ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މި ދުވަސްވަރު އެންމެ ގަދައަށް ދައްކަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ދައްކާ ވާހަކަތަކެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޖަނަރީ 3، 2026 ގަ އެވެ. އެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ފެބްރުއަރީ 10، 2026 ގަ އެވެ.

މި ބިލަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި އެކަން އެމަގުން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރުމަށްޓަކައި، ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެކެވެ.

މި އިސްލާހާ ދެކޮޅު ފަރާތްތަކުން ގެންދަނީ ގާނޫނީ ސައްހަ ކަމާ މެދު ސުވާލު އުފައްދަމުންނެވެ. އެހެންކަމުން، މި އިސްލާހާ ގުޅިގެން ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ކުރިން ރައްޔިތުން ކޮންމެހެން ވެސް އެނގެން ބޭނުންވާނެ އަދި ރައްޔިތުންނަށް ކޮންމެހެން ވެސް އެނގެންޖެހޭ އެއްކަމަކީ މި އިސްލާހުގެ ގާނޫނީ ސައްހަ ކަމެވެ. މި މި އިސްލާހަކީ ހަމަ ހަގީގަތުގައި ވެސް ގާނޫނީ ހަމަތަކުގެ މަތިން ގެނެވޭ، ގާނޫނީ ގޮތުން ސައްހަ އިސްލާހެއްތޯ އެވެ؟

މި ސުވާލުގެ އެންމެ ކުރު ޖަވާބަކީ އާނއެކޭ އެވެ. މި ޖަވާބު ހުއްޖަތާ އެކު ތަފްސީލުކޮށް ބަޔާންކުރުމަށްޓަކައި މި ލިޔުމުގައި ހިމަނާނީ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ގާނޫނު ނަންބަރު: 15/2025 (ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު)  އާއި އެކަމާ ގުޅޭ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާއި މިކަމާގުޅޭގޮތުން އަމަލު ކޮށްފައިވާ ގޮތެވެ.

ގާނޫނުއަސާސީގެ  262 ވަނަ މާއްދާގެ(ށ) ގައި ބަޔާންކުރަނީ، ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ބަޔާންކުރާ މާއްދާ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަން ވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓެއްގައި، އެ އިސްލާހެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ކަމުގަ އެވެ.

މި ހުރިހާ ކަމެއް މިގޮތަށް އޮތުމުން، ގާނޫނުއަސާސީ އަށް ގެންނަން އުޅޭ އިސްލާހާއި އެ އިސްލާހަށް ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގައި ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި ބަޔާންކުރަނީ، އެފަދަ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި، އެ ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ރައީސުލްޖުމްހޫރިއްޔާ ނިންމަން ވާނެ ކަމަށެވެ.  އަދި އެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ގަރާރަކުން ކަމުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރުގައި ހިމަނަންޖެހޭ ކަންތައްތައް ބަޔާންކޮށްފައި އޮތީ އެ ގާނޫނުގެ 8 ވަނަ މާއްދާގަ އެވެ. އެކަންކަމަކީ؛

(ހ) ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ އިބާރާތް

(ށ) އެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމުށް އެދި ހުށަހަޅާ ސަބަބު، އަދި

(ނ) ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު އެވެ.

ގާނޫނުގައި އިތުރަށް ބަޔާންކޮށްފައި އޮތް އިޖުރާއަތުތަކަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއެކު އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް އޮންނަންވާނެ އެވެ. އެ ގަރާރުގައިވާ ގޮތުގެ މަތިން ވޯޓު ނެގުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްދިނުމަށް އެދި އެ ގަރާރާއި ޤގަރާރާއެކު ހިމެނޭ މައުލޫމާތު ކަރުދާސް ހުށަހަޅަންޖެހެނީ އިލެކްޝަންސް ކޮމިޝަނަށެވެ.

އިލެކްޝަންސް ކޮމިޝަނަށް އެ ހުށަހެޅުން ހުށަހަޅާ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ހުށަހެޅި ސުވާލުގެ ފުރިހަމަ އިބާރާތް އެ ކޮމިޝަނުން އާންމުކުރަން ވާނެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ގަރާރާ އެކު ހިމެނޭ މައުލޫމާތު ކަރުދާސް، ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނުން އާންމު ކުރަން ވާނެ އެވެ. ވޯޓު ނެގުން ބާއްވާނެ ތާރީހަކާއި ވޯޓުލުން ކުރިއަށްދާނެ ގޮތަކާއި އަދި ވޯޓު ނެގުމާ ގުޅޭ އެންމެހައި ކަންކަން ނިންމާނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުންނެވެ.

ގާނޫނު ލާޒިމުކުރަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތު އޮތުމަށެވެ އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު އާންމުކުރާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، ވޯޓު ނެގުން ބާއްވާނެ ދުވަހެއް އާންމުކޮށް އަންގާ އިއުލާން ކުރުމަށެވެ.

މިކަމާ ގުޅޭގޮތުން ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ފެބުރުއަރީ 16 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ކަނޑައެޅި އެވެ.

އެ ގަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު ބަޔާންކޮށްފައި އެބައޮތެވެ. އަދި ގަރާރާ އެކު، ހިމެނޭ މައުލޫމާތު ކަރުދާހުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި އަދި އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތައް ބަޔާންކޮށްފައި އެބައޮތެވެ. މި ގަރާރާއި މައުލޫމާތު ކަރުދާހަކީ ފެބްރުއަރީ 16، 2026 ވަނަ ދުވަހު ގެޒެޓް ކޮށްފައިވާ އެއްޗިއްސަށް ވާތީ އޭގައި ހުރި ތަފްސީލުތަކަކަށް ނުދާނަމެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާ ނެރުނު ގަރާރާއި، އެ ގަރާރާ އެކު ހިމެނޭ މައުލޫމާތު ކަރުދާހާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނަގައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަމަށް ފެބްރުއަރީ 17، 2026 ވަނަ ދުވަހު އެ ކޮމިޝަނުން އާންމުކޮށް އިއުލާނު ކޮށްފައިވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި ސުވާލާއި މައުލޫމާތު ކަރުދާސް އެ އިއުލާނާ އެކު އާންމު ކޮށްފައިވެ އެވެ. ހަމަ މިއާ އެކު، ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ބަޔާންކުރާ ސުވާލަށް ރައްޔިތުން ރުހޭތޯ ބެލުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓު ނަގާނީ އެޕްރީލް 4، 2026 ވަނަ ދުވަހު ކަމަށް ވެސް އެ ކޮމިޝަނުން ފެބުރުއަރީ 17، 2026 ގައި އިއުލާން ކޮށްފައިވެ އެވެ.

 އެހެންކަމުން، ގާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން މިކަމުގައި ފުރިހަމަވޭ ހެއްޔެވެ؟

އާނއެކެވެ. ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރުމުގެ ކުރިން އެ އިސްލާހު ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގޭނެ އެވެ.

އެ ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ. އެ ގަރާރުގައި ހިމަނަންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކުރާ ތިން ކަންތައް އެ ގަރާރުގައި ހިމަނާފައި އެބައޮތެވެ. އަދި އެ ގަރާރާ އެކު، އޮންނަން ވާނެ ކަމަށް ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ މައުލޫމާތު ކަރުދާސް ވެސް ގަރާރާ އެކު އޮތީ ހިމަނައިފަ އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި މައުލޫމާތު ކަރުދާސް ހިމެނޭ ގޮތަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް އެދި ހުށަހަޅާ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަމަށް ފެބުރުއަރީ 17، 2026  ވަނަދުވަހު އެ ކޮމިޝަނުން އިއުލާން ކޮށްފައި ވާތީ، އެ އޮތީ ގާނޫނުގެ ނުވަ ވަނަ މާއްދާ އާއި 13 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް އަމަލު ކޮށްފަ އެވެ.

ހަމަ މިއާ އެކު، ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލުގެ ފުރިހަމަ ޢިބާރާތާއި މައުލޫމާތު ކަރުދާހާއި ވޯޓު ނަގާނެ ތާރީހު ހަމަ އެ ދުވަހު އެ ކޮމިޝަނުން އިޢުލާން ކޮށްފައި ވާތީ ގާނޫނުގެ 15 ވަނަ މާއްދާ އާއި 20 ވަނަ މާއްދާގައި ބަޔާންކުރާ ކަންތައްތައް އެ އޮތީ ފުރިހަމަ ވެފަ އެވެ.

ކުރިން ވެސް ބަޔާންކުރި ފަދައިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ހުށަހެޅުން ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރީ ފެބްރުއަރީ 17، 2026 ގަ އެވެ. އެ ކޮމިޝަނުން ވޯޓު ނެގުމަށް ކަނޑައެޅި ތާރީހަކީ އެޕްރީލް 4، 2026 އެވެ. މި ދެމެދުގައި އޮތީ 47 ދުވަހުގެ މުއްދަތެވެ.  ވޯޓު ނެގުމަށް އެދި ހުށަހެޅި ދުވަހާއި ވޯޓު ނެގުމަށް ހަމަޖެއްސި ދުވަސް ނުލައި ގުނި ނަމަވެސް 45 ދުވަހުގެ މުއްދަތެއް އެބައޮތެވެ. އެހެންކަމުން ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު އެބަ ފުރިހަމަވެ އެވެ.

މި ހުރިހާ ކަމެއް މިގޮތަށް އޮތުމުން، ގާނޫނުއަސާސީ އަށް ގެންނަން އުޅޭ އިސްލާހާއި އެ އިސްލާހަށް ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގައި ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެ އެވެ.

ވޯޓުލުމުގެ ހައްގު އަދާކުރަން އުމުރުން ދުވަސްވީ މީހަކު ފުރޮޅުލީ ގޮނޑިއެއްގައި ގެންދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ވޯޓުލުމުގެ ހައްގު އަދާކުރަން އުމުރުން ދުވަސްވީ މީހަކު ފުރޮޅުލީ ގޮނޑިއެއްގައި ގެންދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅިގެން ކެމްޕޭން ކުރުމުގެ ހައްގަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ  ގާނޫނުގެ 26 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ހައްގެކެވެ. އަދި އެކަމާ ގުޅޭ އާންމު މައުލޫމާތު ހިއްސާކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ހިންގުމުގެ ހައްގު ސިޔާސީ ޕާޓީތަކަށާއި ޖަމްއިއްޔާތަކަށާއި ގާނޫނީ ޝަހުސުތަކަށާއި ވަކިވަކި ފަރުދުންނަށް ވެސް އެ މާއްދާއިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އެހެންކަމުން، ގާނޫނު ހުއްދަކުރާ މުއްދަތުގެ ތެރޭގައި ބާއްވާ އިންތިހާބަކާ ގުޅޭގޮތުން ކެމްޕޭން ކުރުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ނެތްކަމަށް ދެންނެވޭކަށެއް ވެސް ނެތެވެ. އަދި ޖުމްލަގޮތެއްގައި މިއީ އަވަސް އަރުވާލައިގެން ގާނޫނާ ހިލާފަށް ނަގާ ވޯޓެއް ކަމަށް ދެންނެވޭނެ ގާނޫނީ ހަމައެއްވެސް ނެތެވެ.

އަދި މިއީ ހަމައެކަނި ގާނޫނީ ހަމަތަކުގެ މަތިން ގެނެވޭ އިސްލާހެއް އެކަންޏެއް ވެސް ނޫނެވެ. މިއީ ޑިމޮކްރަސީގެ އެންމެ ރިވެތި އުސޫލާ އެއްގޮތަށް ރައްޔިތުންގެ ހިާޔާލު ހޯދައިގެން، ރައްޔިތުން މިބަދަލަށް ރުހި ގަބޫލު ނަމަ ގެނެވޭ ނިޒާމީ ބަދަލެކެވެ. މި ނިޒާމީ ބަދަލު ގެންނާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ރައްޔިތުންނެވެ.  މިބަދަލު ގެނައުމަށް ރައްޔިތުން ނިންމާ ހާލަތެއްގައި، ރައްޔިތުންގެ ނިންމުމަކީ ގާނޫނީ ސައްހަ ނިންމުމެކެވެ.

ނޯޓު: މި ލިޔުން ލިޔުއްވި ޢީނާ މޫސާ މަތީ ތައުލީމު ހާސިލް ކުރެއްވީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިންނެވެ. ގާތްގަނޑަކަށް ހަތް  އަހަރު ދުވަހު މަސައްކަތް ކުރެއްވީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި ޕަބްލިކް ޕްރޮސިކިއުޓަރެއްގެ މަގާމުގަ އެވެ.