ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ގާނޫނުއަސާސީގެ އޮނިގަނޑަށް ބަދަލު އަންނާނެ ކަމަށް ގާނޫނީ ދިރާސާތައް ކުރައްވާ ޑރ. ސަމްސުލް ފަލާހު ވިދާޅުވެއްޖެ އެވެ. 

އަންނަ މަހު ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާ ދިމާކޮށް ބާ ކައުންސިލުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑރ. ފަލާހު ވިދާޅުވީ ގާނޫނުއަސާސީގައި ދިވެހި ދައުލަތުގެ އަސާސީ ސިފަތައް ހިމަނާފައިވާ ކަމަށާއި މިހާރު ގެންނަން އުޅޭ ބަދަލުން އެ އަސާސީ ސިފަތަކަށް އަސަރުކުރާ ކަމަށެވެ. 

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ގޮތަށް ބަދަލެއް ގެނައުމަކީ ވަރަށް ބޮޑު ބަދަލަކަށް ވާނެ ކަމަށެވެ. ގާނޫނުއަސާސީއަށް ގެންނަ ކޮންމެ ބަދަލަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް، އެކަން ކުރަން ޖެހޭނީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވިދާޅުވި އެވެ. 

"އަސާސީ އޮނިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެންނަ ކަމެއް މި. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި އަސާސީ އޮނިގަނޑަށް ބަދަލު އަންނަ ކަމެއް،" ޑރ. ފަލާހު ވިދާޅުވި އެވެ. 

ޑރ. ފަލާހު ވިދާޅުވީ ގާނޫނުއަސާސީގެ އޮނިގަނޑަށް ބަދަލު އަންނަ ކަންކަން ރައްޔިތުންގެ މަޖިލީހަށް ވެސް ފާސްނުކުރެވޭނެ ކަމަށް ދޭހަވާ ގޮތަށް މީގެކުރިން ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީގެ އޮނިގަނޑަށް ބަދަލު ނުގެނެވުމަކީ ރާއްޖޭގައި ބަލައިގެންފައިވާ ކަމެއް ނޫން ކަމަށް ބުނާ ބުނުމަކީ އެންމެ ރަނގަޅު ބުނުމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހަކީ ދިވެހި ދައުލަތުގެ ވަރަށް މުހިންމު ބާރެއް ކަމަށާއި އެ ބާރު އިންތިހާބު ކުރާ ގޮތަށް ބަދަލެއް ގެންނަ ނަމަ، އެ ގާނޫނުއަސާސީގެ އޮނިގަނޑަށް އަންނަ ބަދަލެއް ކަން ޑރ. ފަލާހު ފާހަގަކުރެއްވި އެވެ. 

"އެ ގުނަވަނުގެ އިންތިހާބު ކުރެވޭ ގޮތަށް ބަދަލެއް ގެންނަ ނަމަ، ބާރުތައް ވަކި ކުރެވޭ ނިޒާމަށް ވެސް އޭގެ އަސަރު ފޯރާނެ. އެއީ ބާރުތައް ވަކިކުރުމުގެ ނިޒާމަށް ލޮޅުންއަރާ ކަމެއް، އެހެންވީމަ އަޅުގަނޑަށް ދެންނެވޭނީ މިއީ ގާނޫނުއަސާސީގެ އޮނިގަނޑަށް ބަދަލު އަންނަ ކަމެކޭ،" ޑރ. ފަލާހު ވިދާޅުވި އެވެ.