ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާއިރު އާންމުން ކައިރިން އަހާ ސުވާލު އޮންނަންވީ ވަކި ގޮތެއް ގާނޫނުއަސާސީގައި ކަނޑައަޅާފައިނުވާ ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާއަށް ދޫކޮށްލާފައިވާ ކަމެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް މިއަދު ވަނީ ފަށައިފަ އެވެ.
އެ ވޯޓުގައި އަހަން ނިންމާފައިވާ ސުވާލާ މެދު ގާނޫނީ ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އައިކް އަހުމަދު އީސަ އަދި ވަކީލް އިބްރާހިމް ޝިޔާމެވެ.
ސުވާލުގައި އޮތީ ދެ އިންތިހާބު އެއް ދުވަހެއްގެ ބޭއްވުމާއި މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރަން ފެނޭތޯ އެވެ.
ދެ ވަކީލުން ހުށަހެޅި މައްސަލަ މިއަދު ޝަރީއަތަށް ހުށަހަޅުއްވަމުން ވަކީލް ޝިޔާމް ވިދާޅުވީ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ބޭރުން ވެސް ކަންކަން ހިމަނާފައިވާ ކަމަށާއި އެހެންކަމުން މުޅި ބިލު ތަސްދީގު ކުރަން ފެނޭތޯ އެހުމަކީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވެގެންދާނެ ކަމެއް ކަމަށެވެ.
"އެހެންކަމުން މި ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމްކުރާ އުސޫލުތަކުގެ ތެރެެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދެން،" ޝިޔާމް ވިދާޅުވި އެވެ.
މައްސަލައަށް ޖަވާބުދާރީވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލް ހައްވާ ސަނާ ވިދާޅުވީ އާންމު ވޯޓުގެ ސުވާލު ފަރުމާކޮށްފައިވަނީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ހިލާފަށް ނޫން ކަމަށެވެ. އެއީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އަކީ ސުވާލުގެ އިބާރާތް އޮންނަންވީ ގޮތާއި ސުވާލު ފަރުމާކުރަންވީ ގޮތް ބަޔާންކުރާ މާއްދާއެއް ނޫން ކަމަށެވެ. އެ މާއްދާއަކީ އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އަށް ގެންނަ ވަކި ބަދަލުތައް ރައީސަށް ތަސްދީގުކުރެވޭނީ ހިޔާލު ހޯދުމުގެ ވޯޓަކުން ރައްޔިތުންގެ އަގުލަބިއްޔަތު ލިބިގެންކަން ބަޔާންކުރާ މާއްދާއެކެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ އާންމު ވޯޓުގެ ސުވާލު އޮންނަންވީ ގޮތް ކަނޑައަޅަން ދޫކޮށްލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށް ގަބޫލު ކުރައްވާ ކަަމަށެވެ. އަދި އެކަމުގައި ރައީސް އަމަލު ކުރައްވަން ޖެހޭ އިޖުރާއަތު ހިޔާލު ހޯދުމުގެ ވޯޓު ނަގާ ގާނޫނުގައި ބަޔާންކުރާ ކަމަށާއި ގާނޫނުގައިވާ ގޮތުން ސުވާލު ކަނޑައަޅަން ޖެހޭނީ ރައީސް ނެރުއްވާ ގަރާރަކުން ކަމަށް ސަނާ ވިދާޅުވި އެވެ.
ސަނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ހިލާފުވާ ކަމަށް ބުނެވޭނީ ސުވާލާ ގުޅުވައެއް ނޫނެވެ. ނަމަވެސް، އެ މާއްދާއާ ހިލާފުވެވޭނީ މާއްދާގައި ބަޔާން ކުރާ ކަމެއް މަޖިލީހުން ފާސްކުރުމުން ތަސްދީގު ކުރުމުގެ ކުރިން އާންމު ވޯޓަކަށް ނާހާ ހާލަތުގައި ކަމަށެވެ. ނޫން ނަމަ، އާންމު ވޯޓުގައި ރައްޔިތުން ނިންމާ ގޮތާ ހިލާފަށް ރައީސް ބިލު ތަސްދީގުކޮށްފި ނަމަ ކަމަށް ވަކީލް ވިދާޅުވި އެވެ.
މައްސަލަ ހުށަހެޅި ދެ ވަކީލުންގެ ފަރާތުން ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވީ ރައީސަށް ސުވާލު ފަރުމާކުރުމުގެ ބާރު ދޫކޮށްލާފައި އޮތް ނަމަވެސް، އެ ބާރު ބޭނުން ކުރަން ޖެހޭނީ ގާނޫނުއަސާސީން ލާޒިމް ކުރާ ކަންކަން ކުރުމަށް ކަމަށެވެ. ކޮންމެހެން އަހަން ނުޖެހޭ ކަމެއްގައި ރައްޔިތުންގެ ވަގުތާއި ފައިސާ ހޭދަކޮށްގެން ނުވާނެ ކަމަށެވެ.
އަލީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކަށް ގޮސްގެން ކަން އެއީ ލާޒިމް ކަމެއް ކަމަށާއި އެހެންވެ، މިހާރު ފާސްކޮށްފައި އޮތް ބިލުގައިވާ ގޮތުން މަޖިލީހުގެ ދައުރުން ހަ މަސް އުނިވާތީ އެކަމާ ގުޅޭ ގޮތުން ރައްޔިތުންނާ ސުވާލު ކުރެވިދާނެ ކަމަށެވެ.
ނަމަވެސް، އާންމު ވޯޓުގެ ސުވާލު އޮތް ގޮތުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުން ހަ މަސް އުނިވާ ކަމެއް ރައްޔިތުންނަށް އެނގެން ނެތް ކަން އަލީ ފާހަގަކުރެއްވި އެވެ.
އިލެކްޝަން ކޮމިޝަންގެ ވަކީލް އާލިޔާ ހަނީފް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ދައުރަކީ ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓުގެ ސުވާލު، ކޮމިޝަނަށް ފޮނުވާ ގޮތަށް ރައްޔިތުންގެ ގާތުގައި އެހުން ކަމަށެވެ. އެ ސުވާލަށް ބަދަލު ގެނައުމަކީ ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ވަކީލް ވިދާޅުވި އެވެ. އެހެންވެ، މައްސަލައިގެ ހަސްމެއްގެ ގޮތުގައި ކޮމިޝަން ބައިވެރިކޮށްގެން ކުރިއަށް ދިޔުމާ މެދު އިޖުރާއީ ނުކުތާއެއް ވެސް ވަކީލް ނެންގެވި އެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ، ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލިސް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވި އެވެ. މައްސަލައިގެ ބެންޗުގައި ތިއްބަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ވެސް ވަނީ އާންމު ވޯޓާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އޭނާ ހުށަހެޅުއްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރު ބާތިލްވެފައިވާ ކަމަށް ކަނޑައެޅުމަށެވެ. ނަމަވެސް އެ މަައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވައިފަ އެވެ.
ފެންނަ ނުފެންނަ ވޯޓާ ގުޅޭ މައްސަލަތަކެއް އެމްޑީޕީން ވެސް ވަނީ މީގެކުރިން ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލާގައި ވޯޓު ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.