އެހެން ގާނޫނުތަކާ ތަފާތު ވާނެ ކަމެއް ނުވަތަ ފަރަގެއް އޮތް ކަމަކަށް ގާނޫނުއަސާސީގައި ނެތެވެ.
މަހުފޫޒު ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަ މާއްދާއެއް އެހެން މާއްދާއަކާ ހިލާފުވާ ނަމަ، އެކަން އެގޮތަށް އެ މިންވަރަށް ސުޕްރީމް ކޯޓަށް ބުނެވޭނެ ކަމަށާއި އެފަދަ މައްސަލަތަކުގައި ގޮތް ކަނޑައެޅޭނެ ކަމަށެވެ. ސުޕްރީމް ކޯޓަށް ނުބުނެވޭނީ އެ މާއްދާ ދެން އޮންނަންވީ ގޮތް ކަމަށާއި އެއީ އެ ކޯޓުގެ އިމުން ބޭރުވުން ކަމަށް މަހުފޫޒު ވިދާޅުވި އެވެ.
ބަންޑާރަ ނައިބުގެ އޮފީސް ތަމްސީލް ކުރައްވާ ވަކީލުން މިއަދު ޝަރީއަތުގެ މަޖިލީހުގައި
ކޯޓުތަކުގެ ގާނޫނު: ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސާސް ލިބިފައިވާ މައްސަލަތައް:
- އެ މައްސަލައަކީ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރު ވެދާނެ ފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށްވުން
- އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެބާރެއްގެ ދެމެދުގައި ގާނޫނުއަސާސީ މާނަ ކުރުމާ ގުޅޭ ގޮތުން އުފެދޭ މައްސަލައަކަށްވުން
- އެ މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށްވުން.
ސުޕްރީމް ކޯޓަށް އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެއީ އެ އިސްލާހު ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ އާއި ފަސް ވަނަ އަދި އަށް ވަނަ މާއްދާއާ ވެސް ހިލާފުވާތީ އަދި 73 ވަނަ މާއްދާ އާއި 90 ވަނަ މާއްދާއާ ވެސް ތައާރަޒުވާ ކަމަށް ބުނެ އެވެ.
އެ އިސްލާހަކީ މިހާރު ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެއްވެސް ގޮތަކުން އެޕްލައި ކުރެވޭނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ވެސް އަލީ ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވެ އެވެ.
ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް 2018 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ކުރިން ފާސްކުރި އެވެ. ނަމަވެސް އެ ގާނޫނު ފަހުން ވަނީ އުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިމާލް ހަސަން
18 February 2025
ކޮންމެ ގޮތެއް ވިޔަސް ރައްޔިތުނާ ގުޅުން ހުރި މިކަހަލަ ކަންކަމުގަ ގޮތް ނިންމޭނީ ރައްޔިތުންގެ މަންދޫބުންނަށް.
މަމްދޫހް މުހައްމަދު
18 February 2025
ބަރާބަރު ވާހަކައެއް. ގާނޫނަށް މިހެން ބަދަލް ނުގެނެވޭނެ ސުޕްރީމް ކޯޓަށް.
ަކަތްދައްތަ
18 February 2025
ކޯޓަަކަށް ނުބެލޭނޭ ބުނާ ހުއްޖަތަކީ ކޮބައްޔޯ؟
އޮނަރަބްލް ތުއްތޯންބެ
17 February 2025
2008 ހޭލުން ތެރިކަމުގެ ދިރާސާ . ސުވާލު ގާނޫނު އަސާސީ އަކީ ކޯޗެއް ؟ ފުރަތަމަމީހާ "ގާނޫނު އަސާސީ އަކީ ކޯޗެއްކަމެއް ނޭގޭ. ދެވަނަ މީހާ ޖަވާބު. "ގާނޫނު އަސާސީ އަކީ ގުރުއާން ކިޔެވުން ދެން ތައުލީމު ދިނުން" ، 3 ވަނަ މީހާ ޖަވާބު "އަހަރުމެންނަށް އަދި އެއީ ކޯޗެއްކަމެއް ނޭގޭ" . 17 އަހަރު ފަހުން ގާނޫނު އަސާސީ އާއި ގާނޫނު އަދި ގާވާއިދު ވަކިކުރަން ނޭގޭ ފަދަ ވަކީލުން ސްޕްކުރީމްކޯޓަށް ދައުލަތުން ފޮނުވުމަކީ ހިތާމައެއް .
އައްލޮ
17 February 2025
ރަސްކަމަކަށް ބަދަލުކުރަން ފާސްކުރީމަ ދެން?
585854
18 February 2025
ނިޒާމު ބަދަލުކުރާނަމަ ރައްޔިތުންގެ ވޯޓު ނަގަންޖެހޭކަމަށް ގާނޫނު އަސާސީގަ އޮވޭ. އެހެންވީމަ ރައްޔިތުން ނިޒާމު ބަދަލުކުރުމަށް ވޯޓު ދީފިނަމަ ރަސްކަމަކަށްވެސް ބަދަލުކުރަންވީ. ހަމަގައިމުވެސް އޭރަށް ސިޔާސީ މަގާމުތަށް މަދުވާނެތާ. ވޯޓަށް ޕާޓީމީހުން މަގުތަކުގަ ހޯބޯލަވާކަށ ނުޖެހޭނެ. ހޯބޯލަވަން ނުކުންނަ ކޮންމެ މީހަކަށް ޑިމޮކްރަސީގައި ފަހަތުގަ މީހުންގަނޑު އޮންނާނީ ވަޒީފާ ދެންޏާ. ހިލޭސާބަހަށް އެކަކުވެސް ޑިމޮކްރަސީއެއް ނުކުޅޭނެ.
ރާވެރިބެ
17 February 2025
ދިވެހި ރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމަށާ ދިވެއްސަކަށް ވެވޭނީ ހަމަ އެކަނި މުސްލިމަކް ކަމަށް ގާނޫނު އަސާސީގަ އޮތް މާއްދާތަށް ރައްޔިތުންގެ މަޖިލިސް އިން އުވާލިއަސް ސުޕްރީމް ކޯޓަށް ހުށަނޭޅޭނެ ކަމަށްދޯ މިވަނީ! މަޖިލިސް އިން ގާނޫނު އަސާސީއާ ޚިލާފަށް ގާނޫނު އަސާސީ އަށް ބަދަލެއް ގެނަޔަސް އެކަން ބެލޭނެ ނުވަތަ އެކަން ބަލަން ހުށަހެޅޭނެ ފަރާތެއް ނެތް ކަމަށް ބަޔަކު އެބަ ކިޔާ. ވައޯ!
މަހާޒް
17 February 2025
އިދިކޮޅުން ވެރިކަން ބޭނުން ވިޔަސް ބޮޑުވަރު. މިހެން ބަގާވާތް ކުރަން ފުރުސަތު ނުދެވޭނެ. ޕާޓީ ބަދަލްވިޔެވެސް ދީގެން ނުވާނެ. އުސޫލެއް އޮންނަންވާނެ
ނާޑުވާ
18 February 2025
އުސޫލް ވަރަށް ސާފު ވޯޓުލީ ދާއިރާގެ މެމްބަރުން ބާލާނީވެސް އެ މެމްބަރުން ޕާރޓީ ލީޑަރެއް ނޫން. ޕާރޓީ ބުނިހާގޮތަކަށް ވޯޓުލާކަށް ނުޖެހޭ ރައްޔިތުން އެންމެ ބޭނުންވާ ގޮތެއް ބަލާ އެގޮތަކަށް ވޯޓު ދޭންޖެހޭނީ.
ރާވެރިބެ
18 February 2025
ބަޣާވާތް ކުރަން އުލޭބަޔަކު ނުދާނެ ސުޕްރީމް ކޯޓަށް. ދާނީ ޖުމްހޫރީ މައިދާނަށް. ނަޝީދުގެ ވެރިކަން ވައްޓާލީ ސުޕްރީމް ކޯޓުންތަ؟ ތާއިދު ނެތަސް ތިހާ ބިރުން ނޫޅެބަލަ.
މުހައްމަދު ހައިޝަމަ
17 February 2025
ރައްޔިތުން ހޮވާ ޕާޓީ ބަދަލްކޮށްގެން ގޮޑި ނުގެއްލެންޔާ އެއީ މައްސަލައެއް
މުއާޒް ހަލީމް
17 February 2025
މިކަމުގައި އަލީ ހުސައިން މެން ވަރަށް ފީކަޅާ ޕޮއިންޓްތަކެއް ހުށަހެޅީ. ވަރަށް ވީކް. ދައުލަތުން ދިން ޖަވާބް ފުރިހަމަ
އިސްމާލު2.0
17 February 2025
ތިބާކަހަލަ ބޮލުގައި ތެތްކަމެއް ނެތް މީހަކަށް ތިޔަހެން ހީވިޔަސް. އެންމެންނަކީ އެހާ މޮޔަބައެއްނޫނެވެ.
އަފާފް ހަމީދު
17 February 2025
މިކަން އޮތް ގޮތް ގާނޫނީ ވަކީލް ހަމްޒާ ކައިރިން އަހައިލިން. ބުނީ އެޖީ ބުނީ ރަނގަޅަށް ކަމަށް. މިމައްސަލަ ބޭރު ކުރަން ޖެހޭ ކަމަށް
ކުރަގަނޑު
18 February 2025
ހަމްޒާ ބުނެފިއްޔާ އެއީ ރަގަޅުގޮތްތަ؟