ވޯޓުލާ ދުވަސް ކައިރިވާ ވަރަކަށް ފުންނާބު އުސް ލޯޔަރުންނާއި ސިޔާސީ މުފައްކިރުންގެ އަޑުތައް ގަދަވެ އެވެ. އަދި ކުރަން މި އުޅޭ ކަމަކީ ކޮން ކަމެއްކަން ގަސްދުގައި އޮޅުވާލުމަށް ބޭނުންވާ މީހުން މި ބަހުސްގައި، ބަސް ބުނާ މީހުންގެ އަގު ވައްޓާލުމުގެ ފޮޓޯތަކާއި ކަމާ ނުބެހޭ މައުލޫމާތުތަކާއި ޒާތީ ވާހަކަތައް ރައްޔިތުންގެ ސަމާލުކަމަށް އެބަގެނެ އެވެ.
ހުރިހާ ވާހަކައެއްގެ ސަމާލުކަން ގޮސް ހުއްޓެނީ ގާނޫނުއަސާސީ އަށެވެ. އަޅުގަނޑު ކުރިން ލިޔުނު ލިޔުމެއްގައި 2008 ވަނަ އަހަރު ވުޖޫދު ކުރެވުނު މިހާރު ރާއްޖޭގައި އަމަލު ކުރެވެމުންދާ (ފެހި) ގާނޫނު އަސާސީ މި ވަނީ "ހަރު ހިސާބެއްގައި ޖެހިފައި" ކަމަށް ވާނީ ދަންނަވާލައިފަ އެވެ.
އެއީ މިހާރު އެ ގާނޫނުއަސާސީގެ އުމުރު މި ހުރީ 18-17 ގެ ޒުވާން ދައުރު ކަޑައްތުކޮށް 21 ވަނަ އަހަރުގެ އީދު މީލާދާ ހިސާބަށް މިސްރާބު ޖަހާފައި ވާތީ އެވެ. އެ މަރުހަލާ ފާހަގަކުރާނީ 2008 ގައި ހަޔާތުގެ އަލިކަން ދުށް ގާނޫނުއަސާސީގެ ދަށުން ފުރިހަމަކުރާ ފަސް ވަނަ އިންތިހާބު ބާއްވާ އަހަރު ކަމުގައިވާ 2028 ގަ އެވެ. ހުރިހާ އެންމެންގެ ވިސްނުމުގައި ވެސް މި ހުރީ އެ މިސްރާބެވެ.
އާދެ! ފަސް ވަނަ ފަހަރަށް ރައްޔިތުން ރައީސަކު ހޮވަން ނިކުންނާނީ އެ އަހަރު އެވެ. އެއީ ރިޔާސީ ގޮނޑި އާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރައްވާ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި އަމިއްލަ ފަރާތްތަކަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ރަގަޅު ކުރުމަށް ކޮށްދެއްވޭނެ ކަންތައްތައް އަދި އެ ކަންތައްތައް ހާސިލް ކުރުމަށްޓަކައި ގެންގުޅުއްވާނެ ސިޔާސަތުތަކާއި އަގުތައް ހުށަހަޅުއްވާ ވަގުތެވެ. ފިހާރައިން ގަންނަ މުދަލެކޭ އެއްފަދައިން އެ އެއްޗެއްގެ އަގު ބިނާވެގެން ވަނީ "ބްރޭންޑް ވެލިއު" އަދި "ބްރޭންޑް ރިލަޔަބިލިޓީ" ގެ މައްޗަށް ކަން ޔަގީނެވެ.
ފެހި ގާނޫނުއަސާސީގެ ދަށުން މާޒީގައި އިންތިހާބު ކުރި ރައީސުންނަށް ބަލާލާއިރު ބްރޭންޑް ރިލަޔަބިލިޓީ އެއްވެސް ބޭފުޅަކަށް އަދި ވިއްކިފައެއް ނެތެވެ. ވިއްކުނީ ހަމައެކަނި ބްރޭންޑެވެ. އެހެނީ ގާނޫނުއަސާސީ ތަންދިނަސް (އެމެރިކާގައި ފެނިފައި ހުރި ގޮތަށް) ރާއްޖޭގައި އަދި ދެ ޓާމަކަށަް އެއްވެސް ރައީސަކަށް ފުރުސަތު ލިބިފައެއް ނުވެ އެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 21 ވަނަ އަހަރުގެ އީދު މީލާދު ފާހަގަކުރާއިރު ދެ ދައުރު ފުރިހަމަ ކުރައްވާނެ ބޭފުޅަކު ފައުޅުވެގެން ދިއުމަކީ މި ގާނޫނުއަސާސީ ރައްޔިތުން ބަލައިގެންފި ކަމުގެ ހެއްކަކަށް ހަމަ ގައިމު ވެސް ވާނެ އެވެ.
މިހާރު މި ނަގަން އުޅޭ "ފެންނަ ނުފެންނަ" ވޯޓުގެ ނަތީޖާއެއްގެ ގޮތުން އެއް ދުވަހެއްގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބޭއްވުމަށް ފާސްވެއްޖެ ނަމަ އެއީ ގާނޫނުއަސާސީ އިތުރަށް ހަރުދަނާވުމަށް އެޅޭނެ ފިޔަވަޅަކަށް ވާނެ އެވެ.
އެގިވަޑައިގަންނަވާނެ ފަދައިން ފެހި ގާނޫނުއަސާސީއަކީ ރިޔާސީ ނިޒާމެއްގެ ބިންގަލުގައި ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބުވެ ވަޑައިގަންނަވާ ބޭފުޅަކަށް 115 ވަނަ މާއްދާގެ ދަށުން ނުހަނު ގިނަ ބާރުތަކެއް އެރުވޭ ގައުމާއި ދައުލަތް ހިންގުމުގެ "ޕްލޭބުކް" އެވެ. ކޮންމެ ގައުމެއްގެ ވެސް ގާނޫނުއަސާސީއަކީ އެ ގައުމެއްގެ މޫނު މައްޗެވެ. 2008 ވަނަ އަހަރު ދިވެހި ރައްޔިތުން ފެހި ގާނޫނުއަސާސީ ގެނައީ ވަރަށް ފޮނި އުންމީދުތަކަކާ އެކު އެވެ. ހަމަޖެހުމާއި ތަރައްގީ އާއި ގާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ކަށަވަރުވާނެ ކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ.
ޖުމްލަ ގޮތެއްގައި ގާނޫނުއަސާސީގެ މާއްދާތަކަށް ބަލާއިރު ރައްޔިތުންނަށް ހެޔޮ ނަފާ ހޯދައި ދިނުމުގައި ވަރަށް ފުރިހަމަ ނިޒާމެއް ތަރުތީބު ކުރުމުގެ ބާރު 115 ވަނަ މާއްދާއިން ރިޔާސީ ގޮނޑިއަށް އިންތިހާބުވެ ވަޑައިގަންނަވާ ބޭފުޅަކަށް ލިބެ އެވެ. ދައުލަތުގެ ތިން ބާރާއި މިނިވަން މުއައްސަސާތަކުގެ އިތުރުން ދައުލަތް ހިންގުމުގެ އިތުރު ފަށަލައެއްގެ ގޮތުގައި ލާމަރުކަޒީ ނިޒާމަކުން މުޅި ރާއްޖެ ހިންގާ ރައްޔިތުންގެ އެންމެހާ ހައްގުތައް ރައްކައުތެރި ކުރުމުގެ މަތިވެރި ޒިންމާ މި އަރުވަނީ އެ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށެވެ. އާދެ! 115 ވަނަ މާއްދާގެ ހުރިހާ ވެސް ބޭނުމަކީ ތިލަ ގޮތަކަށް ދަންނަވާ ނަމަ ރައްޔިތުންނަށް ރަގަޅު ގޮތް ގޮތް ހޯދައި ދިނުމާއި ގައުމު ހިންގުން މެކުހަށް ޖެހުމެވެ.
މިކަންކަން ކުރުމުގައި ގާނޫނުއަސާސީ އަށް ބަދަލެއް ގެންނާން ޖެހިއްޖެ ނަމަ އެކަން ވެސް ކުރުމަށް ވަކި އިޖުރާއާތެއް މިވަނީ އެކަށަ އެޅިފަ އެވެ. އެ އިޖުރާއާތު ކަނޑައެޅުއްވި ނުވަތަ ގާނޫނުއަސާސީ ފާސް ކުރެއްވި ގިނަ ބޭފުޅުން މިވަގުތު ވެސް ދުނިޔޭގައި އެބަތިއްބެވި އެވެ. އެކި ބޭފުޅުންގެ ހަދުމަފުޅުން އެކި ތަންކޮޅުން އެކި މާނަ ދޭހަވާ ކޮންޓެންޓްތަކުން މީޑިއާ އާއި ސޯޝަލް މީޑިއާ ފުރާލާ، ރައްޔިތުންނަށް އެބަ އޮޅުން އަރަ އެވެ. ނަމަވެސް ލިޔެވިފައި އޮތް އެއްޗެއް ވަރަށް ސާފެވެ. "ފެންނަ ނުފެންނަ" ވޯޓު ނަގާން ޖެހޭ މާއްދާތަކާއި ކަން ކުރަންވީ ގޮތް ވަރަށް ސަރީހަ އިބާރާތުން ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާންކޮށްދީފައި ވެ އެވެ.
އެގޮތުގެ މަތިން މިހާރު ރައްޔިތުންގެ "ފެންނަ ނުފެންނަ" ވޯޓެއް ނަގަން މިއުޅޭ 261 ވަނަ މާއްދާގައި އެ ބުނާ ގާނޫނުގައި ވަނީ މިހެނެވެ؛ "ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 72 ވަނަނ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރު ކުރުން: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް މީހުން ހޮވުމަށް ބާއްވާންޖެހޭ އިންތިހާބު ބާއްވަން ވާނީ މި ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިޚާބާއި އެކުއެވެ." އަދި 79 ވަނަ މާއްދާގެ (ހ) އަންނަނިވި ފަދައިން އިސްލާހު ކުރުން: "ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުން 5 އަހަރު ދުވަހެވެ."
އާދެ! ގާނޫނުއަސާސީ އަށް އިތުރު ފުރިހަމަ ކަމެއް ނުވަތަ ކްލެރިޓީ ގެނެސް ދެވެނީ އެވެ. ކުރިން ވެސް އަދި މިހާރު މި ގެނެވޭ އިސްލާހުން ވެސް ހަމަ ދައުރަކީ ފަސް އަހަރެވެ. ދައުރުގެ މުއްދަތަކަށް ބަދަލެއް ގެންނަން ހުށަހެޅިފައި ނުވެ އެވެ. އެހެންވީމާ، އެއީ ފުށުއެރުމެއް އޮތް އިސްލާހެއް ކަމުގައި ބެލުމުގެ ޖާގަ އެއް ނެތެވެ.
ސުވާލު އުފެދިގެން މިއުޅޭ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބޭފުޅަކު ހޮވިވަޑައިގަތުމާ އެކު، ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމުގެ ތާރީހު އިހުގައި އޮތް ގޮތަށް ފަހުގެ ތާރީހެއްގައި ބޭއްވުމާއި ދޭތެރޭ ބަހުސް ކުރެވިފައި ނެތީތޯ އެވެ؟ ގިނަ ބޭފުޅުން އެއްބަސްވެ ވަޑައިގަނަނަވާ ގޮތުގައި ގާނޫނުއަސާސީ ތަސްދީގު ކުރިއިރު އެ ބަހުސް ކުރެވުނެވެ. އަދި ގަސްދުގައި އެގޮތަށް ބޭއްވީ އެވެ. ވަކި ތާރީހެއް ކަނޑައެޅިފައި ނެތީ އެވެ.
ގާނޫނުއަސާސީން ބުނާ އެއްޗެއް މައުނަ ކުރުމުގައި އަދި ވަކި މާއްދާއެއްގައި ނެތް އެއްޗެއް ނެތީ މިވަނި ބޭނުމެއްގައޭ ލަފާކޮށްލުމުގައި "ފްރޭމާސް އޮފް ދަ ކޮންސްޓިޓިއުޝަން" ނުވަތަ އެ ލިޔުއްވި ބޭފުޅުންގެ "ބަނޑުފުޅުގައި" އޮތް މާނައަކީ ކޮބައިތޯ އަންދާޒާ ކުރެވެ އެވެ. ފެހި ގާނޫނުއަސާސީ ވުޖޫދު ކުރީ "ފެންނަ ނުފެންނަ" އަކުން ފާސްކޮށް ރިޔާސީ ނިޒާމެއްގެ ބިންގަލެއްގެ މައްޗަށެވެ. އެހެންކަމާ އެކީގައި 115 ވަނަ މާއްދާ އަށް ގަދަ ބާރުތަކެއް ދީފައި ވެ އެވެ. އެ މަހުފޫމަކީ އަޅުގަނޑުމެން އިހުތިރާމް ކުރަންޖެހޭ ގާނޫނުއަސާސީގެ ވަރަށް މުހިއްމު އަސާސެކެވެ.
ގާނޫނުއަސާސީ ބައްޓަން ކުރުމުގައި ރިފޯމިސްޓުންގެ ތެރޭގައި އޭރު އުޅުއްވި ބައެއް ބޭފުޅުންގެ ނަޒަރުގައި ރާއްޖެ އަށް މަލްޓި ޕާޓީ ސިސްޓަމް މުހިއްމެވެ. ސިޔާސީ ޕާޓީއަކީ ގައުމުގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އެކުލަވާލުމަށް އޮންނަ ވަސީލަތެކެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ސިޔާސީ ޕާޓީތައް ހަރަކާތްތެރިވަނީ ވެރިކަމަށް އައުމުގެ ނިޔަތުގަ އެވެ. އެއީ އެކަން އޮންނަ ގޮތެވެ. ވެރިކަމުގެ ނިޒާމާއި ދައުލަތް ހިންގާންވީ ގޮތުގެ ބްލޫ ޕްރިންޓް ނުވަތަ ދުސްތޫރީ ހުކޫމާތު ލިޔަނީ އެ ރައްޔިތަކު ބޭނުންވާ ގޮތަކަށް އެ އިރެއްގެ ހާލަތަކާއި ގުޅިފއިވާ ދުނިޔެ އެއްގައި ގައުމުގެ ކުރިމަގު އާރާސްތު ކުރެވޭނެ އެންމެ އައުލާކަން ބޮޑު ގޮތަކަށް ރިއާޔަތް ކޮށެވެ. މާޒީން ފިލާވަޅު ވެސް ނަގައިގެންނެވެ.
ދެހާސް އަށް ވަނަ އަހަރަށް ފަހު، ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ކޮންމެ ބޭފުޅަކީ ވެސް ސިޔާސީ ޕާޓީގެ ނިޒާމެއްގެ ތެރެއިން ބާރުވެރިކަން ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. އެހެންވީމާ ސިޔާސީ ޕާޓީ އިތުރަށް ހަރުދަނާ ކުރުމުގެ އެތައް ފިޔަވަޅުތަކެއް އެޅި ގާނޫނުއަސާސީ އަށް ވެސް ސިޔާސީ ޕާޓީގެ ދައުރުގެ މުހިއްމުކަން ވަނީ ފަހުގެ އިސްލާހަކުން ގެނެވިފަ އެވެ. މިއިން ކޮންމެ ބަދަލަކާ އެކީ ދުސްތޫރީ އޮނިގަނޑު އިތުރަށް ހަރުދަނާވެގެން ދެ އެވެ.
ގާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ ހަމަތަކަށް ބަލައިލާއިރު ސިޔާސީ ޕާޓީތަކުގެ ދައުރު މުހިއްމެވެ. އެހެނީ ޕާޓީތައް ތަމްސީލު ކުރައްވާ ބޭފުޅުންގެ ވޯޓާ އެކީ މެނުވީ އެއްވެސް ގާނޫނެއް ނުވަތަ ބަދަލެއް ވެސް ފާސް ނުވާނެތީ އެވެ. ގިނަ ގައުމުތަކުގައި ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް "ޚާއްސަ މަޖިލީހެއް" އޮވެ އެވެ. ރާއްޖޭގައި މިހާރު އެފަދަ މަޖިލީހެއް ނުވެ އެވެ. އެކަން އެހެން ނިންމެވި ބޭފުޅުންގެ "ބަނޑުފުޅުގެ" މާނަ ލިބިގެން މިދަނީ 115 ވަނަ މާއްދާގެ ބާރުތަކުގެ ފުރިހަމަ ކަމުންނެވެ. ވިސްނުންފުޅުގައި ހަމަކަށަވަރުން ވެސް އޮންނާނެ ތަސައްވުރަކީ ހެޔޮވެރިކަމެއް ކޮށްދެއްވާނެ ބޭފުޅެއް އެ މާއްދާ އަށް އިންސާފު ކުރައްވަން އިންތިހާބުވެ ވަޑައިގަންނަވާނެ ކަމުގެ ބޮޑު މަންޒަރެވެ.
ސަތޭކަ ފަނަރަ ވަނަ މާއްދާގެ ބޭނުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގެންނެވި ބޭފުޅުން ކުރައްވާފައި ހުރީ އެކި ފަހަރު އެކި ގޮތަށެވެ. ގާނޫނުއަސާސީ އަށް އެންމެ ފުރަތަމަ ގެނައި އިސްލާހު އާދެ، ރާއްޖޭގެ ބިން ބޮޑު އަގުގައި ވިއްކޭ އިސްލާހާ އެކު، އޭރުގެ ރައީސަކަށް ހުންނެވި ބޭފުޅެއްގެ ޕާޓީ ބައިބައިވެގެން ދިޔަތަން ރައްޔިތުންނަށް ފެނުނެވެ. ޕާޓީ ބަދަލު ކުރުމާ އެކީ ގޮނޑި ގެއްލޭ އިސްލާހަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ތަޖުރިބާ ކުރުމަށް ދޫކޮށްލެވިފައިވާ އިމްތިހާނެކެވެ. ކަންކަމުގެ ރަގަޅު / ނުރަގަޅު އެގޭނީ ތަޖުރިބާގެ އަލީގައި ދިރާސާ ކޮށްލުމުންނެވެ.
ކޮންމެ ގޮތެއް ވިޔަސް އެނގޭ ހަގީގަތަކީ މިހާރު މި އޮތް ދުސްތޫރީ ނިޒާމަކީ އަޅުގަނޑުމެން ހިތް އެދޭ ފަދަ ކުރިއެރުންތަކެއް ރައްޔިތުންނަށް ގެނެސް ދެވޭނެ "ޕްލޭބުކް" އެއް ކަމެވެ. ހަމަޖެހުމާއި ތަރައްގީ ގެނައުމަށް ދާދި ފަހުން ވެސް ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެސް މުޅި ރާއްޖެ ޕްލޭން ކުރެއްވުމުގެ މަސައްކަތްފުޅު މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބުވެ ވަޑައިގެން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ވަނީ ފައްޓަވައިފަ އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ އެކުއެކުގައި ބޭއްވިއްޖެ ނަމަ ސިޔާސީ މައިދާނުގައި ހަމަޖެހިލައިގެން އެކަށައެޅިފައިވާ ފަސް އަހަރު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެންމެ ދުވަހެއް ވެސް "ވިއްކުމުގައި" ގެއްލުވާނުލައި ދެމިތިބުމުގެ ފުރުސަތު ލިބޭނެ އެވެ. ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ މުއްސަނދި ރައްޔިތަކަށް ވުމަށެވެ. ގާނޫނުއަސާސީ ތަންދޭ ގޮތަށް "ބްރޭންޑް ރިލަޔަބިލިޓީ" އަށް ޖާގަ ދިނުމަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ރަނގަޅު ތަޖުރިބާއަކަށް ވާނެ އެވެ.
ނޯޓް:
މި އާޓިކަލް ލިޔުއްވި ޑރ. މަރިޔަމް ޒުލްފާއަކީ މެލްބަން ޔުނިވާސިޓީގެ މެލްބަން ފޯރަމްގެ މެމްބަރެކެވެ. އެ ފޯރަމްއަކީ ގައުމުތަކުގެ ގާނޫނުއަސާސާ ދިރާސާކުރާ ގްރޫޕެކެވެ.
ޒުލްފާ ވަނީ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އަދި ރައީސް މުއިއްޒު އައްޔަން ކުރެއްވި އެލްޖީއޭގެ ފުރަތަމަ ސީއީއޯ ކަން ވެސް ކުރެއްވި ޒުލްފާއަކީ މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.