ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށް ވެސް އަމަލުކޮށްފައިވާނީ، ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބަޔާނެއް ނެރެ މިހެން ބުނީ ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން ސުޕްރީމް ކޯޓަށް، އެ އޮފީހާ ދެކޮޅަށް ދެ މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ހިޔާލު ހޯދުމުގެ އާންމު ވޯޓާއި އެ ވޯޓު ނެގުމަށްޓަކައި ގާނޫނުން ތަސައްވުރުކުރާ އިޖުރާއަތާ ގުޅޭގޮތުން އާންމު ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު ކުރިއަށް ގެންދަން ނިންމާފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަކީ، ގާނޫނުއަސާސީއަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވަން ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށްޓަކައި ނަގާ ހިޔާލު ހޯދުމުގެ ވޯޓެކެވެ.
ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލަކީ، ދެ މަގުސަދެއް ހާސިލްކުރުމަށްޓަކައި އެކުލަވައިލާފައިވާ ބިލެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
އެންމެ ފުރަތަމަ މަގުސަދަކީ، ރިޔާސީ އިންތިހާބާ އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުން ކަމަށާއި ދެވަނަ މަގުސަދަކީ، ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން މަގުފަހިކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު ގައި ފެށޭ ގޮތަށް، މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު ބަދަލުކޮށް، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ފަސް އަހަރު ދުވަހަށް ވުރެ ކުރުކުރުން ކަމަށެވެ.
ބަޔާނުގައި ބުނީ ގާނޫނުއަސާސީން ދުސްތޫރީ ނިޒާމު ބައްޓަންކޮށްފައިވާ ގޮތަށް ބަލާއިރު، ގާނޫނުއަސާސީއަށް ގެންނަ ބައެއް އިސްލާހުތަކަކީ، ރައްޔިތުންގެ ބަހެއް ނެތި، ތަސްދީގުކޮށް އަމަލުކުރަންފެށޭނެ އިސްލާހުތަކެއް ނޫން ކަމަށެވެ.
އެގޮތުން ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު ބަދަލުކުރުމަށްޓަކައި، އިސްލާހުކުރެވޭ މާއްދާއަކީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ކަމަށްވާތީ، އެ ބިލު ތަސްދީގުކޮށް އަމަލުކުރަން ފެށޭނީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވާ ރައްޔިތުންނަށް އެ ބިލު ތަސްދީގުކުރަން ފެންނަ ނަމަ ކަން ބަޔާނުގައި ފާހަގަކުރި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އާންމު ވޯޓެއް ނެގުމަށް ލާޒިމުވާ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ގަރާރަކުން އެކަން ކަނޑައަޅަންވާނެ ކަމަށާއި، އެ ގަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ އިބާރާތާއި، އެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި، ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު ހިމަނަންޖެހޭ ކަން ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގަރާރު ނެރުއްވާފައި ކަން ވެސް ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކުރި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައި ބުނި ގޮތުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ލާޒިމްކުރަނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް އިސްލާހު ކުރުމަށްޓަކައި، ރައްޔިތުން ރުހޭތޯ ބެލުމަށް ވޯޓެއް ނެގުމެވެ. އަދި އެކަން ކުރުމުގެ އިޖުރާއަތު ބަޔާންކުރަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގަ އެވެ.
ދެ އިންތިހާބާ ގުޅޭ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލަކީ ގާނޫނީ އެ އިޖުރާއަތާ އެއްގޮތަށް އޮތް ސުވާލެއް ކަން ބަޔާނުގަައި ބުންޏެވެ.
ރައްޔިތުންނަށް ހުށަހެޅިފައިވާ ސުވާލަކީ ގާނޫނުއަސާސީއަށް ގެނެވޭ 8 ވަނަ އިސްލާހުން ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އިސްލާހުކޮށް ތައާރަފުކުރާ އުސޫލަށް އަމަލުކުރަން ފެންނަކަން ނުވަތަ ނޫންކަން ވަޒަންކުރެވޭ ސުވާލެއް ކަމަށާއި އެހެންވެ ގާނޫނުއަސާސީއިން މިކަމާ ގުޅިގެން ތަސައްވުރުކުރާ ޝަރުތު ފުރިހަމަވީ ކަމަށް ބެލެވޭނެ ކަމަށް ބަޔާނުގައި ބުންޏެވެ.
"މިކަން މިނޫންގޮތަކަށް މާނަކުރުމަކީ ގާނޫނީ އަދި ދުސްތޫރީ އުސޫލުތަކާ ތައާރަޒުވާނެ ކަމެކެވެ،" ބަޔާނުގައި ބުންޏެވެ.