ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ އެއް ފައިދާއަކީ ރައްޔިތުންގެ މަޖިލިހުގައި ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ނުވަތަ "އީކުއަލް ރިޕްރެޒެންޓޭޝަން" ގާއިމްވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީން ބޭއްވި "އެސްޕްރެސޯ ވިތު ރައީސް" ގައި އެ މަނިކުފާނު އެންމެ ބޮޑަށް ވާހަކަފުޅު ދެއްކެވި އެއް މައުލޫއުއަކީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުންނެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު އަންނަ ހޮނިހިރު ދުވަހު ނެގުމުގެ އެންމެ ފަހުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ވަމުން އަންނައިރު ރައީސް މުއިއްޒު ރޭ ވަނީ އެ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ފައިދާތައް ވިދާޅުވެދެއްވައިފަ އެވެ. 

އެ މަނިކުފާނު ވިދާޅުވީ ރައްޔިތުން ސަރުކާރެއް އިންތިހާބު ކުރަނީ ފުރަތަމަ ދުވަހުން ފެށިގެން ފަސް އަހަރުގެ ދައުރު ނިމެންދެން ހިދުމަތް ކުރުމަށް ކަމަށް ވިޔަސް އެކަމަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން އަބަދުވެސް ހުރަސްއަޅާ ކަމަށެވެ. އެއީ މިދިޔަ ހުރިހާ ސަރުކާރެއްގައި ވެސް ފެނިފައިވާ ހަގީގަތެއް ކަމަަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަނީ --- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރައީސް މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަނީ --- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރިޔާސީ އިންތިހާބަށް ފަހު، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމާ ދެމެދު ހަ މަސްދުވަހުގެ ދިގު މުއްދަތެއް ހޭދަކުރަން ޖެހުމަކީ މިހާތަނަށް ވެފައި ހުރި ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ގެއްލޭ ވަގުތުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ހަ މަސް ދުވަހުގެ މުއްދަތުގައި ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ކަންކަން ކުރާ ގޮތުން، އަލަށް އިންތިހާބުވާ ސަރުކާރަށް ރައްޔިތުންނަށް ކަމެއް ނުކޮށްދެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

އެހެންކަމުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ނަމަ ސަރުކާރުގެ ފުރަތަމަ ދުވަހުން ފަށައިގެން ވެސް މަސައްކަތްތައް ފަށައިގަތުމަށް ފަހިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގެ ސަގާފަތަށް ބަލާއިރު، ވެރިކަން ކުރާ ޕާޓީ އަށް މި ފަހުގެ ތާރީހުގައި އަބަދުވެސް ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ލިބެމުން އަންނަކަން ފާހަގަ ކުރައްވައި ރައީސް ދެއްކެވީ ވޯޓުލާން ނުކުންނަ މީހުންގެ އަދަދެވެ.

"އެހެންވީމާ އެއް ދުވަހެއްގައި ވޯޓުލަންޏާ މަޖިލީހަށް ވެސް އަންނާނީ ގާތްގަނޑަކަށް ދެ ޕާޓީއަކަށް ނޫނީ ދެތިން ޕާޓީއެއްގެ ތެރޭ ބެހިގެން އެއްވަރަކަށް ނޫނިއްޔާ އީކުއަލް ރިޕްރެޒެންޓޭޝަނެކޭ. އެހެންވީމާ އެ ޗާންސަސް މި ލިބެނީ ދެ އިންތިހާބު އެއް ދުވަހެއްގައި އޮވެގެން،" ރައީސް ވިދާޅުވި އެވެ.

ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި ރައީސް ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް 54 ޕަސެންޓު، ޑީއާރުޕީ އަށް 46 ޕަސެންޓު، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިިހާބުގައި ޕީޕީއެމަށް 53 ޕަސެންޓު، އެމްޑީޕީ އަށް 48 ޕަސެންޓު، 2018 ވަނަ އަހަރު ޕީޕީއެމަށް 58 ޕަސެންޓު، އެމްޑީޕީ އަށް 42 ޕަސެންޓު އަދި އެންމެ ފަހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީ އަށް 54 ޕަސެންޓު، އެމްޑީޕީ އަށް 46 ޕަސެންޓު ލިބުނު ކަމަށެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ މޫސާ އަލީ ޖަލީލާ ސަލާމް ކުރައްވަނީ--
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ މޫސާ އަލީ ޖަލީލާ ސަލާމް ކުރައްވަނީ--

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުތަކުގައި ވާދަކުރާ މައި ދެ ޕާޓީ އަށް ވޯޓު ލިބެނީ ނިސްބަތުން ވަރަށް ހަމަހަމަ މިންވަރަކަަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބާ އެކު، މަޖިލިސް އިންތިހާބު ބައްވައިފި ނަމަ ވޯޓުލާން ނުކުންނަ މީހުން އިތުރުވެ، ޕާޓީތަކުގެ ހަމަހަމަކަން މަޖިލީހުގެ ތެރެއިން ފެނުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ވެރިކަން ކުރާ ޕާޓީ ނުވަތަ ވެރިކަން ނިމެމުންދާ ޕާޓީ ވެސް އެބަ ކުރިމަތިލާ. އެކަމަކު އެ މީހުންނަށް ކޮން ގެރެންޓީއެއް އޮތީ ދެން ހޮވޭނެ ކަމުގެ. އެހެންވީމާ ސަރުކާރުގައި ތިބެގެން މީހުން ކައިރިއަށް ގޮސް އެ ލިބޭ ފުރުސަތެއް ނުލިބޭނެ،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ އީކުއަލް ރެޕްރެޒެންޓޭޝަނެއްގައި މީހުން މަޖިލީހަށް ވަނުމުގެ ޗާންސަސް ވެސް މި ލިބެނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން." 

އެހެންކަމުން ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ "ފްރީ އެންޑް ފެއާ" އިންތިހާބަކަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަމިއްލަ އެދުން އިސްނުކޮށް ގެންނަ އިސްލާހުތައް ކަމަށެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި 93 މެމްބަރުންގެ ތެރެއިން ޕީއެންސީގެ މެމްބަރުންނާއި އަމިއްލަ މެމްބަރުންގެ ތާއީދާ އެކު، ސުޕަ މެޖޯރިޓީގެ އަދަދު ގާތްގަނޑަކަށް 80 މެމްބަރުންނާ ގާތަށް އަރާ ކަަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އެއް ދުވަހެއްގައި އިންތިހާބު ބާއްވައިފި ނަމަ ވެރިން ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާ އަދަދު މަދުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް މުއިއްޒު ވިދާޅުވީ އެއީ އިހުލާސްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރަން ނުކުންނަ ވެރިންގެ ސިފައެއް ނޫންކަމަށެވެ.