ރިޕޯޓް

ގާނޫނުއަސާސީގައި ސުޕްރީމް ކޯޓަށް އަތް ނުލެވޭނެ؟

ުސުޕްރީމް ކޯޓުގެ ސަލާމަތީ ކަންކަން މީގެކުރިން ސިފައިން ބަލަހައްޓަނީ: ގާނޫނުއަސާސީގައި ސުޕްރީމް ކޯޓަށް އަތް ނުލެވޭނެ ކަމުގެ ބަހުސް ވަނީ ހުޅުވިފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

މުޅި ދައުލަތާއި ދައުލަތުގެ އަސާސްތައް އެ މައްޗަށް ތަރުތީބު ވެފައިވާ ގާނޫނުއަސާސީ އަށް ރައްޔިތުންގެ މަޖިލީހުން ގެންނަ ބަދަލަކާ ކުޅުމުގެ ބާރެއް ސުޕްރީމް ކޯޓަށް ނެތެވެ! ގާނޫނުއަސާސީއާ ކުޅެވޭނެ ހަމައެކަނި ތަނަކީ ރައްޔިތުންގެ މަޖިލީހެވެ!

މިއީ، އިއްޔެ ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި ބުނި ބޮޑު ވާހަކަ އެކެވެ.

މި ވާހަކައާ ހަމައަށް ދިޔައީ ކިހިނެއް؟

ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައަކީ އެ ކޯޓާ ހަމައަށް ދިޔަ އެ ބާވަތުގެ ފުރަތަމަ މައްސަލަ އެވެ. މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓު އުފެދުނު ފަހުން، ގާނޫނުއަސާސީގެ މާއްދާއެއް ބާތިލްކުރަން ކޯޓާ މިހާތަނަށް ދާން ޖެހިފައެއް ނެތެވެ. މީގެ ކުރިން މުޅިން ވެސް ކޯޓަށް ދިޔައީ ގާނޫނުއަސާސީގެ މާއްދާއަކާ ގާނޫނެއް ނުވަތަ އެ ނޫން ވެސް ނިންމުމެއް ހިލާފުވެއްޖެ ކަމަށް ބުނެ އެވެ. އެފަދަ މައްސަލަތައް އެ ކޯޓަށް ބެލޭނެ ކަން ގާނޫނުއަސާސީގައި ސާފުކޮށް ލިޔެފައިވެ އެވެ.

މި ފަހަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން 24 ގަޑިއިރަށް ވުރެ ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގާނޫނުއަސާސީ އަށް ގެނައި އިސްލާހަކީ ރައްޔިތުންގެ ބާރު ކެނޑިގެންދާ އިސްލާހެއް ކަމަށް ގަބޫލު ކުރެވިގެންނެވެ. އެ އިސްލާހުގައި އޮތީ މެންބަރަކު ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅީ އެ އިސްލާހު ބާތިލް ކޮށްދިނުމަށް އެދި އެވެ. ސަބަބަކީ އެ ގޮތަށް ގޮނޑި ގެއްލުވާލުން ގާނޫނުއަސާސީގެ އެހެން ބައެއް މާއްދާތަކާ ފުށުއަރާތީ އެވެ. އޭގެ އެންމެ ބޮޑު މާއްދާއަކީ ގާނޫނުއަސާސީގެ ހަތަރު މާއްދާ އެވެ. އެ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ.

މި ބަހުސާ އެކު ސުޕްރީމް ކޯޓުގެ ފުލް ބެންޗުގެ ކުރިމައްޗަށް ގެންދިޔަ މައްސަލަ އެ ފަނޑިޔާރުންނަށް ނުބެލޭނެ ކަމަށް ބުނެ، ދައުލަތް ތަމްސީލް ކުރާ ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އިއުތިރާޒު ހުށަހަޅައިފަ އެވެ. އެ އިއުތިރާޒަކީ އިޖުރާއަތްތަކާ އެއްގޮތަށް ގާނޫނުއަސާސީ އަށް ރައްޔިތުންގެ މަޖިލީހުން ގެންނަ އެއްވެސް ބަދަލެއް އެއްވެސް ކޯޓަކަށް ބަދަލު ނުކުރެވޭނެ ކަމެވެ. އެހެންވެ، މި މައްސަލަ ވެސް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެ އޮފީހުގެ ވަކީލް ފާތިމަތު ހަލީމް ވިދާޅުވި އެވެ.

އަލީ ހުސެއިން މިއަދު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ: މިހާރުގެ މެންބަރުންނަށް އިސްލާހު ނުހިނގާނެ ގޮތް ހަދަން އެދުނު - ފޮޓޯ: ނިޝާން އަލީ / މިހާރު

ޖާއިޒު ބަހުސެއް، މިއީ ނިޒާމު ރޫޅާލުންތަ؟

ފެހި ގާނޫނުއަސާސީގައި ތިން ބާރު ވަކިކޮށް، ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް މާއްދާތަކެއް ލިޔެފައި އެބަ ހުއްޓެވެ. ގާނޫނުއަސާސީ ވިޔަސް އެހެން ގާނޫނެއް ވިޔަސް އިސްލާހު ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ގާނޫނު ހެދުމުގެ ބާރެވެ. ދެން އޮތީ ގާނޫނުއަސާސީ އަށް ފަރާވެރިވާ އަދުލުއިންސާފުގެ ބާރެވެ. އެ ބާރުގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓަށް ގާނޫނުއަސާސީން ބާރު ދީފައި އޮތީ އެއާ ހިލާފަށް ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނޫނީ އެހެން ނިންމުމެއް ވެސް ނިންމާތޯ ބެލުމެވެ.

ދައުލަތުން ބުނާ ވާހަކައަކީ ގާނޫނުއަސާސީއާ ސުޕްރީމް ކޯޓުން ކުޅެން ވެއްޖެ ނަމަ އެ ނިޒާމާއި ތަރުތީބު އޮޅިގެން ހިނގައިދާނެ ކަމަށެވެ.

ފާތިމަތު ހަލީމް ވިދާޅުވިގޮތުގައި، ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކަކީ ގާނޫނުއަސާސީގެ ބައެކެވެ. އެ މާނަ ކުރަން ޖެހޭނީ ވެސް އެގޮތަށް ކަމަށް އޭޖީ އޮފީހުން ދެކެ އެވެ. ގާނޫނުއަސާސީ އަށް އިސްލާހު ގެންނަ ބިލްތަކަކީ ގާނޫނެއް ކަމަށް ގާނޫނުއަސާސީގައި ލިޔެފައި އޮތަސް، އެއީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫނެވެ. އެއީ ހާއްސަ އިޖުރާއަތެއްގެ ދަށުން ހާއްސަ އުސޫލަކުން ފާސްކުރާ އެއްޗެއް ކަން ވަކީލް ފާހަގަކުރެއްވި އެވެ.

ދައުލަތުގެ މި ވާހަކަތަކަށް އަލީ ހުސައިންގެ ފަރާތުން ވަރުގަދަ ރައްދުތަކެއް ދެއްވީ އެ ވިސްނުމާ ދެކޮޅަށް ގިނަ ވާހަކަތަކެއް އެ ބޭފުޅުންގެ އަތުގައި ވެސް އޮތުމުންނެވެ. އަލީ ހުސައިންގެ ވަކީލް މަހުފޫޒު ސައީދު ދެކެވަޑައިގަންނަވާ ގޮތުގައި ދައުލަތުގެ ނިޒާމް ގަޑުބަޑުވެގެންދަނީ ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހުންނެވެ. އެހެންވެ، އެ އިސްލާހު ސުޕްރީމް ކޯޓުން ކޮންމެހެން ވެސް ބާތިލް ކުރަން ޖެހެ އެވެ.

ވަކީލް މަހުފޫޒު ވިދާޅުވިގޮތުގައި، ގާނޫނުއަސާސީ އަށް އިސްލާހު ގެންނަ ބިލަކީ ވެސް ގާނޫނެއް ކަމަށް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވަނީ ކޮންމެހެން އަކުރުތަކެއް ގިނަ ކުރާކަށް ނޫނެވެ. އޭގައި ހިކުމަތެއް ބޭނުމެއް ވާ ކަމަށާއި އެއީ އެ އިސްލާހު ނޫނީ ގާނޫނުއަސާސީ އަށް ގެނައި ބަދަލާ ގުޅޭ ގާނޫނުގެ މައްސަލަަތައް ވެސް ބެލުމުގެ ބާރު ސުޕްރީމް ކޯޓަށް ދިނުން ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ސުޖޫންގެ ވެސް ސުވާލަކަށްވީ އެކަމެވެ. އެ ބޭފުޅުން ތަކުރާރުކޮށް ދައުލަތާ ސުވާލު ކުރައްވަމުން ގެންދެވީ ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ މައްސަލަ އެ ކޯޓަށް ނުބެލޭ ނަމަ ދެން ބެލޭނީ ކޮން ތަނަކަށްތޯ އެވެ؟ މާދަމާ އަލިވިލޭއިރު ރާއްޖޭގެ ދީނަކީ ކްރިސްޓިއަން ދީން ކަމަށް ލިޔެ ގާނޫނުއަސާސީ ބަދަލުކޮށްފި ނަމަ، އެ މައްސަލައެއް ވެސް ކޯޓަށް ނުބެލޭނެތޯ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުން މިއަދު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު

އެ ސުވާލަށް ދައުލަތުގެ ސީދާ ސާފު ޖަވާބެއް ނެތަސް، އެ ބޭފުޅުންގެ ވިސްނުމަކީ ގާނޫނުއަސާސީ އަށް ބަދަލެއް ގެނެސްފި ނަމަ އެ ބަދަލެއް ބާތިލް ކުރުން ނޫނީ ބަދަލުކުރުމުގެ ބާރެއް ޝަރުއީ ކޯޓަކަށް ނެތް ކަމެވެ.

އެކި ގައުމުތަކުގައި ގެންގުޅެނީ އެކި ވިސްނުން!

ރިޔާސީ ނިޒާމް އެންމެ ފުޅާގޮތެއްގައި ހިންގާ އެމެރިކާގައި ގަބޫލުކުރާ ގޮތުގައި ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއް ގާނޫނުއަސާސީއާ ހިލާފެއް ނުވާނެ އެވެ. ގާނޫނުއަސާސީ އަށް އިސްލާހު ގެނެވޭނީ އެކަމަށް ކަނޑައަލާފައިވާ ހާއްސަ އިޖުރާއަތްތައް ފުރިހަމަ ކޮށްގެން، އެ އޮންނަ އުސޫލުންނެވެ. އެ އުސޫލުން ގެންނަ ކޮންމެ ބަދަލަކީ ގާނޫނުއަސާސީގެ ބައެކެވެ. ގާނޫނުއަސާސީ ބަދަލުކުރުމާއި އެ ބަދަލުކުރުމުގެ ބާރު އޮތީ ގާނޫނު ހަދާ މަޖިލީހަށެވެ.

މީގެ އެއް މިސާލު ދެއްކެވީ ކުރީގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލް އިމްތިޔާޒު ފަހުމީ އެވެ. އެއީ ބަނގުރާ މަނާކޮށް، އެމެރިކާގެ ގާނޫނުއަސާސީއަށް ގެނައި 18 ވަނަ އިސްލާހަށް ފަހު ކަންވީ ގޮތެވެ. ބައެއް ރައްޔިތުންނަށް އެއީ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބެލެވުނު ނަމަވެސް، އެ އިސްލާހު އެގޮތުގައި އޮތްހާ ހިނދަކު އޮތީ ގާނޫނުއަސާސީގެ ބައެއްގެ ގޮތުގަ އެވެ. އެ މާއްދާ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއަޅާ ކަމަށް ބުނެ، ކޯޓަކުން އެ މާއްދާއަކާ ނުކުޅެ އެވެ.

އެކަން ބަދަލުކުރީ ގާނޫނުއަސާސީ އަށް އިތުރު އިސްލާހެއް ގާނޫނު ހަދާ މަޖިލީހުން ގެނެސް، ބަނގުރާ ބޭން އުވާލުމުންނެވެ.

"...މާނައަކީ ގާނޫނުއަސާސީ ހެދުމާއި އިސްލާހު ކުރުމުގެ ބާރު އޮތީ ހަމައެކަނި ގާނޫނު ހަދާ ބާރަށް ކަން،" އިމްތިޔާޒު ވިދާޅުވި އެވެ.

އަލީ ހުސެއިންގެ ވަކީލުންގެ ޓީމް މިއަދު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ: މިހާރުގެ މެންބަރުންނަށް އިސްލާހު ނުހިނގާނެ ގޮތް ހަދަން އެދުނު - ފޮޓޯ: ނިޝާން އަލީ / މިހާރު

ނަމަވެސް، މަހުފޫޒު ދައްކަވަނީ ސުޕްރީމް ކޯޓަށް ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއް ބާތިލް ކުރެވިދާނެ ހުއްޖަތްތަކެވެ. އޭގެ މިސާލު ދައްކަވަމުން ތުރުކީ އަދި ކޮލަމްބިއާގެ ބައެއް ހުކުމްތަކަށް ވެސް އޭނާ އަލިއަޅުވާލެއްވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނުއަސާސީގެ އަސާސްތަކާ އެއްވެސް އިސްލާހެއް ހިލާފުވާ ނަމަކަން އެ މައްސަލައެއް ބެލޭނެ އެ ދެ ގައުމުގެ ހުކުމުން ވެސް އެނގެ އެވެ.

އެކަމަކު، މިކަން ވެސް ފޭދިގެން ދިޔައީ ބަހުސެއްގެ ތެރެއަށެވެ. ދައުލަތުގެ ވަކީލް އަހުމަދު ނަޝާތު ވިދާޅުވި ގޮތުގައި ތުރުކީ އަދި ކޮލަމްބިއާގެ ކޯޓުން ވެސް ގާނޫނުއަސާސީގެ މާއްދާއެއް ބާތިލްކުރުމާ ގުޅޭ މައްސަލަތަކެއް ބަލާފައިވަނީ، އެ ދެ ގައުމުގެ ގާނޫނުއަސާސީގައި ވެސް އެކަން ކުރެވޭނެ ކަމަށް ލިޔެފައި އޮތުމުންނެެވެ. ރާއްޖޭގައި ފެހި ގާނޫނުއަސާސީގައި އެފަދަ މާއްދާއެއް ނެތެވެ.

ތުރުކީގެ ގާނޫނުއަސާސީގައި ބުނެފައިވަނީ ގާނޫނުއަސާސީ އަށް ގެންނަ އިސްލާހަކާ ގުޅޭ މައްސަލައެއް ގާނޫނުއަސާސީއާ ތައާރަޒުވޭތޯ ޔަގީން ކުރުމަށް ނޫނީ ބެލުމަށް ކޯޓަށް މައްސަލަ ބެލިދާނެ ކަމަށެވެ. ކޮލަމްބިއާގެ ގާނޫނުއަސާސީގައި އެންމެ ފުރަތަމަ މި ބާރު ދީފައި ނެތް ނަމަވެސް، މިހާރު ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތައް ރިވިއު ކުރުމުގެ އިހްތިޔާރު ކޯޓުތަކަށް ދީފައިވެ އެވެ.

އެކަމަކު، ކޮލަމްބިއާގެ ގާނޫނުއަސާސީން ވެސް ކޯޓަށް ދީފައި އޮތް ބާރަކީ ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުގެ އިޖުރާއަތް ކުރިއަށް ގެންދިޔަ ގޮތް ބެލުމެވެ. އިޖުރާއަތް ފުރިހަމަކޮށްފައިނުވާ ނަމަ އެ މާއްދާއެއް ބާތިލް ކުރެވިދާނެ އެވެ. އެކަމަކު، މާއްދާގައި އޮތް އިބާރާތަށް ނޫނީ ކޮންޓެންޓަށް ބަލައިގެން އެއާ މެދު ކޯޓަށް ގޮތެއް ކަނޑަނޭޅޭނެ ކަމަށް ލިޔެފައި އޮވެ އެވެ.

މާނައަކީ، ރާއްޖޭގެ މި އޮތް ހާލަތަށް ބަލާއިރު ގޮނޑި ގެއްލޭ އިސްލާހާ ގުޅޭ މައްސަލާގައި ކޯޓަށް ބެލޭނީ އެ އިސްލާހު ފާސްކުރި ގޮތެވެ. އޭގައި ބުނެފައިވާ ގޮނޑި ގެއްލޭ ހާލަތްތައް ގާނޫނުއަސާސީއާ ހިލާފުތޯ ކަނޑައެޅުމުގެ އިހްތިޔާރެއް ނެތެވެ.

އިންދިރާ ގާންދީގެ އިމަޖެންސީ އާއި ކޯޓުގެ ބޮޑު ނިންމުން

ގާނޫނުއަސާސީ އަށް ގެނައި ހަ ވަނަ އިސްލާހުގައި ހިމެނޭ މަޖިލީހުގެ މެންބަރުންގެ ގޮނޑީގެ ބައި ބާތިލް ކުރަން މަހުފޫޒު ދެއްކެވި އެންމެ މައިގަނޑު ނުކުތާއަކީ 'ބޭސިކް ސްޓަރަކްޗާ ޑޮކްޓްރެއިން' އެވެ. އެއީ ގާނޫނުއަސާސީ އެ މައްޗަށް ތަރުތީބު ވެފައިވާ އަސާސްތައް ނޫނީ އޮނިގަނޑާ އެ އިސްލާހު ހިލާފުވުމެވެ. އެކަން އެގޮތަށް ނުކުރެވޭނެ ކަމުގެ އެންމެ އަލިގަދަ ހެއްކަކީ މަހުފޫޒު ވިދާޅުވާ ގޮތުން 'އިންދިރާ ގާންދީގެ އިމަޖެންސީ' ކޭސް އެވެ.

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާންދީއާ އިންތިހާބުގައި ވާދަކުރި ރާޖް ނާރައިން ކޯޓަށް މައްސަލައެއް ހުށަހެޅީ އިންތިހާބުގައި އިންދިރާ ނުފޫޒާއި ދައުލަތުގެ ވަސީލްތައް ބޭނުންކުރި ކަމަށް ބުނެ، އިންތިހާބު ބާތިލްކުރާށެވެ. އެއާ އެކު، އިންދިރާ އިންޑިއާގައި އިމަޖެންސީ އިއުލާން ކުރައްވައި، އެކަމަނާގެ ޕާޓީގެ މެޖޯރިޓީ އޮތް ގާނޫނު ހަދާ މަޖިލީހުން ގާނޫނުއަސާސީ އަށް ބޮޑެތި އިސްލާހުތަކެއް ގެނަ އެވެ. އޭގެ ތެރޭގައި މަޖިލީހަށާއި ސަރުކާރަށް ބޮޑެތި ބާރުތަކެއްދީ، ޖުޑިޝަލް ރިވިއުގެ މައްސަލަތަކުގެ ފުރުސަތު ސުޕްރީމް ކޯޓަށް ހަނިކުރި އެވެ. ގާނޫނުއަސާސީގެ ވަރަށް އަސާސީ މާއްދާތައް ކަމަށްވާ ދައުލަތުގެ ފަލްސަފާއާ ގުޅޭ މާއްދާތައް ވެސް އިމަޖެންސީގެ ތެރޭގައި ބަދަލުކުރި އެވެ.

ނަމަވެސް، ރާޖް ނާރައިންއަށް ކޯޓުގައި ކާމިޔާބުވެ، އޭގެ ފަހުން އިންދިރާ އަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފަހުން، އިމަޖެންސީގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.

އިންދިރާ ގާންދީ: އެމެޖެންސީ އިއުލާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ސުޕްރީމް ކޯޓުން ބާތިލްކުރި

އެ މައްސަލާގައި ސުޕްރީމް ކޯޓުން ކަނޑައެޅީ އިސްލާހުތައް އިންޑިއާގެ ގާނޫނުއަސާސީއާ މުޅިން ފުށުއަރާ ކަމަށެވެ. އެއާ އެކު، 'ބޭސިކް ސްޓަރަކްޗާ ޑޮކްޓްރެއިން' ވެސް ގާނޫނުއަސާސީ އަށް ތައާރަފުކުރި އެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ މަތީ ކޯޓުން ނިންމީ ގާނޫނުއަސާސީގެ އޮނިގަނޑާ ނުކުޅެވޭނެ ކަމާއި އަސާސްތައް ގާނޫނު ހަދާ މަޖިލީހަށް ވެސް މުގުރައިނުލެވޭނެ ކަމަށެވެ. ޑިމޮކްރަސީގެ ހަމަތަކާ ހިލާފު އެއްވެސް މާއްދާއެއް ވެސް ގާނޫނުއަސާސީ އަށް އިތުރު ނުކުރެވޭނެ ކަމަށް އެ ހުކުމްގައި ކަނޑައެޅި އެވެ.

އެފަދަ ކަމެއް ކޮށްފި ނަމަ ޖުޑިޝަލް ރިވިއު މައްސަލައެއްގެ ގޮތުގައި އެކަމެއް އެ ކޯޓަށް ބެލޭނެ ކަން އެ މައްސަލައިން ކަނޑައެޅިގެން ދިޔަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ވެސް ބަހުސް ހިނގާނެ މި މައްސަލާގައި ފަނޑިޔާރުންގެ ކުރިމަތީ މި އޮތް ހާލަތަކީ އެ ދުވަހު އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކުރިމަތީގައި ވެސް އޮތް ހާލަތެވެ. ނިންމަން ޖެހެނީ އެ ބޮޑު ނިންމުމެވެ.

މި ބަހުސްގެ ބޮޑުކަން ފާހަގަކުރައްވަމުން ފަނޑިޔާރު ސުއޫދު ވެސް ވިދާޅުވި ގޮތަށް މީގައި ނިންމާ ގޮތަކުން ސުޕްރީމް ކޯޓުގެ އިހްތިސާސް ހަނިވެގެން ދިޔުން ނޫނީ ހުޅުވިގެން ދިޔުމުގެ ފުރުސަތު ތަންމިނަށް އެބަ އޮތެވެ.

45 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަމީން އަބްދުﷲ

19 February 2025

އިދިކޮޅުން މިއުޅެނީ ސަރުކާރު ބަލިކަށި ކުރަން. މިމީން ވެރިކަމުން ފައިބަމުން ހެދި ގާނޫނެއް މިއީ. މިކަން ތަސްދީގް ނުކޮށްގެންވެސް އެހާ ތެޅުނު. ކުރީމަވެސް މިއުޅެނީ މިހާރު އެކަން ހަޖަމް ނުވެގެން

The name is already taken The name is available. Register?

ހުސެން ވަހީދު

19 February 2025

3 ބާރު ވަކިވެފައިވާ ނިޒާމެއްގައި އެއްބާރުން ނިންމާ ކަންތައް އަނެއް ބާރުން އަތް ނުލެވޭނެ. މިކަން އޮޅުވާނުލާ. ސުޕްރީމް ކޯޓަށް މިކަމުގައި ބަހެއް ނުބެނެވޭނެ

The name is already taken The name is available. Register?

އަދުހަމް ތައުފީގް

19 February 2025

މިކަމުގައި ގާނޫނީ އެތައް ބަޔަކާ ވާހަކަ ދައްކައިފިން. ބުނީ މިގައުމާ މަހްފޫޒްމެން ދެއްކި މިސާލާ ދިމާ ނުވާކަމަށް. އެގައުމުތަކުގަ ގާނޫންގަ އޮވޭ މިކަން ވާނެ ކަމަަށް. މިގައުމަކު ނޯވޭ. އެއީ ތަފާތަކީ.

The name is already taken The name is available. Register?

ނިހާލް ސަލީމް

19 February 2025

ނުލެވޭނެ. ގާނޫން އޮތް ގޮތުން އަތެއް ނުލެވޭނެ.

The name is already taken The name is available. Register?

އަލީބެ

18 February 2025

އިސްލާހުކުރި ގާނޫނު ބުނާގޮތުން ބަޖެޓުގާ ދާއިރާއަށް އެކައްޗެއް ނެތަސް ތާއީދު ކުރުންނޫން ގޮތެއްނެތޭ. ތީތިކަޑައޭ ސަރުކާރޫ.

The name is already taken The name is available. Register?

އޮނަރަބްލް ކުރުސީ ބެއްޔާގެ ބަކުރޭ

18 February 2025

ރައްޔިތުންގެ މަޖިލީހުގެ ނަން ބޯޑޯ "ރައްޔިތުންގެ މަންދޫބުންގެ މަޖިލީސް: އަށް ބަދަލު ކުރީމައި މަންޒަރު ސިފަވާގޮތާއި އިހްސާސް ތަފާތުވާނެ . އަދި މިފަދަ ހާލަތެއްގައި ސްޕްރީމް ކޯޓުން ޕްރޮސީޖާއަށް ރުޖޫއަވާން އަމުރު ނެރެވޭނެ ކަން ގަބޫލުވެސް ކުރާން ފަސޭހަވާނެ. ރާއްޖޭގެ ހުރިހާ ރައްޔިތުން އެއްފަހާރާ ރައްޔިތުން މަޖިލިސް ކުރާގެއަށް ވަދެ ގާނޫނު އަސާސީ ނޮޅާ ވެސް ލެވިދާނެ ، \ ނަމަވެސް ރައްޔިތުންގެ މަންދޫބުންނަށް ގާނޫނު އަސާސީ ނޮޅާ ބޭނުންހާ ގޮތެއް ނުހެދޭނެއެވެ،

The name is already taken The name is available. Register?

ދިއްދޫމީހާ

18 February 2025

ސޫދު ކުރި ސުވާލް ހަމަ ސޫދުއާ ކޮއްލަން ބޭނުންވަނީ މީގެ ކުރިން ސްޕްރިމް ކޯޓުން ނިންމި ހިލްޓަން މުވައްޒިފުންގެ މައްސަލާގައި ގިނަ ދުވަސް ވެފާ ވާތީ ކުރިޔަ ނުގެންދަން އަދި ބަދަލް ނަގާ ނުދޭން ސުވާލަކީ އެމުވައްޒިފުންގެ ހައްގު ހޯދަން ދާނީ ކޮންތާކަށްތޯ؟އަދި ބަދަލްގެ ގޮތުގައި ދައުލަތުން ނެގޭނީ އެއްލަކަ ރުފިޔާކަމަށް(މުވައްޒިފުންގެ ބަދަލްގެ ގޮތުގައި)ކަނޑަ އެޅީ ކޮން އުސޫލަކުންތޯ؟

The name is already taken The name is available. Register?

އަލީބެ

18 February 2025

ކަމެއްކުރަން ބޭނުންވީމާ އެމެރިކާގަ ހަދާގޮތް. ޚަމެއްނުކުރަންވީމަ އަފްގާނިސްތާނުހަދާގޮތް. ޢެކަތިއަނެކެއްޗާ ދިމާވޭތޯ ވެސް ބަލަންވާނެ

The name is already taken The name is available. Register?

ޢަލީބެ

18 February 2025

ރައްޔިތުންނަށް ލިބިދީފައޮތް ބާރެއް އިހުތިޔާރެއް އުނިކުރެވޭނީ ސީދާ ރައްޔިތުންގެ ބަސްހޯދައިގެން. މިސާލަކަށް ހަމައެކަނި 30 އަހަރުން މަތީގެ މީހުނަށްއެކަނި ރިޔާސީ އިންތިހާބުގަ ވޯޓުލެވޭގޮތަށް ބަދަލުގެނައުން

The name is already taken The name is available. Register?

ނަންރީތި ހުސޭނު

18 February 2025

މިއަދުގެ އަޑުއެހުން އިއްޔެ އޮތްނަމަ، އަދި އަލީހަމީދުމެންތިބިނަމަ ކިޔާނީ 3 ބާރު ވަކިކޮއްފައޮއްވަ ކޯޓުން އެޔައްއަރައިގަންނަން އުޅެނީޔޭ. އެކަމު މިއަދު އެތާއިނީ އަލީހަމީދެއް ނޫން، އެހެންވީމަ މިއަދު އަޑުއެހުންވެސް ރަނގަޅު ބާރަކައް އަރައި ގަނެވިދާނެ ކަމުގެ ބިރެއްވެސްނެތް. ގާނޫނު "އަސާސީގެ ދިފާއުގަ" ނިކުންނާކައްވެސް ނުޖެހެ. ތަފާތަކީ މައްސަލަ ވައްދަން ރުހިގެން ތިބިމީހުނާ ބެންޗުގަ ތިބި ފަނޑިޔާރުން. ލޮލް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454