ޕާޓީ ބަދަލުކޮށްގެން ސިޔާސީ ނާޖައިޒު މަންފާ ހޯދައި، ސިޔާސީ ކޮރަޕްޝަން ހުއްޓުވުމަކީ އެންޓި-ޑިފެކްޝަން ގާނޫނެއްގެ މުހިންމު އެއް މަގުސަދެވެ. މިކަމުގައި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން ހޯދި ހައްލަކީ ގާނޫނުއަސާސީ ކުއްލި ގޮތަކަށް ބަދަލުކުރުމެވެ. 

ޑރ. ޝަމްސުލް ފަލާހު މިކަމާ ގުޅޭ ގޮތުން ހެއްދެވި ދިރާސާއިން އޭނާ ވާސިލުވި ނިންމެވުން އޭނާ މި މަހުގެ ހަތް ވަނަ ދުވަހު ނެރުއްވި "ޑިފެކްޝަން މަނާކުރި ދުސްތޫރީ އިސްލާހުގެ ގާނޫނީ ތަންގީދު" ފޮތުގައި ތަފްސީލްކޮށްދެއްވާފައިވެ އެވެ. 

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރު ކަމުގެ ގޮނޑި ގެއްލޭ ހާލަތްތައް ގާނޫނުއަސާސީ އަށް މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ގެެނެސްފަ އެވެ. އެ މަޖިލީހަށް ވެސް ހިނގާ ގޮތަށް އެ އިސްލާހު އެއް ދުވަސް ތެރޭ ފާސްކޮށް ތިން ގަޑިއިރެއްހާ އިރުގެ މަސައްކަތުން ނިންމާލި އެވެ. އިސްލާހު އޮތް ގޮތުން މެންބަރަކު ޕާޓީން ވަކިކުރިޔަސް، އޭނާގެ ގޮނޑި ގެއްލޭނެ އެވެ. 

މި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ވައްދާފައިވާއިރު، އެ މައްސަލައާ ހަމައިން ކޯޓުގެ ތިން ފަނޑިޔާރެއްގެ މަގާމު ވެސް ވަނީ ގެއްލި ސުވާލު އުފެދޭ އެތައް ކަމެއް ހިނގި އެވެ. މައްސަލައިގެ އަޑުއެހުމަކަށް 15 މިނެޓަށް ވެފައި ވަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި ހިސާބުން މިއަދާ ހަމައަށް މަތީ ކޯޓުގައި އޮތް މި މުހިންމު މައްސަލަ ވަނީ "ވާނުވާއެއްގެ" ތެރޭގަ އެވެ. 

މަޖިލީހުގެ މެންބަރުންނާ ގުޅޭ ނިޒާމީ މިހާ ބޮޑު ބަދަލެއް، ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ގެނައި ގޮތުގެ ދިރާސާއެއް، ޑރ. ޝަމްސުލް ފަލާހު ހައްދަވައި، ފޮތެއްގެ ސިފައިގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ނެރުއްވައިފަ އެވެ. ދުސްތޫރީ ބޮޑެތި މައްސަލަތަކުގައި އިލްމީ ދިރާސާތައް އަބަދުވެސް ދައްކަވާ، ނިއުޒިލެންޑްގައި މަަސައްކަތް ކުރައްވާ ފަލާހް ރާއްޖޭގެ އެ ބަދަލަކީ "ދުސްތޫރީ ދޯކާ" އެއްގެ ގޮތުގައި ސިފަކުރައްވާފައިވެ އެވެ. 

ގާނޫނުއަސާސީ އަށް ގެނައި އިސްލާހު، ޣައިރު ދުސްތޫރު ވެގެންދާކަމަށް އޭނާ ގަބޫލުކުރައްވާ ސަބަބުތަކާއި "ދޯކާ" އެއް ކަމަށް ގަބޫލުކުރައްވާ އެތައް ސަބަބެއް، މޯލްޑިވްސް ލޯ އިންސްޓްޓިއުޓުން ޝާއިއުކުރި ފޮތުގައި ބަޔާންކުރައްވާފައިވެ އެވެ. 

ފަލާހު ލިޔުއްވާފައިވާ ގޮތުގައި އެންޓި ޑިފެކްޝަންގެ އުސޫލުތައް ގާނޫނުއަސާސީގައި ކަނޑައެޅި ހާލަތްތަކާއި އެކަން ކުރި ގޮތުން އެ ފާސްކުރުންތައް ފާސްކުރިއިރު ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮތް ފަރާތްތަކުގެ ނިޔަތާ މެދު ސުވާލު އުފައްދާނެ ޖާގަ ލިބެ އެވެ. 

"ރަނގަޅު ގާނޫނީ އިސްލާހެއް ވެސް ގެންނަންވާނީ ރަނގަޅު ގޮތަށެވެ. ނުރަނގަޅު ގޮތަކަށް ނޫނެވެ،" އޭނާ ލިޔުއްވާފައިވެ އެވެ. 

ރައްޔިތުންގެ އަޑެއް ނެތް، މިއީ މަޖުބޫރީ ދުސްތޫރު

އިސްލާހު ގެނައި ގޮތް ކަމުނުދާ ކަން ފާހަގަކުރައްވައި، ފަލާހު ވިދާޅުވެފައިވަނީ ގާނޫނުއަސާސީއެއް ގާނޫނުއަސާސީއަކަށް ވާނީ ރައްޔިތުންގެ އިތުބާރާއި ރުހުން އޮވެގެން ކަމަށެވެ. އެކަން ނެތް ނަަަމަ، އެއީ "އިމްޕޯޒްޑް ކޮންސްޓިޓުޝަން" ނުވަތަ މަޖުބޫރީ ދުސްތޫރު ކަމަށް ވިދާޅުވި އެވެ. 

އެންޓި ޑިފެކްޝަނާ ގުޅޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ހިޔާލާއި އަޑު އިއްވަން ފުރުސަތު ނުދީ، އަވަސްކޮށްލައިގެން ކަމަށް ފަލާހު ވިދާޅުވި އެވެ. އިސްލާހު ފާސްކުރުމުގައި ރައްޔިތުންގެ އެއްވެސް ބަހެއް ނެތްއިރު، އެކަމުގައި ހިޔާލު ހުށަހަޅަން އެދުނު ފަރާތްތަކަށް ވެސް ފުރުސަތު ނުދިން ކަން ފާހަގަކޮށްފައިވެ އެވެ. އެހެންވެ، އިސްލާހު ގެނައުމުގައި މެންބަރުންގެ ހެޔޮ ނިޔަތް އޮތް ކަމަކަށް ނުބެލެވޭ ކަމަށް ފަލާހު ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ

ގާނޫނުއަސާސީއަށް ބަދަލެއް ގެންނަންވާނީ ފަލާހު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއި އެކަށީގެންވާ ދިރާސާތަކެއް ކޮށް، އެ ބަދަލުކުރުމުގެ ޟަރޫރަތެއް އޮތިއްޔާ އެވެ. އެކަން ކުރަން ޖެހޭނީ ކުއްލިއަކަށް އުޑުމަތި ވިދާލާހެން ނޫން ކަމަށާއި ރައްޔިތުންނަށް ކުއްލިއަކަށް ލިބޭ އާސޯހުވުމެއް ހެނެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ. 

"ރައްޔިތުންގެ ހިޔާލު ނާހައި އަދި ރައްޔިތުންނަށް ބިލަކާ މެދު ފުންކޮށް ވިސްނައި ހިޔާލެއް ދޭނެ ވަގުތު ވެސް ނެތި އެ ފުރުސަތު ނުދީ ގާނޫނެއް ހެދުމަކީ ޑިމޮކްރަސީގެ ގޮތެއް ނޫނެވެ. އެފަދަ ކަމަކުން އުފަންވާނީ ވަރަށް ނޭދެވޭ އާދައެކެވެ. ކިތަންމެ ބޮޑު ބަދަލެއް ގެންނަ ކަމެއްގައި ވެސް ރައްޔިތުންގެ ބައިވެރިވުން ނެތި ނިންމުންތައް ނިންމުމުގެ ސަގާފަތެވެ،" ފޮތުގައިވެ އެވެ. 

އެ ނޫން ގޮތަކަށް ހެދޭ ގާނޫނުވެގެންދާނީ ޑރ. ފަލާހު ލިޔުއްވާފައިވާ ގޮތުގައި އިންތަކުން ބޭރު، ރައްޔިތުންގެ ފައިދާއަށްވުރެ ގާނޫނު ހެދި ފަރާތުގެ ނުހައްގު މަންފާ ބޮޑު ކަމަކަށެވެ. އެފަދަ ކަންކަމުން ގާނޫނަށް އިހްތިރާމް ނުކުރުމުގެ ޖަމާއީ ވިސްނުމެއް އުފަންވެދާނެ ކަމުގެ ވެސް އިންޒާރު ވެސް ދެއްވާފައިވެ އެވެ. 

ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑު މުގުލާރުން

ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން، ފަލާހު ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނުއަސާސީން އެކި ކަންކަމަށް ލިބިދީފައިވާ ހިމާޔަތް ބަލިކަށިވެ އެވެ. އޭގެ ސަބަބުން ގާނޫނުއަސާސީގެ ބަދަލު ނުކުރެވޭނެ އަސާސީ އޮނިގަނޑު ނިއުޅުވިގެންދެ އެވެ. 

އެގޮތުން، އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގެ އެންމެ އެއް އަސާސްކަމަށްވާ ދައުލަތް ހިންގުމުގެ ބާރުތައް ވަކިކޮށް، އެއް ބާރު އަނެއް ބާރަށް ފާރަވެރިވެ ޖަވާބުދާރީކުރުމުގެ ނިޒާމު ބަލިކަށިވެގެންދާ ކަން ދިރާސާއިން ދައްކަ އެވެ.

ގާނޫނުއަސާސީން ތަސައްވުރު ކޮށްފައިވަނީ ސަރުކާރުގެ ނުފޫޒާއި ހުރިހާ ނުފޫޒުތަކަކުން މެންބަރުން ރައްކާތެރިކޮށްދީ، ދުސްތޫރީ ރައްކާތެރިކަން ލިއްބައިދިނުމެވެ. އެކަމަކު، އިސްލާހު ގެނެސްފައިވާ ގޮތުން ސަރުކާރު ހިންގާ ލީޑަރަށް މަޖިލީހުގެ މެންބަރުންގެ މައްޗަށް ނުފޫޒު ފޯރުވާ މަގު ތަނަވަސްކޮށްފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ. 

އެހެންވުމުން ލީޑަރެއްގެ ނިޔަތް ވާނީ އެފަދަ ތަނެއްގައި ހެދޭ ގާނޫނުތަކުގެ ނިޔަތަށް ކަމަށާއި އޭނާގެ ނިޔަތާ ހިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ފޮތުގައި ބުނެފައިވެ އެވެ. ދެން ނުކުންނާނެ ނަތީޖާއަކީ ފޮތުގައިވާ ގޮތުން، ގާނޫނުއަސާސީގެ ބާރުކަނޑިގެން ގޮސް ޑިފެކްޓޯ ސުޕްރީމް ބާރަކަށް އެ ލީޑަރުގެ ނިޔަތް ވެގެން ދިޔުމެވެ. 

މީގެ އިތުރުން، މަޖިލީހުގެ މެންބަރުން އެބައިމީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތް ކުރަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށް، އެންޓި ޑިފެންކްޝަން އިސްލާހުގެ ސަބަބުން ނޭދެވޭ ނުފޫޒު ފޯރުވުމަށް ޕާޓީތަކަށް ފުރުސަތު ލިބެ އެވެ. ސިޔާސީ ޕާޓީތަކަށް ނާޖައިޒު ބާރާއި ނުފޫޒު ފޯރުވުމުގެ ބާރު ލިބިގެންދެ އެވެ. 

ފަލާހުގެ ފޮތުގައިވާ ގޮތުން އިސްލާހުގެ ސަބަބުން ވާދަވެރި ސިޔާސީ ނިޒާމު ގާއިމްކުރުމުގެ ފުރުސަތު ގެއްލޭނެ އެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނީންސުރެ ޕާޓީތައް ހިންގުމުގައި ގިނައިން ފެނިފައިވަނީ ދިމިގްރާތީ އުސޫލުތަކަށްވުރެ ލާދީމިގްރާތީ އުސޫލުތަކެވެ. ޕާޓީ ކޮންޓްރޯލް ކުރަނީ ވަކި މީހެއް ނުވަތަ ވަކި އާއިލާއަކުންނެވެ. އެކަން އެހެން އޮއްވައި، މިފަދަ އިސްލާހެއް ގެނައުމުން، އެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ފަލާހު ދެކެވަޑައިގަންނަވަ އެވެ. 

ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ހަނިވުން

އެންޓި ޑިފެކްޝަންއަކީ ބައެއް ގައުމުތަކުން ބަލައިގެންފައިވީ ކަމެއް ނަމަވެސް، ރާއްޖެއަށް އެކަން ގެނައި ގޮތުގެ ސަބަބުން އޭގެ ދެވަނަ ބާބުން ކަށަވަރުކޮށްދޭ ބައެއް ހައްގުތަކާއި މިނިވަންކަން، އުސޫލާ ހިލާފަށް ހިފެހެއްޓޭ ކަން ވެސް ފަލާހު ވަނީ ފާހަގަކުރައްވައިފަ އެވެ. ބައެއް ހައްގުތައް ބޭނުމެއް ނެތް މިންވަރަށް ހަނިވެފައިވާ ކަމެވެ. 

އެންމެ ބޮޑަށް އަސަރުފޯރާ ކަމަށް ފާހަގަކުރެވޭ ހައްގުތަކާއި މިނިވަންކަން: 

  1. ތަފާތުކުރުމުން ރައްކާތެރިވުމުގެ ހައްގު 
  2. ގާނޫނުގެ ކުރިމަތީގައި ހަމަހަމަކަމުގެ ހައްގު 
  3. އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާ އެކު އިހްތިޔާރު ކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު 
  4. ހިޔާލުފާޅުކުރުމުގެ ހައްގު 
  5. ސިޔާސީ ޕާޓީތައް އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު
  6. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި ލިބިދީފައިވާ ހައްގާއި މިނިވަންކަން 
މި އަހަރު ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި މަޖިލިސް ޖަލްސާގައި ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވަނީ -- ފޮޓޯ: ރައީސް އޮފީސް
މި އަހަރު ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި މަޖިލިސް ޖަލްސާގައި ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވަނީ -- ފޮޓޯ: ރައީސް އޮފީސް

 ފަލާހު ވަނީ އެ ހައްގުތަކާއި މިނިވަންކަން، އިސްލާހުގެ ސަބަބުން ހިފެހެއްޓޭ ގޮތް ތަފްސީލްކޮށް ފޮތުގައި ހިއްސާކޮށްފަ އެވެ. އަދި އަސާސީ ހައްގުތައް ހިފަހައްޓާ ނަމަ، އެކަން ކުރަން އޮންނަ އުސޫލުތައް ވެސް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެ އެވެ. 

އޭނާ ލިޔުއްވާފައިވާ ގޮތުގައި ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބޭނުން ކުރުމަށް ހުރަސްއެޅުމުން ދުރުހެލިވުމަކީ ދައުލަތުގެ މައްޗަށް ވާޖިބެކެވެ. ސިޔާސީ އަދި މަދަނީ ހައްގުތަކުގެ އިތުރުން އިޖުތިމާއި އަދި އިގުތިސޯދީ ހައްގުތައް ބޭނުން ކުރުމަށް ވެސް ހުރަސްއަޅައިގެން ނުވާނެ އެވެ. 

ދިރާސާ ނިންމާލައްވަމުން ފަލާހު ވިދާޅުވެފައިވަނީ އެންޓި ޑިފެކްޝަންގެ އުސޫލުތައް ގާނޫނުއަސާސީއަށް އިތުރުކުރާން އެންމެ ރަނގަޅު ގޮތަކީ އިންތިހާބީ ނިޒާމު، ޕާޓީތައް ނާރެސްވާފަދަ ޕްރޮޕޯޝަނަލް ނިޒާމަކަށް ބަދަލުކޮށްގެން، އެކަން ކުރުމެވެ. އެކަންކަން ކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގައިގެން އެކަން ކުރަން ފެންނަ ނަމަ، އެކަން އެގޮތަށް ކުރުމެވެ. 

އޭނާގެ ނިންމެވުމަކީ ގާނޫނުއަސާސީއަށް ގެންނަ މުހިންމު ކޮންމެ ބަދަލަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއި ބައިވެރިވުން އޮވެގެން ހާމަކަން ބޮޑު ގޮތެއްގައި އެކަށީގެންވާ ވަގުތު ހޭދަކޮށްގެން ގެނެވޭ ބަދަލަކަށްވުން މުހިންމު ކަމެވެ. 

"...ދުސްތޫރީ ބަދަލުތަކަށް މަގުބޫލުކަމާއި ބާރުވެރިކަން ލިބޭނީ އޭރުންނެވެ،" ފަލާހު ވިދާޅުވި އެވެ.