ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް މާދަމާ އިއްވަން އެ ކޯޓުން ހަމަޖައްސައިފި އެވެ.

އަންނަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވާ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ވަކީލް އަހުމަދު އައިކް އީސަ އާއި އިބްރާހިމް ޝިޔާމެވެ. 

އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ނިންމާލާފައިވާއިރު، އެ މައްސަލާގެ ހުކުމް މާދަމާ މެންދުރު އިއްވަން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.

އެ ދެ ވަކީލުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ރިޔާސީ ގަރާރުގައި ހިމަނުއްވާފައިވާ ސުވާލު އޮތީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ އެ ސުވާލު ހިމަނައިގެން ފެންނަ ނުފެންނަ ވޯޓު ނުނެގޭނެ ކަމަށް ބުނެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރިޔާސަތު ބަލަހައްޓަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. 

ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ވަކީލް އަލީ ހުސައިން ވެސް ދުސްތޫރީ މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމަށް ވަނީ ނިންމައިފަ އެވެ.