ޕާސްޕޯޓް ހިފެހެއްޓި މައްސަލައިފެ އިސްތިއުނާފު ޝަރީއަތަށް ފަހު ކުރީގެ ނައިބު ރައީސް ޖިހާރު އިއްޔެ ހައިކޯޓުން ނުކުމެވަޑައިގަންނަވަނީ. ފޮޓޯ: އަހުމަދު އަވްޝަމް އިލްޔާސް/މިހާރު
14 ޖެނުއަރީ 2021 - 21:47
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރާއްޖެ އިން ބޭރަށް ފުރުން މަނާކޮށް، އެ މަނިކުފާނުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ހިފެހެއްޓީ ގޯސްކޮށް ކަމަށް ހައި ކޯޓުން އިއްޔެ ނިންމި ނިންމުން އިސްތިއުފާނު ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުން ކުރި ޓްވީޓެއްގައި ބުނީ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިލްތިމާސް ކޮށްދެއްވުން އެދި ހުށަހެޅީ ހައި ކޯޓުން ނިންމި ގޮތާ މެދު ހިތްހަަމަނުޖެހޭތީ ކަަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިރު، ފުށިދިއްގަރުފަޅު ތަރައްގީ ކުރަން ބަޔަކަށް ދިން އިރު، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރެއްވުމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގައި އުފުލުމާ ގުޅިގެންނެވެ.
އެ ކޯޓުން އެގޮތަށް އަމަލުކުރީ ޖިހާދު ބޭރަށް ވަޑައިގެންފި ނަމަ ފިއްލަވާފާނެކަމުގެ ފުރުސަތު އޮތުމުންނެވެ.
އެ އަމުރު މުރާޖައާކުރަން ކްރިމިނަލް ކޯޓަށް ޖިހާދު ހުށަހެޅުއްވި އެވެ. އެ މަނިކުފާނު އެނބުރި ވަޑައިގަންނަވާނެކަން ޔަގީން ކޮށްދެއްވުމުގެ ގޮތުން ބައެއް ޝަރުތުތައް ވެސް އެ ހުށަހެޅުމުގައި ހިމެނުއްވި އެވެ. އެކަމަކު މުރާޖައާކުރުމުގެ ބަދަލުގައި، ކްރިމިނަލް ކޯޓުން އެންގީ މަތީ ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރެވިދާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އަމުރު ޖިހާދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރެއްވުމުން، އެ ކޯޓުން އިއްޔެ ނިންމީ ކްރިމިނަލް ކޯޓުގެ އަމުރު ގޯސް ކަމަށެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ނިންމުމުގެ މައިގަނޑަކީ، ޝަރީއަތަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޖިހާދުގެ ވަކީލަކު ވިދާޅުވި ގޮތުގައި، ބޭރަށް ވަޑައިގަތުމަށް ޖިހާދު ކްރިމިނަލް ކޯޓަށް ހުށައެޅުއްވި ކަންކަން އެ މަނިކުފާނާ ދެކޮޅު ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމެވެ.
އިސް ފަނޑިޔާރަކަށް ހާތިފް ހިލްމީ އިންނަވައިގެން ކުރިއަށް ގެންދިޔަ ޝަރީއަތުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމެވެ.
ކްރިމިނަލް ކޯޓުން ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓީ ފިއްލަވާފާނެ ކަމަށް ބަލައިގެން ކަަމަށް ވިޔަސް މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދޭއިރު ގާނޫނީ ގޮތުން ފުރިހަމަ ވާން ޖެހޭ ތިން ކަމެއްގެ ތެރެއިން، އެ އަމުރު ބިނާކުރި "ފިިލައިގެން ދާން އުޅޭ ކަމުގެ ހެކި"، ޖިހާދާ ދެކޮޅަށް ނެތް ކަމަށް، ހައި ކޯޓުން ނިންމި އެވެ.
ހުކުމުގައި ބުނެފައިވާ ގޮތުގައި ޖިހާދު ފިއްލަވާފާނެ ކަމުގެ ހެކި ލިބިފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި އޮތަސް، ބޭރަށް ހަމައެކަނި ފުރާވަޑައިގަތުމަކީ ފިއްލަވާފާނެކަމުގެ ހެއްކެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
15 January 2021
ޑްރަގް ވިޔަފާރި އަށް މިނިވަންކަން. ރައީސުން ނައިބުން ޖަލަށް.