ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ އަޑުއެހުމެއް އަންނަ ހަފްތާގައި ބާއްވަން ތާވަލްކޮށްފި އެވެ.

މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.

އެ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން އެންމެފަހުން ބޭއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ނަމަވެސް އަންނަ އަންގާރަ ދުވަހު އެ މައްސަލާގެ އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން މިހާރު ވަނީ ތާވަލްކޮށްފަ އެވެ. 

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރިޔާސަތު ބަލަހައްޓަވާ ގޮތަށް އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

އެ މައްސަލާގެ އަޑުއެހުންތައް ކުރިން ހުއްޓުނީ އެ މައްސަލަ އޭރު ބައްލަވަމުން ގެންދެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑް ކުރުމުންނެވެ. އަދި އެ ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށުމުން ފަނޑިޔާރުކަމުން ސުއޫދު އިސްތިއުފާ ދެއްވި އެވެ. އަދި އަޒްމިރަލްދާ އާއި މަހާޒް މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވުމަށްފަހު މަޖިލީހުން ފާސްކޮށްގެންނެވެ.