ސުޕްރީމް ކޯޓުގެ ފުރަތަމަ ޓެސްޓުން އުއްމީދުތަކެއް

ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު އާ އިންތިޚާބެއް ބޭއްވި ކައުންސިލް މެމްބަރުން ހުވާކުރެވެންދެން ކުރިމަތީގައި އޮތް ގާނޫނީ ހުސްކަން ފޫބެއްދުން ފަސޭހަ ކަމަކަށް ނުވި އެވެ. ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގައި ބޮޑު އަޣުލަބިއްޔަތެއް އޮތަސް، ގާނޫނު އަސާސީއަށް ބަދަލު ގެނައުން ބައެއް މެމްބަރުންނަށް ގަބޫލުކުރަން ދަތިވީ އެވެ. ކައުންސިލްތަކުގެ ދައުރު ހަމަވާ ވަގުތު ގާތްވަމުން ދިޔައިރު، ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިން ވެސް މެމްބަރުން އެއްގަލަށް އެރުވޭ ފަދަ ބޭހަކަށް ނުވެ، އެންމެ ފަހު ވަގުތު ސުޕްރީމް ކޯޓުގެ ދޮރުގައި ޓަކި ޖަހަން ޖެހުނީ އެވެ.


މިއީ 2010 ވަނަ އަހަރު އިންތިގާލީ މަރުހަލާއަށް ފަހު ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލި ފަހުން ފުރަތަމަ ފަހަރަށް އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެއްކޮށް ބަދަވެފައި ވަނިކޮށް، އެ ކޯޓުން ޖަވާބު ދޭން ޖެހުނު ދުސްތޫރީ ފުރަތަމަ މައްސަލަ އެވެ. އެހެންވެ، ގާނޫނު އަސާސީ އިސްލާހު ކުރުން ނުވަތަ ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮތް ކަމަކަށް އާންމު ގާނޫނަކުން ބަދަލެއް ގެނައުން ފަދަ ގާނޫނީ ގޮތުން ޚިޔާލު ތަފާތުވުން ބޮޑު ކަމަކާ މެދު ސުޕްރީމް ކޯޓުގެ ވިސްނުން ދެނެގަތުމަށް އެ މައްސަލަ ވީ މުހިންމު ޓެސްޓަކަށެވެ.

މަޖިިލީހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅީ މައިގަނޑު ދެ ސުވާލެކެވެ. އެއީ ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން ދިމާވާ ގާނޫނީ ހުސްކަން ގާނޫނު އަސާސީގެ އިމުގެ ތެރެއިން ހައްލު ހޯދެން އޮތް ގޮތަކީ ކޮބައިތޯ އާއި ކައުންސިލްތަކުގެ ދައުރު ކަނޑައަޅާފައިވާ ގާނޫނު އަސާސީގެ 231 ވަނަ މާއްދާ އިސްލާހު ކުރުމެއް ނެތި، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ގާނޫނު އަސާސީގެ އެހެން މާއްދާއަކަށް އިސްލާހު ގެނެސްގެން މިހާރު ތިބި ކައުންސިލް މެމްބަރުން މަގާމުގައި ދެމި ތިބޭ ގޮތަށް ކަނޑައެޅުމުން ދިމާވެދާނެ ގާނޫނީ މައްސަލައަކީ ކޮބައިތޯ އެވެ.

މީގެ ތެރެއިން ފުރަތަމަ ސުވާލަށް ސުޕްރީމް ކޯޓުގެ ޖަވާބަކީ އާ އިންތިޚާބެއް ބޭއްވެންދެން ގާނޫނީ ހުސް ކަމަކަށް އަޔަ ނުދިނުމަށް ހައްލެއް ހޯދެން އޮތީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމެވެ. މިހާރު ތިބި ކައުންސިލް މެމްބަރުންނަކީ ގާނޫނު އަސާސީގެ ދަށުން ތިން އަހަރަށް އިންތިޚާބުކުރި ބަޔަކަށް ވާއިރު، ވަގުތީ ހައްލެއް ގެނައުމުގެ ގޮތުން ވިޔަސް ގާނޫނު އަސާސީ އިސްލާހު ނުކޮށް އެކަމަށް ފަރުވާއެއް ހޯދޭނެ ގޮތެއް ނެތް ކަމެވެ. އެއީ މި ބަހުސް ފެށުނީއްސުރެން ގިނަ ގާނޫނީ ބޭފުޅުން ވެސް ވިދާޅުވަމުން ދިޔަ ގޮތެވެ.

ގާނޫނީ ހުސްކަން ފޫބެއްދޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށް ވިޔަސް، ސުޕްރީމް ކޯޓުގެ ލަފާ އައީ ސަރުކާރުން ގާނޫނު އަސާސީއަށް އޭރު ހުށަހަޅާފައި އޮތް އިސްލާހު ފާސްކޮށްގެން ހައްލެއް ނުގެނެވޭނެ ކަމަށެވެ. ސަބަބަކީ ކައުންސިލްތަކުގެ ދައުރު ކަނޑައަޅާފައިވަނީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގައި ކަމަށް ވެފައި، ސަރުކާރުން އިސްލާހު ހުށަހެޅީ އެ މާއްދާއަށް ކަމަށް ނުވާތީި އެވެ. ސަރުކާރުން އިސްލާހު ހުށަހަޅާފައި އޮތީ ގާނޫނު އަސާސީއަށް އެންމެ ފަހުން އިސްލާހު ގެނައިއިރު، ގާނޫނު އަސާސީއަށް އެއްވެސް ބަދަލެއް ނާންނަ ގޮތަށް، ހިމަނާފައި އޮތް މާއްދާއަކަށެވެ. އަދި އެގޮތަށް އޭރު މާއްދާއެއް ހިމެނީ ރަނގަޅަށް ނޫން ކަމަށް ވެސް އެ ލަފާގައިވެ އެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުން މަނާވާ ހާލަތު ފުޅާނުކުރުން

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އޮއްވާ ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ބުނެ އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހުން ހައްލެއް ލިބިފައި އޮތުމުން އެ ނުކުތާގައި ލަފައަކަށް މަޖިލީހުން ނޭދުނަސް، ސުޕްރީމް ކޯޓުން އެ ސުވާލަށް ވެސް ޖަވާބެއް ދިނެވެ. ގާނޫނު އަސާސީ އިސްލާހު ކުރުން މަނާވާ ކުއްލި ނުރައްކަލުގެ ހާލަތު (ސްޓޭޓް އޮފް އިމަޖެންސީ) އާއި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތް މިނިސްޓަރު އިއުލާން ކުރައްވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތަފާތު ބަޔާންކޮށް، މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ހުރަހެއް ނެތް ކަން އެ ލަފާގައި ބަޔާންކޮށް ދިނެވެ.

މީގެ އިތުރުން ރައީސް އިއުލާން ކުރައްވާ ސްޓޭޓް އޮފް އިމަޖެންސީގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ލިޔަން މެދުވެރިވި މަގްސަދު (ލެޖިސްލޭޓިވް އިންޓެންޓް) ވެސް ސުޕްރީމް ކޯޓުން ތިލަކޮށް ދިނެވެ. ގާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތަކާ ހަވާލާދީ އެ ލަފާގައިވާ ގޮތުން ގާނޫނު އަސާސީގައި އެގޮތަށް ލިޔުނީ 2004 ވަނަ އަހަރު ސްޓޭޓް އޮފް އިމަޖެންސީއެއް އޭރުގެ ރައީސް އިއުލާން ކުރައްވައި، ޚާއްސަ މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުގައި ބައިތިއްބައިގެން ގާނޫނު އަސާސީ އިސްލާހުކުރަން އުޅުން އެފަދަ ކަމެއް ދެން ތަކުރާރުވިޔަ ނުދިނުމަށެވެ.

ކޮންމެ ހާލަތެއްގައި މެދުވެރިވިޔަސް، ގާނޫނު އަސާސީ އިސްލާހު ކުރެވޭނީ އެ އިސްލާހެއް ގެންނަން "ގާނޫނީ ގޮތުން ހުއްދަވާ ނަމަ" ކަން ސުޕްރީމް ކޯޓުގެ ލަފައިން އެނގެ އެވެ. މާނައަކީ ރައީސް އިއުލާން ކުރައްވާ ސްޓޭޓް އޮފް އިމަޖެންސީގައި އެއްވެސް އިސްލާހެއް ނުގެނެވޭނެ ކަމެވެ. އެހެންވީއިރު، ބައެއް މެމްބަރުން ފާހަގަކުރެއްވިހެން، ސްޓޭޓް އޮފް އިމަޖެންސީއެއް މިހާރު އިއުލާން ކޮށްފައި އޮތް ނަމަ، މި ހާލަތުގައި ކައުންސިލްތަކުގެ ދައުރު ދެމިގެންދާނެ ގޮތަށް ހަދާނީ ކިހިނެއް ހެއްޔެވެ؟. އެކަމަކު ރާއްޖޭގައި އެ ހާލަތު މެދުވެރިވެފައި ނެތަތީ، ސުޕްރީމް ކޯޓުން އެއަށް ވަކި ޖަވާބެއް ދީފައެއް ނެތެވެ.

އަކުރެއް ނުވަތަ ފިއްޔަކާ ވެސް އަހަރުމެންނަކަށް ނުކުޅެވޭނެ!

އިންތިޚާބުތައް ފަސްވެ، އިންތިޚާބީ މަގާމުތައް ގާނޫނީ ހުސްކަމަށް ދިއުމުގެ ބިރަކީ ރާއްޖޭގައި އާ ތަޖުރިބާއެއް ނޫނެވެ. ގާނޫނު އަސާސީ ނުވަތަ ގާނޫނުތަކުގައި ބަޔާންކުރާ އިންތިޚާބީ މުއްދަތުތައް ފަހަނަ އަޅައި ދިޔަޔަސް، ގާނޫނު އަސާސީ އާއި ގާނޫނު އިސްލާހު ކުރުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތް ކަމަށްވާ މަޖިލީހުގެ އެއްވެސް ދައުރެއް މީގެ ކުރިއަކުން ނެތެވެ. ވަގުތީ ފަރުުވާއެއް ހޯދަމުން އައީ ޝަރުއީ މަރުހަލާގެ ތެރެއިން ބައެއް ފަހަރު ސުޕްރީމް ކޯޓުންނެވެ. އަނެއް ބައި ފަހަރު ދަށު ކޯޓުތަކުންނެވެ. އެކަމުގައި ސިޔާސީ ފައިދާތަކެއް ބަޔަކަށް ހޯދައި ދިނުމުގެ ތުހުމަތުތައް ވެސް އަމާޒުވި އެވެ.

ރައީސާއިި މަޖިލީހުގެ ރައީސް ނަޝީދު އިތުރުން އުއްތަމަ ފަނޑިޔާރު މުއުތަސިމް -- ފޮޓޯ/ރައީސް އޮފީސް

މިފަހަރު ސުޕްރީމް ކޯޓުގެ ޖަވާބަކީ ކޯޓުތައް މެދުވެރިކޮށް އިންތިޚާބުތައް ފަސްކުރުމާއި އިންތިޚާބީ މަގާމުތަކުގެ ދައުރު ދެންމުމުގެ ސަގާފަތަށް ދެން ޖާގައެއް ނެތް ކަމެވެ. ގާނޫނު އަސާސީގައި ވަކި ކަމެއް ވަކި ގޮތަކަށް ބަޔާން ކުރުމުން އެކަމަށް ބަދަލެއް ގެނެވޭނީ ގާނޫނު އަސާސީގައި ބުނާ އިމުގެ ތެރެއިން ގާނޫނު އަސާސީއަށް މަޖިލީހުން އިސްލާހު ގެނެސްގެން ކަމެވެ. ގާނޫނު އަސާސީގައި ބޭރުން އެއްވެސް ކަމެއް ކުރުމުގެ ބާރު ދައުލަތުގެ އެއްވެސް ބާރަކަށް ލިބިފައި ނެތްކަން ސުޕްރީމް ކޯޓުގެ އެ ލަފާގައި ބަޔާންކުރީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން އެ ކޯޓު ވެސް ހިމަނައިގެންނެވެ.

"ގާނޫނު އަސާސީގެ އެއްވެސް އަކުރެއް ނުވަތަ ފިއްޔެއް ވެސް ގާނޫނު އަސާސީގެ 12 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް ބަދަލު ކުރުމަށް ދައުލަތުގެ އެއްވެސް ބާރަކަށް ހުއްދަ ދީފައެއް ނެތެވެ. އެހެންކަމުން ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ މުއްދަތެއް ކަމަށް ވިޔަސް، ނުވަތަ ގާނޫނު އަސާސީގަައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އިންތިޚާބު ކުރެވޭ މީހެއްގެ މަގާމުގެ ދައުރު ކަމަށް ވިޔަސް، ގާނޫނު އަސާސީގެ 12 ވަނަ ބާބުގައި ބަޔާން ކޮށްފައިވާ ނެތް ގޮތަކަށް ބަދަލު ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ވެސް އަދިި ކޯޓުތަކަށް ވެސް އަދި ވެރިކަން ހިންގާ ފަރާތަށް ވެސް ދީފައެއް ނެތް،" ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އެ ލަފާގައިވެ އެވެ.

އަމިއްލައަށް އެއްވެސް ބާރެއް ހޯދުމުގެ އިހްތިޔާރެއް ނެތް

ސުޕްރީމް ކޯޓުން ކުރިން ނިންމި ބޮޑެތި ބައެއް ދުސްތޫރީ މައްސަލަތަކުގައި ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވީ ކޯޓަކީ "ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރި ފަރާތް" ކަމަށް ބަޔާންކޮށް، ގާނޫނު އަސާސީގައި ނެތް ކަންކަން އެ ކޯޓުން އަމިއްލައަށް ކަނޑައެޅުމުންނެވެ. މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކޮށް، މަގާމުން ދުރުކުރާ މަގާމުތަކާ މެދު ވެސް ސުޕްރީމް ކޯޓުން ފަހު ބަސް ބުނަން ޖެހޭ ގޮތަށް ކުރި ހުކުމާއި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކުރި ހުކުމަކީ އެފަދަ ބައެއް މައްސަލަތަކެވެ.

މީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުން ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ގައި ނެރުނު އަމުރުން ހުއްޓުވި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ނުބެލޭ ގޮތަށް ހެދުމަކީ ގާނޫނު އަސާސީއާ ޚިލާފްވުން ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ ފަރާތުން އެ ނިންމުން ބާތިލް ކުރަން ހުށަހެޅުމުން ވެސް އެކަމަށް ދެކޮޅުހެދި އެވެ. އަދިި ބައެއް ގާނޫނުތަކުގެ މާއްދާތައް އަމިއްލަ އިސް ނެގުމުގައި ބާތިލްކޮށް، ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ބާރުތައް ސުޕްރީމް ކޯޓުގެ ދަށަށް ގެންދިއުން ފަދަ އެތައް ކަމެއް ފެނުނެވެ. އެކަމަކު ސުޕްރީމް ކޯޓުގެ މައްޗަށް ބަސް ކިޔާނެ އިތުރު ކޯޓެއް ނެތަތީ އޭރު ކުރެވޭނެ މާ ބޮޑު ކަމެއް ނެތަސް، މިފަހަރުގެ ސުޕްރީމް ކޯޓުގެ ވިސްނުން އެއާ މުޅިން އިދިކޮޅެވެ.

"ރައްޔިތުންގެ މަޖިލީހާއި ވެރިކަން ހިންގާ ފަރާތަށާއި އަދި ކޯޓުތަކަށް ބާރު ލިބި ދީފައިވަނީ ގާނޫނު އަސާސީން ސަރީހަ ބަހުން އެ ފަރާތަކަށް އެ ބާރެއް ދިން މިންވަރަކަށެވެ. މިއިން ކޮންމެ ފަރާތަކުން ވެސް ކަންކަން ހިންގަންވާނީ އެ ފަރާތަކަށް ގާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ދާއިރާގެ ތެރޭގަ އެވެ. އަމިއްލައަށް ބާރެއް ހޯދުމުގެ ނުވަތަ ބާރެއް ލިބިގަތުމުގެ އިހްތިޔާރެއް ހަމަ މިއިިން އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށް ގާނޫނު އަސާސީގެ އަށް ވަނަ މާއްދާއިން އެނގެ އެވެ،" އެ ލަފާގައިވެ އެވެ.

ލަފާގައިވާ ގޮތުން އިންސާނީ ބާރު ނުފޯރާ ހާލަތެއް މެދުވެރިވެގެން ގާނޫނު އަސާސީގައި ބަޔާންކުރާ ކަމެއް އެ މުއްދަތުގައި ނުކުރެވޭ ހާލަތްތަކުގައި އޮންނާނެ ހަމައެކަނި ގޮތަކީ އެ ހާލަތެއް މެދުވެރިވުމުން އެއީ ގާނޫނު އަސާސީ އިސްލާހު ކުރަން ގާނޫނީ ގޮތުން ހުއްދަވާ ހާލަތެއް ނަމަ، ގާނޫނު އަސާސީ އިސްލާހު ކުރުމެވެ. ރާއްޖެއެކޭ އެއްފަދައިން، އެހެން ގިނަ ގައުމުތަކުގެ ގާނޫނު އަސާސީތަކުގައި ވެސް އެފަދަ ހާލަތްތަކުގައި އަމަލުކުރަން ޖެހޭ އުސޫލުތައް ދުރާލާ ލިޔެވިފައި ނެތުމުން އެ އުސޫލުތައް ލިޔުމުގެ މަސައްކަތް ބައެއް ގައުމުތަކުން ކުރަމުނ އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ލަފައާ އެކު، މަޖިލީހުގައި ޚިޔާލު ތަފާތުވުންތައް އެއް ފަރާތްވެ، ކައުންސިލްތަކުގެ ގާނޫނީ ހުސްކަމަށް ހައްލެއް ހޯދިއްޖެ އެވެ. އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން އެ ލަފާ ސިފަކުރީ "ދެ ފެކްޝަން ވެސް ރުއްސޭ ފަދަ" އެކަމަކު ފުރިހަމަ ލަފައެއްގެ ގޮތުގަ އެވެ. އެ ލަފައަށް އެންމެން ވެެސް ގާތްގަނޑަކަށް އެއްބަހެވެ.

ގާނޫނީ ބައެއް ބޭފުޅުން އެ ލަފާ ސިފަކުރެއްވީ ކުރިން އަމަލު ނުކުރި ދުސްތޫރީ ބައެއް އުސޫލުތައް ސުޕްރީމް ކޯޓުން ބަލައިގަންނަން ފެށުމުގެ ފެހި ސިގްނަލެއްގެ ގޮތުގަ އެވެ. އަދި މަގާމުގެ ދައުރު ކޯޓުން އިތުރު ކުރުމުގެ ބަދަލުގައި، އެ ޒިންމާ އޮތީ މަޖިލީހަށް ކަމަށް ބުނުމަކީ ގާނޫނު އަސާސީއަށް ވުރެ މަތީގައި ސުޕްރީމް ކޯޓަށް ވެސް ނޯވެވޭނެ ކަން އެ ކޯޓުން ގަބޫލުކުރާ ކަމެއް ކަމަށް ވެސް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ގާނޫނު އަސާސީގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ކަނޑައެޅީމަ އެ ނޫން ގޮތަކަށް އެކަމެއް ކުރުމުގެ ބާރެއް ނޯންނާނެ ކަން އެ ބުނެދިނީ. ގާނޫނު އަސާސީގެ ދަށުން އެހެން ނިންމަން ޖެހޭ ކަމެއް ސުޕްރީމް ކޯޓަށް ގެންދިޔަޔަސް، އެގޮތަށް އެކަން ކުރެވެން ނޯންނާނެ ކަން އެ އެނގެނީ. އެހެންވީމަ ރޫލް އޮފް ލޯއަށް ލިބުނު ކުރިއެރުމެއް ކަމަށް އަޅުގަނޑު ދެކެނީ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ކުރިމައްޗަށް ގެންދިޔަ ދުސްތޫރީ ހުރިހާ ސުވާލަކަށް ޖަވާބު ލިބުނެވެ. އެކި ގޮތްގޮތަށް އެ ލަފާ މާނަކޮށް، އިތުރު ސުވާލުތަކެއް ކުރިމަތި ކުރާކަށް ނުޖެހުނެވެ. އިތުރު މާނައެއް ނުވަތަ ތަރުޖަމާއެއް ވެސް ބޭނުން ނުވާ މިންވަރަށް ޖަވާބު ސާފެވެ. އަދި ފާޑުކިޔުން ބޮޑުވި އެ ކޯޓުގެ ކުރީގެ ނިންމުންތަކާ އެ ކޯޓުގެ މިހާރު ވިސްނުން ވެސް ދެކޮޅުކަން ހާމަވުމުގެ އިތުރަށް ގާނޫނު އަސާސީއަށް ވުރެ މަތީގައި އެ ކޯޓަށް ނޯވެވޭނެ ކަން އަމިއްލައަށް ވެސް ގަބޫލުކުރީ އެވެ.