ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ގާނޫނީ ވަކީލުންތަކެއް ސުޕްރީމް ކޯޓަށް އިއްޔެ ދެ މައްސަލައެއް ހުށަހަޅައިފި އެވެ.
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބާއެކު ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިނާއި ވަކީލް އައިކް އަހުމަދު އީސަގެ އިތުރުން ވަކީލް އިބްރާހިމް ޝިޔާމެވެ.
އަލީ ހުސައިން ހުށަހެޅުއްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މަޖިލީހުން ގާނޫނު އަސާސީއަށް މިދިޔަ މަހު ގެނައި އިސްލާހު މިހާރު ބާތިލްވެފައިވާ ކަމަށް ކަނޑައެޅުމަށެވެ.
އެކަމުގެ ތަފްސީލު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެސްގައި އަލީ ހުސެއިން ވިދާޅުވީ ގާނޫނު އަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިދިޔަ މަހުގެ 11 ވަނަ ދުވަހު މަޖިލީހުން ފޮނުވާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތައް 15 ދުވަހުގެ ތެރޭގައި ތަސްދީގުކުރަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކުރާއިރު، އެ މުއްދަތު މިހާރު ފަހަނައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ގޮތަކަށް ގުނިއަސް އެ މުއްދަތު މިހާރު ވަނީ ހަމަވެފައި. ގާނޫނު އަސާސީގައި ވަކި ކަމެއް ކުރަން މުއްދަތެއް އޮންނަންޏާ އެކަން ކުރަންޖެހޭނެ،" އަލީ ހުސައިން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މައްސަލާގައި ހުށަހަޅާފައިވަނީ ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހު، އެ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ 15 ދުވަހުގެ މުއްދަތުގެ ތެރޭގައި ތަސްދީގުކޮށްފައިނުވާތީ މިހާރު އެ ބިލް ވަނީ ބާތިލްވެފައި ކަމަށް، އެ ބިލް ދެމި ނޯންނާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިލް ބާތިލްވުމުން، ބާތިލްވެފައިވާ ބިލަކާ މެދު ނަގަންޖެހޭ ފެންނަ ނުފެންނަ ވޯޓެއް ނޯންނާނެ ކަމަށެވެ. އެހެންވެ، އެކަމާ މެދު އިތުރަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހިގެންނުވާނެ ކަމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައިވެ އެވެ.
ވަކީލް އައިކް އަދި ޝިޔާމްގެ ފަރާތުން ހުށަހެޅީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސް ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ، އެ ސުވާލު ހިމެނޭ ގޮތަށް ފެންނަ ނުފެންނަ ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެވެ.
ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ "ގާނޫނު އަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯ އެވެ.
އައިކު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގާނޫނު އަސާސީގައި އޮންނަނީ 262 ވަނަ މާއްދާގެ ށ. ގައި ބުނާ ކަންކަމަކަށް ބަދަލެއް ގެންނަނަމަ އެވެ. އެކަމަކު މިފަހަރު އަހާފައިވަނީ ގާނޫނު އަސާސީއަށް ގެނައި އިސްލާހެއް ތަސްދީގުކުރުމާ ބެހޭގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ މިފަދައިން އިސްލާހެއް ތަސްދީގުކުރުމާ ބެހޭގޮތުން ސުވާލުކުރީމަ ރައްޔިތުންނަށް އިތުރަށް އޮޅުންތަކެއް އަރާ. އަސްލު ހަގީގަތުގައި ވާން މި އުޅޭ ކަންތައް އެބަ އޮޅޭ،" އައިކު ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަންކަން
- ”އަސާސީ ހައްގުތަކާއި މިނިވަންކަން“ މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް.
2. ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ރައްޔިތުންގެ މަޖިލީހުގެ އުމުރު
3. ގާނޫނުއަސާސީގެ 107 ވަނަ މާއްދާ ރިޔާސަތުގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް
4. ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރުން
5. ގާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) (ދިވެހިރާއްޖޭގެ ސަރަަހައްދު)
އައިކު ވިދާޅުވީ ސީދާ އަންނަ ބަދަލަކާ ގުޅޭގޮތުން ރައްޔިތުންނާ ސުވާލުކުރެވެން ޖެހޭނެ ކަމަށެވެ. އެހެންވެ، މިފަހަރު ކުރަންޖެހޭ ސުވާލަކީ، މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ނުވަތަ ނުފެނޭތޯ ކަމަށާއި އެކަމަކު، ސުވާލު އޮތީ އާއްމުންނަށް ސާފުނުވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުރިހާ ވާހަކަތަކެއް ގާނޫނު އަސާސީގައި ހިމަނަން ފެނޭތޯ ނުފެނޭތޯ ރައްޔިތުން ކައިރިން އަހަން ޖެހޭނެ ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ. ގާނޫނީގޮތުން ވަރަށް ބޮޑު ގޯހަކަށް ވާނީ،" އައިކު ވިދާޅުވި އެވެ.
އެ މައްސަލަ ހުށަހަޅަނީ ވޯޓުގައި އެ ސުވާލު އަހައިފިނަމަ އާއްމުންނަށް ވޯޓުލެވެނީ ކޮން ކަމަކަށް ކަމެއް އަދި އޭގެ ނަތީޖާއަކީ ކޮބައިކަން ނޭނގޭނެތީ ކަމަށާއި އޭރުން ގައުމަށް ބޮޑު ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެސް އައިކު ވިދާޅުވި އެވެ.
ފެންނަ ނުފެންނަ ވޯޓާ ގުޅޭ މައްސަލަތަކެއް އެމްޑީޕީން ވެސް ވަނީ މީގެ ކުރިން ހައި ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.