ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނެގި ފެންނަ ނުފެންނަ ވޯޓުން ނާކާމިޔާބުވީ ޕީއެންސީގެ ކެމްޕެއިން ޓީމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޕީއެންސީއަށް އއ. ރަސްދޫ އާއި އުކުޅަސް އަދި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަކުރަން ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް  ވިދާޅުވީ އެ އިންތިހާބުގައި ޕާޓީއަށް ނާކާމިޔާބުވީ އެކި ސަބަބުތަކާ ހެދި ކަމަށެވެ. އޭގެ ތެރޭގައި ޕީއެންސީގެ ކެމްޕެއިން ޓީމުތަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ވަރަށް ކުރުކުރުކޮށް އަޅުގަނޑު ކިޔައިދިނިން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އަޅުގަނޑު ހުށަހެޅި ސަބަބު. އޭގައި ހުރީ ހުސް ފައިދާކަން. އެއްވެސް ގެއްލުމެއް ނެތް. އެއީ އެހާ ސާފުކޮށް ފެންނަން އޮތް ކަމެއް. ނަމަވެސް، އަޅުގަނޑުމެންނަށް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް މިކަން ކިޔައިދޭކަށް މަސައްކަތެއް ނުކުރެވޭ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ކެމްޕެއިން ޓީމުތައް، އަޅުގަނޑުމެންނަށް އެ މަސައްކަތް ރަނގަޅަށް ކުރެވިފައެއް ނެތް. އެހާ ސާފުކޮށް، ރަނގަޅަށް އޮތް މައްސަލައެއްގައި." ރައީސް ވިދާޅުވި އެވެ. 

ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޕީއެންސީއަށް އއ. ރަސްދޫ އާއި އުކުޅަސް އަދި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަކުރަން ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި ހެލްތު މިނިސްޓަރު ގީލާ (މ) އަދި ހެރިޓޭޖް މިނިސްޓަރު ހީނާ (ވ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕީއެންސީ
ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޕީއެންސީއަށް އއ. ރަސްދޫ އާއި އުކުޅަސް އަދި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަކުރަން ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި ހެލްތު މިނިސްޓަރު ގީލާ (މ) އަދި ހެރިޓޭޖް މިނިސްޓަރު ހީނާ (ވ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕީއެންސީ

އެ މަނިކުފާނު ވިދާޅުވީ ރައްޔިތުން ކައިރިއަށް ދާއިރު މަސައްކަތްކުރަން ޖެހޭނީ ވަރަށް އެކުވެރިކަމާއި އެއް ޓީމެއްގެ ގޮތުގައި ކަމަށެވެ. އަދި ހާއްސަކޮށް ވޯޓު ހޯދަން ދާއިރު ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތަށް މަސައްކަތްކޮށްފިނަމަ ކާމިޔާބު ލިބޭނެ ކަމަށާއި ނަމަވެސް ޕީއެންސީއަށް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، ރައްޔިތުންނާ ހަމައަށް ދިޔައީ އިދިކޮޅު ޕާޓީތަކުން ފެތުރި އެކި ކަހަލަ ދޮގު ވާހަކަތައް އެކަނިކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"ކޮންފިއުޝަނެއްގައި ދިޔައީ އެކަން. އަޅުގަނޑުމެންނަށް ނެތް އެކަން ކިޔައިދެވިފައެއް. އެއީ އަޅުގަނޑުމެން ލެސަންއެއް ނަގަން ޖެހޭ ކަމެއް، ފިލާވަޅު ނަގަން ޖެހޭ ކަމެއް." އެ މަނިކުފާނު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޕީއެންސީއަށް އއ. ރަސްދޫ އާއި އުކުޅަސް އަދި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަކުރަން ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބަޔަކު.-- ފޮޓޯ: ޕީއެންސީ
ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޕީއެންސީއަށް އއ. ރަސްދޫ އާއި އުކުޅަސް އަދި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަކުރަން ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބަޔަކު.-- ފޮޓޯ: ޕީއެންސީ

ރިފަރެންޑަމްގައި 68 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ވޯޓު ދީފަ އެވެ. އެއީ 148،859 ވޯޓެވެ. އެ ބަދަލު ގެންނަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 67،680 ވޯޓެވެ.