އަންނަ މަހުގެ ހަތަރުވަނަ ދުވަހު ދިވެހި ރައްޔިތުން ލާ ފެންނަ ނުފެންނަ ވޯޓަކީ ތާރީހީ ވޯޓެކެވެ. މިއީ ދިވެހިރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރުގެ ތެރެއިން، އެތައް ރައްޔިތުންނެއްގެ މިންނެތް ބުރަ މަސައްކަތާއެކު 2008 ވަނަ އަހަރު ގެނައި ފެހި ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެވެ.
މިއީ ފާއިތުވެދިޔަ 18 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ދެ އަހަރެއްގައި ބާއްވަމުން އައި އައުން ނިމުމަކަށް ގެނެސް، ދައުލަތް ހިންގުން ހަރުދަނާކުރުމަށްޓަކައި މި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށްޓަކައި ނަގާ ވޯޓެކެވެ.
ސަރުކާރުން ދައުލަތް ހިންގުން ހަރުދަނާކުރުމަށްޓަކައި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ކޮންމެހެން ވެސް ބޭނުންތެރިވާ މުހިންމު ސަބަބުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އިދިކޮޅު ފަރާތްތަކުން އެ މީހުންގެ ބަހުސް ވެސް ހުށަހަޅައިފި އެވެ. މިކަމާ ދެކޮޅު ފަރާތްތަކުން މި ވޯޓަށް ރައްޔިތުން ނޫނެކޭ ބުނަންޖެހޭ ކަމަށް ބުނާ މައިގަނޑު ސަބަބުތަކުގެ ތެރެއިން އެންމެ އަޅައިގަތް އެއްކަމަކީ، މި ބަދަލަކީ ޑިމޮކްރަސީއާ ބީރައްޓެހި، ޑިމޮކްރަސީ އަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދައްކާ ދެއްކުމެވެ. މައި ދެ އިންތިހާބު އެއްކޮށްލަނީ ކަމަށާއި ބާރުތައް މަސްހުނިކޮށް، ވެރިކަންކުރާ ބާރުގެ މުށުތެރެއަށް ގާނޫނު ހެދުމުގެ ބާރު ނަގައި، ނިޒާމު ގަޑުބަޑުކުރާނެ ކަމަށް ބުނެ ދައްކާ ދުސްތޫރާ ހިލާފު ސިޔާސީ ވާހަކަތަކެވެ.
ސިޔާސީން ދައްކާ މިފަދަ ވާހަކަތަކަކީ ހަމަ ހަގީގަތުގައި ވެސް ރައްޔިތުން އިންތިހާ އަށް ކަންބޮޑު ވާނެ ވާހަކަތަކަކަށް ވާނެ އެވެ. ރާއްޖޭގައި އޮތް 30 އަހަރުވީ ދިގު ވެރިކަމެއް ނިމުމަކަށް ގެނެސް، ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ގެނައި ގާނޫނުއަސާސީ ތަސައްވަރުކޮށް، ކަށަވަރުކުރި އެންމެ މުހިންމު އެއް ބަދަލަކީ ވެރިކަން ކުރާ ބާރުގެ ކިބައިން ގާނޫނު ހެދުމުގެ ބާރާއި ޢަދުލު އިންސާފު ގާއިމުކުރުމުގެ ބާރު މިނިވަންކުރުމެވެ. ތިން ބާރު ވަކިވެފައިވާ ދައުލަތެއް ގާއިމް ކުރުމެވެ. އެއްބާރުން އަނެއް ބާރަށް ފާރަވެރިވާ، ޖަވާބުދާރީ ކުރުވާ ނިޒާމެއް ރާއްޖެ އަށް ތައާރަފުކުރުމެވެ. ވީއިރު، ދިވެހި ރައްޔިތުން ޑިމޮކްރަސީ އަށް ދަތުރު ބޮލާލާޖަހައި އަލުން އަނބުރާ މީގެ 18 އަހަރު ކުރިން އޮތް ގޮތަށް ރުޖޫއަވާން ނޭދޭނެ ކަމީ ކަށަވަރު ކަމެކެވެ.
އަޅުގަނޑަކީ ސިޔާސީ މީހެއް ނޫނެވެ. ނަމަވެސް މައި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ދެކޮޅު ފަރާތްތަކުން ދައްކާ ދުސްތޫރާ ޚިލާފު ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް ތިލަވެފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީ އާއި މި އިސްލާހާ މިހާރު ދެކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ އިސްލާހު ގޯސްވެގެން ނޫން ކަމާއި ސަރުކާރުން ހުށަހެޅި އިސްލާހަކަށް ވީތީ ދެކޮޅުވުމުގެ ގޮތުންކަން ދަލާލަތު ކޮށްދޭ ސާފު ހެކިތަކެއް ފެންނަން ހުރީތީ އެކަންކަމާ މެދު ރައްޔިތުން ހިޔާލު ކޮށްލުމަށް މި ވާހަކަތައް ލިޔަން ޖެހުނީ އެވެ.
އިންތިހާބުތައް އެކީގައި ބާއްވާ ވާހަކައަކީ ރާއްޖޭގެ ސިޔާސީ މަސްރަހަގައި ޔަގީނުން ވެސް އައު ވާހަކައެއް ނޫނެވެ. ޖެނުއަރީ 2020 ގައި ލޯކަލް ކައުންސިލް އިންތިހުބު ބޯމަތިވެފައި އޮއްވާ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ހދ. ނޮޅިވަރަމަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ބައެއް ކަންކަން ލަސްވާ އެންމެ ބޮޑު އެއް ސަބަބަކީ އިންތިހާބުތައް ވަކިވަކިން އޮތުމުން ކަމަށާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި އަދި ލޯކަލް ކައުންސިލް އިންތިހާބު އެއްދުވަހެއްގައި އެއްވަގުތެއްގައި ބޭއްވިއްޖެ ނަމަ ގައުމުގެ ތަރައްގީ އަށް އިތުރު ހަލުވިކަމެއް ލިބޭ ކަމަށެވެ.
އެކަމަކު، ރައްޔިތުންގެ މަޖިލީހުގައި ޕާޓީގެ ސުޕާ މެޖޯރިޓީ އޮވެމެ އެކަން ކުރައްވާކަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާއަކަށް ކެރިވަޑައެއް ނުގަތެވެ. ނުވަތަ ކަން ވާނެ ގޮތެއް އެނގިވަޑައިނުގަންނަވާތީ އެކަން ކުރެއްވުމަށް ޖެހިލުންވެވަޑައިގަތީ އެވެ. މިހާރު މި ސަރުކާރުން އެ އިސްލާހު ހުށަހެޅުމާ އެކު އެކަމާ ދެކޮޅުވެވަޑައިގެންފި އެވެ.
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީ އަށް ގެންނަންޖެހޭ އިސްލާހު ގެނައުމުގެ ބިލް މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ޖެނުއަރީ 4، 2026 ގައި ހުށަހެޅުމާ އެކު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބޭއްވުން އެއީ ރަނގަޅު ގޮތެއް ކަމުގައި ފެނިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އިއްޔެ މެންދުރު ރަނގަޅުވި އިސްލާހު މިއަދު ގޯސްވެއްޖެ އެވެ. އިސްލާހު ހުށަހެޅީ އަދުގެ ސަރުކާރުން ކަމަށް ވީތީ އެވެ.
އެހެންކަމުން މި ދެބޭފުޅުން ވެސް އަމަލުކުރެއްވި ގޮތަށް ބަލާއިރު ސަރުކާރުން ހުށަހެޅި އިސްލާހަކީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް ނޫން ކަމާއި އެއީ ރާއްޖެ އަށް ކޮންމެހެން ބޭނުންވާ ހެޔޮ ބަދަލެއްކަން ކަށަވަރެވެ. އަދި "ކުރިން ބުނި އެތި ކެންސަލްވެ" މިހާރު އިސްލާހާ ދެކޮޅަށް ދައްކަވާ ވާހަކަތަކަކީ ސިޔާސީ މަގުސަދެއް ހާސިލު ކުރެއްވުމަށްޓަކައި ދައްކަވާ ދެއުޅިއެއް ނުވާ ވާހަކަފުޅުތަކެއް ކަމާ މެދު ޝައްކެއް ނެތެވެ.
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އެނގުން މުހިންމު އެންމެ އަސާސީ އެއްކަމަކީ މިއުޅެނީ ދެ އިންތިހާބެއް އެއްކޮށްލަން ނޫން ކަމެވެ. ސަރުކާރުން ހުށަހަޅާފައި މި އޮތީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށެވެ. މިގޮތަށް ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވާއިރު ވެސް ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގައި އެ ރައްޔިތަކު ތަމްސީލުކުރާނެ މަންދޫބެއް އިންތިހާބު ކުރުމަށްޓަކައި ވަކިވަކިން ވޯޓުލުމުގެ ހައްގާއި ފުރުސަތު ހަމަ ކޮންމެ ރައްޔިތަކަށް ވެސް އޮންނާނެ އެވެ. ހަމައެކަނި ތަފާތަކީ މިހާރު އޮންނަ ގޮތަށް ރިޔާސީ އިންތިހާބުގައި ވޯޓުލާފައި އަނެއްކާވެސް އޭގެ ހަމަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ދިއުމުގެ ބަދަލުގައި، އެއްދުވަހެއްގައި އެއްފަހަރުން އެ ދެ އިންތިހާބުގެ ވޯޓު ލެވޭނެ ކަމެވެ. އެހެންކަމުން، މިހާ ސާފުކޮށް އޮތް ވަރަށް އަސާސީކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
އެއްބާރު އަނެއް ބާރާ އެއްކޮށް، ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ބާރުތައް ގެނެސް، ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވާ ނިޒާމު ފުނޑާލަން އުޅޭ ކަމަށް ބުނާ ވާހަކަތަކަކީ ޑިމޮކްރަސީއެއްގައި ރައްޔިތުން ހަމަ ހަގީގަތުގައި ވެސް ސިއްސައިގެންދާނެ ވަރުގެ ނުރައްކާތެރި ވާހަކަތަކެކެވެ. އެހެންކަމުން، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން އެ ބުނާ ފަދަ ނަތީޖާއެއް ނިކުމެދާނެތޯ ވިސްނާލަންޖެހެ އެވެ. މި އިސްލާހުން ނިޒާމަށް އަންނާނެ ބަދަލުތަކާއި ބަދަލު ނުވާނެ ކަންކަން ފަރަގު ކުރަން އެބަޖެހެ އެވެ.
ގާނޫނުއަސާސީ ފަރުމާކޮށްފައި އޮތީ ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރު އަދި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަކީ ވަކިވަކި ތިން ބާރުގެ ގޮތުގަ އެވެ. މިއިން ކޮންމެ ބާރެއްގެ ބާރުތަކާއި މަސްއޫލިއްޔަތުތައް އޮތީ ގާނޫނުއަސާސީގައި ވަރަށް ސަރީހަ އިބާރާތުން ލިޔެފަ އެވެ. މައި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ހުށަހަޅާފައި އޮތް ހުށަހެޅުމަކީ ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު އެއްކޮށްލުމަށް ހުށަހަޅާފައި އޮތް ހުށަހެޅުމެއް ނޫނެވެ. އެ ބަހުސެއް ވެސް ނެތެވެ. އަދި މި އިސްލާހުގެ ސަބަބުން ވެރިކަން ހިންގުމުގެ ބާރަށް ނުވަތަ އެއިރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާއަކަށް މިހާރު ނުލިބޭ ވަކި އިތުރު ބާރުތަކެއް ވެސް ނުލިބޭނެ އެވެ. ގާނޫނު ހަދާ މަޖިލީހުން ސަރުކާރަށް ފާރަވެރިވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގާނޫނުއަސާސީން ދީފައި އޮތް ބާރު ޒައްރެއްގެ މިންވަރަށް ވެސް ހަނިކުރާކަށް މި އިސްލާހަކު ނެތެވެ. ގެންނަން މިއުޅޭ ބަދަލަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީޚަށް ގެންނަން އުޅޭ ބަދަލެކެވެ.
ތިން ބާރު ވަކިވެފައި އޮތުމުގެ ބޭނުންތެރިކަން ބަރޯސާވެފައި އޮންނަނީ އެ މުއައްސަސާތަކަށް ދުސްތޫރުން ދީފައިވާ ބާރުތައް ބޭނުންކުރާ ގޮތުގެ މައްޗަށެވެ. އިންތިހާބުތައް ބާއްވާ އިރެއްގެ މައްޗަކަށް ނޫނެވެ. ކޮންމެ ބާރަކަށް ވެސް ގާނޫނުއަސާސީން ދީފައިވާ ބާރުތައް ބޭނުންކޮށް، މަތިކޮށްފައިވާ ޒިންމާތައް ގާނޫނީ އިމުގެ ތެރެއިން މިނިވަންކަމާއި މުސްތަގިއްލު ކަމާ އެކު އަދާކުރާކަމުގައިވާ ނަމަ ރާއްޖޭގެ ޑިމޮކްރަސީއަށް ބައެއް މީހުން އެ ބުނާ ފަދަ ނުރައްކަލެއް ނެތެވެ. އަދި ޑިމޮކްރަސީ ބަލިކަށިވުމުގެ ޖާގައެއް ވެސް ނެތެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޑިމޮކްރަސީތަކުގައި ވެސް އެއް އިންތިހާބަށް ވުރެ ގިނަ އިންތިހާބުތަކެއް އެއްދުވަހެއްގައި ބޭއްވުމަކީ ކުރާ ކަމެކެވެ.
މިސާލަކަށް ދުނިޔޭގައި ހަތަރުވަނަ އަށް އެންމެ ބޮޑު ޑިމޮކްރަސީ އޮންނަ ބްރެޒިލްގައި ބާއްވާ އެންމެ ބޮޑު ތިން އިންތިހާބު އޮންނަނީ އެއްދުވަހެއްގައި އެއްވަގުތެއްގަ އެވެ. މިގޮތަށް ތިން އިންތިހާބު ބޭއްވުމުގެ ސަބަބުންނެއް އެ ގައުމުގެ ޑިމޮކްރަސީ ހީނަރުވެފައެއް ނެތެވެ. މީގެ އިތުރުން މި ލިސްޓުގައި ސައުތު އެފްރިކާ އާއި ކެންޔާ އާއި އިންޑޮނޭޝިއާ އަދި މި ނޫން ވެސް ބައެއް ގައުމުތައް ހިމެނެއެވެ.
ދުނިތޭގެ އެންމެ ބޮޑެތި ޑިމޮކްރަސީތަކުގެ ތެރެއިން ފްރާންސަކީ ވެސް ފާހަގަކޮށްލެވޭ ގައުމެކެވެ. ފްރާންސްގައި ކުރިން އޮތް ނިޒާމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން އެ ގައުމުން ވެސް ވަނީ އެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނެސްފަ އެވެ. މިގޮތުން 2000 ވަނަ އެ ގައުމުން ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގައި ރިޔާސީ ދައުރު ހަތް އަހަރުން ފަސް އަހަރަށް ކުރުކޮށް އަދި ރިޔާސީ އިންތިހާބު ނިމޭތާ ކައިރީގައި މަޖިލިސް އިންތިހާބު ބާއްވަންޖެހޭ ގޮތަށް ބަދަލުކޮށްފަ އެވެ. ފްރާންސުން މި ބަދަލު ގެނައުމުގެ އެއް ބޭނުމަކީ ވެސް ގައުމުގައި ސިޔާސީ ހަމަޖެހުން ގާއިމްކޮށް ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރަން ފަހި ފުރުސަތެއް ހޯދުމެވެ.
އެހެންކަމުން މިކަންކަމާ މެދު އީޖާބީ ވިސްނުމަކުން ވިސްނާ ބަލާއިރު، ދިވެހިރާއްޖޭގައި ވެސް ރައްޔިތުން މި ބަދަލަށް ރުހި ގަބޫލުވެ، ކުރިމަތިވެފައިވާ ވޯޓުގައި “އާނއެކޭ” ބުނުމަކީ ޑިމޮކްރަސީގައި ކުރިއަށް އެޅޭ ހަރުދަނާ ފިޔަވަޅެކެވެ.
އެހެންކަމުން، ރައްޔިތުންނަށް ހުށަހަޅާފައި މިއޮތް އިސްލާހުގައި ރިޔާސީ ދައުރު ދަންމާލުމާގުޅޭ އެއްވެސް ވާހަކައެއް ނެތް އިރު، ރިޔާސީ ދައުރު ދަންމާލަން އުޅެނީ ކަމަށް ބުނެ އެދައްކާ ވާހަކަތަކަކީ އަސާސެއް ނެތް ބުހުތާނު ވާހަކަތަކެކެވެ.
ގިނަގިނައިން އަވަސްއަވަހަށް އިންތިޚހާބުތައް ބޭއްވުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ފަހިކުރެވޭ މަގެއް ކަމަށާއި ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވާ ނަމަ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަގު ބަންދު ވާނެ ކަމަށް ބައެއް ފަރާތްތަކުން ދައުވާ ކުރެ އެވެ.
ނަމަވެސް ކަން ހިނގަމުން އަންނަ ހަގީގަތަށް ބަލާއިރު އެ ވާހަކަތަކަކީ ބުރަދަނެއް ހުރި ވާހަކަތަކެއް ނޫންކަން އެނގެ އެވެ. ކައިރިކައިރީގައި ގިނަ އިންތިހާބުތަކެއް ބޭއްވުމުން އުފައްދަނީ ރައްޔިތުން ވެރީންނާ މަތިކުރި ސިޔާސަތުތައް އެކުލަވާލައި، ތަންފީޒު ކުރުމުގެ ޒިންމާއިން އެކަހެރިވެ، ދާއިމީ ކެމްޕޭންތަކެއްގައި ވެރީން މަސްއޫލުވެގެން އުޅުމުގެ ސަގާފަތެކެވެ. ސަރުކާރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސަތުތަކާއި ގާނޫނުތައް އެކުލަވާލުމަށާއި ގައުމީ ތަރައްގީ އަށް ފޯކަސް ކޮށްގެން މަސައްކަތްކުރުމުގެ ބަދަލުގައި އެ މީހުންގެ ސިޔާސީ ހަކަތަ ހުސްވަނީ ބޯމަތިވެފައި އޮންނަ އިންތިހާބުތައް ކާމިޔާބު ކުރުމަށް ކުރަންޖެހޭ ކަންކަމަށެވެ. އެހެންކަމުން، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ދެމެހެއްޓެނެވި ގޮތެއްގައި ގައުމު ތަރައްގީ ކުރުމަށް ކޮންމެހެން ވެސް ބޭނުންތެރި ހެޔޮ ބަދަލެކެވެ.
މި ބަދަލާ މިހާރު ދެކޮޅު ފަރާތްތަކުން ރައްޔިތުން ކަންބޮޑުކުރުވާ ޒާތަކަށް ދައްކާ އަނެއް ވާހަކައަކީ، ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ސަރުކާރުން އުޅެނީ އިންތިހާބުތައް މަދުކޮށް، މިހާރު އޮތް ރިޔާސީ ދައުރު ދަންމާލައި، ރައްޔިތުންގެ ކިބައިން ބަސްބުނުމުގެ ހައްގު ނިގުޅައިގަތުމަށް ކަމަށެވެ. ދުސްތޫރީ އަދި މަންތިގީ ހަމަތަކުން ބަލާއިރު މިއީ ހަމަޖެހޭ ވާހަކައެއް ނޫނެވެ. ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައި މިއޮތް އިސްލާހަކީ ގާނޫނުއަސާސީން ލާޒިމުކުރާ އެއްވެސް އިންތިހާބެއް އުނިކުރާ ނުވަތަ މަދުކުރާ އިސްލާހެއް ނޫނެވެ. މިހާރެކޭ އެއްފަދައިން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް އޮންނާނެ އެވެ. އިންތިހާބެއް މަދެއް ނުވެ އެވެ. އެ ހަގީގަތް ބަދަލެއް ނުކުރެވޭނެ އެވެ. ކޮންމެ ވަގުތެއްގައި ވެސް ރައްޔިތުން ޚިޔާލުފާޅުކޮށް، ބަސްބުނުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެކެވެ. އެ ހައްގު ކަށަވަރު ވުމަކަށް ވެސް ބަދަލެއް ނާދެ އެވެ.
ގާނޫނުއަސާސީގައި އޮތީ ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަކީ ފަސް އަހަރު ދުވަސް ކަމަށް ވަރަށް ސާފު އިބާރާތުން ލިޔެފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެ ނޫން ގޮތަކަށް ވެސް ދެ ދައުރަށް ވުރެ ގިނަ ދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު ނުފުރޭނެ ކަމަށް ކަނޑައަޅައިފަ އެވެ. އެހެންކަމުން، ރައްޔިތުންނަށް ހުށަހަޅާފައި މިއޮތް އިސްލާހުގައި ރިޔާސީ ދައުރު ދަންމާލުމާގުޅޭ އެއްވެސް ވާހަކައެއް ނެތް އިރު، ރިޔާސީ ދައުރު ދަންމާލަން އުޅެނީ ކަމަށް ބުނެ އެދައްކާ ވާހަކަތަކަކީ އަސާސެއް ނެތް ބުހުތާނު ވާހަކަތަކެކެވެ.
ހަމަމިއާ އެކު، ފަސް އަހަރުގެ ރިޔާސީ ދައުރެއްގެ މެދުތެރެއިން ސަރުކާރާ މެދު ރައްޔިތުން ދެކޭގޮތެއް، ނުވަތަ ދައުރުގެ މެދުތެރެއިން ސަރުކާރަށް ރިޕޯޓް ފޯމް ދިނުމަށް ވޯޓެއް ނެގުމަކީ ގާނޫނުއަސާސީން ތަސައްވަރު ކޮށްފައި އޮތް ކަމެއް ނޫނެވެ.
ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބުކޮށް ފަސް އަހަރުގެ ދައުރެއް ރައްޔިތުން މިދެނީ ހުށަހަޅާފައި އޮތް މެނިފެސްޓޯއަކަށް އަމަލީ ސިފަ ގެނައުމުގެ ފުރުޞަތުދީ، އޭގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގަތުމަށެވެ. ފަސް އަހަރު ހަމަވީމާ އަނެއްކާ ވެސް ރައްޔިތުން ގޮތެއް ނިންމާނެ އެވެ.
ގާނޫނުއަސާސީ ތަސައްވަރުކޮށް މި ނިޒާމު ތަރުތީބު ކޮށްފައި އޮތް ގޮތަކީ އެއީ އެވެ. މިހާރު ހުށަހަޅާފައި އޮތް އިސްލާހުގެ ނަތީޖާއަކަށް ވާނީ ރައްޔިތުންގެ ބާރުކަނޑުވާލުމުގެ ބަދަލުގައި، ރައްޔިތުންގެ ނިންމުމަށް އިޙްތިރާމުކޮށް އެ ރައްޔިތުން އެދޭފަދައިން ހަރުދަނާ ނިޒާމެއްގެ ތެރެއިން ދައުލަތް ހިންގުމެވެ. އެހެންކަމުން، ސިޔާސީ ކަންކަމަށް ހޭލުންތެރި ރައްޔިތުންތަކެއް ތިބި ގައުމެއްގައި މިހާ ސާފުކޮށް އޮތް ކަމެއް އޮޅުވާލުމުގެ ބޭނުމެއް ނެތެވެ.
އާހިރުގައި ހަރުދަނާ ޑިމޮކްރަސީއެއް ބިނާވަނީ އެ ގައުމެއްގައި އިންތިހާބުތައް ބާއްވާ ގިނަމިނާއި އަވަސްމިނާއި އިންތިހާބީ ކަލަންޑަރުގެ މައްޗަކަށް ނޫނެވެ. އެއީ ރައްޔިތުންގެ ފުރިހަމަ މިނިވަންކަމާއި އިހުތިޔާރާއި ވާދަވެރި އިންތިހާބުތަކަކުން ރައްޔިތުން ނިންމާ ނިންމުންތަކާއި ޖަވާބުދާރީކުރަނިވި މުއައްސަސާތަކުގެ މައްޗަށް ބިނާވާ ކަމެކެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހު ނަގާ ވޯޓުގައި ރައްޔިތުންގެ ކުރިމަތީގައި އޮތް އިހުތިޔާރު ވަރަށް ސާފެވެ. އިންތިހާބުތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އިންތިހާބުތައް ބޭއްވުމަށް ކޮންމެހެން ކުރަންނުޖެހޭ ހަރަދުތައް ކުޑަކޮށް، ދުސްތޫރީ ބާރުވެރިކަމަށް އިހުތިރާމު ކުރާ އިސްލާހަކަށް ރައްޔިތުން “އާނއެކޭ” ބުނުމެވެ. އެހެންކަމުން، ކުރިއަށް މިއޮތް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި "އާނއެކޭ" ބުނެ ލާ ވޯޓަކީ ރާއްޖޭގެ ޑިމޮކްރަސީގައި ކުރިއަށް އެޅޭ މުހިންމު ބޮޑު ފިޔަވަޅެކެވެ. ސިޔާސީ ފިކުރުތައް އެއްކިބާކޮށް، ގައުމީ ވިސްނުމެއްގައި މި އިސްލާހީ ބަދަލަށް އާނބަސް ބުނަމާ ހިނގާށެވެ.
ނޯޓު: މި ލިޔުން ލިޔުއްވި އީނާ މޫސާ މަތީ ތައުލީމު ހާސިލް ކުރެއްވީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިންނެވެ. ގާތްގަނޑަކަށް ހަތް އަހަރު ދުވަހު މަސައްކަތް ކުރެއްވީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި ޕަބްލިކް ޕްރޮސިކިއުޓަރެއްގެ މަގާމުގަ އެވެ.